ވޯލްޑްކަޕް 2018 ގައި މިރޭ 8 ޖެހި އިރު ފެށުނު މެޗު 2 ލަނޑު 2 ލަނޑުން ދެ ޓީމު އެއްވަރު ވެގެން ނިމިއްޖެއެވެ. މި ދެޓީމުވެސް ފުރަތަމަ ކުޅުނު މެޗުން މޮޅު ވެފައި ވާތީ އޮތީ ތިން ޕޮއިންޓާއެކު ގުރޫޕުގެ 1 ވަނައިގަޔާއި 2 ވަނައިގައެވެ. މި ނަތީޖާގެ ސަބަބުން މި ގުރޫޕުން ހޮވޭނޭ ދެ ޓީމަކީ ކޮބައިކަން އެނގޭވަރެއް ނުވިއެވެ. މިރޭ އެއް ޓީމު މޮޅުވީނަމަ އެ ޓީމނެއް ދެވަނަ ބުރަށް ދާނެއެވެ. މިހާރު މިވީ ގޮތުން އަނެއްކާވެސް ހަތަރު ޓީމަށް ފުރުސަތު ހުޅުވުނީއެވެ.
މެޗު ފެށުމާއެކު ސެނެގާލުން ހަމަލާދޭން ފެއްޓިއެވެ. ޖަޕާނުން ޖެހުނީ އެންމެ ފުރަތަމަ ބޯޅައާއެކު ދިފާޢަށް މަސައްކަތް ކުރާށެވެ. ސެނެގާލުން ފުރަތަމަ ލަނޑު ޖެހީ 11 ވަނަ މިނިޓުގައި މާނޭއެވެ. މިއީ ގޯލްކީޕަރަށް ހަދާނޭ ގޮތް ހުސްވީ ކަމަށް ބުނެވިދާނޭ ލަނޑެކެވެ. އޭނާޔާ ދިމާއަށް އައި ބޯޅަ އޭނާ ދިފާޢު ކުރިއެވެ. ބާރު ބޯޅައަކަށް ވުމާއެކު ނުހިފައި ދުރަށް ފޮނުވާލަން މަސައްކަތް ކުރިއެވެ. އެކަމަކު އޭނާ އަތުން ޖައްސައި ފޮނުވާލި ބޯޅަ ގޮސް ޖެހުނީ ސެނެގާލްގެ ކުޅުންތެރިޔާގެ ފައިގައެވެ. ގޯލާ ދިމާއަށް ދިޔަ ބޯޅަ ސަލާމަތް ކުރެވޭ ގޮތެއް ނުވިއެވެ.
ސެނެގާލުން ލަނޑު ޖެހުމާއެކު ޖަޕާނުންވެސް ހަމަލާ ދޭން ފެއްޓިއެވެ. ސެނެގާލުން ވަރަށް ބޮޑަށް ފަރުވާތެރި ވެގެން ދިފާޢު ކުރަމުން ގެންދިޔައެވެ. ހަމައެކަނި ދިފާޢުން ޖަޕާނު ހިފަހައްޓަން އުޅުން ރަނގަޅު ނުވާނެކަން ދަނެގެން ދޭތެރެދޭތެރެއިން ހަމަލާވެސް ދިނެވެ.
ޖަޕާނުން ފުރަތަމަ ލަނޑު ޖެހީ 43 ވަނަ މިނިޓުގައި އިނުއިއެވެ. ޖަޕާނުގެ ނަގަޓޯމޯ ބަލަހައްޓާން އޮތީ ސާރއެވެ. އޭނާ ނަގަމޯޓޯއަށް ހަރަކާތެއް ކުރިޔަކަ ނުދެއެވެ. ބޯޅަ ނުލިބުނިއްޔާ އެހެން ގޮތެއް ހަދައިގެން ނަމަވެސް ކުރިއަށް ދެމިގަތަ ނުދެއެވެ. އެކަމަކު 43 ވަނަ މިނިޓުގައި ނަގަމޯޓޯ ކުރިއަށް ދެމިގަތީ ސެނެގާލްގެ ކުޅުންތެރިން އޯފްސައިޑް މަޅިއެއް ޖަހައިގެން ތިއްބައެވެ. އޭނާގެ ފައިގައި ޖެހުނު ބޯޅައަށް އޭނާއަކަށް ގޮތެއް ހަދައެއް ނުލެވުނެވެ. އެ ބޯޅަ ލިބުނީ އިނުއިއަށެވެ. އޭނާ ވަރަށް ރީތިކޮށް ބޯޅަ ގޯލަށް ފޮނުވައިލިއެވެ.
ފުރަތަމަ ހާފު ނިމުނީ 1 ލަނޑު 1 ލަނޑުން އެއްވަރު ވެފައި އޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން ދެ ޓީމުންވެސް ކުޅެމުން ދިޔައީ ހަމަލާ ދޭން ވިސްނައިގެންނެވެ. އެކަމަކު ދިފާޢު ވަރުގަދަ ކުރަން ވިސްނުން ބަހައްޓާއިގެންނެވެ.
ސެނެގާލްގެ ދެވަނަ ލަނޑު ޖެހީ 70 ވަނަ މިނިޓުގައި ވަގޭ އެވެ. މިއީ ސެނެގާލްގެ ކުޅުންތެރިންގެ އިސްކޮޅުން ދިގުކަމުގެ ފައިދާ ނަގައިގެން ޖެހި ވަރަށް ރީތި ލަނޑެކެވެ.
ޖަޕާނުން ދެވަނަ ލަނޑު ޖެހީ 78 ވަނަ މިނިޓުގައި ހޮންޑާއެވެ.