ބަރުބާދުވީ ލޯބީގެ ދުނިޔެ - 7

(26 ނޮވެމްބަރު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ބައެެއް ފަހަރަށް ހަމަހިމޭން ތޫފާނުތަކުން އަނެއްބައި ފަހަރަށް ހަމައިން ނެއްޓިފައިވާ އަރާރުންތަކުން، ޑަކުޓަރު އޭނާގެ ސިކުނޑިއާއި ހިތް އަލުން މަސައްކަތް ކުރަން މަޖުބޫރު ކުރުވައިފިއެވެ. މިހާރު އޭނާއަށް ވިސްނިއްޖެއެވެ. އޭނާއާ ދިމާވީ އާ ކަމެއްނޫނެވެ. ދުނިޔެއަކީ ތަޖުރިބާތަކުގެ ގެއެވެ. ދިރިއުޅުމުގެ ދަތުރަކީ ފެށުނީއްސުރެން ނިމެންދެން، ހީނުކުރާ ހައިރާންވާކަހަލަ ކަންތައްތައް ދިމާވާ ދަތުރެކެވެ. އެ ކަންތައްތަކުން ހިތްހަލާކުވެގެން ދިރިއުޅުން ނަގައިލުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ. އޭނާގެ ހިތާމަ ކުޑަވީކީ ނޫނެވެ. އެކަމަކު އަބަދު ރިހިރިހި ހުރި ފާރުގަނޑުގެ ރިހުން ކެނޑުނީއެވެ.

މި ގޮތުގެމަތީން ދުވަސްތައް ފާއިތުވަމުން ދެއެވެ. އޭނާގެ އިއްދަ ވެސް ހަމަވެއްޖެއެވެ. ވަގުތުގެ ބުރުއެޅުން ހުއްޓޭ ތަނެއް ނާދެއެވެ. މަޑުޖެހިލާ ތަނެއް ނާދެއެވެ. ޒަޚަމަކަށް ނުބަލައެވެ. އެ ހިނގާ ގޮތަށް ހިނގަހިނގައި ހުންނަނީއެވެ. އިންސާނާ ކިހައި މަޖުބޫރުހެއްޔެވެ. ރޮއިރޮއިފައި ހަޅޭއްފަޅޭއްލަވައިފައި ތިމާގެ ކުރާނެކަމެއްނެތްކަމުގެ މައްޗަށް ރަނގަޅަށް ހިތާމަކޮށްފައި އަނެއްކާވެސް އެ އެނބުރުމާއެކު ދުވަންފަށައެވެ. ފުރަތަމަ މަޑުކޮށްލި މަންޒިލުން ފޭރޭމީހުން އޭނާގެ ދިރިއުޅުމުގެ ހުރިހައި މުދަލެއް ފޭރިގަތުމުން އަތްމަތި ހުސްވެ ހިތްހަލާކުވުމާ އެކުގައި ވެސް މަންޒިލާ ދިމާއަށް ދަތުރުކުރާ މުސާފިރެއް ފަދައިންނެވެ.

ފަރީ ވެސް ދިރިއުޅުމާއިގެން ކުރިއަށް ހިނގައިގެންފިއެވެ. މިހާރު ޑަކުޓަރު އޭނާ ގޮވައިގެން ބޭރަށް ވެސް ދެއެވެ. އެއް ދުވަސްވަރެއްގައި ނުހަނު ހަރުކަށި އޭނާގެ މަންމަ، އޭނާގެ އެއްވެސް ކަމަކާ ނުބެހޭތީއާ އޭނާ ކުރާ އެއްވެސް ކަމަކާ ދެކޮޅުނުހަދާތީ އޭނާ ވަރަށް އަޖައިބުވެއެވެ. އެކަނި އިންނަ އިރު އޭނާ ޑަކުޓަރު ޖާދޫ ދެކެ ވަރަށް ބޮޑަށް ރުޅިއާދެއެވެ. ޑަކުޓަރު ޖާދޫގެ ކުރިމަތީގައި އޭނާ އެހައި ބޮޑަށް ގޮތްހުސްވަނީ ކީއްވެގެން ހެއްޔެވެ. އޭނާގެ ކުރިމައްޗަށް ދިޔުމުން ފަރީގެ ޙާލަތު ކިޔަމަންތެރި ދަރިވަރަކާ އެއްގޮތްވަނީ ޙަޤީޤަތުގައި ވެސް އޭނާ ޖާދޫއެއް ދަންނަނީ ބާވައެވެ. އެހެންކަމުގައި ވިޔަސް ޑަކުޓަރު ޖާދޫ އޭނާއާ ދޭތެރޭ ބޭނުމެއް ނެތް ޝައުޤުވެރިކަމެއް ފާޅުކޮށްފައެއް ނެތެވެ. އަދި އެހައި އަވަހަށް އެހެން ފިރިހެނަކު ގަބޫލުކުރާ ހައި، ނުވަތަ ކައިރިއަށް އަންނާނެ ދަނޑިވަޅުދޭ ހައި އޭނާގެ ސިކުނޑި ރަނގަޅެއް ނޫނެވެ. އޭނާއަށް ވާ ހައި ވެސް ގޮތަކީ ޑަކުޓަރު ޖާދޫ އޭނާ ގޮވައިގެން ހަވީރު ކާރުދުއްވައިލާން ދިއުމުން ބައެއް ފަހަރަށް ކަންބޮޑުވާގޮތް ވަނީއެވެ. ޑަކުޓަރު އޭނާ ގޮވައިގެން ދާ ތަނަކަށް ވިއްޔާ އޭނާ ހިމޭންކަމާ އެކު ދެއެވެ. ބައެއް ފަހަރަށް އެ މީހުން ރެސްޓޯރެންޓަށް ގޮސް ސައިބޮއެވެ. އެ ފަދަ ވަގުތު ފަރީގެ ޙާލު ވަރަށް ބޮޑުވެއެވެ. މޮޔައެއް ހެން ހަތަރު ފަރާތް ބަލާން އިނދެއެވެ. ހިތަށް އަރައެވެ. މި ވަގުތު އޭނާ ޑަކުޓަރާ އެކުގައި އިންދައި ޖަމާލަށް ފެނިއްޖެއްޔާ އޭނާ ހީކުރާނީ ކީކޭ ހެއްޔެވެ؟ ޙަޤީޤަތުގައި ވެސް އަހަރެންނަކީ އާވާރާ އަންހެންކުއްޖެކޭ ހެއްޔެވެ؟ މި ހައި އަވަހަށް އެހެން ފިރިހެނުންނާ އެކު ހިނގާން ފެށީއެވެ. ދެން އޭނާގެ އެތެރޭގައި ބަދަލުހިފުމުގެ ހުޅުގަނޑު އުފުލެން ފަށައެވެ. އޭނާގެ ހިތަށް އަރައެވެ. ޖަމާލު އަންނާނެ ނަމަ ކިހައި ރަނގަޅު ހެއްޔެވެ؟ އޭނާ އަށް އެ ތަން ފެނިފައި އޭނާ ދެރަވާނެ ނަމަ ކިހައި ރަނގަޅު ހެއްޔެވެ. އޭރުން ކިހައި މަޖާވާނެ ހެއްޔެވެ. އޭނާ ޖަމާލު އިތުރަށް ރުޅިއަރުވައި ދެރަކުރާން ހީނހީނފައި ޑަކުޓަރާ ވާހަކަދައްކާން ފާށާނެއެވެ. އެކަމަކު ޖަމާލާ އެކުގައި ވެސް ރީތި އަންހެންކުއްޖަކު އައުމަކީ އެކަށީގެންވާ ކަމެކެވެ. އެކުއްޖާ ވެސް ހީނހީނފައި ޖަމާލުގެ ހިތް ލެންބުމަކީ އެކަށީގެންވާ ކަމެކެވެ. --- އޮފޯހ --- އޭނާ ގާތަށް ރުޅިއާދެއެވެ. އަހަރެން އަބަދު އޭނާއާ ބެހޭ ގޮތުން ވިސްނަނީ ހެއްޔެވެ؟ އެކަމަކު ޙަޤީޤަތަކީ ޖަމާލާ އެކުގައި އެހެން އަންހެންކުއްޖެއްގެ ތަޞައްވުރު ވެސް ކުރާހައި ހިތްވަރެއް އޭނާގެ ނުހުރެއެވެ. މިހާރު އޭނާއާ ޖަމާލާ ދެމެދުގައި އޮތީ ކޮންގުޅުމެއް ހެއްޔެވެ؟ އޮތް ގުޅުމެއް ވިއްޔާ އަބަދުގެ އަބަދަށް ކެނޑިއްޖެއެވެ. އެ ގުޅުމުގެ ކަންފުޅެއް ބާކީއެއް ނެތެވެ. އެކަމަކު އެހެން ކަމާ އެކުގައި ވެސް އޭނާ ކިތަންމެ ފަހަރަކު އޭނާގެ ވިސްނުމުގެ ވަގު ހިފައިފިއެވެ. ޖަމާލާ ބެހޭ ގޮތުން އަޖައިބުވާކަހަލަ ކަންކަން ވިސްނަނިކޮށެވެ. މިހާރު އެ ގޭގައި އޭނާ އުޅޭނީ ކިހިނެއް ބާވައެވެ؟ އެ ނިދާކޮޓަރީގައި އޭނާ ނިދާނީ ކޮންގޮތަކަށް ބާވައެެވެ؟ ހަނދާންތަކުގެ ހަރުފަ އަބަދާ އަބަދު އައިސް އޭނާގެ ގަޔަށްވެސް ވިހަލާނެކަން ނޭނގެއެވެ... އެނގެނީ ކިިހިނެއް ހެއްެޔެވެ. އެއީ ހަމަ އޭނާއަށް ހީކުރެވޭ ހުސް ހީކުރެވުމަކަށް ވެސް ވެދާނެއެެވެ. -- ޚުދު އޭނާ ވެސް ބުނަނީ އެހެންނެވެ. އެކަމަކު ކީއް ވެގެން ކަމެއް ނޭނގެއެވެ. -- ގަސްދަކާ ނުލައި އޭނާ ޖަމާލާ މެދު ނުވިސްނާ އެއްވެސް ވަގުތެއް ނުދެއެވެ. އޭނާ ނުހަނު ތެދުވެރިކަމާ އެކު އެ ވާހަކަ ޑަކުޓަރު ޖާދޫއަށް ކިޔައިދިނެވެ... ޑަކުޓަރު އޭނާ ގާތު ބުނީ އޭނާ ހިތްހަމަޖެހެންދެން ޖަމާލާ ދޭތެރޭ ވިސްނުމަށެވެ. އެއަށް ފަހު އޭނާގެ ވިސްނުމުގެ ދޮރުމަތީގައި މީހަކު ފޯރިއަށް ބެހެއްޓުމަށެވެ.

އެހެންކަމުން ރެސްޓޯރެންޓުގެ ރީތި ވެށީގެ ތެރޭގައި ސަމުސާ ހަލުވަހަލުވައި އިނދެފައި ކުއްލިއަކަށް އޭނާ ޚިޔާލުތަކުގެ ތެރެއަށް ގެއްލޭ ހިނދު ޑަކުޓަރު ހިނިތުންވެލައިފައި އޭނާގެ އަތުގައި ޖަހައިލައެވެ.

"އަނެއްކާ ވެސް އަސް ދުއްވާން ފެށީތަ؟ ތިޔައީ އަޖައިބެއްނު! ފަރީގެ ގާތުގައި އިންނަ އިރު އަހަރެން ދުވަހަކު ވެސް ބަސްހުއްޓޭ ގޮތެއް ނުވޭ. އަހަރެން އިންދާ ފަރީ ޚިޔާލުތަކުގެ ތެރެއަށް ގެއްލެނީ ކީއްވެގެން؟"

"އެއީ ޑަކުޓަރަކީ ފިރިހެނެއް ކަމުގައި އަޅުގަނޑު ފަހަރެއްގައި ވެސް ހީނުކުރާތީ ކަމަށް ވެދާނެ." އޭނާ ތެދަށް ބުންޏެވެ.

"ސުބްޙާނަﷲ. ތިޔަ އެނގުނީ މުޅިން އާ ކަމެއް. ދެން އެހެންވިއްޔާ ފަރީ ހީކުރަނީ އަހަރެން މީ ކޮން ކަހަލަ މީހެއް ކަމަށް؟" ފަރީ އެ ބުނީ ކިހައި ބޮޑު ވާހަކައެއް ކަމެއް އޭނާ އެއްގޮތަކަށް ވެސް އިޙްސާސެއް ނުކުރެއެވެ. ހަމަ އެ ސާދާކަމާ އެކު އޭނާ ބުންޏެވެ.

"ޑަކުޓަރު އިންނަވާ ކަމެއް އަޅުގަނޑަށް ފަހަރެއްގައި ވެސް އިޙްސާސެއް ނުކުރެވޭ. ޑަކުޓަރާ އެކު އެކަނި އިންނާކަށް ފަހަރެއްގައި ވެސް ބިރެއް ނުގަނޭ. -- ޑަކުޓަރާ މެދު އެއްވެސް އެއްޗެއް އަޅުގަނޑުގެ ހިތަކަށް ނާރާ. އަޅުގަނޑަށް އިޙްސާސްކުރެވެނީ ވާހަކަދައްކާ ވިސްނާހަދާ މެޝިނެއް އަޅުގަނޑާ އެކުގަ އުލެނީ ކަމަށް."

"ފަރީ! ވާހަކަދައްކާ ވިސްނާހަދާ މި މެޝިނުގަ ހިތާ ސިކުނޑި ވެސް އޮވޭ. އެ އެއްޗެހީގަ ޖަޒުބާތު އުފެދޭ ކަމުގެ ހެކި ދައްކަން ފަށައިފި ނަމަ ފަރީ ކުރާނީ ކީއް؟ ތިޔަހާ ބޮޑު ޗެލެންޖެއް އަހަންނާ ނުކުރޭ."

"ކޮން ކަހަލަ ޗެލެންޖެއް! ޑަކުޓަރު ތިޔަ ބުނުއްވި އެއްޗެއް އަޅުގަނޑަކަށް ނުވިސްނުނު! އަޅުގަނޑަށް އިޙްސާސްކުރެވޭ ގޮތް ސާފުސާފުކޮށް މި ނަންގަތީ."

އަނެއް ދުވަހު ޑަކުޓަރު އަތުވެއްޖެއެވެ. ތަފާތު ދެތިން ހަތަރު ވާހަކައަކަށް ފަހު ވަރަށް އިތުބާރު ހުރި ރާގެއްގައި ބުންޏެވެ.

"އަހަރެން ފަރީއާ އިންނަން ވިސްނާތާ އެތައް ދުވަހެއް ވެއްޖެ."

"ކީއްވެގެން--؟" ހައިރާންވެގެން ފަރީ ސިހިއްޖެއެވެ.

"ހަމަ އެހެންވެގެން-- އަހަންނަށް ރަނގަޅުވީ ފުރަތަމަ އަންހެންކުއްޖަކީ ފަރީ. ނޫނީ އަހަންނަށް ފަރީ ދެކެ ލޯބިވެވެން ފެށީ ކަން ނޭނގެ."

"ލޯބި--" ފަރީ ނަފުރަތާ އެކު އަނގަހަދައިލިއެވެ. "ފިރިހެނުންގެ ކުރިމަތީގައި ލޯތްބަކީ އެއްވެސް ޖަޒުބާތެއް ނޫން. ދެން އޮތީ ކައިވެނި. އަޅުގަނޑަށް މި ދުނިޔެއަކު އެއްވެސް ފިރިހެނަކު ނެތް."

"ފަރީ ހާދާ މޮޅޭ. ފިރިހެނުންނަށް ތިހާ ބޮޑު ތައުހީނެއް ތި ކުރީޔޯ؟"

"ޑަކުޓަރު އެއަށް ތައުހީނޭ ކިޔުއްވާ. އަޅުގަނޑު ކިބައިގައި އެ ޖަޒުބާތެއް ނެތް. އަޅުގަނޑަކީ ފިނި ގަނޑުފެންބުރިއެއް. ފުރާނަ ހުރިއްޔާ ޖެހޭނީ ދިރިއުޅެން. އެކަމަކު އަޅުގަނޑުގެ ކިބައިގައި ދިރިއުޅުމުގެ ހޫނުކަމާއި ޖަޒުބާތުގެ ހޫނުކަމެއް ނެތް. އެއްވެސް މީހަކު ފުރާނަ ނެތް މަސްގަނޑަކާ ކައިވެނިކުރާކަށް ނުރުހޭނެ."

"ފަރީޔާ ބެހޭ ގޮތުން ކަންތައްތައް ތި ނިންމަނީ ޚުދު ފަރީ އަމިއްލައަށް. އަހަރެން ފަރީގެ ކިބައިގައި ދިރުމާއި، ހޫނުކަމާއި ޖަޒުބާތު އުފައްދާނަން."

"ވާނެ ކަމެއް ނޫން. ޑަކުޓަރު ސާހިބު. އެއީ ސިކުނޑީގެ ގޮތުން އުފެދޭކަމެއް. އަޅުގަނޑުގެ ސިކުނޑި ޑަކުޓަރު ގަބޫލުނުކުރާ އިރު މަސައްކަތް ކުރުން އެއީ ބޭކާރު ކަމެއް."

"ކީއްވެގެން؟ ފަރީގެ ސިކުނޑި އަހަރެން ގަބޫލު ނުކުރަނީ ކީއްވެގެން. އަހަންނަށް އެހާ ދުވަސްވީތަ؟ -- އަހަންނާ ދިމާއަށް ބަލައިލާފަ ބުނެބަލަ."

ފަރީ ހީނލިއެވެ. "އަމިއްލަ ނަފުސުގެ މައްޗަށް ޑަކުޓަރު ވަރަށް ފަޚުރުވެރިވެލައްވާނެ ކަން ނޭނގެ. އެކަމަކު--"

"އެކަމަކު ކިހިނެއްވީ؟"

"ރީތި ފިރިހެނުން ދެކެ އަޅުގަނޑު އަބަދުވެސް ނަފުރަތުވަން. ކުރިން ވެސް އަޅުގަނޑު ނަންގަތިން ކަން ނޭނގެ."

"ނޫން ފަރީ! ފަރީ ތި ހުރީ ވަރަށް ބޮޑު ކުށްހީއެއްގަ. ފިރިހެނަކު ރީއްޗަސް ހުތުރަސް އޭނަގެ ސިކުނޑިއާ ފިކުރުކުރާގޮތް އެއްގޮތް ނަމަ އެއްވެސް ތަފާތެއް ނެތް. ރީތި ފިރިހެނުން އެ މީހުންގެ ހުތުރު އަނބިން ދެކެ މިސާލެއް ނެތް ފަދަ ލޯބިވީ ކަމާ، ސިފަ ހުތުރު އެތަކެއް ފިރިހެނުން އެ މީހުންގެ ރީތި އަނބިން އަންދާ މަރަމުން ގެންދާކަމުގެ ކިތަންމެ މިސާލެއް މި ދުނިޔެއިން ލިބެން އެބަ ހުރި. އެ ހުރިހާ ކަމަކީ ވެސް ތިމާގެ ތަރުބިއްޔަތާ ވިސްނުން ހުންނަ ގޮތުގެ ނަތީޖާ. އަހަންނަކީ ބޭރުފުށުގެ ވައްތަރަށް ލޯބިކުރާ މީހެއްތަ؟ ނޫނީ އަހަންނަށް ރަނގަޅު އަންހެންކުއްޖަކު ނުލިބޭނީތަ؟"

"ސާހިބާއަށް މި ރަށުގައި އިން އެންމެ ރީތި އަންހެންކުއްޖާއާ ކައިވެނި ކުރެއްވިދާނެ. ވީއިރު އަޅުގަނޑު ފަކީރުގެ މައްޗަށް އޯގާވެރިކަމުގެ ނަޒަރަކުން ތިޔަ ބައްލަވަނީ ކީއް ކުރައްވަން؟ އޯގާވެރިކަމުގެ ޖަޒުބާތު ދެކެ ވެސް އަޅުގަނޑު ނަފުރަތުވަން. މީހެއްގެ ހިތުގަ އަޅުގަނޑާ މެދު ރަޙުމް އުފެދިގެން އަޅުގަނޑާ ކައިވެނިކުރުން އެއީ އަޅުގަނޑު ރުހޭ ކަމެއް ނޫން."

"ފަރީއާ މެދު ހިތުގަ ރަޙުމް އުފައްދާކަށް ކޮންމެހެން އަހަރެން ބޭނުމެއް ނޫން. އެ މީހުނާ މެދު އަހަރެންގެ ހިތުގަ ރަޙުމް އުފައްދާނެ އެހެން މީހުން މި ދުނިޔޭގަ މަދުތަ؟ އަހަރެންގެ ޚިޔާލުގަ އަހަރެން ކަހަލަ އިންސާނެއްގެ ވަރަށް ރަނގަޅު އަތްނބަކަށް ފަރީއަށް ވެވިދާނެ. އަނިޔާއެއް ލިބިފަވާ އަންހެންކުއްޖަކީ އަގުބޮޑު މުތީއަކަށް ވޭ.-- އަހަންނަށް ފަރީގެ އަގަކީ ކޮބައިކަމެއް ފަރީއަކަށް ނޭނގޭނެ."

" ޑަކުޓަރު ތިޔަ ކިޔުއްވަނީ ކީކޭ ކަމެއް ނޭނގެ. އަޅުގަނޑު މި ވަނީ ވިސްނާ ފިކުރުކުރުމުގެ ހުރިހާ ހައްދެއް ފަހަނަޅާފަ. ކައިވެނީގެ ބަސް އަޅުގަނޑުގެ ބަސްފޮތުން ވަނީ ގެއްލިފަ-- އަޅުގަނޑު ޑަކުޓަރަކާ އެއްގޮތަކަށް ވެސް ކައިވެންޏެއް ނުކުރާނަން. ފަހަރެއްގަ ވެސް ނުކުރާނަން."

"އެއްވެސް ކަމެއް ނޫން. އަހަރެން ފަރީއަށް އަދި ދަނޑިވަޅު ދޭނަން. ފަރީ ހޭލައްވާލާނަން. އަދި ރުއްސާނަން. އިންތިޒާރުކުރާކަށް އަހަރެން ކަންބޮޑެއް ނުވޭ."

ޑަކުޓަރު ހިނގައްޖެއެވެ. މުޅި އެ ދުވަހު ފަރީ ހުރީ އުދާސްވެފައެވެ. އެ އުދާސްކަން އަނެއް ދުވަހު ވެސް އޭނާގެ ކަރުގެ ހާރަށް ވެފައި ވިއެވެ... މި ދިރިއުޅުން ވޭތިވާނީ ކިހިނެއް ހެއްޔެވެ. ނޭނގޭ ހިތާމަތައް އޭނާގެ ފަސްބަޔަށް އެޅެނީއެވެ. ދިރިއުޅުން ވީރާނާވެފައި ވާ ކަމަށް ފެންނަ ވަރުން، މަސަލަސްކޮށްގެން ދިރިއުޅުން ވޭއްޗެއް ނުކުރެވޭނެކަމުގައި މިއަދު އަނެއްކާވެސް އޭނާއަށް އިޙްސާސްކުރެވެން ފަށައިފިއެވެ. ފުރަތަމަ ފަހަރު ދެރަވުމުން ދެވަނަ ފަހަރަށް ދަނޑަށް ނުކުންނާން އެކަށީގެންނުވާ ވަރު ވެފައިވާ ކުޅުންތެރިއެކޭ އޭނާއެކޭ އެއްގޮތެވެ. އޭނާގެ ފުރަތަމަ ދެރަވުން އެންމެ ފަހުގެ ދެރަވުމަށް ވެއްޖެއެވެ. އޭނާ ހެދުން ބަދަލެއް ނުކުރެއެވެ. ބޯއޮމާނެއް ނުމެ ކުރޭ މެއެވެ.

އޭނާ އެމް.އޭ.ގެ އިމްތިޙާނަށް ތައްޔާރުވާން ޑަކުޓަރު ޖާދޫ  އޭނާއަށް މަޝްވަރާދިންތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެމް.އޭ ނަގާން ވީ ވެސް ނަފުސިއްޔާތުގެ ރޮނގުންނެވެ. ޑަކުޓަރު ނަފުސިއްޔާތާ ބެހޭ އަދަދެއް ނެތް ހައި ގިނަ ފޮތް ގެނެސް ފުނިޖަހައިދިނެވެ. އަދި ނުވިސްނޭ ތަންތަން ފާހަގަކޮށްފައި ބަހައްޓާން ބުންޏެވެ. އެއީ ޑަކުޓަރު އެ ތަންތަން ވިސްނައި ދިނުމަށެވެ.

އެ ވަގުތު އޭނާ އިނީ ބޮޑުކޮޓަރީގެ ދޫލަމަތީގައި އިށީނދެގެން ފޮތްތައް ފުށުން ޖަހަޖަހައިފައި ބަލާށެވެ. އޭނާގެ ހިތަށް އަރައެވެ. ހިތް ނުތަނަސްވެފައިވާ ވަގުތެއްގައި އެއްވެސް ލިޔުމަކުން، އެއްެވެސް ފޮތަކުން، އެއްވެސް އެއްޗަކުން ހަމަޖެހުމެއް ނުލިބޭނެއެވެ. ހަމަޖެހުން އޮތީ ކޮން ތަނެއްގައި ހެއްޔެވެ؟

އެ ވަގުތު ބޭރުން ރަނގަބީލު ޖަހައިލައިފިއެވެ. ދަރިފުޅުގެ އާޔާ އައިސް، އޭނާއާ ބައްދަލުކުރާން މީހަކު އައިސް ހުރި ވާހަކަ ބުނެފިއެވެ. އޭނާ އެ އިން ގޮތަށް ދޫލަމަތީގައި ކުޑަކަކޫޖަހައިގެން އިނދެފައި އާޔާ ގާތު ބުންޏެވެ. އޭނާ އެތެރެއަށް ފޮނުވާށެވެ. ދުނިޔޭގެ އެއްވެސް އާދަކާދައަކާ މެދު އޭނާގެ ކުޑަވެސް ފަރުވާލެއް ނެތީ ކަހަލައެވެ. އޭނާ އަނެއްކާ ވެސް ބޯ ފޮތެއްގެ ގަނޑުއުކުމަށް ގެއްލިއްޖެއެވެ. އޭނާގެ ސަމާލުކަން އެ ކަމުން ކެނޑުނީ ދޮރުމަތިން ހިޔަންޏެއް ވީމައެވެ. އިސްއުފުލައިލައިފައި ބަލައިލިއެވެ.-- ދެން އޭނާ ބޭރަށް ލީ ނޭވާ ބޭރުގައި އެތެރެއަށް ލީ ނޭވާ އެތެރޭގައި ހަރުލައްޖެއެވެ.

(ނުނިމޭ)

މުޙައްމަދު ޝާހިދު ޙަލީމް
މުޙައްމަދު ޝާހިދު ޙަލީމަކީ ދިވެހި އަދަބީ ދުނިޔޭގެ އެންމެ ފުންނާބު އުސް ލިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދަބީ ދުނިޔޭގައި ޝާހިދުގެ ކުޅަދާނަކަން ނުފެންނަ ދާއިރާއެއް ނެތެވެ. ތަރުޖަމާ ކުރެއްވުމާއި، ލިޔުއްވުމާއި، ތަމްސީލާއި ޑްރާމާ ކުޅުއްވުމާއި، ޅެން ހެއްދެވުމާއި، އަތުލިޔުމުގެ ދާއިރާގައިވެސް މަޝްހޫރު ބޭފުޅެކެވެ. މިހާރުވެސް ދިވެހިބަހުގެ އެކަޑެމީގެ މެންބަރެއްގެ ގޮތުގައްޔާއި ޔުނިވަރުސިޓީ ލެކްޗަރާރެއްގެ ގޮތުގައި ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ލިޔުއްވުމުގައި އިބާރާތް ކުރެއްވުމުގެ ރީތިކަމާއި، އެތުރުއްވުމުގެ ކުޅަދާނަކަން ފާހަގަ ކުރެވެއެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.