
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަންނަ ހަފުތާގެ ތެރޭގައި ފަށާނެ ކަމަށް ވެރިކަންކުރާ ޕީޕީއެމްގެ ޕީޖީ ލީޑަރ އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ނިހާން ވިދާޅުވީ މަޖިލީހުގައި ކުރާނެ މަސައްކަތް ވަރަށްގިނަ ކަމަށާއި، ނަމަވެސް މަޖިލީހުގައި މިހާރު ކުރަންހުރި ހުރިހާ ކަމަކީ ހަމައެކަނި ޕީޕީއެމްގެ ކޯލިޝަނުގެ މެމްބަރުން ތިއްބަވައިގެން ކުރެވޭވަރަށްގިނަ މަސައްކަތް ކަމަށެވެ. ނިހާން ވިދާޅުވީ މަޖިލީހުގެ މަސައްކަތުގައި އިދިކޮޅު މެމްބަރުންގެ ލަފަޔާއި މަޝްވަރާވެސް ބޭނުންވާ ކަމަށެވެ.
ކުއްލި ނުރައްކަލުގެ ޙާލަތުގެ ތެރޭގައި މަޖިލީހުގެ ޚާއްސަ ޖަލްސާތަކެއް ކުރިޔަށް ގެންދިޔަނަމަވެސް ފަހުން މަޖިލީހުގެ ޖަލްސާތައް ވަނީ ނުބޭއްވިއެވެ. އެންމެ ފަހުން ބޭއްވި ގިނަ ޖަލްސާތައް އިދިކޮޅު މެމްބަރުން ބޮއިކޮޓް ކުރައްވާފައިވާއިރު ސަރުކާރު ޕާޓީގެ މެމްބަރުން ވިދާޅުވަނީ އިދިކޮޅު މެމްބަރުންވެސް ޖަލްސާއަށް ވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.
ސިޔާސީ ކަންކަން ހަލަބޮލިވި ފަހުން މަޖިލީހުގެ އާންމު ޖަލްސާ ތަކުގެ އިތުރުން ގިނަ ކޮމިޓީތަކުގެ މަސައްކަތްވެސް ވަނީ ހުއްޓިފައެވެ.