ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް 4 ވަރަކަށް މަހަށްވީއިރު ވެސް އިދިކޮޅު ކޯލިޝަނަށް ކެންޑިޑޭޓަކު ނުދެއްކުނު ކަމަށް ވިދާޅުވެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް ޖޭޕީގެ މެންބަރު އަދި ގާސިމް އިބްރާހީމް އެޑުވައިޒަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރަކީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އެންމެ ފުރަތަމަ އިއުލާން ކުރެއްވި ބޭފުޅާއެވެ. އެހެންނަމަވެސް ފަހުން ވިދާޅުވެފައިވަނީ ވާދަ ނުކުރައްވާނެ ކަމަށެވެ. އެކަމަކު އަނެއްކާވެސް ވާދަކުރައްވާ ގޮތަށް ނިންމެވީ ގުޅިފައިވާ ޕާޓީތަކަށް އެއް ކެންޑިޑޭޓަކު ނުނެރެވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
އުމަރު އެހެން ވިދާޅުވިޔަސް ކޯލިޝަނުން ވިދާޅުވަމުން ގެންދަވަނީ ކެންޑިޑޭޓަކު އެބަހުންނެވި ކަމަށެވެ. ވަގުތު ޖެހުމުން އޭނާ ތައާރަފް ކުރައްވާނެ ކަމަށެވެ. އެކަމާ ބެހޭ ގޮތުން އުމަރު ވިދާޅުވީ "އިންތިޚާބު ބާއްވަން 4 މަހަށްވިއިރު ވެސް ކެންޑިޑޭޓަކު ނުދެއްކޭ. ހުރިނަމަ ދައްކަންވީނޫން" ކަމަށެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ކެންޑިޑޭޓަކު ނެރޭ ކަމަށްވާނަމަ އެބޭފުޅަކާ ވާދަ ނުކުރައްވާނެ ކަމަށެވެ. ފާއިތުވި އަހަރު ތަކެކޭ އެއްފަދައިން ޖޭޕީން ޖެހޭނީ "އަމިއްލަ ފައިމަތީގައި ހިނގަން. ދެހާސް އަށެއްގައިވެސް އަދި ދެހާސް ތޭރައިގައިވެސް ހިނގައިފި، އެހެންވީމާ ދެހާސް އަށާރައިގައިވެސް ހިނގެންވާނެ،" އުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ "ރިޔާސީ އިންތިޚާބުގައި ޖޭޕީ ވާދަކުރާ ހާލަތެއްގައި ޖޭޕީގެ ނިންމުމާއެކީ ހުންނާނަން. ޖޭޕީ ވާދަނުކުރާނަމަ އަމިއްލަ ގޮތުން ކުރިމަތިލާނަން،" ކަމަށެވެ. އޭނާ ވިދާޅުވީ ޖޭޕީއިން އެމްޑީޕީ ނުވަތަ ޕީޕީއެމްގެ ފަހަތުން ނުކުމެއްޖެ ކަމަށްވާނަމަ ޖޭޕީއަށް އެ ކަމުގައި ޚިދުމަތް ކޮށްދެއްވުމަށް ނުހުންނަވާނެ ކަމަށެވެ.
އުމަރު ވިދާޅުވީ ރިޔާސީ ކޮންމެ އިންތިޚާބެއްގައި ވެސް ޕީޕީއެމާއި، އެމްޑީޕީގެ އިތުރަށް ތިންވަނަ ޕާޓީއެއް ނުވަތަ ތިންވަނަ މެންބަރެއް ހުންނާނެ ކަމަށެވެ. ފާއިތުވި އިންތިޚާބު ތަކަށް ބަލާއިރު ތިންވަނަ ފަރާތަކަށް ވެފައިވަނީ ޖޭޕީ ކަމަށާއި މިފަހަރުވެސް ތިންވަނަ ފަރާތަކަށްވާނީ އެޕާޓީ ކަމަށް އުމަރު ވިދާޅުވިއެވެ. "އެހެންވީމާ އަޅުގަނޑު މަސައްކަތް ކުރާނީ ޖޭޕީން ޕްރައިމަރީއެއް ބާއްވާ ކަމަށްވާނަމަ އޭގައި ބައިވެރިވެގެން ތިންވަނަ ފަރާތަކީ އަޅުގަނޑު ކަމަށް ވުމަށް،" ކުރީގެ ހޯމްމިނިސްޓަރ އުމަރު ވިދާޅުވިއެވެ.
އުމާރު މިހާރުވަނީ ރިޔާސީ މެނިފެސްޓޯވެސް ތައްޔާރު ކުރައްވަން ފައްޓަވައިފައެވެ.