ކޮރެޔާ އަކީ ނިއުކުލިޔާ ހަތިޔާރު ނެތްތަނަކަށް ހައްދަވަން ތައްޔާރަށް ހުންނެވި ކަމަށާއި، އެމެރިކާގެ ރައީސު ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް އުތުރު ކޮރެޔާގެ ޒައީމު ކިމް ޖޮންގ އުން ޗައިނާގެ ރައީސު ޝީ ޖިންޕިންގގެ އަރިހުގައި ވައުދުވެވަޑައިގެންފިކަމުގައި ޗައިނާއިން ޚަބަރު ދީފިއެވެ.
ޒައީމު ކިމް ޗައިނާއަށް ވަޑައިގެން އުޅުއްވާކަމުގެ ޚަބަރުތައް ފެތުރިފައި ވަނިކޮށް ފުރަތަމަ ފަހަރަށް އެކަން ރަސްމީކޮށް ކަށަވަރުކޮށްދެމުން، ބުދަ ދުވަހު (މިއަދު) ފަތިހު ޗައިނާގެ ރަސްމީ ޚަބަރުފަތުރާ އެޖެންސީ ޝިންހުއާއިން ބުނީ، ކިމް އެގޮތަށް ވައުދުވެވަޑައިގެންފައި ވަނީ މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ކަމަށެވެ. މިއީ ޑިސެންބަރު 2017 ގައި އުތުރު ކޮރެއާގެ ޒައީމުކަމާ ހަވާލުވަޑައިގަތް ފަހުން އޭނާ ބޭރު ގައުމަކަށް ކުރައްވާ ފުރުތަމަ ދަތުރުފުޅެވެ.
ކިމް އިތުރަށް ވިދާޅުވީ އުތުރު ކޮރެޔާއިން ނިއުކުލިޔާ ހަތިޔާރު ނައްތާލާނީ، އެމެރިކާ އާއި ދެކޮނު ކޮރެޔާއިން އުތުރު ކޮރެޔާގެ ސަލާމަތާ މެދު ޔަގީންކަން ދިނުމުން ކަމުގައެވެ.
"ޝައްކެއްވެސް ނެތް. އަހަރެން ބޭރަށް ކުރާ ފުރަތަމަ ރަސްމީ ދަތުރު ކުރަން ޖެހެނީ ބީޖިންގ އަށް. އެއީ އަހަރެންގެ ރަސްމީ ވާޖިބެއް" ޒައީމު ކިމް ޖޮންގ އުންގެ ޝަރަފުގައި ޗައިނާގެ ރައީސު ޝީ ޖިންޕިންގ ދެއްވި ރަސްމީ ފަރިއްކޮޅެއްގައި ވާހަކަފުޅު ދައްކަވަމުން ކިމް ވިދާޅުވިކަމަށް އުތުރު ކޮރެޔާގެ ރަސްމީ ޚަބަރު ފަތުރާ އެޖެންސީން ބުނެފައި ވެއެވެ.
ޒައީމު ކިމް އާއި ރައީސު ޓްރަމްޕްގެ ބައްދަލުވުމެއް ބާއްވަން ހަމަ ޖެހިފައިވާކަން ދެ ކޮރެޔާއާއި އެމެރިކާއިން ވެސް ވަނީ ޔަގީންކޮށްދީފައެވެ. އެ ބައްދަލުވުން ބޭއްވުން އެންމެ ގާތީ މެމަހުގެ ތެރޭގައި ކަމަށް ދެކުނު ކޮރެޔާއިން ބުނެފައި ވީނަމަވެސް އެކަމުގެ ތާރީޚެއް އަދި ކަނޑައެޅިފައި ނުވެއެވެ.
"އަހަރުމެން ސާބިތުކަމާއެކު ކަނޑައަޅާފައިވާ ގޮތަކީ، އަވަހާރެވެފައިވާ ރައީސު ކިމް އިލް ސުންގ އާއި، އަވަހާރަވެފައިވާ ސެކްރެޓަރީ ޖެނެރަލް ކިމް ޖޮންގ އިލް ވެސް ވިސްނަވާފައިވާ ގޮތަށް ކޮރެޔާ ޕެނިންސިއުލާ ނިއުކުލިޔާއަކީ ހަތިޔާރު ނެތް ތަނަކަށް ހެދުން،" އޭނާގެ ކާފާފުޅާއި ބައްޕާފުޅަށް އިޝާރާތްކުރައްވަމުން ކިމް ވިދާޅުވިކަމަށް ޝިންހުވާއިން ޚަބަރު ދީފައި ވެއެވެ.
އުތުރު ކޮރެޔާގެ ވަރަށް އިސް މަސްއޫލުވެރިއަކު ރޭލުގައި ޗައިނާއަށް ވަޑައިގެންފިކަމާއި، އެއީ ޒައީމު ކިން ޖޮންގ އުން ކަން ޔަގީން ނުވާކަމުގައި ޖަޕާނުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ހޯމަ ދުވަހު ބުނެފިއެވެ. އެހެންނަމަވެސް އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެކޭ ނުބުނެ އޮތުމަށް ފަހު ޗައިނާއިން އެކަން ކަށަވަރު ކޮށްދިނީ ބުދަ ދުވަހު ފަތިހުއެވެ. ބެލެވޭ ގޮތުގައި އެއީ ކިމް އެނބުރި ގައުމަށް ވަޑައިގަތުމުންނެވެ.