ސިޔާސީ ނުފޫޒަށް ލެނބޭ އެއްވެސް މީހަކަށް މިނިވަން މުއައްސަސާއަކު ނުހުރެވޭނެ:އިބޫ

ދައުލަތުގެ ބައެއް މިނިވަން މުއައްސަސާތަކުން ގެންދަނީ ރަށްރަށަށް ވަޑައިގެން ކެމްޕޭން ކުރައްވަމުން ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އެފަދަ ކަންކަން ހުއްޓުވާނެ ކަމަށް ކޯލިޝަން ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ ގއ. ވިލިގިލީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. "ބައެއް މިނިވަން މުއައްސަސާތައް ހުރިގޮތަށް މިރަށަށް އަރައި ޑޯޓުޑޯ ހަދައި ކެމްޕޭން ކުރަމުން އެބަގެންދޭ. މިނިވަން މުއައްސަސާތަކެއް އެކަންޏެއްނޫން އެކަންކުރަނީއެއް. މިނިވަން މުއައްސަސާތަކުން އެކަން ކުރަމުންދާއިރު ދައުލަތުގެ ބޮޑެތި ބާރުތަކާއެކުވެގެން އެކަން އެބަކުރޭ. މިއީ މިއަދުގެ ހާލަތު އޮތްގޮތް. އަޅުގަނދުމެންގެ ވެރިކަމެއްގައި ސިޔާސީ ނުފޫޒަށް ލެނބޭ އެއްވެސް މީހަކަށް މިނިވަން މުއައްސަސާއެއްގެ މަގާމަކު ނުހުރެވޭނެ،" އިބޫ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިސަރުކާރުން ގެންދަވަނީ ޝަރުއީ ދާއިރާއި މިނިވަން މުއައްސަސާތައް ބޭނުންކޮށްގެން ރައްޔިތުންނާމެދު ވަރަށް އިހާނެތިކޮށް ކަންކަން ކުރައްވަމުން ކަމަށެވެ. އެގޮތުން މީރާ އަކީ މިނިވަން މުއައްސަސާއެއް ކަމަށާއި ވިޔަފާރި ބަނގުރޫޓުކުރާ ތަނަކަށް އެތަން ވެގެންނުވާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ. އެތަން ހިންގަންޖެހޭނީ ގާނޫނާ އެއްގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ.

"ގާނޫނީ އިމުގެތެރޭގައި ގާނޫނުގައި ބުނާގޮތަށް ނޫންގޮތަކަށް ރައްޔިތުންގެ އަތުން އެއްވެސް ފައިސާއެއް ނެގުމުގެ ބާރެއް މީރާއަކަށް ލިބިގެން ނުވާނެ. އެހެންނަމަވެސް މިއަދު މިފެންނަނީ އަމިއްލައަށް ގާނޫނުތައް ހަދާ އަދި ރައްޔިތުންގެ މަޖިލީހުން ފާސްނުކޮށް އެއަށް އަމަލުނުކޮށް ރައްޔިތުންގެ އަތުން އެތައް ފައިސާއެއް ނަގަމުންދާ ތަން. އަޅުގަނޑުމެން އެތަން އިސްލާހު ކުރާނަން،" އިބޫ ވިދޅުވިއެވެ.

ކޯޓުތަކުން ކުރައްވާފައިވާ ހުކުމްތަކަށް ބަލާއިރު ކޯލިޝަންގެ 4 ލީޑަރުންނަށް އެއްވެސް އިންސާފެއްނެތި ކުރައްވައިފައިވާ ހުކުމުގެ ސަބަބުން އެތައް އަނިޔާތަކެއް އެބޭފުޅުންނަށް ލިބެމުންދާ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ. ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެމްބަރުންގެ މައްސަލަވެސް މިހާރު ވީ ހިސާބެއް އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ. މިފަދަ ހުރިހާ ކަމަކަށް އެބޭފުޅުންގެ ވެރިކަމެއްގައި އިންސާފު ހޯއްދަވައި ދެއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.