ވޯލްޑްކަޕް 2018 ގައި ބުރާސްފަތި ދުވަހު ކުޅުނު ތިން ވަނަ މެޗުގައި ވަރަށް އާދަޔާ ޚިލާފު ގޮތަކަށް އާޖެންޓީނާ ބަލިކޮށް ކްރޮއޭޝިއާ މުބާރުގެ ދެވަނަ ބުރުން ޖާގައެއް ހޯދައިފިއެވެ.
މެޗު ފެށުމުގެ ކުރިން ނަތީޖާ ލަފާ ކުރާ އެންމެން ކަހަލަ ގޮތަކަށް ލަފާ ކުރީ ކްރޯއޭޝިއާއަށް ލަނޑެއް ޖެހުނު ނަމަވެސް އާޖެންޓީނާ މޮޅު ވާނެ ކަމަށެވެ. އެހެންނަމަވެސް ނަތީޖާ ނުކުތީ އެހެންނެއް ނޫނެވެ.
މެޗު ފެށިގެން ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ މަދު ފުރުސަތުތަކެއް ލިބުނެވެ. އެކަމަކު ރަނގަޅަށް ކުޅުނީ އާޖެންޓީނާއެވެ. އާޖެންޓީނާއިން ވަކި ގޮތަކަށް ރާވައިގެން ކްރޮއޭޝިއާގެ އޭރިއާގެ ތެރެއަށް ވަންނާން ކުރަމުން ދިޔަ މަސައްކަތް ހަމަ އެގޮތަށް ކުރަމުން ދިޔައެވެ. ކުޅުންތެރިން އެކި ގޮތް ގޮތަށް އެކި ތަންތަނަށް ބަދަލު ކުރި ނަމަވެސް ކުޅުމުގެ ވައްޓަފާޅިއަކަށް އެއްވެސް ބަދަލެއް ނުގެނެއެވެ. ނަތީޖާއަކަށް ވީ ފާރެއްގައި ބޯ ތެޅުން ކަހަލަ ކަމަކަށް ކުޅުން ވެގެން ދިއުމެވެ.
ކްރޮއޭޝިއާ ކުޅެމުން ދިޔައީ އާޖެންޓީނާއަކީ ކޮން ފެންވަރެއްގެ ޓީމެއްކަން ދަނެގެން ވިސްނައިގެން ފަރުވާތެރިކަމާ އެކުގައެވެ.
ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް އާޖެންޓީނާގެ ގޯލްކީޕަރުގެ ފަރުވާ ކުޑަ ކަމުން ކްރޮއޭޝިއާއަށް ލަނޑެއް ޖެހިއްޖެއެވެ. ގޯލްކީޕަރަށް ލިބުނު ބޯޅަ އޭނާ ގަސްތު ކުރީ އޭރިއާ ތެރޭގައި ހުރި ރެބިޗްގެ ބޯމަތީން އާޖެންޓިނާގެ ކުޅުންތެރިޔާއަށް ދޭށެވެ. އެކަމަކު އެ ބޯޅަ ލިބުނީ ރެބިޗަށެވެ. އޭނާ ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅޭކަށް ގަސްތެއް ނުކުރިއެވެ. ބޯޅަ ވައިގެ ތެރޭގައި އޮއްވާ ގޯލާ ދިމާއަށް ފޮނުވައިލިއެވެ. ބޯޅަ މައްޗަށް އެރީ ގޯލްކީޕަރާ ވަރަށް ކައިރިންނެވެ. އޭނާގެ އަތަކު ނުޖެހުނެވެ. އެ ދިޔަ ގޮތަށް ގޮސް ވަނީ ގޯލަށެވެ.
މިކަހަލަ ކޫސަނި ލަނޑެއް ވަނީމާ އާޖެންޓީނާގެ މުޅި ޓީމަށް އެކަމުގެ އަސަރު ކުރިއެވެ. އާޖެންޓީނާއަށް އައި ހީނަރުކަމުގެ ފައިދާ ކްރޮއޭޝިއާއިން ނަގައި ކުއްލިއަކަށް ހަމަލާތައް ވަރުގަދަ ކުރަން ފަށައިފިއެވެ. އާޖެންޓީނާއަށް ފަސޭހަ ގޮތަކަށް ގޯލަށް ބޯޅައެއް ފޮނުވައިލުމުގެ ފުރުސަތެއް ނުދިނެވެ. ފަހަތް ވަރަށް ވަރުގަދަކޮށް ހިފެހެއްޓުމަށް ފަހު މެދުތެރެ ހަރަކާތަށް ގެނައެވެ. އަދި ކުއްލިކުއްލިއަށް އަރައިގަތުމުގެ ހަރަކާތްތައް ފަށައިގެންފިއެވެ. 81 ވަނަ މިނިޓުގައި ކްރޮއޭޝިއާގެ ކެޕްޓަން މޮޑްރިޗް ޖެހި ލަނޑަކީ ވަރަށް ރީތި ލަނޑެކެވެ. އޭރިއާއިން ބޭރުގައި ހުރެގެން އާޖެންޓީނާގެ ދިފާޢީ ކުޅުންތެރިޔާ ކުޑަކޮށް ނަށްޓުވާލުމަށް ފަހު ސީދާ ގޯލަށް ޖެހި ބޯޅަ ބޭރަށް މިސްރާބު ހިފުމަށް ފަހު އެނބުރިގެން ގޮސް ވަނީ ދަނޑި ކައިރިން ގޯލަށެވެ.
ކްރޮއޭޝިއާގެ ތިން ވަނަ ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަ ވެގެން ދިން އިތުރު ވަގުތުގައެވެ. މި ލަނޑު ޖެހީ ރަކިތިޗެވެ. މިއީވެސް އާޖެންޓީނާގެ ދިފާޢީ ކުޅުންތެރިންގެ ފަރުވާ ކުޑަކަމުން ވަން ލަނޑެކެވެ.
މި މެޗަކީ ވަރަށް ކުށް ގިނަވެސް މެޗެކެވެ. މުޅި މެޗުގައި 34 ކުށް ކޮށްފައި ވެއެވެ. އެއީ ކްރޮއޭޝިއާގެ 21 ކުށާއި އާޖެންޓިނާގެ 13 ކުށެވެ. މެޗުގައި ޖުމުލަ 6 ރީނދޫ ކާޑު ދައްކާފައި ވެއެވެ.