ފައިސާދީގެން ކެންޕޭނާއި ވޯޓު ހޯދާ ކެންޑިޑޭޓު ފަހުން ބަދަލުވާނީ ވައްކަންކުރާ މީހަކަށް: އުމަރު

އެއްވެސް އިންތިޚާބެއްގައި ފައިސާދީގެން ކެންޕޭން މަސައްކަތް ކުރުވުމާއި ފައިސާ ދީގެން ވޯޓު ހޯދާކަމަށްވާނަމަ ފަހުން އެ ކެންޑިޑޭޓަކު ބަދަލުވާނީ ވައްކަން ކުރާ މީހަކަށް ކަމަށް މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެ ކަމަށް ވިދާޅުވެ ކެންޕޭން ނުރަސްމީކޮށް ފަށްޓަވައިފައިވާ ކުރީގެ ހޯމްމިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

"ވަރަށްގިނަ މީހުންނަށް ހީވެފައި އޮންނަނީ ސިޔާސީ ކެންޕޭނެއް ކުރުމަކީ ބޮޑުވިޔަފާރިއެކޭ. ނޫނީ މިއީ ތިމަންނައަށް ވަރަށްބޮޑު ލާރިގަނޑެއް ލިބޭނޭ ކަމެކޭ. އެއީ ވަރަށްބޮޑު ކުށްހީއެއް. އެހެން އެކަން އޮންނަ ކަމަށްވާނަމަ ކެންޑިޑޭޓުން ނުކުމެ ފައިސާ ދީގެން މަސައްކަތް ކުރުވައި ފައިސާ ދީގެން ވޯޓުހޯދާ ކަމަށް ވާނަމަ އެ ކެންޑިޑޭޓު ފަހުން ބަދަލުވާނީ ވައްކަން ކުރާ މީހަކަށް،" އުމަރު ވިދާޅުވިއެވެ.

އެކެންޑިޑޭޓަކު ވައްކަންކުރާނެ ސަބަބެއް ކަމަށް އުމަރު ވިދާޅުވީ އަތުން ޚަރަދުވި ފައިސާ ހޯދުމަށާއި، ދެން އަންނަ އިންތިޚާބެއްގެ ކެންޕޭނަށް ފައިސާ ހޯދުމަށެވެ.   އެއީ ކެންޕޭން ކޮށްގެން ރައްޔިތުންގެ މަޖިލީހަށް ވަންނަ މީހަކަށް ވިޔަސް، ކައުންސިލް އިދާރާއަކަށް ވަންނަން ބޭނުންވާ މީހަކަށް ވިޔަސް ރައީސުލްޖުމްހޫރިއްޔާގެ ގޮނޑިއަށް އަންނަ މީހަކު ކަމަށް ވިޔަސް އެކަން އެހެންވާނެ ކަމަށް އުމަރު ވިދާޅުވިއެވެ. "އެހެންވީމާ ކެންޕޭން މަސައްކަތަކީވެސް ފައިސާއަށް ކުރާ ކަމެއްނޫން އަދި ވޯޓަކީވެސް ފައިސާއަށް ދޭ އެއްޗެއްނޫން،" އޭނާ ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ މުޅި ކެންޕޭނަށް ޚަރަދު ކުރާނެ ފައިސާ އަދި އޭނާގެ އަތުގައިވެސް ނެތްކަމަށެވެ. "އަދިއެއް މަގޭ އަތަކު ނެތް މުޅި ކެންޕޭނަށް ޚަރަދުކުރާހާ ފައިސާއެއް. އެއްވެސް ކެންޕޭނެއްގައި ނުވެސް ހުންނާނެ އެވަރަށް ފައިސާ. އެހެންވީމާ ކެންޕޭން ފަށާއިރު އެއްވެސް ބަޔަކު އަތަކު އެކަމަށް ބޭނުންވާ ފައިސާއެއް ނުހުންނާނެ. އެބަޔަކު ގަބޫލުކުރާ މިންވަރަށް އެއްޗެއް އޮތީމައި ފަށަނީ. އަހަރެން ވެސް އެހެން ފަށައިފައި މިއޮތީ،" އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކެންޕޭން ފޯރިގަދަވެ ވައިގައި ހިފަމުންދާ ވަރަކަށް އެކަމަށް އެހީތެރިވާނެ މީހުން ގިނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެއީ ކެންޕޭންތައް އަބަދުވެސް ހިނގާގޮތް ކަމަށް އޭނާ ވިދާޅުވިއެވެ. "ކެންޕޭން ހިންގާނީ ކެންޑިޑޭޓުގެ ޖީބަކުންނެއް ނޫން. ކެންޕޭން ހިންގާނީ ސަޕޯޓަރުންގެ ލާރީގައި. އެއީ މި ކޮންސެޕްޓް ބިނާވެފައި އޮންނަ ގޮތަކީވެސް،" އޭނާ ވިދާޅުވިއެވެ.

ސަޕޯޓަރުން މަސައްކަތް ކޮށްދޭނީ އެމީހުން ގަބޫލުކުރާ ސަބަބުތަކާއި ހަމަތަކުގެ މައްޗަށް ބިނާކޮށް އެމީހުންނަށް އެ ކެންޑިޑޭޓަކު ގެންގުޅޭ އަސާސްތައް  ގަބޫލު ކުރެވުނު މިންވަރަކުން ކަމަށްވެސް އޭނާވިދާޅުވިއެވެ. މީހުންނަށް އެގޮތަށް ގަބޫލު ކުރެއްވިއްޖެނަމަ އެމީހުން މަސައްކަތް ކޮށްދޭނީ ވެސް ހިލޭ ސާބަހަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އުމަރުވަނީ އޭނާއަށް ހިލޭ ސާބަހަށް ކެންޕޭން ކޮށްދިނުމަށް 3000 މީހުން ބޭނުންވާ ކަމަށް އިއުލާން ކުރައްވައިފައެވެ. އެ އަދަދަށް މީހުން ހަމަވާނެ ކަމުގެ ސަތޭކަ ޕަސެންޓް ޔަގީންކަން ވެސް އުމަރުވަނީ ދެއްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.