ކުޑަކުދިންގެ އިއްފަތްތެރިކަން ނަގާލާ މީހުންނަށް މަރުގެ އަދަބު ދޭން އިންޑިޔާއިން ވިސްނަނީ

ކުޑަކުއްޖެއްގެ އިއްފަތްތެރިކަން ނަގާލި މައްސަލައިގައި އިންޑިޔާގައި މުޒާހަރާކުރަނީ

12 އަހަރު ނުފުރޭ ކުޑަކުދިންގެ އިއްފަތްތެރިކަން ނަގާލާ މީހުންނަށް މަރުގެ އަދަބު ދިނުމާމެދު ވިސްނަމުންދާކަމަށް އިންޑިޔާ ސަރުކާރުން ބުނެފިއެެވެ. މިއަދު ބާއްވާ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެމައްސަލައިގައި ސުޕްރީމް ކޯޓުގެ އަމުރަކަށް ސަރުކާރުން އެދެން ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުން މިހެން ބުނެފައި މިވަނީ ކަޝްމީރުގެ އިންޑިޔާ ފަޅީގެ ޖައްމޫގެ ކުޑައަަވަށެއްގައި 8 އަހަރުގެ ކުޑަ މުސްލިމް އަންހެން ކުއްޖަކަށް އެތައް ބަޔަކުވެގެން ޖިންސީ އަނިޔާކޮށް އިއްފަތްތެރިކަން ނަގާލުމަށް ފަހު، އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައިގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށް އެފަދަ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލުުން އިތުރުވެފައި ވަނިކޮށެވެ.

ސަރުކާރުގެ މަސްދަރުތަކުން ޚަބަރު ލިބޭ ގޮތުގައި އިންޑިޔާގެ ގާނޫނުތަކާ ބެހޭ މިިނިސްޓްރީން މިހާރު ތައްޔާރު ވަނީ ޕްރޮޓެކްޝަން އޮފް ޗިލްޑްރެން ފްރޮމް ސެކްޝުއަލް އޮފެންސަސް (ޕީއޯސީއެސްއޯ) ގާނޫނަށް ބަދަލު ގެނެސް، މަރުގެ އަދަބު އެ ގާނޫނަށް އިތުރުކުރުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދުމަށެވެ.

12 އަހަރު ނުފުރޭ ކުދިންގެ އިއްފަތްތެރިކަން ނަގާލާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ސަރުކާރުން ހުށަހަޅާއިރު، މިހާރުގެ ޕީއޯސީއެެސްއޯ ގާނޫނުގައި އެންމެ ހަރުކަށި އަދަބަކަށް އޮންނަނީ އުމުރަށް ޖަލަށް ލުމެވެ.  

"މިއަދުގެ ހާލަތަށް ބަލާއިރު އެންމެ ރަނގަޅު ގޮތަކީ ސުޕްރީމްކޯޓުގެ އަމުރަކަށް އެދުން. ގާނޫނަށް އިސްލާހު ހުށަހެޅިޔަސް، އެކަމާމެދު ގާނޫނު ހަދާ މަޖިލީހުގައި ބަހުސްފެށޭނީ، ޗުއްޓީއަށް ފަހު، ޖުލައި މަހުގައި ޖަލްސާތައް ފެށުމުން." ގާނޫނުތަކާ ބެހޭ މިިިނިސްޓްރީގެ ބޭފުޅަކު ވިދާޅުވިއެވެ.

ފާއިތުވި ޑިސެންބަރު މަހު އިންޑިޔާގެ ދާޚިލީ ވަޒީރު ރަންޖީތު ސިންގް ހާމަކުރެއްވި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2016 ވަނަ އަހަރު އިންޑިޔާގައި އެވްރެޖްކޮށް ކޮންެމެ ގަޑިއަކު 4 ކުދިންނަށް ޖިންސީ ގޯނާކުރެވެއެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.