ސީރިޔާގެ ދާޚިލީ ހަނގުރާމަ: ކާކު ކޮން މަގުސަދެއްގައި؟- 3

'ހަމާގެ ގަތުލު އާއްމު 1982' އަށް ފަހު ހަމާ އޮތް ގޮތް ފެންނަ މަންޒަރެއް

(06 އެޕްރީލު 2018 ވަނަ ދުވަހު ޝާއިއުކުރި ބަޔާ ގުޅޭ)
ކުރުދީ ޖަމާއަތްތައް
ސީރިޔާގެ ބައިމަދު އެންމެ ބޮޑު ނަސްލުކަމުގައި ބެލެވޭ ކުރުދީންނަކި ސީރިޔާގެ އާބާދީގެ %10 އެވެ. ހާފިޒުލް އަސަދުގެ ދުވަސްވަރުން ފެށިގެންވެސް ކުރުދީން ވަނީ ގިނަ މަދަނީ ހައްގުތަކަކުން މަހުރޫމްކުރެވިފައެވެ. އެހެނަސް، ބައްޝާރުލް އަސަދާ ދެކޮޅަށް ފެެށުނު ނުކިޔަމަންތެރިކަމަށް ފަހުވެސް، ކުރުދީން ވަނީ މާބޮޑަށް ސާފުނުވާ ސިޔާސަތެއް ގެންގުޅެފައެވެ. ބައްޝާރުގެ ވެރިކަމާ އެމީހުން ކިތަންމެ އިދިކޮޅު ނަމަވެސް، އިދިކޮޅު ހަރަކާތުުގައި އެބައިމީހުން މާބޮޑު ދައުރެއް އަދާކޮށްފައި ނުވެއެވެ.
އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި ކުރުދީން ކޮންމެވެސް ވަރަކަށް ބައިވެރިވި ނަމަވެސް އެމީހުން އެންމެ ބޮޑު ސިޔާސީ ޖަމާއަތް، ކާޑިޝް ނޭޝަނަލް ކައުންސިލް (ކޭއެންސީ) އިން ބުނެފައިވަނީ، ކުުރުދީންނަކީ އަމިއްލަ ބަހަކާއި ސަގާފަތެއް އޮތް ވަކި ނަސްލެއްކަން އިދިކޮޅު ފަރާތްތަކުނުް ވެސް ގަބޫލުކޮށް، ބައްޝާރަށް ފަހު ގާއިމްކުރެވޭ ސަރުކާރަކުން ސިީރިޔާގެ ވެރިކަން ލާމަރުކަޒީކޮށް އެބައިމީހުންނަށް އިދާރީ މިނިވަންކަން ދޭން އެެއްބަސްނުވާނަަމަ އިދިކޮޅު ސިޔާސީ ހަރަކާތުުގައި ފުރިހަމައަށް ބައިވެރި ނުވާނެ ކަމުގައެވެ. ކޭއެންސީ އަކީ ސީރިޔާ ސަރުކާރާ އިދިކޮޅު ކުރުދީ ފަނަރަ ސިޔާސީ ޕާޓީއެއް އެކުލެވޭ ކޯލިޝަނެެކެވެ.
މުސްލިމް ބްރަދަހުޑް (އަލްއިޚްވާނުލް މުސްލިމޫން) ސީރިޔާ ގޮފި
އިސްލާމިކް ޑިމޮކްރަސީއަށް ވަކާލާތުކުރާ މުސްލިމް ބްރަދަހުޑް (މަޝްހޫރު އަރަބި ނަމުންނަމަ އަލްއިޚްވާނުލް މުސްލިމޫން) ގެ ސިރިޔާ ގޮފި އުފެދުނީ 1945 ގައެވެ. އެހެންނަަމަވެސް 1963 އާ ހަަމައަށް އެޖަމާއަތަކީ ސިޔާސީ ގޮތުން މާ ހަރަކާތެރި ޖަމާއަތަކަށް ވެފައި ނުވެއެވެ. އެއަހަރު އަރަބި ބަޢަޘް ޕާޓީން ގެނައި އިންގިލާބަކުން ސީރިޔާގެ ވެރިކަން ބަދަލުކޮށްލައި، އަލްމާނީ (ސެކިއުލާ) ވެރިކަމެއް ގާއިމްކުރި ހިސާބުން މުސްލިމް ބްރަދަހުޑަކީ އިދިކޮޅު ސިޔާސީ ހަރަކާތުގެ ބައިވެރިއެއްގެ ގޮތުގައި ފެނިގެން ދިޔައެވެ. 1982 ވަނަ އަހަރު ސަރުކާރާ ދެކޮޅަށް ނުކުތުމުން އެޖަމާއަތުގެ ވެރިންގެ ގިނަބަޔަކު މަރާލުމުން ނުވަތަ ހައްޔަރުކުރުމުން އެޖަމާއަތުގެ އަޑު އަނެއްކާވެސް ކެނޑިގެން ދިޔައެވެ.
2011 ވަނަ އަހަރު ބައްޝާރުގެ ވެރިކަމާ ދެކޮޅަަށް ފެށުނު ހަރަކާތްވީ މުސްލިމް ބްރަދަހުޑް ވަރުގަދަ ޕާޓީއެއްގެ ގޮތުގައި އެެނބުރި އައުމަށް ލިބުނު ރަނގަޅު ފުރުސަތަކަށެެވެ. އެޖަމާއަތުން މިހާރު ދަނީ ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންނަށް އެހީވުމުގައި އިސް ދައުރެއް އަދާކުރަމުންނެވެ. އެހެެންނަމަވެސް މައިގަނޑު ގޮތެއްގައި އަލްމާނީ ޚިޔާލުގެ އިދިކޮޅު ސިޔާސީ ފަރާތަކާ އެޖަމާއަތާ ދެމެދު އިތުބާރުގެ މައްސަލައަކީ ހައްލުކުރަން ދަތި މައްސަލައަކަށް ވަނީ ވެފައެވެ.
ދާޚިލީ ހަނގުރާމަައިގައި ދީނީ، ސިޔަސީ އަދި ނަސްލީ ދެކޮޅުވެރިކަމުގެ ދައުރު
ސީރިޔާގައި މިހާރު ކުރިއަށްދާ ދާޚިލީ ހަނގުރާމަ ފެށުމަށް ދިމާވި ތަފާތު ކަންކަމުގެ ތެރެއިން ފާހަގަކޮށްލެވޭ އެެއް ކަމަކީ ސުންނީ ޝީޢީ ދެކޮޅުވެރިކަމެެވެ. 1963 ވަނަ އަހަރު ސީރިޔާގައި ބާޘު ޕާޓީން ގެނައި އިންގިލާބަކީ އަރަބި ސޯޝަލިޒަމްގެ ނަމުގައި ގެނައި އިންގިލާބެކެވެ. އެހެންނަމަވެސް 1971 ވަނަ އަހަރު ހާފިޒުލް އަސަދުގެ ވެރިކަފެށުމާއެކު ސުންނީން އިސް މަ ގާމުތަކުން ދުރުކޮށް ޢަލަވީންނަށް އިސް މަގާމުތައް ދޭން ފެށުނެެވެ. ޢަލަވީންނަކީ ޝީޢީ މަޒުހެބެެކެެވެ. ސޫރިޔާގައި 1971 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރާ އަސަދު އާއިލާ އަކީ އަލަވީ އާއިލާއެކެވެ. ސޫރިޔާގެ އާާބާދީގައި އަލަވީންގެ ނިސްބަތަކީ އެންމެ %12 ކަމުގައި ވާއިރުުވެސް ސުންނީންގެ މައްޗަށް އަލަވީންނަށް އިސްކަން ދިނުމުގެ ސިޔާސަތުގެ ސަބަބުން ސުންނީންގެ މެދުގައި ސަރުކާރާ މެދު ދެކޮޅުވެރިކަން ދިޔައީ އިތުރުވަމުންނެވެ. ދީނީ މިތަފާތުުކުރުމުގައި ސަރުކާރާ ދެކޮޅަށް އެންމެ ބޮޑަށް އަަޑު އުފުލި ޖަމާއަތަކީ މުސްލިމް ބްރަދަހުޑެވެ. 1980 ގެ އަހަރުތަކާ ހަމައަށް އައި އިރު މުސްލިމް ބްރަދަހުޑް ވެފައި އޮތީ އެންމެ ބާރުގަދަ އިދިކޮޅު ޖަމާއަތް ކަމުގައެވެ. އަދި ހާފިޒުލް އަސަދުގެ ސަރުކާރުން އެޖަމައަތާ ދެކޮޅަށް ތަފާތު ތުހުމަތުތައް ކޮށް ހަރަކާތްތައް ހުއްޓުވަން މަސައަކަތްކުރިއެވެ. މުސްލިމް ބްރަދަހުޑާއެކު ސުންނީންގެ ސިޔާސީ ނުފޫޒު ގަދަވެގެން ދިޔައެވެ. އަދި ސުންނީ ނުފޫޒުގެ މަރުޒަކަށް ވެގެން ދިޔައީ ސީރިޔާގެ މެދުތެރޭ ރަށެއް ކަމުގައިވާ ހަމާއެވެ. ޙަމާގައި ސީރިޔާ ސަރުކާރާ ދެކޮޅަށް އިތުރުވަމުން ދިޔަ ހަރަކާތް ނައްތާލަން ސީރިޔާ ސިފައިން ދިން ހަމަލާއަކީ އިންސާނީ ތާރީޚުގައިވެސް ގައުމެއްގެ ސަރުކާރުން އެގައުމެއްގެ ރައްޔިތުންނާ ދެކޮޅަށް ދިން އެންމެ ރަހުމްކުޑަ، އެންމެ އަނިޔާވެރި އެއް ހަމަލާއެވެ.
1982 ވަނަ އަހަރުގެ ފެބުރުވަރީ 2 ވަނަ ދުވަހުން ފެށިގެން، ހާފިޒުލް އަސަދުގެ ކޮއްކޯފުޅު ރިފްއަތުލް އަސަދުގެ ސީދާ ބެއްލެވުމުގެ ދަށުން، މެދު ނުކެނޑިި 27 ދުވަހަށް ދިން ވަރުގަދަ އަސްކަރީ ހަމަލާ ނިމުނު އިރު 25 ހާހަށް ވުރެ ގިނަ މީހުން މަރުވެ (ސީރިއަން ހިއުމަން ރައިޓްސް ކޮމިޓީން ލަފާކުރާ އަދަދު)، ރަށުގެ ތިންބަައިކުޅަ އެއްބައި ސުންނާފަތިވެ، 15 ހާސް މީހުން ވީނުވީއެއް ނޭނގި ގެއްލި، 1 ލައްކަ މީހުން ގެދޮރު ދޫކޮށް ހިޖުރަކުރަން ޖެހިފައިވެއެވެ. ރަށުގެ އާސާރީ ސަރަހައްދު ފުނޑުފުނޑުކޮށްލާފައި ވާއިރު، 88 މިސްކިތް ހަލާކުވެފައި ވެއެވެ. އެއްވެސް ހަތިޔާރެއް ނެތް ބަޔަކު ރަށުން ބޭރަށް ނުނުކުމެވޭ ގޮތަށް ހިސާރުކުރުމަށް ފަހު، ބޮޑި ބަޑިޔާއި، ޓޭންކާއި، ރޮކެޓް ލޯންޗަރު ބޭނުން ކޮށްގެން އެއްގަމުން ހަމަލާ ދިނުމުގެ އިތުރަށް މަތިންދާ ބޯޓުތަކުން ބޮން އަޅައި އެތައް ހާސް ބަަޔަކާއެކު ގެތައް ސުންނާފަތިކުުރުމަށް ފަހު 6 ހާހަށް ވުރެ ގިނަ ސިފައިން ރަަށަށް އަރައި އެެތައްހާސް ބައެއްގެ ގަޔަށް ބަޑިޖަހައި މަރައި ވަޅުވަޅުގަނޑަށް އަޅައި ވަޅުލާފައި ވެއެވެ. އަންހެނުންނަށާއި ކުޑަކުދިންނަށްވެސް ރަހުމްކުރުމެއް ނެތިއެވެ. މި ހަމަލާ މަޝްހޫރުވެފައި ވަނީ 'ހަމާގެ ގަތުލުއާއްމު 1982' ގެ ނަމުންނެވެ.
މިއަނިޔާވެރި ހަމަލާއަށް ފަހު މުސްލިމް ބްރަދަހުޑް ސީރިޔާގައި މުޅިންހެން ނެތިގެން ދިޔައެވެ. އެހެންނަަމަވެސް، ސުންނީންގެ ހިތުގައި ސީރިޔާގެ އަލަވީ ސަރުކާރާ ދެކޮޅަށް އޮތް ނަފުރަތާ ރުޅިވެރިކަން ދިޔައީ އިތުރުވަމުންނެވެ. 2011 ވަނަ އަހަރު ފެށުން 'އަރަބި ރަބީއު'ން ހިތްވަރު ލިބިގެން ސުންނީންވަނީ ސަރުކާރާ ދެކޮޅަށް އަނެއްކާވެސް ނުކުމެފައެވެ. ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި ހަރަކާތްތެރިވާ ސުންނީ ޖަމާއަތްތަކުގެ އަމާޒަކީ އެބައިމީހުންނާ ދެކޮޅަށް ހިންގާފައިވާ ލާއިންސާނީ އަމަލުތަކަށް ބަދަލުހިފުމެވެ. މުސްލިމް ބްރަދަހުޑްވެސް މިހާރު ވަނީ އާ ހިތްވަރަކާއެކު ނުުކުމެފައެވެ.
ދީނީ ދެކޮޅުވެރިކަމާކު، ސީރިޔާގެ ދާޚިލީ ހަނގުރާމައަށް މަގުފަހިކޮށްދިން މުހިއްމު އަނެެއްކަމަކީ ސިޔާސީ ދެކޮޅުވެރިކަމެެވެ. ސީރިޔާގައި 1963 ވަނަ އަހަރު ގެނެވެނު އިންގިލާބަކީ އަރަބި ސޯޝަލިސްޓުން ގެނައި އިިންގިލާބެކެވެ. އޭރު އަރަބި ދުނިޔެއަށް ފެތުރިގެން ދިޔަ ސޯޝަލިޒަމްގެ އޮއިވަރު ސީރިޔާގެ އިތުރުން އިރާގު، މިސްރު، ލީބިޔާ، ޔަމަން އަދި އަލްޖީރިޔާގައި ފެެތުރިގެން ދިޔައެވެ. ސޯޝަލިސްޓް އިންގިލާބަށް ފަހު ބަޢަޘް ޕާޓީން އުފެއްދީ އެއް ޕާޓީގެ މައްޗަށް ބިނާވެފައި އޮންނަ ސަރުކާރެކެެވެ. ސިޔާސީ އިދިކޮޅު ހަރަކާތަކަށް އެއްވެސް ޖާގައެއް ނެތެވެ. ހާފިޒުލް އަސަދުގެ ވެރިކަމުގައި އަނިޔާވެރިކަމާއެކު އިދިކޮޅު ސިޔާސީ ހަރަކާތްތައް ހުއްޓުވިއެވެ. 2000 ވަނަ އަހަރު އޭނާ އަވަހާރަވެ، އޭނާގެ ދަރިކަލުން ބައްޝާރުލް އަސަދު ވެރިކަމަށް ވަޑައިގަތުމުން ޑިމޮކްރެޓިކް ބަދަލުތަކަކަށް އުއްމީދުކުރެވުނެވެ. އެހެންނަމަވެސް އޭނާވެސް ހިންގެވީ ބައްޕާފުޅުގެ މަގުންނެވެ. އޭނާ ވެރިކަމަށް ވަޑައިގަތުމަށް ފަހު، ޗައިނާ ނަމޫނާއަކަށް ބައްލަވައިގެން ސޯޝަލިޒަމާއެކު އިގްތިސާދީ ބަދަލުތައް ގެެންނަަވަން މަސައްކަތްޕުޅުކުރެއްވިއެވެ. އެހެންނަމަވެސް، އެކަން ކާމިޔާބު ނުުރެއްވުމުން އޭނާއާ ދެކޮޅަށް އުފުލޭ އަޑުތައް ގަދަވެގެން ދިޔައެވެ. 'އަރަބި ރަބީއު' ފެށުމާއެކު ސަރުކާރާ ދެކޮަޅަށް ނުކުތް އެއްބަޔަކީ އަސަދުގެ ސޯޝަލަޒަމް ސީރިޔާއިން ނައްތާލަން ނުކުތް މީހުންނެވެ. (ނުނިމޭ)

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.