މިއީ އައްޑު އަތޮޅު ގަމުގައި އިނގިރޭސިން ތިބި ދުވަސްވަރުގެ ވާހަކައެކެވެ. އިނގިރޭސިން ގަމުގެ ބޭނުން ކުރަމުން ދިޔައީ ސިފައިންގެ މަރުކަޒެއްގެ ގޮތުގައެވެ. ވުމާއެކު ގަމަށް އަންނަ އިނގިރޭސިންގެ އެންމެންނަކީވެސް ސިފައިންގެ އެކި ދަރަޖައިގެ މީހުންނެވެ. ގަމުގައި ހުންނަ އެންމެ އިސް މީހަކަށް ހުންނަނީ ސީއޯ އެވެ. އާދެ، ކޮމާންޑަރ އިން ޗީފް އެވެ.
ގަމުގައި އެ ދުވަސްވަރު ކުރަން ޖެހޭ ބުރަ މަސައްކަތްތަކާއި ތަންތާނގައި ފޯރި މެރުމާއި އޮފީސް އޮފީހުގެ ސެކްރެޓަރީންނާއި ކާތިބުންގެ ގޮތުގައި ދިވެހިން މަސައްކަތް ކުރިއެވެ. އަދި ހެލްތު ސެންޓަރުގެ ވަޒީފާތަކާއި އިންޖީނުގެއާއި އެ ނޫންވެސް އެ ފަދަ ތަންތާނގެ ވަޒީފާ ތަކުގައިވެސް ދިވެހިން އުޅުނެވެ.
ކުރިންވެސް ދެންނެވި ފަދައިން ގަމަކީ ސިފައިން އުޅޭ ތަނަކަށް ވާތީ އެ ތާނގައި ހަދާފައި ހުންނަ ގަވައިދުތައް ހުންނަނީ ވަރަށް ހަރުކަށި ގޮތަކަށެވެ. މަނާ ކަމެއް ކުރަނިކޮށް ފެނުމާއެކު އެ ކަމެއް ކުރި މީހަކާ މެދު ފިޔަވަޅު އަޅައެވެ.
ގަމާއި ފޭދުއާ ދެމެދު މިހާރު އެ އޮންނަ ފާލަމެއް އޭރަކު ނޯވެއެވެ. ވުމާއެކު އެހެން ރަށް ރަށު މީހުން ގަމަށް މަސައްކަތު ދަނީ ކަނޑު މަގުންނެވެ. ދޯނި ފަހަރުގައްޔާއި އިންޖީނު ބައްތެލީގައެވެ. ކަނޑު މަގުންދާ އުޅަނދު ފަހަރު ލަފާ ތަނަށް ކިޔަނީ ދޯނި ލައިނެވެ. ދޯނި ލައިނުގައި ފޯރިއަށް ހުންނަ އިސް މީހަކީ ޕާކިސްތާނު މީހެކެވެ. އެ ތާނގައި ހުރި އެންމެ މަޝްހޫރު މީހަކަށް ވެފައި ވަނީ މުޙްޔިއްދީނޭ ނަމަކަށް ކިޔާ މީހެކެވެ. ބައެއް ދިވެހިން ވަގަށް ގެންނަ އެއްޗެތި އޭނާއަށް "ބަޚްޝީޝް" ނުވަތަ ހަދިޔާއެއް ދިނީމާ ނުބަލައި ބޭރު ކޮށް ދެއެވެ. ކުނި ފޮށިގަނޑެއްގެ ނަމުގައި ޖޫސް ފޮށްޓެއް ގެނައީމާ އިނގިރޭސިއަކު ބަލަން ހުރިއްޔާ ވަރަށް ބޮޑަށް ރުޅި އައި ކަމަށް ހަދާފައި "ސާއްލާ- ޙަރާމީ-" މިހެން ގޮސް ހިތު ހުރި އެއްޗެއް ކިޔާފައި މި ކުނި ފޮށިގަނޑު ހިފައިގެން ރައްކާވާށޭ ބުނާ ކަމަށް އޭރު ގަމަށް މަސައްކަތު ދިޔަ މީހުން ބުނެއެވެ.
ގަމުން އެއްވެސް އެއްޗެއް ހުއްދަ ނެތި ބޭރު ކުރުމަކީ މަނާ ކަމެކެވެ. ގަމުގައި ހުންނަ ބައެއް ކެންޓީނުތަކުން ދިވެހިން ކާ އެއްޗެހި ގެނެއެވެ. އެއީވެސް މަނާ ކަމެކެވެ. އެއް ދުވަހަކު މީހަކު ގަމުގައި ހުންނަ"[މާރަނގަ" އޭ ކިޔާ ކެންޓީނަކުން ގެރި ކިރު ހުސް ކުރި ދަޅަކަށް ވަރަށް ހޫނު ސައި އަޅައިގެން ނުކުތް ތަނާ ދުރުން އިނގިރޭސިއަކު އަންނަ ތަން ފެނިއްޖެއެވެ. ގަންނާ ކުރެއްވި ބިރުން މި މީހަކު ހެދި ގޮތަކީ ސައި ދަޅުން ވުޟޫ ކޮށްލީއެވެ. ހިތްޕުޅަށް ގެންނަވާށެވެ. ދުން އަރަ އަރާ ހުރި ސައިދަޅެއް ވުޟޫގެ ހުރިހައި ގުނަވަނެއްގައި އުނގުޅައިފިއެވެ. އެއަށް ފަހު ވިނަގަނޑު މަތީގައި ނަމާދު ކުރަން ފެށީއެވެ. އިނގިރޭސި މީހާ މަޑު މަޑުން ކައިރިއަށް އައިސް ބިންމަތީގައި އޮތް ދަޅުގައި ފައިން ޖަހައިލާފައި އޭނާގެ ޙަރަކާތްތަކަށް ބަލަން އިރުކޮޅަކު ހުރެފައި ހިނގައްޖެއެވެ. ނަމާދު ކުރަން ތިބޭ މީހުންނަށް އިނގިރޭސިން އުނދަގޫ ކުރާ ކަމަކަށް ނުވެއެވެ. ނަމާދު ކުރަން ހުރި މީހާ ދިލަ ނަގާ ވަރުން ހަޅޭއް ލަވައިގަތީ އިނގިރޭސި މީހާ އަޑު ނުފޯރާ ހިސާބަށް ދުރަށް ދިޔައީމައެވެ!