ލޭބޯފަނި (15)

(16 އޭޕްރީލް 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މަންމަ ކޮޓަރިން ނުކުމެއްޖެއެވެ. ނުކުމެގެން ދިޔަ އިރު ހިތާހިތާ ކިޔަމުން ދިޔައެވެ. "އަލަމާރީގައި ކޮންމެވެސް އެއްޗެއް އެބައޮތްކަން ގައިމެވެ. އޭނާގެ މޫނުމަތީން ފެންނަ ބިރުގެ އަސަރަކީ ވައްކަމެއް ކޮށްފައި ފޮރުވާން އުޅޭ މީހެއްގެ މޫނުމަތީން ފެންނަ އަސަރެވެ. ފާސްކޮށްގެން ވަކި ކުރާނީ ކޮން ކަމެއް ހެއްޔެވެ؟ އޭނާ ފޮރުވައިގެން އެ ގެންގުޅެނީ އަކްބަރުގެ ސިޓީއެއް ނުވަތަ ހަދިޔާއެއް ކަމަށް ވެދާނެއެވެ. އެ ސިޓީއާއި ހަދިޔާ ޖަހައިގަނެގެން އޭނާ ކަތި މަގުން ސަލާމަތް ކުރުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. ތަޅައި އަނިޔާ ކުރުމަކުންވެސް ވާނޭ ކަމެއް ނޯންނާނެއެވެ."

އޭނާ ފިރިހެން ދަރިފުޅުގެ ކޮޓަރީއާ ހަމައަށް އައިސް ހުއްޓިއްޖެއެވެ. ހިނދުކޮޅަކު ވިސްނައިލުމަށް ފަހު ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލިއެވެ. މާ ގިނަ އިރުތަކެއް ނުވެ ދޮރު ހުޅުވިއްޖެއެވެ. ސަލްމާއަށް އޭނާގެ މައިދައިތަ ފެނުނީމާ ބުނެލިއެވެ. "މަންމާ- އާދޭ.. އެތެރެއަށް ވަދޭ..."

މަންމަ ތަންކޮޅެއް ހަރުކަށި ރާގަކަށް ބުނެލިއެވެ. "ނޫނޭ ދަރިފުޅާ- އަހަރެންގެ އުނަގަނޑުގައި އެބަ ރިއްސާ- އެހެންވީމާ ކޮޓަރިއަށް ނުވަދެ މިތާނގައި ހުރެގެން ކުރަން އުޅޭ ސުވާލު ކޮށްލާނީ- ދަރިފުޅުގެ ގޭ މީހުން ފީރޯޒާގެ ކާވެންޏަށް އެދެން އަންނާނީ ކޮން ދުވަހަކު-؟"

ސަލްމާ ހިނިތުންވެލިއެވެ. "އެހައި އަވަސް އަރުލައިލައިގެން އުޅެނީ ކީއްކުރަން-؟ ފީރޯޒާ ފިލައިގެން ދާން އުޅެނީއެއް ނޫނެއްނު-؟"

"ތަހުޒީބާއި އަބުރުވެރިކަން ގެއަކުން ފިލައިގެން ދިޔައީމާ ދެން ދާން އޮންނާނީ އެ ގެއެއްގައި އުޅޭ މުސްކުޅިންގެ ފުރާނަ- އަހަރެމެން ދެ މުސްކުޅިން ދާދި އަވަހަށް މަރުވެދާނެ-"

"ވަރަށް ދެރަ ވެއްޖެ- ރަނގަޅު ގޮތް މެދުވެރި ކުރައްވާތޯ ދުޢާ ކުރާނަން..."

"ދުޢާ ކުރާނެ ކަމެއް ނެތް- ބޭސް ފަރުވާ ހޯދާ... އެވަރުން ވާނެ-"

ބައްޕަމެން ގޮވައިގެން އަންނާށޭ އަހަރެން އަކްބަރު ގާތު ބުނިން- ދާދި ދެންމެއަކު އޭނާ ފޯނު ކުރި- ބުނީ ބައްޕަ ވީ ދަނޑަށް ގޮހޭ- މަންމައަށް އެނގޭނެ- އަހަރެމެންގެ ދަނޑުބިން އޮންނަނީ އެތައް މޭލަކަށް ފެތުރިފައި- އެހެންވީމާ ދަނޑަށް ހިނގައެްޖެއްޔާ އާދެވޭނީ ދެތިން މަސް ދުވަހުން-"

މަންމަ މާޔޫސީއާއެކު އޭނާޔާ ދިމާއަށް ބަލައިލިއެވެ. "ގެއިން އެހެން ހަރު މީހަކު ގޮވައިގެން ކަލޭގެ މަންމައަކަށް ނާދެވޭނެތަ-؟"

"މަންމަގެ ތިޔަ ވާހަކަ އަހަރެން ގޭ މީހުން ގާތު ބުނާނަން- އަންހެން ކުދިން ގަންނަ އިރު ބައްޕަގެ ރުހުން ހޯދުމަކީ އަހަރެމެންގެ އާއިލާގެ އާދައެއް-"

"ވިޔާނުދާ ވާހަކަ ނުދައްކާ ސަލްމާ-! އަހަރެމެން މިއީ އަބުރުވެރިން- ދަރިން ވިއްކާ ބައެއް ނޫން- އަހަރެމެން ދަރިންގެ ކާވެނި ކުރުވަނީ- ކަލެއަކީވެސް އަހަރެމެން ގަނެގެން ގެނައި ކުއްޖެއް ނޫން- އިއްޒަތާއެކު ކާވެނި ކުރުވައިގެން ގެނައީ-"

އިއްޒަތާއެކު އަހަރެން ގެނެވުނީ އިއްޒަތެއް އޮތީމައެއްނު-؟ އިއްޒަރެއް އަބުރެއް ނެތް މީހެއްގެ ކަންތައް އޮންނާނީ ކިހިނެއް-؟"

އޭނާގެ ހިތުގައި މީހަކު ބާރަށް ޖެހީ ކަހަލައެވެ. ކުއްލިއަކަށް ގުދުވެލިއެވެ. މޭގައި އަތް އަޅައިލިއެވެ. އަދި އިސްޖަހައިލައިގެން ހުރެ ކުރިއަށް ހިނގައިގެންފިއެވެ. ދިޔަ މަގުމަތީގައި އަންހެް ދަރިފުޅުގެ ކޮޓަރިއާ އަރައި ހަމަވެފައި ހުއްޓިއްޖެއެވެ. އަދި އެ ކޮޓަރީގެ ދޮރުފަތުގައި ބޯ ޖައްސާލައިގެން ހުރެ ރޯން ފަށައިފިއެވެ.

* * *

އެންމެ ފުރަތަމަ ދޮރެއް އީޖާދު ކުރީ ކާކު، ކީއްކުރަން ކަމެއް ނޭނގެއެވެ.

ބައެއް މީހުން ބުނާ ގޮތުގައި ރޯން ބޯ ޖައްސައިލައިގެން އޮންނާން އެންމެ ފުރަތަމަ ދޮރެއް ލެއްވީ ޖަހަންނަމައިގައެވެ.

ބުއްދި ގަބޫލު ކުރާ ގޮތުގައި އެންމެ ފުރަތަމަ އުފެއްދެވީ ލަދު ހަޔާތުގެ ދޮރެވެ. އެ ދޮރު ލެއްވީ އާދަމުގެފާނާއި ޙައްވާގެފާނާ ދެމެދުގައެވެ. އެ ދޮރު ލެއްޕިފައި ހުރިހައި ދުވަހަކު އާދަމުގެފާނާއި ޙައްވާގެފާނު ދިރިއުޅުއްވީ އަރާމާއި އުފަލުގައެވެ. ހިނިފުޅުވެޑުވުމުގައެވެ. އެ ދޮރު ހުޅުވުމާއެކު ކީރިތިކުރެއްވުމުގެ ދުވަސް އަތުވެއްޖެއެވެ. އާދަމުގެފާނުގެ ހަޔާތްޕުޅަކު އޭގެ ކުރިއަކުން ކަރުނައެއް ނެތެވެ.

ދުނިޔެ ހެއްދެވީއްސުރެ މިހައިތަނަށް އެއްވެސް މީހަކު ދަރިއަކަށްޓަކައި މަޔަކު އޮހޮރާ ވަރަކަށް ކަރުނައެއް ނުއޮރުވައެވެ. އޭނާ ދޮރުމަތީގައި ހުރެގެން އަޑުންއަޑު ނަގައި ރޮމުން ކިޔަމުން ދިޔައެވެ. "އޭ އަހަރެންގެ މޮޔަ ދަރިފުޅާ... މި މަންމަގެ ބޯ ކުދިކުދި ކޮށްލާން ވީތަ-؟ ކާވެނީގެ ކުރީން ފިރިހެނެއްގެ އަތު ޖެހިއްޖެ އަންހެން ދަރިއަކީ ލޫޓުވޭ މުދަލަކަށް ވެގެންދާކަން ކަލޭމެން މޮޔަ ދަރިންނަށް ނުވިސްނެނީ ކީއްވެގެން-؟ ކުނި ކާ އެއްޗެހި ދެވަނަ ފަހަރަށް ކެއްކިޔަސް ތާޒާ ކާނާއަކަށް ނުވާނެ- ގަހުން ބިނެދެލެވޭ މަލެއް އަނެއްކާ ތަނޑުގައި އިންދުމަކީ ކުރެވޭނޭ ކަމެއް ނޫން- މިވަރުގެ ކަމެއްވެސް ކަލޭމެން ކުދިންނަށް ނޭނގެނީ ކީއްވެގެން-؟ ދަރިފުޅަށް ވިސްނައިދޭނޭ ގޮތެއް މި މަންމައަކަށް އެއްގޮތަކަށްވެސް ނުވިސްނޭ- މަންމަ ދެން ހަދާނީ ކިހިނެއް-؟

އޭނާ ދޮރުމަތީގައި ހުރެގެން ރޮމުން ގޮސް އެންމެ ފަހުން ތަޅަންމަތީގައި އިށިނދެއްޖެއެވެ.

އެ ވަގުތު ޖަވާދު އައިސް ގެއަށް ވަދެއްޖެއެވެ. މަންމަ އިން ގޮތް ފެނިފައި އޭނާ ދުވެފައި އަތުވެއްޖެއެވެ. އަދި މަންމަގެ ކައިރިއަށް ގުދުވެފައި އަހައިލިއެވެ. "މަންމާ- ކިހިނެއްވީ-؟ މި ކޮޓަރި ދޮށުގައި އިނދެގެން ރޮނީ ކީއްވެގެން-؟"

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.