އަދުގެ އިސްލާމީ ދުނިޔެ – 8

(7 އޭޕްރީލް 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ފަހެ، 1962 ހިސާބުގައި ޤާސިމްގެ ވެރިކަން ބަލިކަށިވެ، ޢިރާޤްގައި ބަޢަޘްޕާޓީ ހަރަކާތަށް ގެނެސް ވަރުގަދަ ވެގެން ދިޔައެވެ. އަދި، ޢިރާޤް އަރމީ ފޯރސަސް ތެރޭގައި ޕޭން އަރަބިސްޓް ގްރޫޕެއް އުފެދި، ބަޢަޘްޕާޓީގެ އަރމީ ޔުނިޓަކުން، 8 ފެބްރުއަރީ 1963 ގައި ގެނެވުނު ރަމަޟާން އިންޤިލާބްގައި، ޤާސިމް އަވަހާރަކޮށް ލުމަށް ފަހު، ފުރަތަމަ ފަހަރަށް ބަޢަޘްޕާޓީ އަށް ވެރިކަން ލިބިގަތީއެވެ. މިއިންގިލާބީ ފޮރޮޅާލުން ގެނައި، ޢިރާޤީ ރިވޮލިއުޝަނަރީ ކޮމާންޑް ކައުންސިލް (IRAQI REVOLUTIONARY COMMAND COUNCIL) އިން ވަނީ، މިކައުންސިލްގެ ރައީސް އަކީ، ޢަބްދުއްސަލާމް މުޙައްމަދު ޢާރިފް ކަމުގައި މާކުރިން ހަމަޖައްސައި ނިންމާފަ އެވެ. ފަހެ، ޒުވާން ޞައްދާމް ޙުސައިން އަކީ، އޭރު ސިފައިންގެ ސޯލްޖަރެއްގެ ހައިސިއްޔަތުން އިސްރޯލް އެއް ކުޅުއްވި ކުޅަދާނަ، ހުނަރުވެރި ޒުވާން ޢަސްކަރީ ލީޑަރ އެކެވެ.

އާދެ! ބަޢަޘްޕާޓީގެ ނަމަކީ، ޙިޒްބުލް ބަޢަޘުލް ޢަރަބިއްޔިލް އިޝްތިރާކިއްޔި (ARAB SOCIALIST BA’ATH PARTY) އެވެ. ފުރަތަމަ ބިންގާ އެޅުނީ، 1947 ގައި ސޫރިޔާގައެވެ. ދެން ޢިރާޤް އަށް ފެތުރި  އެކި ޤައުމުތަކަށް ގޮފިތައް ބެހިގެން ދިޔައީއެވެ. އެހެނަސް ސިޔާސީ ނުފޫޒާއި ބާރާއެކު، މިޕާޓީ ހަރަކާތްތެރި ވަނީ، ޢިރާޤް އާއި ސޫރިޔާ ގައި އެކަންޏެވެ. ފަހެ، ޢިރާޤްގެ ރަމަޟާން އިންޤިލާބް އަކީ، 1963 ފެބްރުއަރީ 8 އިން ފެށިގެން، 10 ވަނަ ދުވަހަށް ހިންގުނު ޢަސްކަރީ ވަރުގަދަ އިންޤިލާބް އެކެވެ. ދެން އެއަށް ފަހު، ވެރިކަމަށް އެރީ، ބައަޘްޕާޓީގެ އިސް ލީޑަރ އަދި ޢަސްކަރީ ބޭފުޅެއް ކަމުގައިވާ، ޢަބްދުއްސަލާމް ޢާރިފް އެވެ.

ފަހެ، މޮޑަން އިރާޤްގެ ދެވަނަ ރައީސުލް ޖުމްހޫރިއްޔާ އަކީ، ޢަބްދުއްސަލާމް މުޙައްމަދު ޢާރިފް އަލްޖުމައިލީ (21 MAR 1921 – 16 APR 1966) އެވެ. އޮފީހުގައި އިންނެވީ، 8 ފެބްރުއަރީ 1963 އިން ފެށިގެން، 13 އެޕްރީލް 1966 އަށެވެ. އަވަހާރަވީ، 13 އެޕްރީލް ގައެވެ. މަރުވިއުރު ޢުމުރު ފުޅަކީ، 45 އަހަރެވެ. މަރުވާން ދިމާވީ، ޢިރާޤީ ރޮޔަލް އެއަރފޯރސް، (ޕީއެފް 392) ނަންބަރުގެ، ޑީއެޗް.104 ޑޯވް މަތިންދާ ބޯޓެއްގައި ދެކުނު ޢިރާޤްމަތިން ދަތުރެއްގައި އުޅުއްވަނިކޮށް ކްރޭޝް ވެގެންނެވެ. ދެން ޢިރާޤްގެ ވެރިކަމަށް ގެނެވުނީ، ޢަބްދުއްސަލާމްގެ ބޭބެ، ޢަބްދުއްރަޙްމާން އެވެ. ފަހެ، ޢަބްދުއްރަޙްމާން ރައީސް ކަމުގެ ހުވާ ކުރައްވަން ދެން، 3 ދުވަހު ވަގުތީގޮތުން ވެރިކަމުގައި ހުންނެވި ވަގުތީ ރައީސްއަކީ، ޢަބްދުއްރަޙްމާން އަލްބައްޛާރު (1913 – 1973) އެވެ. އޮފީހުގައި އިންނެވީ، 13 އެޕްރީލް 1966 އިން ފެށިގެން، 16 އެޕްރީލް 1966 އަށެވެ.

ފަހެ، ޢިރާޤްގެ ތިންވަނަ ރައީސުލް ޖުމްހޫރިއްޔާ އަކީ، ޢަބްދުއްރަޙްމާން މުޙައްމަދު ޢާރިފް އަލްޖުމައިލީ (1916 – 2007) އެވެ. އޮފީހުގައި އިންނެވީ، 16 އެޕްރީލް 1966 އިން ފެށިގެން، 17 ޖުލައި 1968 އަށެވެ. 17 ޖުލައި ގައި ރައީސް އަވަހާރަ ފުޅުގައި އޮންނަވަނި ކޮށް، އެވެރިކަން ނިމުމަކަށް ގެނައީ، އަޙްމަދު ޙަސަން އަލްބަކްރުގެ ޤިޔާދަތުގެ ދަށުން ގެނެވުނު ލޭއޮހެރުމެއް ނެތް، ޢަސްކަރީ ހިނމޭން އިންޤިލާބަކުން ނެވެ. ރޭޑިޔޯސްޓޭޝަން އާއި މިނިސްޓްރީ އޮފް ޑިފެންސް ޢަސްކަރީން ވަށާލުމަށް ފަހު، ޑިފެންސް މިނިސްޓަރ ރައީސް އަށް ފޯން ކުރައްވާފައި މިހާރު ރައީސްއަކީ މަނިކުފާނު ނޫންކަމުގައި ދެންނެވީއެވެ. އަދި އެއަށް ފަހު، ޢަބްދުއްރަޙްމާން ޢާރިފް، ތުރުކީ އަށް ޞުލްޙަ ވެރިކަމުގައި ފޮނުވާ ލެވުނީއެވެ. 1979 ގައި ޞައްދާމްގެ ވެރިކަމުގައި ހުއްދަ ލިބިގެން އަނބުރާ ޢިރާޤަށް ވަޑައިގެން، ރީތި ޝަރަފްވެރި ދިރިއުޅުމެއް އުޅުއްވިއެވެ. އަދި ޞައްދާމް އައި ދެކޮޅަށް އެމެރިކާނުން، 2003 ގައި ޢިރާޤަށް އެރުމުން، ޖޯރްޑަން، އައްމާން އަށް ވަޑައިގެން އެރަށުގައި ހުންނަވައި، 24 އޯގަސްޓް 2007 ގައި އަވަހާރަވީ އެރަށުގައެވެ.

ފަހެ، ޢިރާޤްގެ ހަތަރުވަނަ ރައީސުލް ޖުމްހޫއްރިއްޔާ އަކީ، އަޙްމަދު ޙަސަން އަލްބަކްރު (1914 – 1982) އެވެ. އޮފީހުގައި އިންނެވީ، 17 ޖުލައި 1968 އިން ފެށިގެން، 16 ޖުލައި 1979 އަށެވެ. އަލްބަކްރު އަކީ، ޢިރާޤީ ރިވޮލިއުޝަނަރީ ކައުންސިލް (އާރސީސީ) ގެ ޗެއަރމަން އެވެ. އަދި ޤައްމުގެ ރައީސް ކަމާއި ބޮޑު ވަޒީރު ކަމާވެސް ހަވާލުވެލެއްވީ، އަމިއްލައަށެވެ. އަދި އާރސީސީގެ ވައިސް ޗެއަރކަން ދެއްވީ، ޞައްދާމް ޙުސައިން އަށެވެ. ފަހެ، 2003 ގައި އެމެރިކާނުން ޢިރާޤަށް އަރައި ހިފަންދެން މިކައުންސިލް ދެމިއޮތެވެ. ފަހެ، ޚާރިޖީ ސިޔާސަތަކީ، ޖަމާލް ޢަބްދުއްނާޞިރުގެ ޔުނައިޓަޑް އަރަބް ރިޕަބްލިކް އައި ގާތް ގުޅުމެއް ބޭއްވުމެވެ. އެހެނަސް ރަސްމީކޮށް ބައިވެރިއެއް ނުވެއެވެ.

ފަހެ، ޢިރާޤްގެ ފަސްވަނަ ރައީސުލް ޖުމްހޫރިއްޔާއަކީ، ހިތްވަރުގަދަ ޤައުމީބަޠޮލް ޞައްދާމް ޙުސައިން (28 APR 1937 – 30 DEC 2006) އެވެ. ފުރިހަމަ ނަމަކީ، ޞައްދާމް ޙުސައިން ޢަބްދުލްމަޖީދް އަލްތިކްރީތީ އެވެ. އޮފީހުގައި އިންނެވީ، 16 ޖުލައި 1979 އިން ފެށިގެން، 9 އެޕްރީލް 2003 އަށެވެ. އެމެރިކާނުން، ޢިރާޤަށް އަރައި ޢިރާޤްގެ ވެރިކަން ފޭރިގަނެ ޖަހައިގަންނަން ދެން، ސާބިތުކަމާ އެކު ޞައްދާމް ޙުސައިން ޤައްމައިގެން ކުރިޔަށް ދިއުމުގައި ދެމިހުންނެވި އެވެ. އެމެރިކާއިން އިނގިރޭސިންނައި ގުޅިގެން، 2003 ގެ އިންވޭޝަން އޮފް އިރާކް، 19 މަރޗް އިން ފެށިގެން، 1 މެއި 2003 އަށް ކުރިޔަށް ގެންދިޔައެވެ. ފަހުން ޢިރާޤް ވޯރ އަށް ބަދަލުވީއެވެ. ޢިރާޤް ހަނގުރާމަ، 20 މަރޗް 2003 އިން ފެށިގެން، 15 ޑިސެމްބަރ 2011 އަށް ކުރިޔަށް ގެންދިޔައެވެ. ނަތީޖާއަކީ، މުޅި ޢިރާޤް ހިފައި ޞައްދާމް އަތުލުމަށް ފަހު، ދަންޖައްސައި މަރާލުމެވެ. އަދި މުޅި ޢިރާޤް ސުންނާފަތިކޮށް އެބިމުގެ މުއްސަނދި ކަމުގެ މައްޗަށް ވެރިވެ އިސްތިޢްމާރް ކުރުމެވެ.

އެމެރިކާއިން، ޢިރާޤް އިސްތިޢްމާރު ކުރުން

ދުނިޔޭގެ ސްޕަރޕަވަރ ކަމުގައިވާ، އެމެރިކާ އަކީ، ޞައްދާމް ޙުސައިން އަށް ވެރިކަމުގެ ބާރުތައް ވަރުގަދަކޮށްދީ ކޮމިއުނިޒަމް (COMMIUNISM) ފިކުރުގެ މީހުންނައި ދެކޮޅަށް އޭނާލައްވައި ގިނަކަންތަކެއް ކުރުވި ފަރާތެކެވެ. އަދި ޝީޢީ ފިކުރެއްގެ ގޮތުގައި ބާރަކަށް ވަމުންދާތީ އެފިކުރާ ދެކޮޅަށް ވެސް ޞައްދާމް ލައްވައި ގިނަގުނަކަންކަން ކުރުވި ފަރާތެކެވެ. އީރާންގެ މުސްލިމުންނާ ދެކޮޅަށް ޞައްދާމް ލައްވައި ދިގު ހަނގުރާމައެއް ކުރުވީވެސް އެމެރިކާ އަޑީގައި އޮވެގެން ހަތިޔާރާއި ވާގިދީގެންނެވެ. އަލްޤާޢިދާ އާއި ދާޢިޝްގެ ހަނގުރާމަވެރިން ދުނިޔެއަށް ނެރުމުގެކުރިން އެމެރިކާއިން އެންމެފުރަތަމަ މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރުވީ ޞައްދާމް ލައްވައެވެ. މިތަޖްރިބާއަށް ފަހު، އަލްޤާއިދާ އާއި ދާޢިޝް އަކީވެސް އެމެރިކާގެ ސިއްރު އުފެއްދުމެކެވެ. ދާޢިޝްގެ ވާހަކަ ފަހުން ގެންނާނަމެވެ. އިންޝައައްލާހް!

އެހެނަސް ޞައްދާމް އަކީ، އިސްލާމީ ޢަޤީދާގެ ބަތޮލަކަށްވެފައި ސުންނީފިކުރުގެ ގަދަފަދަ ލީޑަރަކަށް ވުމާއި، ތެލުގެ މުއްސަނދިކަމުން ކުރިއަރަމުން އަންނަ ބާރަކަށް ވުމާއި، އަދި ޒައޮނިޒަމް ފިކުރައި މުޅިން ދެކޮޅު ބަތޮލެއްކަން އެމެރިކާއަށް ޔަޤީންވުމާއެކު، ޞައްދާމްއައި ފާޅުގައި ދެކޮޅުހެދީއެވެ. އަދި ޢިރާޤްގެ ތެލުގެ މުއްސަނދިކަން ޞައްދާމް ޒައޮނިޒަމް ފިކުރައި ދެކޮޅަށް ބޭނުންކުރުމުގެ ކުރިން އެސަރަޙައްދުގެ ތެލުގެބާރު އަތުލައިގަތުމުގެ ދަހިވެތިކަމުގައި އެމެރިކާ އިސްކޮށް އޮވެގެން، އިނގިރޭސިން ނާއި އެހެން ބައެއް ޤައްމުތަކުގެ ޢަސްކަރީ އެހީއާއެކު، ޞައްދާމް ޙުސައިން އައި ދެކޮޅަށް ހަނގުރާމަ ފެށީއެވެ. އަދި ޢިރާޤަށް އަރައި އިސްލާމުންގެ ވެރިރަށެއް ކަމުގައިވާ ބަޣްދާދު ހިފީއެވެ. އަދި ސުންނާފަތިކޮށް ލީއެވެ. އެ ހަނގުރާމައިގާ ޞައްދާމް ޙުސައިންގެ ވެރިކަން ވައްޓާލުމަށް ފަހު، ޢިރާޤް ގައި ގަވަރމަންޓް ކައުންސިލެއް އުފައްދައިދީ، 2003 އިން ފެށިގެން، 2004 އަށް ޢިރާޤްގެ ވެރިކަމުގެ ނިޒާމް ބެލެހެއްޓީ އެކައުންސިލް އިންނެވެ. ފަހެ، މިހާ ހިސާބުން ބަޢަޘްޕާޓީގެ ވެރިކަން ޢިރާޤްގައި މުޅިން ނިމުމަކަށް ގެނެވުނީއެވެ. ސުންނީ ޖަމާޢަތުގެ ބާރު ކެނޑި ޝީޢީންނަށް އިސްކަން ދެވުނީއެވެ. ޞައްދާމްގެ ފަޚުރުވެރި ވެރިކަން ވެއްޓުނީއެވެ. އިސްލާމީ ބަތޮލަކު ނެތިކޮއްލައި ކުރިއަރާފައިވާ ބަޣްދާދު ފުނޑުފުނޑުކޮށް ލީއެވެ.

ފަހެ، 28 ޖޫން 2004 އިންފެށިގެން، 7 އެޕްރީލް 2005 އަށް މިކައުންސިލް ގެ ރައީސް އަކަށް ހުރީ، ޣާޒީ މަޝްޢަލް ޢުޖައިލް (1958 – —-) އެވެ. ޢިރާޤްގެ ހަވަނަ ރައީސުލް ޖުމްހޫރިއްޔާ އަކީ، ޖަލާލް ޠޮލަބާނީ (1933 – —-) އެވެ. އޮފީހުގައި، 7 އެޕްރީލް 2005 އިން ފެށިގެން މިއަދާ ހަމައަށް ވެސް އިންނެވީ މީނާއެވެ. އަދި، 20 މެއި 2006 އިން ފެށިގެން ބޮޑުވަޒީރަކީ، ނޫރީ ކާމިލް މުޙައްމަދު ޙަސަން އަލްމާލިކީ (NORI KAMIL MOHAMMED HASAN AL MALIKI, 20 JUN 1950 – —–) އެވެ. މަޝްހޫރު ނަންތަކަކީ، ޖަވާދް އަލްމާލިކީ އާއި އަބޫ އިސްރާ އެވެ. މިއީ ޢިރާޤްގެ، 74 ވަނަ ޕްރައިމިނިސްޓަރ އެވެ. މީނާ އަކީ ޞައްދާމް ބޭރުކޮށް ލުމުގައި އެމެރިކާނުންނާ އެކު ވަރަށް ގާތުން މަސައްކަތް ކުރި މީހެކެވެ. އީރާން އާއި ހިޒްބުﷲގެ ރަޙްމަތްތެރި، ޝީޢީ މީހެކެވެ. އަދި ވެސް ވެރިކަމުން ނުފައިބާ އިތުރު ދައުރެއް ގަދަބާރުން ނެގޭތޯ އެގޮތްމިގޮތަށް މަސައްކަތް ކުރަމުން ގެންދާ ބޮޑު ވަޒީރެވެ.

ޤުދުސް ހިފުން

މާތް ވެގެންވާ، މުޤައްދަސް ޤުދުސް އަކީ، ޔަހޫދީންނާއި ހަރުކަށި ޒައޮނިސްޓުންގެ ޖެރޫސަލަމް (JERUSALEM) އެވެ. އިސްލާމުންގެ އެއް ޙަރަމްފުޅެވެ. ބައިތުލް މުޤައްދިސް ހުރި ޙަރަމްފުޅުގެ ބިމެވެ. ފަހެ، މުސްލިމުންގެ އެއްޙަރަމްފުޅެވެ. އިނގިރޭސިން ބޮޑު ހަނގުރާމަ ތެރޭގައި އުފެއްދި، މިޞްރުގެ އެކްސްޕެޑިޝަނަރީ ފޯރސް (EGYPTION EXPEDIYIONARY FORCE – EEF) އީއީއެފް ލަޝްކަރު، ޖެނެރަލް އެލަންބީގެ ޤިޔާދަތުގައި އަމާޒުފަތް ގަނޑަކަށް ހެދީ، ސީދާ ޤުދުސް އިސްލާމުންގެ އަތްދަށުން މިނިވަންކޮށް، ފަލަސްޠީން ހިފާށެވެ. މިޞްރުގެ ވެރިއަކަށް އިނގިރޭސިންގެ ފަރާތުން، ހުންނެވި ހައިކޮމިޝަނަރ މެކްމަހަން އާއި ޖެނެރަލް އެލަންބީ ވަނީ، އިނގިރޭސި އޭރުގެ ބޮޑު ވަޒީރު ޑޭވިޑް ލޮއިޑް ޖޯރޖް އަރިހުގައި، 1917 ވަނަ އަހަރުގެ ކްރިޝްމަސް އައުމުގެ ކުރިން، ކްރިޝްމަސް ހަދިޔާއެއްގެ ގޮތުގައި ޤުދުސް އަރުވާނެ ކަމުގެ ވަޢްދު ވެފައެވެ. ޑޭވިޑް ލޮއިޑް ޖޯރޖް އަކީ، ހަރުކަށި ކްރިސްޓިއަނެކެވެ. ފަހެ އެއީ ބޮޑު ހަނގުރާމަ ނިންމާލުމުގެ އެއްއަހަރު ކުރިއެވެ.

ޖެނެރަލް އެލަންބީގެ އީއީއެފް ލަޝްކަރުން، ޤުދުސް ހިފުމުގެ ހަނގުރާމަ (BATTLE OF JERUSALEM) ފެއްޓީ، 17 ނޮވެންބަރ 1917 ގައެވެ. އަދި ޤުދުސް ހިފައި މިކުރިމަތިލުން ނިންމާލީ، 18 ޑިސެންބަރ 1917 ގައެވެ. ޤުދުސް އަށް އެރުމުގެ ކުރިން، ޖިބާލް އަލްޚަލީލް (JUDAEAN MOUNTAINS) އާއި ނަބީ ޞަމޫޢީލް (BATTLE OF NEBI SAMWIL) 17 ނޮވެންބަރ އިން، 24 ނޮވެންބަރ 1917 އަށް ހަނގުރާމަ ކޮށް ހިފިއެވެ. އެހެން ގޮސް ޖެހުނު އަވަށެއް ހިފަމުން ކުރިޔަށް ގޮސް، ޤަދީމީޤުދުސް އައި ހަމައަށް ފޯރީ، 2 ޑިސެންބަރ 1917 ގައެވެ. ފަހެ، ޢުޘްމާނީ ޚިލާފަތުން މިހަނގުރާމަ ލީޑްކުރީ، ޢުޘްމާނީ ލަޝްކަރުގެ ކޮމާންޑަރެއް ކަމުގައިވާ، ޖާވޭދުޕާޝާ އާއި ޢަލީ ފުއާދުޕާޝާ އާއި ޖަރުމަން ޖެނެރަލެއް ކަމުގައިވާ އުޘްމާނީ ޚިލާފަތުގައި މިނިސްޓަރ އޮފް ވޯރ ގެ މަޤާމް، 1913 އިން 1915 އަށް އަދާކުރެއްވި އެރިކްވޮން ފަލްކެން ހަޔާން (ERICH VON FALKENHAYAN, 11 SEP 1861 – 8 APR 1922) އެވެ. ޖާވޭދުޕާޝާގެ ވަނަމަކީ،”ކަރަމާނީ” އެވެ. ޢުޘްމާނީ ލަޝްކަރުން ދިފާޢުގައި ވަރަށް ގަދަޔަށް ހިތްވަރު ކުރިއެވެ. އެހެނަސް އެލަންބީގެ ލަޝްކަރުން ކާމިޔާބު، ދެޙަމަލާއެއް ދިނުމާއެކު ބަލިވީއެވެ. ބޮޑެތިމަގުތައް އެލަންބީގެ ލަޝްކަރުން ބަންދުކޮށް އެބިންތައް ހިފީއެވެ. 3 ޑިސެންބަރ 1917 ގައި ވާދީޒައިތް ގައި، މެންދުރު އެކެއްޖެހި އިރު ދޭންފެށި ޙަމަލާއިން ހަވީރު، ތިންގަޑިތިރީސް ގައި އެއަވަށް އެކުގައި ހިފައި، 17 ސިފައިން ހައްޔަރުކޮށް ބޮޑުބަޑީގެ ތިންބަޑި އަތުލައި ގަތެވެ. 7 ޑިސެންބަރ 1917 ގައި މޫސުންގޯސްވެ ވެހެމުންދިޔަ ވިއްސާރައާއި ފިނީގައި ހަނގުރާމަ ކުރިޔަށް ގެންދިޔައެވެ. އަދި ބައިތުލަޙުމްގެ ބޮޑުމަގު ހިފީއެވެ. އަދި، 8 ޑިސެމްބަރ 1917 ގެމެންދުރު ދެގަޑި ސުންމިނެޓް ގައި ބައިތުލްޖަލާލް އަށް ޙަމަލާދީ ވަށާލީ، ފިނިވައި ތެރޭގައި ކުރިޔަށް ގެންދިޔަ ވަރުގަދަ ހަނގުރާމައި ގައެވެ. ޢުޘްމާނީ ޚިލާފަތުގެ ލަޝްކަރުގެ ބާރުމުޅިން ކަނޑުވާލުމަށް ފަހު، އިނގިރޭސި ލަޝްކަރުގެ ބާރު ދަށަށް، އަމާން ދިނުމަށް ޢުޘްމާނީ ލަޝްކަރަށް މަޖްބޫރު ކުރުވީއެވެ. އީއީއެފްގެ ލަޝްކަރު އެލަންބީގެ ޤިޔާދަތުގައި، 40 ދުވަހާއި، 40 ރޭވަންދެން، ފިނިވަޔާއި ވާރޭތެރޭގައި ހަނގުރާމަ ކުރުމަށް ފަހު، ހުރިހާ ދިމާއަކުން ޤުދުސް ވަށާލާއި ހިފީއެވެ. 8 ޑިސެންބަރ 1917 ވަނަ ދުވަހުގެ ހަވީރުވީ އިރު، ޤުދުސްގެ ޙިމާޔަތުގައި ދިފާޢުގައި ތިބި ޢުޘްމާނީ ސިފައިންތައް އެކުގައިހެން ފަހާލާއި މުޅި ހިސާބުއެކުގައި އަމާންކޮށް ނިންމާލީއެވެ.

ފަހެ، 9 ޑިސެންބަރ 1917 ވަނަ ދުވަހު ހެނދުނު، ޤުދުސްގެ މޭޔަރ ޙުސައިން ސާލިމް އަލްޙުސައިން، ޢުޘްމާނީ ޚިލާފަތުގެ ގަވަރނަރގެ ފަރާތުން ބަލިޤަބޫލުކޮށް އަމާންދިން ކަމުގެ ރަސްމީ ލިޔުން، އީއީއެފް ލަޝްކަރުގެ ލީޑަރަށް އެރުވިއެވެ. ފުރަތަމަ މިސިޓީގައި ހިފަންނުރުން ފާޅުކޮށް ހެދުމަށް ފަހު، ފަހުން ސިޓީ ބަލައިގަތީ އެވެ. ފަހެ، އެސިޓީގެ މަތަނުގައިވާ ޢިބާރާތުގެ މާނަކީ މިއީއެވެ.

“ޤުދުސް ވަށާލާފައި ވާލެއް ވަރުގަދަ ކަމުން، މިމާތް މުޤައްދަސް ބިން ކަމުގައިވާ، ޙަރަމްފުޅު ތިޔަބޭފުޅުންގެ ބޮޑުބަޑިތަކުގެ ވަޒަނުންނާއި ބޮންތަކުން ހަލާކުވިޔަ ނުދިނުމުގެ ނިޔަތާއި ބޭނުމުގައި އަމާންކަމާއި ރައްކާތެރިކަން މަތީ، ބޭއްވުމަށް ޓަކައި އަމާން ދިނުމަށް، އަހަރުމެންނަށް މަޖްބޫރުކުރުވި ހިނދު، ހަތިޔާރު ބަހައްޓާއި އަމާން މިދެނީ، ޤުދުސް ސިޓީ ޙިމާޔަތް ކޮށްދީ، ބަލަހައްޓާނެ ކަމުގެ އުންމީދުގައި، 500 އަހަރުވަންދެން، ޙަރަމްފުޅު ޙިމާޔަތްކޮށް ދިނުމަށް ފަހުގައެވެ.”

އާދެ! އެއަށް ފަހު، ދެން މުޅިން ވެސް ކުރީ ޖެރޫސަލަމް ޙިމާޔަތް ކުރުމުގެ މަސައްކަތެވެ. މުޅި ސިޓީ އެކުގައި އަމާންކުރެ ވުނެވެ. އަދި އެއަށް ފަހު، 11 ޑިސެންބަރ 1917 ވަނަ ދުވަހު ޖެނެރަލް އެލަންބީ، އޭނާގެ އަރިސް ޢަސްކަރީންނާ އެކު، ޝަރަފާއި ޢިއްޒަތުގައި ޤަދީމީ ޤުދުސް ސިޓީ  ކަމުގައިވާ، އަލްބައިތުލް ޤަދީމާއަށް އެއްވެސް ހަތިޔާރަކާއި އަހެއްފަދަ، ސަވާރީއެއް ބޭނުންނުކޮށް، ފައިމަގުގައި ހިނގާފައި ގޮސް ޤުދުސް ޙަރަމްފުޅަށް ވަނީ، ބާބުލްޚަލީލް (BABEL KHALIL) އޭކިޔުނު ބޮޑު ދޮރާށި ކޮޅުންނެވެ. މިއީ މުސްލިމުންނަށް ހިތާމަހުރި އަޑުއަހަން އުދަގު ހިނދުކޮޅެކެވެ. އެހެނަސް އެތައް ޤަރުނަކަށް ފަހު، މުސްލިމުންގެ އަތުން ޤުދުސް ވެއްޓިގެން ދިޔައީ މިހާހިތާމަ ވެރިކޮށެވެ. އިންތިހާއަށް ދެރަކަމެކެވެ. ހިތާމައިގެ ކޮޅެއް ނެތެވެ.

ފަހެ، އެލަންބީ އަކީ، އެތައްޤަރުނަކަށް ފަހު، ޤުދުސް ކޮންޓްރޯލްކުރި ފުރަތަމަ ކްރިސްޓިއަން ލީޑަރ އެވެ. އޭނާގެ ބޮޑު ވަޒީރު، ކްރިސްޓިއަން ޑޭވިޑް ލޮއިޑް އަށް ވީ، ވަޢްދު އެއަހަރު ޑިސެންބަރ 25 އައުމުގެ ކުރިން، ކްރިޝްމަސް ހަދިޔާއަކަށް މުސްލިމުންގެ ޤުދުސް ވެދުމަށް އެރުވާ ނިންމާލީ އުފާފާޅު ކުރަމުންނެވެ. ބޮޑު ރަސްމިއްޔާތެއް ބާއްވާއި އެއުފާ ފާޅުކުރަމުން ނެވެ.

އާދެ! 11 ޑިސެމްބަރ 1917 ވަނަ ދުވަހު، އިނގިރޭސި ވިލާތުގެ ދުވަހުނޫހެއް ކަމުގައިވާ، “ދަ ޓައިމްސް” ގައި ބޮޑުކޮށް ޗާޓާއެކު މިޚަބަރު ލިޔެ، އާންމު ކުރިއެވެ. ސުރުޚީ އަކީ، “ޖެރޫސަލަމް ކެޕްޗަރޑް” އެވެ. މުޅި ޔޫރަޕް އެކުގައި މިކަމާ އުފާކުރިއިރު، އިސްލާމީ އުންމަތް މިކަމާ ހިތާމަކޮށް ރޮއި ކަރުނަ އެޅިއެވެ. އަދި އަދަށް ދާންދެން ވެސް މުސްލިމުން ތިބީ އެހިތާމައިގަ އެވެ. އެރޮއުމާއި ވޭނުގައެވެ. އިސްލާމީ ޚިލާފަތު ނެތިކޮށްލާއި ޤުދުސް ހިފުމަކީ، މުޅި ޔޫރަޕްގެ ޢަޒްމާއި ވިސްނުމެވެ. ބޮޑުހަނގުރާމަ އަކީ، އެކަން ޙާޞިލްކުރުމަށް ހިންގި އެންމެބޮޑު ޖަރީމާއެވެ. މީގެ ބަދަލު، ﷲ ތަޢާލާ އެމީހުންނަށް ކޮންމެވެސް ދުވަހަކުން ދައްކަވާށިއެވެ! އާމީން!

ފަހެ، މިހަދިޔާއަކީ، މެކްމަހަން އާއި ޖެނެރަލް އަލަންބީ އާއި ޓިއީ ލޯރެންސް، އިނގިރޭސިން ނަށް ވެފައިވާ ވަޢްދު، އެއަހަރު ކްރިޝްމަސް ދުވަހުގެ ކުރިން ފުއްދުމަށް ޓަކައި، ގަދަފަދަ ޢަޒުމްގައި ދެމިތިބެ، މުޅި އިސްލާމީ އުންމަތާ ދެކޮޅަށް ހިންގި އަނިޔާވެރި ޖަރީމާ އެކެވެ. މިވަޢްދު ވަނީ، މާކުރިން އޭރުގެ އިނގިރޭސި ބޮޑުވަޒީރު، ޑޭވިޑްލޮއިޑް ޖޯރޖް (DAVID LLOYD GEORGE, 17 JAN 1863 – 26 MAR 1945) އާއެކު ކަށަވަރުކޮށް ފައެވެ. ފަހެ، މީނާއަކީ، ވަރަށް ހަރުކަށި ކްރިސްޓިއަން އެކެވެ.

މިހަނގުރާމަ ވެގެންދިޔައީ ބްރިޓިޝް އެންޕަޔަރ އަށް ލިބިގެންދިޔަ އެންމެބިޔަ ކާމިޔާބަށެވެ. އަދި މުޅި ޔޫރަޕްއަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީއަކަށެވެ. މިއީ ހުރިހާ އިސްލާމުންނަށް ކުރިމަތި ކުރުވި މާސިންގާ ހިތާމައެކެވެ. ޢުޘްމާނީ ޚިލާފަތުން މައްކާ އާއި މަދިނާގެ ދެޙަރަމްފުޅު ގެއްލުމަށް ފަހު، ތިންވަނަ ޙަރަމްފުޅު، ބައިތުލް މުޤައްދިސް ވެސް ގެއްލުނީއެވެ. މިހާހިސާބުން، އިސްލާމުންގެ ވެރިކަންކުރާ ހުރިހާވެރި ރަށްތައް އިނގިރޭސިންގެ ދިދައިގެ ދަށަށް ވެއްޓުނީއެވެ.

ފަހެ، ބޮޑުހަނގުރާމަ، 1918 ނޮވެންބަރ ގައި ނިންމާލުމަށް ފަހު، ދެން އަވަސްވެގަތީ، މުސްލިމުންގެ އަތުން ހިފި ބިންތައް ރޭވިފައިވާ ގޮތަށް ފޮތިފޮތިކޮށް ބަހާލުމަށް. ޞުލްޙައިގެ ކޮންފަރެންސްގެ ނަމުގައި ފްރާންސްގެ ވެރިރަށް ޕެރިސް ގައި ކޮންފަރެންސް އެއް ބޭއްވުމަށެވެ. 1919 ގައި ބޭއްވުނު، މިކޮންފަރެންސް ގައި ބަލްފޯރ ޑެކްލަރޭޝަން ވަޢްދުއައި އެއްގޮތްވާ ގޮތަށް، އެގްރީމެންޓްތައް ލިޔެހަދައި، ލީގް އޮފް ނޭޝަންސް އެއް، ވުޖޫދަށް ގެނެވެންދެން، 1917 އިން ފެށިގެން، 1920 އަށް ޖެރޫސަލަމް ބެލެހެއްޓީ، އޮކިއުޕައިޑް އެނިމީ ޓެރިޓޮރީ އެޑްމިނިސްޓްރޭޝަން، އޯއީޓީއޭ (OCCUPIED ENEMY TERRITORY ADMINISTRATION – OETA) ގެ ބެލުމުގެ ދަށުންނެވެ. އިނގިރޭސި އެންޕަޔަރގެ ފަރާތުން، އޯއީޓީއޭގެ ވެރިޔަކީ، ފީލްޑްމަރޝަލް އެލަންބީ އެވެ. އަދި ހިފިބިންތަކުގައި އިދާރީކަންކަން ހިންގީ، އޭނާގެ ލަޝަކްރުންނެވެ. ޕެރިހުގައި ބޭއްވި، ޕީސް ކޮންފަރެންސް ކޯޑިނޭޓްކޮދީ، އިސްލާމުންގެ ބިންތައް އިނގިރޭސިން ހަދާފައިހުރި، ވަޢްދުތަކާ އެއްގޮތަށް ބަހާލުމުގައި އިސްރޯލެއް ކުޅުއްވީ، އިނގިރޭސި ބޮޑުވަޒީރު ޑޭވިޑްލޮއިޑް ޖޯރޖް އެވެ. ފަހެ، 1920 އިން ފެށިގެން، 1948 އާހަމައަށް، ދެވަނަ ބޮޑު ހަނގުރާމަނިމި، އިސްރާއީލީ ދައުލަތް ވުޖޫދަށް އަންނަންދެން، ފަލަސްޠީން އޮތީ، ބްރިޓިޝް މޭންޑޭޓްގެ ދަށުން ބަލަހައްޓާ ގޮތަށެވެ. އަދި ބަލްފޯރ ވައްދުއައި އެއްގޮތަށް ޔަހޫދީ ޒައޮނިސްޓް ދައުލަތެއް ވުޖޫދަށް ގެނެސްދީފައި އިނގިރޭސިން ފަލަސްޠީނުން ފޭބީ، ހުރިހާކަމެއް ނިމުމުންނެވެ.

އާދެ! މައްކާޝަރީފް ޙުސައިން ބިން އަލީ އަށް އިނގިރޭސިން ދެއްކި، މާސިންގާ ޢަރަބި ދައުލަތުގެ ބޮޑު ހުވަފެނުގެ ތެރޭގައި އިސްލާމުންގެ ތިންޙަރަމްފުޅު ހިމެނެއެވެ. ސޫރިޔާގެ ޙަލަބް އިން ފެށިގެން، ޔަމަންގެ އަދަން (ADEN) އަށް މިދައުލަތް އެކުލެވިގެން ވެއެވެ. މިއީ ބިލާދުއްޝާމް އެވެ. އެކިޔާ ބޮޑުސޫރިޔާ (GREATER SYRIA) އެވެ. އެހެނަސް ހަމަ އެއްހިނދެއްގައި ޒައޮނިސްޓުންނާ އެކު އިނގިރޭސިން ހެދި ވަޢްދުގެ ދަށުން، ތިންވަނަ ޙަރަމްފުޅު ޔަހޫދީ ޒައޮނިސްޓުން ނަށް ދިނީއެވެ. އަދި ސޫރިޔާ އާއި ލެބްނާން ހަމަ އެއްހިނދެއްގައި ސިއްރުން ހެދި، ސައިކްސްޕިކޮޓް އެއްބަސް ވުމުގެ ދަށުން، ފްރާންސް އަށް ދިނީއެވެ. ފަހެ، މިއީ މައްކާޝަރީފް ޙުސައިން ބިން ޢަލީގެ ބޮލަށް، އިނގިރޭސިން އެރިގެން އޮޅުވާލި ބޮޑު އޮޅުވާލުން ގަނޑެކެވެ. މިކަން ވަރަށް ތަފްޞީލްކޮށް މިމަޒްމޫނު އެކުގައި ކިޔާލުމުން ސާފުވެގެން ދާނެއެވެ. ފަހެ، ދެން އޮތީ، ސޫރިޔާ އާއި ދަމިޝްޤް ހިފި ވާހަކައަށް ބަލާލުމެވެ. ސޫރިޔާ އާއި ދަމިޝްޤް ހިފުމަށް ދަތުރު ކުރަމުން ދިޔަ ލަޝްކަރު ތަކުގެ މަގު ބަދަލުކޮށް ޤުދުސް އަށް މިސްރާބުޖެހީ، ޑިސެންބަރ، 25 ގެ ކުރިން ކްރިޝްމަސް ހަދިޔާ އިނގިރޭސި ބޮޑު ވަޒީރަށް އެރުވުމުގެ ގޮތުން ޤުދުސް ހިފުން އަވަސް ކުރުމުގެ ބޭނުމުގައި، ޖެނެރަލް އެލަންބީއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.