އަތްނުފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދޭން ރައީސް ބޭނުންފުޅެއް ނޫން:ހައުސިން

އިންވެސްޓަރަށް ފީޒިބަލް ވިޔަސް އާންމު މީހާއަށް ބަރުބޮޑުވާ ގޮތަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދަވަން ރައީސް ޔާމީން ބޭނުންފުޅު ނުވާކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޗެނަލް 13 ގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ ހަސަން ޒަރީރު މިރޭ ވިދާޅުވީ ބޯހިޔާވަހި ކަމަކީ ރައީސް ޔާމީން ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަޝްރޫއުތަކެއް ކަމަށެވެ.

އެގޮތުން އެމަނިކުފާނު 2015 ވަނަ އަހަރު ފަނަރަހާސް ހައުސިން ޔުނިޓުގެ މަޝްރޫއު އިއުލާން ކުރެއްވުމުން އެއަށް ބޭރުގެ ފަރާތްތަކުންވެސް ބިޑު ހުށަހަޅަމުން ދިޔަކަމެވެ. "އެހެންނަމަވެސް ބޯހިޔާވަހިކަމޭ ކިޔާފައި އެ ބޯހިޔާވަހިކަން ރައްޔިތުން އަތްނުފޯރާ ފަށުގައި އެކަން ކުރަން. އިންވެސްޓަރަކު ފީޒިބަލް ވިޔަސް ރައްޔިތު މީހާއަށް ބަރުބޮޑުވާ ގޮތަށް އެކަންކުރައްވަން ރައީސް ބޭނުންފުޅެއްނުވޭ،" ޒަރީރު ވިދާޅުވިއެވެ.

ރައީސް ޔާމީން 2015 ވަނަ އަހަރު އިއުލާން ކުރެއްވި ފަނަރަހާސް ފުލެޓްގެ މަސައްކަތް ކުރިއަށް ނުގެންދެވި އޮތުމަށްފަހު ރައީސް ނިންމެވީ ހުޅުމާލޭގައި މިހާރު އަޅަމުންދާ ހަތްހާސް ފުލެޓާއި، ހިޔާ މަޝްރޫއުގެ ދަށުން އެތައް ސަތޭކަ ފުލެޓުތަކެއް އަޅުއްވަން ކަމަށް އޭނާ ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ މިހާރުވެސް މިސަރުކާރުންވަނީ 704 ފުލެޓް ދޫކޮށްފައި ކަމަށެވެ. އެއީ ރައްޔިތުންނަށް އެކަށީގެންވާ އަގެއްގައި ފެންވަރު ރަނގަޅަށް ހަދައިފައިވާ ތަންތަން ކަމަށްވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.