
ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމް ކުވައިތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރައިވަޑައިގެންފިއެވެ.
މި މަހުގެ 28 ން 30 އަށް އެމަނިކުފާނު ކުރައްވާ މި ދަތުރުފުޅުގައި، ކުވައިތުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް އެކްސަލަންސީ ޝެއިޚް ސަބާހު އާލް ޚާލިދް އާލް ހަމަދު އާލް ސަބާހު އާ ބައްދަކުރައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.
ފޮރިން މިނިސްޓަރ ޑރ. އާސިމްގެ ކުވައިތަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓްރީގެ ސެކްރެޓަރީ ބައިލެޓްރަލް އަހުމަދު ޚަލީލާއި، ދިވެހި ސަރުކާރުން ކުވައިތަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު އަބްދުﷲ ހަމީދާއި، ޑިރެކްޓަރ އަބްދުލްވާރިސް ސައީދު ބައިވެރިވަޑައިގަންނަވާ ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.
މިދަތުރުފުޅުގެ މައިގަނޑު ބޭނުންފުޅެއް ރައީސް އޮފީހުން ހާމަކުރައްވައިފައެއް ނުވެއެވެ.