
ދާފިފަހުން ވިލިމާލޭގައި ހުރި ގުދަނެއްގައި ހިނގައިދިޔަ އަލިފާނުގެ ޙާދިސާގައި އަނދާފައި ވަނީ ސަރުކާރުން އެންމެ ފަހުން އިއުލާންކުރި ބޯހިޔާވަހި ކަމަށް އެދި ކުރިމަތިލީ މީހުންގެ ފޯމުތަކެއް ކަމަށްބުނެ ސޯޝަލް މީޑިޔާގައި ދެކެވެމުން އަންނަ ވާހަކަތައް ހައުސިންގ މިނިސްޓަރ ޑރ މުޙަންމަދު މުއިއްޒު ދޮގު ކުރައްވައިފިއެވެ.
ގުދަނުގައި އަނދައިގެން ގޮސްފައިވާ ބަޔެއް ފޯމުތަކުގެ ފޮޓޯއަކާއެކު މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ 2005 ވަނަ އަހަރު ސަރުކާރުން ހިންގި ބޯހިޔާވަހި ކަމުގެ މަޝްރޫއުގެ ފޯމުތަކެއް ކަމަށެވެ. އަދި އެހާދިސާ ތަހުގީގު ކުރުމަށް ފުލުހުންގެ ކިބައިން މިހާރު އެދިފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މިސަރުކާރުން ހިންގި ސްކީމްގެ ހުރިހާ ފޯމުތަކެއް ވާނީ ރައްކާކުރެވި، ސްކޭންކޮށް ޑިޖިޓަލް ކޮށްފައި" މިނިސްޓަރު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
ސަރުކާރުން އެންމެ ފަހުން އިއުލާން ކުރި 661 ފްލެޓަށް 15000 މީހުން ފޯމު ލާފައިވެއެވެ.