ލޭބޯފަނި (21)

(16 މޭ 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަކްބަރު މޫނު އަނބުރައިލިއެވެ. އަދި އިސް ޖަހައިގެން އިނދެ ބުނެލިއެވެ. "ތިޔައީ ޖަޒުބާތުގައި ޖެހިގެން ވިސްނާ ވިސްނުމެއް- ތިޔަ ކަހަލަ އިދިކީލި ވިސްނުމުގެ ތެރެއަށް ނުވަދޭ- މިހާރު ލިބިފައި ތިޔަވާ ހިތާމަށް އިތުރު ވުން ނޫން ކަމެއް ނުވާނެ-"

"ކުރަންވީ ކީއް ކަމެއް އަހަންނަކަށް ނޭނގޭ- އެކަނި ވުމާއެކު މި ކަހަލަ ޚިޔާލުތައް ކުރެވެން ފަށާ-"

"އަހަރެމެން ފީރޯޒާ އެކަނި ވިޔަ ނުދެނީ އެހެން ވެގެން- ދައްތަ ނެތިއްޔާ އަހަރެން ހުންނާނަން-" އަކްބަރު އަނެއްކާވެސް އޭނާޔާ ދިމާއަށް އެނބުރިއްޖެއެވެ. "އަހަރެން މިބުނާ ގޮތަށް ހަދާ- މަންމައަށް ހެޔޮ ދުޢަކޮށް ކެތްތެރިވާން ދަސްކުރޭ- އަމިއްލަ އުސޫލެއްގެ މައްޗަށް ދިރިއުޅެން ދަސްކުރޭ- އަހަރެންގެ ލޯބީގެ ތެރެއަށް ވަދޭ- ނިދި އައީމާ އަހަރެންގެ މޭގައި ބޯ އަޅައިލައިގެން އޮވެ ނިދާ- މަންމަގެ ހަނދާން ވާން ފެށީމާ އަހަރެންގެ ގާތްކަމާއި ލޯބީގެ އިހުސާސްގެ ތެރެއަށް ވަދޭ- ދިރިއުުމުގެ ބާކީ އޮތް ބައި ފީރޯޒާ ހޭދަ ކުރާނީ އަހަންނާ އެކީގައި-"

އަކްބަރު އަނެއްކާވެސް ފީރޯޒާ ގަޔާ ކައިރިކޮށް ބައްދައިލިއެވެ. އޭނާވެސް އަކްބަރުގެ މޭގައި ބޯ ޖައްސައިލައިގެން އިނދެ ރޯން ފަށައިފިއެވެ. ކަރުނަ ފޮހޭނޭ ރުމާލެއް ލިބިއްޖެއޭ ބުނާ ކަހަލަ ގޮތަކަށެވެ. އަކްބަރު އޭނާގެ ފިނިފެންމަލުގެ ކުލަ އަރައިފައިވާ މޫނު މަޑުމަޑު އުފުލައިލިއެވެ. އަދި ރުމާލުން އޭނާގެ ކަރުނަ ފޮހެން ފަށައިފިއެވެ. އޭނާއަށް ހަމްދަރްދީ ލިބޭން ފަށައިފިއެވެ.

ހަމްދަރްދީގެ މާނައަކީ އެހެން މީހެއްގެ ހިތާމައާއި ވޭނުގައި ބައިވެރިވުމެވެ.

ބައިވެރިވުމުގައި އިންސާނުން ގެންގުޅޭ އުސޫލެއް އޮވެއެވެ. އެއީ އަހަރެން ކަލޭގެ ހިތާމަ ލުއިކޮށް ދޭނަމެވެ. ކަލޭ އަހަރެންގެ ބޭނުން ފުއްދައި ދޭށެވެ.

ހިތާމައިންވެސް ފައިދާ ލިބިގަންނަނީއެވެ. ވިޔަފާރި ކުރަނީއެވެ.

އުނގަށް ލައިގެން ހިތާމަ ލުއިކޮށްދޭން އަންނަ މީހުންނަކީ ފާޑެއްގެ ބައެކެވެ. އެފަދަ މީސްމީހުންނަކީވެސް ހިތާމައެވެ. ހިތާމައިގެ ވަސީލަތެވެ.

ހިތާމައިގެ އަސަރަކީ ކޮބައިކަން އޭނާ ދަނެއެވެ. އެކަމަކު ހަގީގަތެއް ނޭނގެއެވެ. ހިތާމައިގެ އަސަރުގައި ޖެހޭ މީހާއަށް ލިބެނީ އެހެން ހިތާމައެއް ކަމެއް ނޭނގެއެވެ. އޭނާ އެ ގެންދަނީ ހިތާމައަކުން ނުކުމެގެން އެހެން ހިތާމައެއްގެ ތެރެއަށް ވަންނާކަށް ކަމެއް ނޭނގެއެވެ. އޭނާގެ މުޅި ނަފުސު އަކްބަރާ ހަވާލު ކޮށްފިއެވެ. ސާޅީސް ވުމާއެކު އޭނާޔާ އިނުމުގެ ކަންތައް ކުރިއަށް ގެންދާނޭ ކަމަށް އަހުދު ކުރުވުމަށް ފަހުގައެވެ.

ސާޅީސް ވެއްޖެއެވެ. އެކަމަކު އެ ދުވަހު އަކްބަރު ބުންޏެވެ. "ކޯޓުގައި އޮތް މައްސަލައަކަށް އަހަރެން ލާހޯރަށް ދާން ޖެހިއްޖެ- ހަފްތާއެއްހައި ދުވަހުން އަންނާނަން- އައިސް ކާވެނީގެ ކަންތައް ހަމަ ޖައްސާނީ-"

އޭނާ ބޭނުން ވަނީ ކޮންމެވެސް ބަހަނާއެއް ދައްކައިގެން ފީރޯޒާއާއި އޭނާގެ ބައްޕަގެ ލޮލުގައި އަނދުނެއް އަޅުވާށެވެ. ކޯޓުގައި މައްސަލައެއް އޮތީއެއް ނޫނެވެ. ވިޔަފާރީގެ މައްސަލައެއް ނެތެވެ. އަނބިދަރީންގެ މައްސަލައެއްވެސް ނެތެވެ. ވަގުތު އެބަ އޮތެވެ. މަދީ ކުރާން ހުރި ކަންތަކެވެ. ފައިސާ އެބަހުއްޓެވެ. ދަތި އެއްވެސް ކަމެއް ނެތެވެ. ފައިސާ ޚަރަދު ކުރަނީ ޢައްޔާޝީ ކަންތައްތަކަށެވެ. އަންހެނުން ނަށާތަން ބަލަން ރަންޑީޚާނާތަކަށް ދެއެވެ. އެކަމަކު އެއިން އަންހެނެއްގެ ގަޔަކު އަތެއް ނުލައެވެ. ހަމައެކަނި ބަލައިލަނީއެވެ. އަތް ލަނީ އަބުރުވެރި ގޭގޭގެ އަންހެން ދަރީންގެ ގައިގައެވެ. އެކަމަކު އެ ކުދިންނަކީ ކަރުގައި އެޅުވޭ މަޅިއަކަށް ވިޔަކަ ނުދެއެވެ.

އޭނާގެ ސިކުނޑި ވަނީ ފުރިފައެވެ. ހަދާނޭ ގޮތަކާމެދު ވިސްނަނީއެވެ. ފީރޯޒާ ދޫކޮށްލަން ވިސްނައެވެ. މިހާރު އޭނާގެ ބޭނުމެއް ނެތެވެ. ބޭނުންވާ ވަރަށް ލޫޓުވިއްޖެއެވެ. އިތުރަކަށް ކުރާނޭ ކަމެއް ނެތެވެ. އެކަމަކު ދޫކޮށްލާނަމޭ ހިތަށް އެރުމާއެކު ފީރޯޒާގެ ރީތިކަން ހުރަހަކަށް ވެދެއެވެ.

ރީތި އަންހެނުން ދުނުޔެއަކު މަދެއް ނޫނެވެ. އޭނާ ވަނީ ދުނިޔޭގެ އެތަންމިތަނަށް ދަތުރު ކޮށްފައެވެ. ރީތި އަންހެނަކު ކޮންމެ ތަނަކުންވެސް ހޯދިދާނެއެވެ. އެކަމަކު ފީރޯޒާ ދޫކުރެވޭކަށް ނެތެވެ. އަޖައިބެއް ފަދަ ކަމެކެވެ. އެހެން ކުދިންގެ ކިބައިގައި ނުހުންނަ ކަހަލަ ދަމާ ބާރެއް އޭނާގެ ކިބައިގައި އެބަހުއްޓެވެ. އޭނާ އަންނަނީ ލޫޓުވާށެވެ. އެކަމަކު އެނބުރި ދަނީ ލޫޓުވިގެންނެވެ. ޖާދޫގައި ޖެހިގެންނެވެ.

އެރޭ އޭނާ ބޭނުން ނަމަ މަންމަ މަރައިނުލައި ފަރު ޖެއްސުނީހެވެ. އުންޑައިން އޭނާ ސަލާމަތް ވިއެވެ. އެހެންވީމާ ހަމަޖެހިގެން ސަލާމަތުން ގެއަށް އާދެވުނީހެވެ. ދަރިފުޅުގެ އަބުރު ސަލާމަތް ކުރުމުގެ ބޭނުމުގައި މަންމަ އެ ވާހަކައެއް ނުދެއްކީހެވެ. އެންމެ ބޮޑު ކަމަކަށްވެސް ކުރާނޭ ކަމަކީ އޭނާ އެގެއަށް އައުން މަނާ ކުރުމެވެ. ދަރިފުޅާ ބައްދަލު ކުރުން މަނާ ކުރުމެވެ. މައްސަލައަކީ އެއީއެވެ. އޭނާ ބޭނުން ނުވާ ކަމަކީ އެއީއެވެ.

ހުރަސް ނައްތާލި ސަބަބަކީ އެއީއެވެ. އެކަމަކު މިހާރު ދެރަވަނީ ހުރަސް ނައްތައިލެވުނީތީއެވެ. އެއީ ކީއްކުރަން ކުރި ކަމެއް ހެއްޔެވެ؟ މަންމަ ދުނިޔޭގައި އިންނަމަ ހުރަސް އޮތީހެވެ. ފީރޯޒާއާ ބައްދަލު ކުރާކަށް ފަސޭހައެއް ނުވީހެވެ. އެހެންވީމާ މަންމަޔާ ހެދިއޭ ކިޔާފައި ފީރޯޒާއާ ދުރަށް ދާންވެސް ފަސޭހަ ވީހެވެ. މިކަހަލަ މައްސަލައެއްގެ ތެރެއަކަށް އޭނާ މީގެ ކުރިން ދުވަހަކުވެސް ނުވަދެއެވެ. ފީރޯޒާ ދޫކޮށްލަން އޭނާ ބޭނުން ވެއެވެ. އެކަމަކު އޭނާޔާ ދުރަކަށްވެސް ނުދެވެއެވެ. ފީރޯޒާގެ ސަބަބުން ބަދުނާމު ވާކަށްވެސް ބޭނުމެއް ނުވެއެވެ. ބަދުނާމުން ސަލާމަތް ވާން ކިތަންމެ ބަޔަކު ގަތުލު ކުރަން ޖެހުނަސް އޭނާ އެހެރީ ތައްޔާރަށެވެ.

ލާހޯރަށް ގޮސް ފީރޯޒާގެ މަތީން ހަނދާން ނައްތައި ލެވޭތޯ އޭނާ މަސައްކަތް ކުރިއެވެ. އަންހެނުން ހޯދުމާއި، ވިޔާނުދާ އަމަލުތަކުގެ ތެރެއަށް ގެނބިގެންފިއެވެ. އެކަމަކު އައްޔާޝިގެ ދާނުން ތެދުވުމާއެކު ކުރިމަތީގައި އެނބުރިގަންނަނީ ފީރޯޒާއެވެ.

މިފަދަ ގޮތަކަށް އޭނާ ދެމަސް ދުވަސް ހޭދަކޮށްފިއެވެ. އެއް ދުވަހަކު މަޖުބޫރު ވެގެން ފޯނު ކޮށްފިއެވެ. ފޯނު ނެގީ ސަލްމާއެވެ. "އަކްބަރު ވާހަކަ ދައްކަނީ-"

"އަކްބަރު- ކޮންތާނކު ތިޔަ އުޅެނީ ފިލައިގެން- ފީރޯޒާ ފަކީރު ރޮއިރޮއި ހަލާކު ވަނީ-"

ދެން އިވުނީ ފީރޯޒާގެ އަޑެވެ. "ފަހަރި- އަހަރެންގެ އަތަށް ދީ-"

އޭނާ ސަލްމާގެ އަތުން ފޯނު އަތިުލައިގެން ވާހަކަ ދައްކާން ފެށިއެވެ. "ހަލޯ- އަކްބަރު- މިއަދު އަހަރެމެންގެ މަތީން ހަނދާންވީ ކިހިނެއް-؟ ވަފާތެރިކަން ތިޔަ ދައްކަނީ ހާދަހާ ރަނގަޅަކަށޭ-"

އަކްބަރު ބުންޏެވެ. "ބޭނުން ވަރަކަށް އެއްޗެހި ކިޔާ- އެކަމަކު އަހަންނަށް ދިމާވީ މަޖުބޫރީގެ ވާހަކަވެސް އަހައިލަބަލަ- ކޯޓުގެ މައްސަލަ ބޮޑު ވެގެން ގޮސް އެންމެ ފަހުން އަހަންނަށް ޖަލަށްވެސް ދާން ޖެހުނީ-"

"މި ކޮޅުގައި އޮތީ މާ ބޮޑު މައްސަލައެއް- އަހަރެންގެ ބަނޑު ބޮޑު- އަހަރެން މީނީ ބަލިވެ-"

"ކީކޭ-؟" އޭނާއަށް ހަޅޭއް ލަވައިގަނެވުނެވެ. "ކީކޭ ތިޔަ ކިޔަނީ-؟"

ފީރޯޒާ އަޅައަޅައިގެންފައި ބުންޏެވެ. "އަހަރެން މީނީ އަކްބަރުގެ ދަރިއަކަށް ބަލިވެ-"

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.