އައްޑޫ ސިޓީ ފޭދޫ ބޮޑުމަގުގައި ރޭ ހިނގި ސައިކަލް އެކްސިޑެންޓުގައި އަނިޔާވި ފޭދޫ، މުހައްމަދު އަފްރާހާއި، ހިތަދޫ، ހުސައިން އަލީ އަށް އަދިވެސް ގެންދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) ގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ.
ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ސީނިއަރ ކޮމިޔުނިޓީ ހެލްތު އޮފިސަރ މުހައްމަދު ނަޖީބު ވިދާޅުވީ ދެ މީހުންގެ ހާލުވެސް ސީރިއަސް ކަމަށެވެ. ދެމީހުންގެ ހާލަތަށް ވެސް އިތުރު ބަދަލެއް ނާންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޑޮކްޓަރުން މިހާރުވަނީ ދެ މީހުން ވެސް މާލެ ފޮނުވައި ލުމަށް ވިދާޅުވެފައެވެ. އެމީހުން މާލެ ފޮނުވައިލުމަށްޓަކައި ހޮސްޕިޓަލުން ކުރަންޖެހޭ ހުރިހާ ކަމެއް މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ. "މިހާރުވަނީ ޗާޓަރ ފުލައިޓެއް ގެންނަން ނިންމައި މޯލްޑިވިއަންގައި އެކަމަށް އެދިފައި. އަދި ބޯޓެއް ހަމަޖެހޭ ގޮތެއް ނުވޭ. ހަމަޖެހުނުހާ އަވަހަކަށް އެމީހުން މާލެ ފޯނުވައިލެވޭނެ އިރާދަ ކުރެއްވިއްޔާ،" ނަޖީބު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ވީހާ އަވަހަކަށް މަތިންދާ ބޯޓެއް ގަމަށް ފޮނުވައިލެވޭތޯ މޯލްޑިވިއަން އިން ވެސް ގެންދަވަނީ މަސައްކަތް ކުރައްވަމުން ކަމަށެވެ.
އެކްސިޑެންޓުގައި ދެމީހުންގެ ވެސް ބޮލަށް ވަނީ ގެއްލުން ވެފައެވެ. އޭގެ އިތުރަށް ހަށިގަނޑުގެ އެހެންތަންތަން ވެސް ވަނީ މަށައިގެންގޮސް އެކިވަރުގެ އަނިޔާވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓު ހިނގާފައިވަނީ ގަމާވީ ކޮޅުން އަފުރާހު ބާރަށް ދުއްވަމުން އައި ސައިކަލް ހުސައިން އަލީ ދުއްވި ސައިކަލުގައި ޖެހިގެންނެވެ. އެކްސިޑެންޓު ހިނގާފައިވަނީ ފޭދޫ ބޮޑު މަގުގައި ހުންނަ ޓެޓްސޯ ރެސްޓޯރެންޓް ކުރިމަތިންނެވެ. ރޭ ދަންވަރު ހިނގި މިއެކްސިޑެންޓިގެ ޚަބަރު ފުލުހުންނަށް ލިބިފައިވަނީ ރޭ 1:18 އެހައިކަންހާއިރު އެވެ. ފުލުހުން ގެންދަނީ މި ހާދިސާ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.