ތާލިބާނުންގެ ހަމަލާއަށް ފަހު ފުރަތަމަ ފަހަރަށް މަލާލާ ޕާކިސްތާނަށް ހިނގައްޖެ

ނޯބަލް ޕީސް ޕްރައިޒް ލިބިފައިވާ މަލާލާ ޔޫސުފް ޒާއީ މިއަދު އޭނާގެ ގައުމަށް ގޮސްފިއެވެ. އޭނާ ޕާކިސްތާނަށް ގޮސްފައި މިވަނީ 2012ވަނަ އަހަރު ތާލިބާނުން އޭނާ އަށް ހަމަލާދިންތާ ގާތްގަނޑަކަށް 6 އަހަރު ފަހުންނެވެ.

އުމުރުން 20 އަހަރުގެ މަލާލާ އަކީ އަންހެން ކުދީންނަށް ތައުލީމު ފޯރުކޮށްދިނުމަށް ވަކާލާތު ކުރާ މީހެކެވެ. މަލާލާގެ މި ދަތުރުގައި ޕާކިސްތާނުގެ ބޮޑު ވަޒީރު ޝާހިދް ޚާން އައްބާސީ އާ ބައްދަލު ކުރާނެ ކަމަށް ސީ.އެން.އެން އިން ރިޕޯޓ ކުރެއެވެ. މަލާލާގެ ދަތުރަށް ޕާކިސްތާނުގައި ސަލާމަތީ ކަންކަން ވަނީ ވަރަށް ވަރުގަދަ ކުރެވިފައެވެ.

އިސްކޫލު ބަހެއް ހުއްޓުވައި މަލާލާގެ ބޮލަށް ތާލިބާނުން ބަޑިން ހަމަލާދީފައިވަނީ 2012ވަނަ އަހަރުއެވެ. މިއީ އެ ހަމަލާއަށް ފަހު އޭނާ ޕާކިސްތާނަށް ކުރާ ފުރަތަމަ ދަތުރެވެ. ތާލިބާނުން ބުނެފައިވާ ގޮތުގައި އެމީހުން މަލާލާ އަށް ހަމަލާދިނީ އަންހެން ކުދީންނަށް ތައުލީމު ފޯރުކޮށް ދިނުމަށް އަޑު އުފުލާތީއެވެ. ހަމަލާ ދިން އިރު މަލާލާގެ އުމުރަކީ 15 އަހަރެވެ. ހަމަލާއަށް ފަހު ތާލިބާނުންގެ ތަރުޖަމާނަކު ބުނެފައިވަނީ މަލާލާ އަކީ ހުޅަނގުގެ ފިކުރު ގެންގުޅޭ ކުއްޖެއް ކަމަށާއި އޭނާ އަކީ ތާލިބާނުންނާ ދެކޮޅަށް އަޑު އުފުލާ ކުއްޖެއް ކަމުގައެވެ.  އަދި އޭނާ ނަމޫނާ އަކަށް ބަލަނީ އޮބާމާ ކަމުގައެވެ.

އުމުރުން 11އަހަރުގައި މަލާލާ ވަނީ ތާލިބާނުންގެ ހަރުކަށި ގަވައިދުތަކަށް އުޅެންޖެހޭ ގޮތުގެ ވާހަކަ އާއި އަންހެން ކުދީންނަށް އުނގަންނައިދިނުމުގެ މުހިއްމު ކަމުގެ ވާހަކަ ބީބީސީ އުރުދޫ އަށް ލިޔަން ފަށާފައެވެ.

ހަމަލާއަށް އަށްފަހު ސަރޖަރީ އަށް މަލާލާ ގެންދިޔައީ އިނގިރޭސިވިލާތަށެވެ.

މަލާލާ އަކީ ނޯބަލް އިނާމު ލިބުނު ދުނިޔޭގެ އެންމެ ހަގު މީހާއެވެ. ތައުލީމަކީ އަންހެން ކުދީންގެވެސް ހައްގެއް ކަމަށް އަބަދުވެސް ވަކާލާތު ކުރާ މަލާލާ އޭނާގެ ފުރަތަމަ ހަރަކާތެއްގެ ގޮތުން މާލާލާ ފަންޑް ފެށިއެވެ. މި ފަންޑުން ޕާކިސްތާނާއި އިންޑީއާ އާއި އަފްގާނިސްތާނާއި ނައިޖީރިއާ އަދި ސީރިޔާގެ ރެފިއުޖީ އަންހެން ކުދީންނަށް ސާނަވީ ތައުލީމު ފޯރުކޮށް ދިނުމަށް އެހީވެއެވެ.

މަލާލާ މިހާރު ދަނީ އޮކްސްފޯޑް ޔުނިވަރސިޓީ އިން ފިލޯސޮފީއާއި ޕޮލިޓިކްސް އާއި އިކޮނޮމިކްސް ކިޔަވަމުންނެވެ.

 

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.