ބަރުބާދުވީ ލޯބީގެ ދުނިޔެ - 8

(6 ޑިސެންބަރު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ޖަމާލު -- ޖަމާލު -- ޖަމާލު"

އޭނާގެ އެތެރެހަށިން އަލިފާންރޯޅި އުފުލެން ފަށައިފިއެވެ. ނޭވާއަށް އޭނާގެ އިޚުތިޔާރެއް ނުފޯރުވުނެވެ. ކުލައޮއްސިއްޖެއެވެ. ހައިރާންވެގެން ލޯބޮޑުކޮށްފައި އެ އައި މީހާއާ ދިމާއަށް ބަލަން ފަށައިފިއެވެ. އޭނާއަށް އެ މީހަކު ނޭނގުނު ކަހަލައެވެ. ނޫނީ ނުދަންނަ ކަހަލަ އެވެ. ނޫނީ މީގެ ކުރިން ދުވަހަކު ވެސް ނުދެކޭ ކަހަލަ އެވެ. ދުށް ނަމަ ދުށީ ކޮން ތަނަކުން ކޮން އިރަކު ބާވައެވެ؟

އަތްމަތި ހުސްވެފައިވާ ޖުވާ ކުޅޭ މީހެއް ހެން އެހެރީ ކާކު ހެއްޔެވެ؟ ކާކު ހެއްޔެވެ؟ -- ކާކު ހެއްޔެވެ؟ -- ކާކު ހެއްޔެވެ؟

އޭނާގެ ހިތާއި ހަށިގަނޑުގެ ހުރިހައި ދޮރަކާއި ކުޑަދޮރެއް ހުޅުވެން ފަށައިފިއެވެ. ކަލެއަކީ ކާކު ހެއްޔެވެ؟ -- ކަލެއަކީ ކާކު ހެއްޔެވެ؟ -- ކަލެއަކީ ކާކު ހެއްޔެވެ؟

އޭނާގެ ކޮންމެ ބަލައިލުމެއްގައި އޮޅުންފިލުވުމާއި ބީރައްޓެހިކަމުގެ ބައްތި ދިއްލިއްޖެއެވެ. އެއީ ކާކު ހެއްޔެވެ؟ އެއް އިރެއްގައި އަމިއްލަ މީހެކެވެ. މިހާރު އެއްވެސް މީހެއް ނޫނެވެ.

އެއީ ހިޔަންޏެއް ހެއްޔެވެ؟ ހީކުރެވޭ ގޮތެއް ހެއްޔެވެ؟ ނުވަތަ ހުވަފެނެއް ހެއްޔެވެ؟

އެއީ ކުރީގެ ޙަޔާތެއް ހެއްޔެވެ؟ ފާއިތުވީރޭގެ ރީތި ހުވަފެނެއް ހެއްޔެވެ؟ ނުވަތަ އޮއްސެމުންދާ އިރުގެ ހިޔަނި ހެއްޔެވެ؟ އެ މީހާ ހަމަހިމޭނުން ދޮރުމަތީގައި ހުއްޓެވެ. ފަރީ އޭނާއާ ދިމާއަށް ބަލަމުން ގެންދާ ގޮތަށް އޭނާ ވެސް ފަރީއާ ދިމާއަށް ބަލަމުން ގެންދަނީއެވެ. ދެން އެ ދެ މީހުންނަށް ކުއްލިއަކަށް އާޔާ ހުރިކަން އިޙްސާސް ކުރެވިއްޖެއެވެ. އޭރު އާޔާ ތިންވަނަ ފަހަރަށް ޖަމާލު ގާތު އިށީންނާން ބުނަނީއެވެ. ޖަމާލު ބަލިވެފައިވާ ހިނގުމެއްގައި އައިސް ފަރީ ކުޑަކަކޫ ޖަހައިގެން، ބުދެއް ހެން އިން ހިސާބުގައި ސޯފާއެއްގައި އިށީނދެއްޖެއެވެ. މަރުވެފައިވާ އަޑަކުން އޭނާ ބުންޏެވެ. "މި އައީ މޯނާ ދެކެލަން."

ދެން ފަރީ ހަނދާންވެއްޖެއެވެ. ވަރިކުރި އިރު ހަމަޖައްސައިފައި އޮތީ މޯނާ މަންމަ ގާތުގައި ބެހެއްޓުމަށެވެ. ޖަމާލު އޭނާއަށް ޚަރަދުދިނުމަށާއި ބޭނުން ވަގުތަކު އައިސް އޭނާޔާ ބައްދަލު ކުރުމަށެވެ.

"ވީ އިރު މީނާ ... މީނާ މި އައީ އެ ކަމާތާ." ފަރީގެ އިޙްސާސްތައް އެނބުރި އަންނަން ފަށައިފިއެވެ.

"އާޔާ! މޯނާ ގެނޭ." ފަރީ ވަކި އަސަރެއް ނެތް ރާގެއްގައި ބުންޏެވެ.

"އަޅުގަނޑު މޯނާ ނިންދަވައިފައި މި އައީ ހަމަ ދެންމެ." ފަރީ އެއްޗެކޭ ބުނުމުގެ ކުރިން އާޔާ އަވަހަށް ބުންޏެވެ.

"ރޭ ހަތަރުދަމު ބޭބީ އުޅުނީ ބަނޑަށް ތަދުވާތީ. އެ ކަމާ ހުރެ އޭނާއަށް ރޭގައި ނުވެސް ނިދޭ. މިހާރު މި އައީ ޑަކުޓަރު ދިން ބޭސްދީފައި ނިންދަވައިފައި. މި ވަގުތު ބޭބީ ހޭލެއްވުން ރަނގަޅުވާނެތޯ!" ފަރީ އަދި ވަކިގޮތެއް ނުނިންމިގެން އުޅެނިކޮށް ޖަމާލު ކޮޅަށް ތެދުވެއްޖެއެވެ.

"އެއްވެސް ކަމެއް ނޫން. އޭނާ ނިދިޔަދީ. މާދަމާ މިހާ އިރު އަލުން އަންނާނަން." އޭނާ ދިޔުމުގެ ކުރިން އުދާސް ނަޒަރަކުން ފަރީއަށް ބަލައިލިއެވެ. އޭނާ ދިޔުމުގެ ކުރިން ހިތާމައިގެ ނަޒަރަކުން ފަރީއަށް ބަލައިލިއެވެ. ފަރީ ނުރުހިފައި އިން ރާނީއަކަށް ވެެގެން އިނެވެ. ފަރީ އިސްޖަހައިލިއެވެ. ބަދަލުހިފުމުގެ ކޮންމެވެސް ޖަޒުބާތެއް އޭނާގެ ހިތުގައި އުތުރިގަތީކަން ނޭނގެއެވެ. އޭނާ މޫނު ހަރުކަށިކޮށްލިއެވެ. ބީރައްޓެހިކޮށްލިއެވެ. ޖަމާލަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. މަރުވެފައިވާ ފިޔަވަޅުތަކެއްގައި ބޭރަށް ނުކުމެއްޖެއެވެ. ދުރަށް އަޅަމުން ދިޔަ އެ މާޔޫސް ފިޔަވަޅުތަކަށާއި ހިތްހަލާކުވެފައި ވާ އެ މީހާ އަށް ބަލާން ފަރީ އިނެވެ. ނުފެންނަ ހިސާބަށް ދަންދެނެވެ. މިއީ އެ ޖަމާލެއް ނޫނެވެ. ރީތި، ނަލަ، ބޮޑާ ޖަމާލެއް ނޫނެވެ. ދާވެފައި ވާ ކުރުތާއަކާއި ހަރުވާޅެކެވެ. ތުނބުޅި ދިގުވެފައެވެ. މީހާ އަނދައިފައެވެ. މޫނުމަތީގެ އުޖާލާކަން ގެއްލިފައެވެ. -- އޭނާއަށް ކިހިނެއް ވީ ބާއެވެ؟ ބަލިވެއުޅުނީ ބާއެވެ؟ ނޫނީ -- ނޫނީ -- ފަރީ އުފާވާް ފަށައިފިއެވެ. އޭނާ ބަރުބާދުކޮށްލުމަށް ފަހު ޚުދު ޖަމާލު ވެސް ބަރުބާދުވީތީއެވެ. ދުވަސް ދިޔައީތީއެވެ. އެ ވީ ރަނގަޅަށެވެ. އެ ކަހަލަ ކިބުރުވެރި ފިރިހެނުންނަށް ވާންވީ ހަމަ އެހެންނެވެ. އެކަމަކު މި އުފަލަކީ ވެސް ދާއިމީ އުފަލަކަށް ނުވިއެވެ. ކުޑަ އިރުކޮޅެއްގެ ފަހުން އޭނާ ނުތަނަވަސް ވެއްޖެއެވެ. އޭނާއަށް ހީވަނީ ހިތަށް ކަށްޓެއް ހެރިފައި ހުންނަހެންނެވެ. ކަރުބުޑުގައި އެއްޗެއް ތާށިވެފައި ހުންނަ ހެންނެވެ. އެހެން ވީ އިރު އޭނާ ވެސް އެހެރީ އަހަރެންނެކޭ އެއްފަދައިން ހިތްދަތިވެފައެވެ. ނުތަނަވަސްވެފައެވެ. ކަންބޮޑުވެފައެވެ. ލަދުގެން ދެރަވެފައެވެ. -- އޭނާގެ ގައިގައި ކިހައި ބޮޑަކަށް ކުޅިފަސް ގެއްލިފަި ހުރި ފާޑު ޖަހާ ހެއްޔެވެ! އޭނާގެ ގާތުގައި ފެންފޮދެއް ބޭނުންތޯ ވެސް އަހައި ނުލީ އެއީ އަޚުލާޤުގެ ކޮން ބާބެއް ހެއްޔެވެ! އެންމެ ރަނގަޅެވެ. ޖަމާލަކީ ފަރީގެ ދުޝްމިނެކެވެ. އެކަމަމު މިއަދު ދެރަވުން ގަބޫލުކޮށްގެން އޭނާގެ ދޮރޯށިދޮށަށް އަތުވެއްޖެއެވެ. ދަރިފުޅުގެ ލޯބިން މަޖުބޫރުވެގެން ނަމަވެސް އެންމެ ރަނގަޅެވެ. ގެއަށް އައި އިންސާނަކާ މެދު މިހައި އަޚުލާޤެއް ނެތް ގޮތަކަށް ކަންތައް ކޮށްގެން ނުވާނެއެވެ. އަނެއްކާ ޖަމާލަކީ އެއް ދުވަސްވަރެއްގައި އޭނާގެ ޙަޔާތުގެ ބައިވެރިޔާއެވެ. މަންޒިލަށް ދެވުމުގެ ކުރިން މަގު ދެ ކަފި ވީ ނަމަވެސް ވާނީ ކީއްހެއްޔެވެ؟

އެ ކަމާ ދެރަވެވުމާ އެކު އޭނާ ގާތަށް ރުޅިއަންނާން ފަށައިފިއެވެ. ހަމަހިމޭނުން ހައިރާންވެފައި ހުރި އާޔާއާ ދިމާއަށް އޭނާ އެއްޗެހިގޮވައިގެންފިއެވެ. އާޔާ އޭރު ވެސް ހުރީ އެ ނުދަންނަ މީހާގެ ސިއްރުން ފުރިފައިވާ އައުމާ މެދު ފިކުރުކުރާށެވެ. އެ އާޔާއަކީ އޭނާ މަންމަގެ ގެއަށް އައުމަށް ފަހު ހޯދި އާޔާއެކެވެ. އެހެންކަމުން އޭނާ މޯނާގެ ބައްޕައެއް ނުދެކެއެވެ. ފަރީ އޭނާއާ ދިމާއަށް، ގެއަށް އައި މެހުމާނު ގާތު ސައިބޮއިގެން ދާން މަޑުކުރާން ނުބުނާހައި އޭނާގެ ގޮތެއް ނެތޭ ކިޔައިގެން އެއްޗެހި ގޮވައިގަތުމުން ވީ ގޮތް ހިސާބަކަށް އޭނާ އަށް ވިސްނުނެވެ.

* * *

އަނެއް ދުވަހެވެ. އޭނާ ޖަމާލަކަށް އިންތިޒާރެއް ނުކުރެއެވެ. އިންތިޒާރުކުރާން ވީ ވެސް ކީއްވެގެން ހެއްޔެވެ. މިހާރު އިންތިޒާރުކުރުމަކީ ބޭކާރު ކަމެކެވެ. އެހެންނަމަވެސް ނުތަނަވަސްކަމެއް ހުރިހައި ވަގުތެއްގައި ވެސް އޭނާ ވަށައިލައިފައި ވިއެވެ. ބާރަޖަހަން ކައިރި ވީ އިރު އޭނާއަށް ހަމަނުޖެހޭ ގޮތް ވެރިވާން ފަށައިފިއެވެ. ސާފު ތާހިރު ހެދުމެއް ލައިގެން އިންނާން، ބައެއް ފަހަރު ހިތަށްއަރައެވެ. ދެން ބުނެއެވެ. އަހަންނަކާ ކޮން ކަމެއް ހެއްޔެވެ! -- މި ގޮތަށް ރީތިނުވެ އިންދައި ފެނުނީމާ އަހަރެން ވެސް ހިތާމަކުރަނީއެކޭ އޭނާގެ ހިތަކަށްނާރާނެ ބާއެވެ؟ އެކަމަކު ތައްޔާރުވެގެން އިނދެއްޖެއްޔާ އަހަރެން އިންނަނީ ވަރަށް އުފަލުންނޭ ހިއެއް ނުކުރާނެ ބާއެވެ؟ އެކަމަކު އަހަރެން އޭނާގެ ކުރިމައްޗަށް ދިޔުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

ކޮންމެއަކަސް ގަޑިޖެހުމުގެ ކުރިން އޭނާ ދަރިފުޅު ރަނގަޅަށް ނަލަހައްދައިފިއެވެ. އަދި އެ ދަރިފުޅުގެ ވިސްނުން، ބައްޕައާ ބައްދަލުކުރާން ތައްޔާރު ވެސް ކޮށްފިމެއެވެ. ދެން ޚުދު އޭނާ، އިންނަ ހިތް ނެތުމާ އެކުގައި ވެސް ބޮޑުކޮޓަރީގައި އެ ތަނުގައި އިށީނދެއްޖެއެވެ. ރަނގަބީލުގެ އަޑުއިވުމުން، އާޔާއަށް އެންގިފައި ވާ ގޮތުގެ މަތިން އާޔާ މޯނާ ގޮވައިގެން ބޭރަށް ނުކުމެއްޖެއެވެ. އެކަމަކު ކުޑަ އިރުކޮޅެއްގެ ފަހުން ޖަމާލު ދަރިފުޅު އުރައިލައިގެން ބޮޑުކޮޓަރިއަށް ވަދެއްޖެއެވެ.

މިއަދު ޖަމާލުގެ ސިފަ ލައްކަ ރަނގަޅެވެ. ތުނބުޅި ހުރީ ބާލައިފައެވެ. ހެދުން ވެސް ސާފުތާހިރެވެ. އެކަމަކު ވަރަށް ބަލި، ރީނދޫ ފާޑު ޖަހައެވެ. އާޔާ ސައި ގެންނާން ބަދިގެއާ ދިމާއަށް ދުވެފައި ހިނގައްޖެއެވެ. އެ ދެ މީހުން ބޮޑުކޮޓަރިތެރޭގައި އެކަނި ވެއްޖެއެވެ. ޖަމާލު އޭނާއާ ދިމާއަށް ބަލާ ކަމެއް ނުވަތަ ނޫން ކަމެއް ދެނެވޮޑިގެންވާނީ މަތްރަސްކަލާނގެއެވެ. ފަރީ ކަޅިއުފުލައި ވެސް ނުލައެވެ. ފޮތަކަށް ކަޅި ހުއްޓައިލައިގެން އިށީނދެގެން އިނެވެ. ދެބަފައިން ވަރަށް ގިނަ ވާހަކަ ދައްކަމުން ގެންދެއެވެ. ދެން މޯނާ އެތައް ބައިވަރު ކުޅޭ އެއްޗެއްސެއް ނަގަނަގައިފައި ފަރީއަށް ދައްކާން ފަށައިފިއެވެ.

"މަންމާ ބައްލަވަ! ބައްޕަ އަޅުގަނޑަށް ވަރަށް ގިނަ އެއްޗެހި ގެނެސްދެއްވައިފި." ދަރިފުޅުގެ އުފަލަށް ޓަކައި ފަރީ އެ ހުރިހައި އެއްޗެއް ބެލިއެވެ. އެކަމަކު އޭނާ ބުނާން އޭނާގެ ހިތް އެދުނެވެ. މޮޔަ ކުއްޖާއެވެ! ކުޅޭ އެއްޗެހި ލިބުނީމާ ދަރިފުޅު ވެސް ހެއްލުނީއެވެ!

ދެން ތިން އަހަރު ބައި ވީ މޯނާއަށް އެ ވީ ކިހިނެއް ކަމެއް ނޭނގެއެވެ. ކުއްލިއަކަށް ބުނެފިއެވެ.

"ބައްޕާ! މަންމައަށް ގެނެސްދެއްވީ ކޮން އެއްޗެއްތޯ؟" ޖަމާލު ހިމޭންވެއްޖެއެވެ.

"ގެނެސްދެއްވިންތޯ؟ -- ނުގެންނަވަން؟" ޖަމާލު ހަމައެކަނި ބޯހަލުވައިލީއެވެ.

"ނުގެންނެވީ ކީއްވެގެން؟ ތިޔައީ ހަޑި ބައްޕައެއް!" މިހެން ބުނެފައި މޯނާ އަޑުންއަޑުނަގައި ރޯންފަށައިފިއެވެ. "ދުރުވޭ. އަޅުގަނޑަކީ ބައްޕަގެ ކުއްޖެއް ނޫން؛ މަންމަގެ ކުއްޖެއް!" އޭނާ ބޮޑާދައްކަދައްކައިފައި ރޯން ފަށައިފިއެވެ.

"ބައްޕައަށް މިއަދު މާފުކޮށްދީ... މާދަމާ ދަރިފުޅުގެ މަންމައަށް ބައިވަރު އެއްޗެހި ގެނެސްދޭނަން."

އެކަމަކު މޯނާ އޭނާގެ ބަސް ދުލެއް ނުކުރިއެވެ. އޭނާގެ ހުރިހައި ކުޅޭ އެއްޗެހި ނަގައިފައި ދުރަށް އުކައިލައިފިއެވެ. ދެން ބާރަށް ރޯންފަށައިފިއެވެ. ފަރީއާއި ޖަމާލާ ދެ މީހުން ވެގެން ފަހަރަކު މީހަކު ދަރިފުޅު މަސަލަސް ކުރެވޭތޯ ބަލާން ފަށައިފިއެވެ. އެކަމަކު އެ ދުވަހު އޭނާ ބޮޑާދައްކައި އެ ރެޅިފޮޅުނު ގޮތަށް، އެ ހައި ބޮޑަށް އޭގެ ކުރިން ދުވަހަކު ވެސް ބޮޑާ ދައްކައިފައެއް ނެތެވެ. އެ ދެ މީހުންނަށް އެއްގޮތަކަށް ވެސް އޭނާއެއް ނުހިފޭއްޓުނެވެ. އޭނާ މި ގޮތަށް އެ ފާޅުކުރަނީ އޭނާގެ ވިސްނުމުގައި ވާ ކޮން އެއްޗެއް ކަމެއް ނޭނގެއެވެ.

އެ ދެ މީހުން އޭނާ މަސަލަސްކުރާން އުޅުނު ނަމަވެސް އެކަކު އަނެކަކާ ވާހަކައެއް ނުދައްކައެވެ. ކުޑަ އިރުކޮޅެއްގެ ފަހުން ދަރިފުޅު އެ ކަމާ ބެހޭ ގޮތުން ސުވާލުކޮށްފި ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟

ކޮން އިރެއްގެ މޮޅިއަކުން ކަމެއް ނޭނގެއެވެ. ފަރީގެ ލޮލުން ކަރުނައަތުވެއްޖެއެވެ. އެހައި ތަނުން އާޔާ ސައި ހިފައިގެން އަތުވެއްޖެއެވެ. ފަރީގެ ގައިގައި ފުރާނަ އެޅިއްޖެއެވެ. އޭނާ ދަރިފުޅު މަސަލަސްކުރާން އާޔާ ގާތުގައި ބުނެފައި އޭނާގެ ކޮޓަރިއަށް ހިނގައްޖެއެވެ. ހިތްހަމަޖެހެންދެން ރުއިމަށެވެ. ހިތުގައި ވާ އުދާސްތައް ބޭރުކޮށްލުމަށެވެ. އެކަމަކު އެއް ކަމަކާ ދޭތެރޭ އޭނާ އެއްގޮތަކަށް ވެސް ޚިޔާލެއް ނުކުރެއެވެ. އޭނާގެ ލޮލުން އޮހޮރޭ ކަރުނަތައް ޖަމާލު ވެސް ދުށްޓެވެ. -- ޖަމާލު ދިޔައީ ކޮން އިރަކު ކަމެއް، ދަރިފުޅު ހުއްޓައިލީ ކޮން ގޮތަކުން ކަމެއް އޭނާ ނުދެނަހުއްޓެވެ. ފަރީ ކޮޓަރިން ބޭރަށް ނުކުތީ ހަވީރު ހައެއް ޖެހިއިރެވެ. ޑަކުޓަރު ޖާދޫ ވެސް ވީ ތިން ދުވަހުގެ ދަތުރެއް ގައި އެހެން ރަށަކަށް ގޮހެވެ. އޭނާ ހިތުގެ ބުރަދަން ލުއިކޮށްލާނީ ވެސް ކާކުގެ ގާތަށް ގޮސްގެން ހެއްޔެވެ؟ އެހެންކަމުން ރޭގަނޑު ހަތަރުދަމު އޭނާ ކަރުނައިގެ މައްޗަށް ފުއްދައިލީ އެވެ. -- ބައެއް ފަހަރަށް ހަނދާންތަކުގެ މާ އެއކުރިއެވެ. އަނެއްބައި ފަހަރަށް އެ ހަނދާންތަކުގައި ހުޅުރޯކުރިއެވެ.

* * *

ރޭގަނޑު އެ އައި ތޫފާނުގައި ބޯކޮށް ވާރޭ ވެހުނެވެ. ހެނދުނު އޮތީ އުޑުމަތި ސާފުކޮށެވެ. ފަރީ އަނެއްކާ ވެސް ވަގުތާ އެއްބައި ވީ ކަހަލައެވެ. އެ ކަހަލަ ހިތްދަތި ހިތާމަވެރި ހިސާބު ހިސާބު ދިރިއުޅުމުގައި އެކި ފަހަރުމަތިން އަންނާނެ ކަމަށާއި އެ ކަމަށް ހުންނާން ވާނީ ތައްޔާރުވެގެންނޭ ހިތަށް އަރުވައިފައެވެ. ޖެހިގެން އައި ދުވަހު ނުހަނު ހަމަޖެހިގެން އޭނާ ކޮޓަރި ޒީނަތްތެރި ކުރިއެވެ. އޭނާގެ ކޮޓަރި ހުންނަނީ ބޮޑުކޮޓަރިއާ ގުޅިފައެވެ. ހުރިހައި ފޮތްތައް ތަރުތީބުކުރިއެވެ. ކޮންމެ ދުވަހަކު ބޭނުންކުރާ ހެދުންތައް ފަށްޖަހައިފައި ކޮނޑުތަކުގައި އެޅުވިއެވެ. މި މަސައްކަތުގައި އުޅެނިކޮށް އެގާރަޖަހައިފިއެވެ. އެއަށް ފަހު ފެންވަރައި ބޯއޮމާންކޮށްގެން، އަމިއްލައަށް ބަސްއަހާ ކުއްޖަކަށް ވެގެން، ފޮތްތައް ހުރި މޭޒު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނދެއްޖެއެވެ. ކުޑައިރުކޮޅެއްގެ ކުރިން އޭނާ ވީ މޯނާ ތައްޔާރުކުރުވައިފައި އާޔާއާ އެކު ބޭރަށް ފޮނުވައިފައެވެ. މިހާރު ގަސްދުކޮށްގެން އެ އުޅެނީ ގަވާއިދުން ކިޔެވުމުގެ މަސައްކަތް ފަށާށެވެ. އެ ގޮތަކީ މާދަމާ ޑަކުޓަރު ޖާދޫ އަންނާނެއެވެ. މި ތިން ދުވަހުގެ ރިޕޯޓު އޭނާއަށް ދޭން ޖެހޭނެއެވެ.

(ނުނިމޭ)

މުޙައްމަދު ޝާހިދު ޙަލީމް
މުޙައްމަދު ޝާހިދު ޙަލީމަކީ ދިވެހި އަދަބީ ދުނިޔޭގެ އެންމެ ފުންނާބު އުސް ލިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދަބީ ދުނިޔޭގައި ޝާހިދުގެ ކުޅަދާނަކަން ނުފެންނަ ދާއިރާއެއް ނެތެވެ. ތަރުޖަމާ ކުރެއްވުމާއި، ލިޔުއްވުމާއި، ތަމްސީލާއި ޑްރާމާ ކުޅުއްވުމާއި، ޅެން ހެއްދެވުމާއި، އަތުލިޔުމުގެ ދާއިރާގައިވެސް މަޝްހޫރު ބޭފުޅެކެވެ. މިހާރުވެސް ދިވެހިބަހުގެ އެކަޑެމީގެ މެންބަރެއްގެ ގޮތުގައްޔާއި ޔުނިވަރުސިޓީ ލެކްޗަރާރެއްގެ ގޮތުގައި ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. ލިޔުއްވުމުގައި އިބާރާތް ކުރެއްވުމުގެ ރީތިކަމާއި، އެތުރުއްވުމުގެ ކުޅަދާނަކަން ފާހަގަ ކުރެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.