ގައްލައްދޫ ކަނޑުން ދަތުރުކުރި ދޯންޏެއް އަޑިއަށް ދާތީ ފުލުހުންގެ އެހީތެރި ކަމަށް އެދުމުން އެހީވާނީ ވަކި މީހަކަށް ތާއިދުކުރާކަން ހާމަކުރުމުން ކަމަށް ފުލުހުން ބުނި ކަމަށް ނ. މާޅެންދޫގައި އިބޫ ދެއްކެވި ވާހަކަ ފުލުހުން ދޮގުކުރައްވައިފިއެވެ.
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) އެގޮތަށް އެވާހަކަ ދެއްކެވުމުން ކަންހިނގައިފައިވާ ގޮތް ފުލުހުން ބެލިކަމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ އެއީ ހުސްވި އޮގަސްޓް 14 ވަނަ ދުވަހުގެ ހާދިސާއެއް ކަމަށެވެ. އެމައުލޫމާތު ލިބުމުން ފުލުހުންވަނީ ޒިކުރާ ކިޔާ ދޯންޏަކާއި ލޯންޗެއްގެ އެހީގައި އެ ދޯނި އިހަވަންދުއަށް ގެނެސް ދިޔަ ހިއްކުމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެފައި ކަމަށެވެ.
ފުލުހުންނަކީ އެއްވެސް ތަފާތެއްނެތި އެންމެންނަށް ހަމަހަމަކޮށް ޚިދުމަތް ކުރަމުންދާ ބައެއް ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ. "މި އަހަރު އޯގަސްޓް ސާދަވަނަ ދުވަހު ފުލުހުންނަށް އާންމު ފަރާތަކުން މިފަދަ ހާދިސާއެއް އުޅޭކަމުގެ މައުލޫމާތު ވަނީ ލިބިފައި. ލިބުމާއެކު ހއ. އިހަވަންދޫ ސްޓޭޝަނުން އެރަށުގައި ދުއްވާ ގޭސް ލޯންޗު އަދި ޒިކުރާ ނަމަކަށްކިޔާ ދޯނީގެ އެހީތެރިކަމާ އެއްކޮށް މިދޯނި ހއ. އިހަވަންދުއަށް ގެނެސް މިދޯނިން ދިޔަ ހިއްކާ ފުންކޮށް އަދި މިދޯނި ބޭނުން ކުރެވޭނެ ހާލަތަށް ގެނައުމަށްޓަކައި ފުލުހުންވަނީ އަމަލީ ގޮތުން ބައިވެރިވެ އެ މަސައްކަތް ކޮށްދީފައި. އެހެންވީމާ މިއީ މީގެ އަސްލާއި އަސާސް އެއްވެސް ވަރަކަށް ހަގީގަތް ނެތްކަމަށް ދެއްކުމުގެ ގޮތުން ނުވަތަ އަސްލާއި އަސާސް އޮޅުވާލުމުގެ ގޮތުން ގަސްތުގައި އިބްރާހީމް މުހައްމަދު ސާލިހު ދައްކަވާ ވާހަކައެއް ކަމަށް ފުލުހުން ގަބޫލުކުރަން،" ޝިފާން ވިދާޅުވިއެވެ.
ރައްޔިތެއްގެ ފަރާތުން އެފަދަ ކަމެއް ފުލުހުންނަށް ހުށަހަޅައިފިނަމަ އެކަމަކަށް ފުލުހުން ފަހެއް ނުކެޖޭނެ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ. އެހެން ދައްކާ ހަގީގަތާ ޚިލާފު ވާހަކަތައް އެއްވެސް ރައްޔިތަކު ބަލައި ނުގްނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެއީ ފުލުހުން މިއޮތްހާ ދުވަހު މަސައްކަތް ކުރައްވާފައިވަނީ ރައްޔިތުންނަށް ދޭންޖެހޭ އެންމެ އަސާސީ ޚިދުމަތްވެސް އެންމެ ފުރިހަމައަށް ދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ފުލުހުން މި މައްސަލަ ކަމާގުޅޭ އިދާރާތަކަށް ހުށަހަޅައި މިކަން ތަހުގީގު ކުރާން. އަދި ތަހުގީގު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ވެސް ކުރާނެ. ފުލުހުން ތަކުރާރުކޮށް އިލްތިމާސް ކުރަން ތަފާތު ޒާތީ ނުވަތަ އަމިއްލަ މަންފާތައް ބޭނުންވެ ނުވަތަ އެދި ފުލުހުންގެ ނަމުގައި މިފަދަ ބޮޑެތި ދޮގު އިލްޒާމްތައް އަޅުވައި ފުލުހުންގެ އަގުވައްޓާލުމުގެ ނިޔަތުގައި މިފަދަ މަސައްކަތައް އެއްވެސް ފަރާތަކުން ނުކުރުމަށް. ފުލުހުންނަކީ ހަމަގައިމުވެސް ދިވެހި ރައްޔިތުން ވަރަށް އިތުބާރުކުރާ މުއައްސަސާއެއް. ފުލުހުން މިއަންނަނީ ދިވެހި ރައްޔިތންނަށްޓަކައި ބޮޑެތި ޒިންމާތަކެއް އަދާކުރަމުން،" ޝިފާން ވިދާޅުވިއެވެ.