ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގައި ހުކުރު ދުވަހު ހަވީރު ޔުރްގުއާއީއާއި މިސުރާ ދެމެދު ކުޅުނު މެޗުގެ ފުރުހަމަ ވަގުތު ހަމަ ވެގެން އިތުރުވަގުތުގެ ފުރަތަމަ މިނިޓުގައި ލަނޑެއް ޖަހައި ޔުރްގުއާއީ މެޗުން މޮޅު ވެއްޖެއެވެ. ލަނޑު ޖެހީ ހޯސޭ ހިމިނޭޒެވެ. މިސުރު ޓީމުން މި މެޗު ކުޅުނީ ޞަލާޙާ ނުލައެވެ. މެޗުގެ ދެވަނަ ހާފުގެ 19 ވަނަ މިނިޓުގައި ޓީމުގެ މެދު ތެރެއަށް ކުޅޭ ކުޅަދާނަ ކުޅުންތެރިޔާ ޠާރިޤް ޙާމިދުވެސް ވަނީ އަނިޔާ ވެގެން ދަނޑުން ބާލާފައެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ޔުރުގުއާއީގެ ސުއަރޭޒަށް ލަނޑެއް ޖަހާނޭ ވަރަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭނާ ފޮނުވައިލީ ބޯޅަ ގޮސް ޖެހޔުނީ ގޯލުގެ އަރިމަތީ ދާގަނޑުގެ ބޭރުގައެވެ. އޭގެ ފަހުން އެހައި ރަނގަޅު ފުރުސަތެއް ނުލިބެއެވެ. ދެވަނަ ހާފުގައި އަނެއްކާވެސް ދެ ފުރުސަތެއް ޔުރުގުއާއީއަށް ލިބުނެވެ. ދެ ފުރުސަތުގައިވެސް މިސުރުގެ ގޯލްކީޕަރު ހުސިޔާރުކަމާއެކު ދިފާއު ކުރީއެވެ. 83 ވަނަ މިނިޓުގައި ޔުރްގުއާއީގެ ކަބާނީ ފޮނުވައިލީ ބާރުގަދަ ބޯޅައަކީ މި މެޗުގެ އެންމެ ފާހަގަ ކޮށްލެވޭ ހަމަލާއެވެ. މި ހަމަލާވެސް މިސުރުގެ ގޯލްކީޕަރު ދިފާއު ކުރީއެވެ. 87 ވަނަ މިނިޓުގައި އަނެއްކާވެސް ޔުރްގުއާއީ އިން މިސުރުގެ ގޯލަށް ނުރައްކާ ކުރިއެވެ. އެކަމަކު އެ ހަމަލާވެސް ކާމިޔާބެއް ނުވިއެވެ. މިސުރުގެ ޑިފެންޑަރުން އެ ހަމަލާ ނާކާމިޔާބު ކޮށްލީއެވެ.
ދެ ހާފުގައިވެސް މިސުރަށްވެސް ހަނި ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވި ދިޔައެވެ. އެކަމަކު މުޅި މެޗަށް ބަލާއިރުވެސް އެކަށިގެންވާ ހުސް ފުރުސަތުތަކެއް ލިބިފައެއް ނެތެވެ.
މި މެޗާއެކު މި ގުރޫޕުގެ ދެވަނަ ޓީމަކަށް ޔުރްގުއާއީ ވެގެން ދިޔައީއެވެ. ޔުރްގުއާއީ މެޗު ފެށިގެން ފުރަތަމަކޮޅު ދިޔައީ ލަސް ކުޅުމެއްގައެވެ. މުޅި މެޗަށް ބަލާއިރު މިސުރުގެ ކުޅުން ފެނުނީ ވަރަށް ރަނގަޅަށެވެ. ކުޅުންތެރިން ފާހަގަކޮށްގެން ފަރުވާތެރިކަމާއެކު ކުޅުނެވެ.