އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރާނަން: އިބޫ

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގުތައް ހެޔޮކުރައްވާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ރޭ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން އދ. މާމިގިލީގައި ރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނު މިހެން ވިދާޅުވީ އެމަނިކުފާނުގެ އިގްތިސާދީ ސިޔާސަތު ހާމަކުރައްވަމުންނެވެ.

"އަޅުގަނޑުމެންގެ އެއް ސިޔާސަތަކަށްވާނީ ގެސްޓް ހައުސްގެ ވިޔަފާރިއަށް އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ހޯދައިދިނުން. އެސްއެމްއީ ބޭންކާއި އަލަށް ގާއިމްކުރެވޭ ފަންޑުތައް މެދުވެރިކޮށް ލުއިފަސޭހަކޮށް ފައިނޭންސް އެފަރާތްތަކަށް ހޯދައިދިނުން. އަދި އެތެރޭގެ އުދުހުންތަކުގެ އަގު މިހާރަށްވުރެ ބޮޑުތަނުން ކުޑަކުރުން،" އިބޫ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ފަތުރުވެރިކަމަށް ދޫކުރައްވައިފައިވާ ވަރަށްގިނަ ރަށްތައް މީހާރުވެސް އެބަހުރި ކަމަށެވެ. އެހެންނަމަވެސް ފައިސާގެ ދަތިކަމާހެދި އެ ރަށްތައް ތަރައްގީ ކުރެވިފައިނުވާ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި އެކަމަށް ބޭނުންވާ ފައިސާ ލިބޭނެގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތައް ހެދުމަށް ބޭނުންވާ ފައިސާ ލިބޭނެ ގޮތް ހަމަޖައްސައިދޭނަން. މިގޮތުން ޕްރައިވެޓް އިންވެސްޓަރުން ގެނައުމާއި، ބޭރުފައިނޭންޝަލް މާކެޓް މެދުވެރިކޮށް އަދި ދިވެހިރާއްޖޭގެ ފައިނޭޝަލް ސެކްޓަރ މެދުވެރިކޮށް އިސްލާމިކް ފައިނޭންސް ފުޅާކޮށްގެން އެފަރާތްތަކަށް އަޅުގަނޑުމެންގެ ސަރުކާރުގައި ފައިނޭންސް ލިބޭނެގޮތް ހަމަޖެހިގެންދާނެ،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ފަތުރުވެރިކަމަކީ ރާއްޖެއަށް އާމްދަނީ ލިބޭ އެންމެ ބޮޑު ސިނާއަތް ކަމަށެވެ. އެހެންނަމަވެސް އެ ސިނާއަތް އިސްތިހާރުކޮށް މާކެޓް ކުރުމަށް މިހާރު ހޭދަކުރަނީ ތިންބިލިއަނެއްހާ ޑޮލަރުން ކަމަށެވެ. އެހެންނަމަވެސް އެނަނިކުފާނުގެ ވެރިކަމުގައި އެ އަދަދު ތިންގުނައަށް އިތުރުކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ފަތުރުވެރިކަން ފުޅާވެ ރާއްޖެއަށް އަންނަ ޓޫރިސްޓުގެ އަދަދު އިތުރުވުމުން ރާއްޖެ އަންނަ ސަފާރީތައް ވެސް އިތުރުވަމުން އަންނަ ކަމަށާއި އެހެންނަމަވެސް ސަފާރީތައް އަޅައިފައި ބާއްވާނެ އެކަށީހެންވާ ބަނދަރެއް ވެސް ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް އެބޭފުޅުންގެ ވެރިކަމުގައި މަލޭކައިރީ ސަފާރީ އަޅާނެ މެރީނާއަކާއި ރާއްކޭގެ އެކިކަންކޮޅުތަކުގައި ވެސް އެފަދަ މެރިނާތައް ގާއިމްކޮށްދެއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުފަޅުތަކާއި ދަނޑުފަގުތަކުން އާމްދަނީ ހޯދަންޖެހޭ ކަމަށާއި، އެކަންކަން ބަލާ ދިރާސާކޮށް އެންމެ ރަނގަޅު ފައިދާ ނަގަންޖެހޭ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ. ރާއްޖެ ތަރައްގީކުރާއިރު އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހެނީ ފަތުރުވެރިކަމަށް ކަމަށާއި އެއީ އާމްދަނީގެ އެންމެ ބޮޑުބައި ހިއްސާކުރާ ސިނާއަތް ކަމަށް ވެސް ވިދާޅުވިއެވެ. އެ ސިނާއަތުގެ ނަފާ ރައްޔިތުންނަށް ލިބޭނެގޮތެއް ހޯދަން އެ ދާއިރާ ލާމަރުކަޒީ ކުރަންޖެހޭ ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އެހެން ޕާޓީތަކާއެކު ނުކުންނަންޖެހުނީ ރާއްޖޭގައި އިންސާފު ގެއްލި ވައްކަމާއި ކޮރަޕްޝަން ސަރުކާރުގައި އުފެދި ނާމާންކަމާއި ބިރުވެރިކަން އުފެދިފައިވާ ކަމަށް ހުރިހާ ޕާޓީތަކުގެ މީހުން ވެސް ވާހަކަ ދައްކަން ފެށުމުން ކަމަށެވެ. އެހެން ކަމުން އެބޭފުޅުން ގުޅިގެން މިހާރު ކުރައްވަމުން ގެންދަވަނީ ސިޔާސީ މަސައްކަތެއް ނޫންކަމަށާއި އެއީ ގައުމީ މަސައްކަތެއް ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

 

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.