އިނގިރޭސިވިލާތުގެ ލަންޑަނުގައި މައި އޮފީސް ހުންނަ ކެމްބްރިޖް އެނަލިޓިކާ ކިޔާ ކުންފުންޏަކު ފޭސްބުކް ބޭނުންކުރާ އެތައް މިލިއަން ބައެއްގެ ޒާތީ މައުލޫމާތުނަގައި އެ މައުލޫމާތު ސިޔާސީ ފަރާތްތަކަށް ކެމްޕޭން ކޮށްދިނުމުގައި ބޭނުންކޮށްފައިވާކަން، އެކުންފުނީގައި ކުރިން މަސައްކަތްކުރި މީހަކު ފަޅާއަރުވައިލިތާ މާގިނަ ދުވަސްތަކެއް އަދި ނުވެއެވެ. މިކަމާ ގުޅިގެން ފޭސްބުކްގެ ބާނީ އަދި ޗީފް އެގްޒެކަޓިވް މާކް ޒަކަބާގް ވަނީ ގޯސްތަކެއް ހެދިފައިވާ ކަމަށާ، ފޭސްބުކް ބޭނުންކުުރާ މީހުންނަށް ޚިޔާނާތްތެރިވެވިފައިވާ ކަމަށް އެެއްބަސްވެފައެވެ.
ދުނިޔޭގައި އެންމެ ގިނަ މީހުން ބޭނުންކުރާ ސޯޝަލް މީޑިޔާގެ ވަސީލަތްކަމުގައިވާ ފޭސްބުކަށް މީހުން ކުރަމުން އައި އިތުބާރަށް މިވަނީ ގުޑުން އަރާފައެވެ. މީގެ އިތުރަށް ބޮޑު މައްސަަލަގަނޑެއްގެ ތެރެއަށް ވެއްޓި، ފޭސްބުކްގެ ވިޔަފާރިއަށް ވަނީ ލޮޅުންއަރާފައެވެ. މިފަދަ ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ފޭސްބުކްެ ވެއްޓުނީ އެހެން ކުންފުންޏެއްގެ ސަބަބުންނެވެ. އެ ކުންފުނިން އެކަންކުރީ ފޭސްބުކަށް ނޭނގިހެއްޔެވެ؟ މިއީ މިކަމާ ގުޅިގެން އުފެދޭ ބައެއް ސުވާލުތަކެވެ.
މިިކަން ފެށުނީ ކިހިނެއް؟
ފޭސްބުކް ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތު އެއްކުރުމުގެ ހުއްދަ 2010 ވަނަ އަހަރުން ފެށިގެން އެހެން ކުންފުނިތަކަށް ފޭސްބުކުން ދިނެވެ. މިގޮތުން އެ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ފޭސްބުކުގެ ފަރާތުން 'އޮޕެން ގްރާފް އޭޕީއައި' ތައާރަފުކުރިއެވެ. އެއީ ޑިވެލޮޕަރުންނަށް ޚާއްސަ އެޕެކެެވެ. އެ އެޕް ބޭނުން ކޮށްގެން އެހެން ކުންފުނިތަކަށާއި، ވެބްސައިޓުތަކަށް ފޭސްބުކް ބޭނުންކުރާ މީހުންގެ މައުލޫމާތު އެއްކުރެވެއެވެ. އެމީހުންގެ މިޒާޖާއި، އިސްކަންދޭ ކަންކަމާއި، އެމީހުން އެންމެ ހިތްއެދޭ ވައްތަރުގެ ތަކެތި ދެނެގަނެވެއެވެ. އަދި އެ މައުލޫމާތުގެ އަލީގައި އެމީހުން އެދޭފަދަ އުފެދުންތަކާއި، ކަންކަމުގެ އިޝްތިހާރު އެމީހުންނަށް އަމާޒުކޮށް ފޮނުވެއެވެ.
2012 ވަަނަ އަހަރު ފޭސްބުކުން ގޭމް ގުޅޭ ވެބް ޕޭަޖް ތަކުގައި 'ހުއްދަ އެބައޮތް' އަދި 'ހުއްދަ ނެތް' ޓެބްތަކުގެ ބަދަލުގައި ހަމައެކަނި 'ގޭމް ކުޅޭ' ޓެބް ބޭނުންކުރަން ފެށިއެެވެ. މިހެން ހެދުމުން ކުޅޭ މީހާއަށް ތިމާގެ ޒާތީ މައުލޫމާތު ތިންވަނަ ފަރާތްތަކަށް ދެވޭކަން ނުވަތަ ނުދެވޭކަން ނޭނގެއެވެ. މިކަމުގެ ބޭނުންވެސް ތިންވަނަ ފަރާތްތަކުން ހިފާފައި ވެއެވެ.
ފޭސްބުކް ބޭނުންކުރާ މީހުންގެ މައުލޫމާތު އެއްކޮށް އޭގެ ބޭނުން ހިފުނީ ކިހިނެއް؟
2013 ފަނަ އަހަރު ފޭސްބުކްގެ އޮޕެން ގްރާފް އޭޕީއައި ބޭނުންކޮށްގެން ކެމްބްރިޗް ޔުނިވަރސިޓީ ޑާޓާ ސައިންޓިސްޓެއް ކަމުގައިވާ އެލެކްސާޑަރް ކޯގަން ފޭސްބުުކުގައި ބޭނުންކުރާ ކުއިޒެއް އުފެއްދިއެވެ. 2 ދެލައްކަ 70 ހާހަށްވުރެ ގިނަ މީހުން މި ސާވޭގައި ބައިވެރިވެ އެމީހުންނާއި އެމީހުންގެ ރައްޓެހިންގެ މައުލޫމާތު ދިނެވެ. އެކުއިޒުގެ ޒަރީއާއިން އެތައް މިލިއިން މީހުންގެ ޒާތީ މައުލޫމާތު އޭނާ އެއްކުރިއެެވެ. ކޯގަން ބުނީ ކުއިޒުގައި ބައިވެރިވާ މީހުންގެ މައުލޫމާތު އެހެން ފަރާތަކަށް ނުލިބޭ ގޮތް ހަދާނެ ކަމުގައެެވެ. ނަމަވެސް އޭނާ އެހެން ހަދާފައި ނުވެއެވެ.
ފޭސްބުކުން ފިޔަވަޅު އެޅިތަ؟
ފޭސްބުކް ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތު ނުބައި ގޮތަަކަށް ބޭނުންކޮށްފާނެކަން ފޭސްބުކުގެ އިސްވެރިންނަށް ވިސްނިގެން 2015 ވަނަ އަހަރު އެޕްރީލް މަހުން ފެށިގެން އޮޕްެން ގްރާފް އޭޕީއައި ބަންދުކޮށް އެެ ބޭނުން ނުކުރެވޭ ގޮތަށް ހެދިއެެވެ. އޭރު އެތައް ކުންފުންޏަކުން ވަނީ ފޭސްބުކް ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތު ނަގާފައެވެ.
2015 ވަނަ އަހަރު ދަ ގާޑިއަން ނޫހުން ކުރި ތަހުގީގަކުން އެނގުނު ގޮތުގައި އެލެކްސާންޑަރް ކޯގަން އޭނާގެ އަތުގައި ހުރި ފޭސްބުކް ބޭނުންކުރާ މީހުންގެ މައުލޫމާތު ސްޓްރެޓީޖިކް ކޮމިއުނިކޭަޝަންސް ލެބޯޓަރީސް ކިޔާ ކުންފުންޏަކަށް (ފަހުން ކެމްބްރިޖް އެނަލިޓިކާގެ ނަމަށް ބަދަލުވެފައިވާ) ވިއްކާލިކަން އެނގުނެވެ. ފޭސްބުކްގެ ވެރިންނަށް މިިކަން އެނގުމުން އެކަން ކޮށްފައިވާކަން އަމިއްލައަށް ކަށަވަރުކުރުމަށް ފަހު، އެކަން ހިނގިކަން އާއްމުންނަށް ހާމަކޮށްފައި ނުވެއެވެ. އަދި އެކުންފުންޏަށް އެމީހުން އަތުގައި ހުރި ހުރިހާ މައުލޫމާތެެއް ނައްތާލަން ގާނޫނީ ގޮތުން އެންގުމުން އެ މައުލޫމާތު ނައްތާލިކަން ސާބިތުކޮށްދޭ ލިއުމެއް އެކުންފުނިން ފޭސްބުކަށް ދިނެވެ.
މިކަން ގޯސްވީ ކިހާ ހިސާބަކުން؟
2016 ވަނަ އަހަރު ހިންގުނު ޑޮަނަލްޑް ޓްރަމްޕްގެ ރިޔާސީ ކެމްޕޭނުގައި ކެމްބްރިޖް އެނެލެޓިކާއިން ވަނީ ފޭސްބުން ބޭނުން ކުރާ އެެތައް ބައެެއްގެ މައުލޫ ބޭނުންކޮށްގެން އެބައިމީހުންނަށް އަމާޒުކޮށް ހިލަރީ ކްލިންޓަނާ ދެކޮޅު ވީޑިއޯ ފޮނުވާފައެވެ. އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މާކް ޓާންބުލް 'އަހަރުމެންވާނީ ފޭސްބުކް ވީޑިއޯ ބޭނުންކޮށްގެން ބޯގޯސް ހިލަރީ ބަލިކޮށްފައޭ" ބުނިކަމަށް އިނގިރޭސި ޗެނެލް 4 ގެ ތަހުގީގަކަށް އެނގިފައި ވެއެވެ.
މި މާރިޗު މަހުގެ 17 ވަނަ ދުވަހު ކުރިން ފޭސްބުކަށް މަސައްކަތްކޮށްދިން ކްރިސްޓޮފަރ ވައިލީ ކިޔާ މީހަަކު ނިއުޔޯކް ޓައިމްސް އަށާއި ދަގާޑިއަން މައުލޫމާތު ދިން ގޮތުގައި ކެމްބްރިޖް އެނަލިޓިކާއިން ނައްތާލިކަމަށް ބުނި 50 މިލިއަން މިހުންގެ މައުލޫމާތު އެމީހުން ނައްތާލާފައި ނުވެއެވެ. އަދި 2016 ވަނަ އަަހަރުގެ ޓްރަޕް ކެމްޕޭނުގައި އެ ކުންފުނިން ބޭނުން ކުރީ އެމައުލޫމާތެެވެ.
މިކަން ފަޅާއެރި ހިސާބުން ފޭސްބުކް މިވަނީ 'ކަރުތާފެނަށް' ވެއްޓިފައެވެ. އެމެެރިކާގެ ފެޑެރަލް ޓްރޭޑް ކޮމިޝަނުން މައްސަލަ ތަހުގީގުކުރަން ފަށާފާއިވާއިރު، ޒަކަބާގް އިނގިރޭސި ހައުސް އޮފް ކޮމަންސް އަށް ހާޒިރުވުމަށްވެސް ވަނީ އަންގާފައެވެ.
ފޭސްބުކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް
ފޭސްބުކް ބޭނުންކުރާ މީހުންގެ މައުލޫމާތުގެ ބޭނުންކުރުމަކީ ގާނޫނީގޮތުން ކިހާވަރެއްގެ ކުށެއް ހެއްޔެވެ؟ މިކަމާމެދު ގާނޫނީ މާހިރުން ބުނާ ގޮތުގައި ފޭސްބުކް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތެއްގެ ކޮންމެ މީހަކުވެސް އޭނާގެ މައުލޫމާތު ހިއްސާކުރަން ޖެހެނީ އެ މައުލޫމާތު ކޮންމެ ބަޔަކުވެސް ބޭނުންކޮށްފާނެކަން ވިސްނުމުގައި ބަހައްޓައިގެންނެވެ. ވީމާ، ބަޔަކު އެމައުލޫމާތުގެ ބޭނުން ހިފައިފިކަން އެނގުމުން އެކަމާމެދު ކުއްލި ސިހުމެއް ލިބި ހައިރާންވާކަށް ނުޖެހެއެވެ. އެކަމާ މެދު އެޅޭނެ މާބޮޑު ގާނޫނީ ފިޔަވަޅެއް ވެސް ނޯންނާނެއެވެ.
އެހެންނަމަވެސް، އެމެރިކާގެ ބައެެއް ގާނޫނީ ވަކީލުންވަނީ އާއްމު ރައްޔިތުންގެ ގިނަ ބައެެއްގެ ފަރާތުންނާއި، ފޭސްބުކްގައި އިންވެސްޓްކޮށްފައިވާ މީހުންގެ ފަރާތުން ކޯޓުތަކަށް މައްސަލަތަކެއް ހުށަހަޅާފައެވެ.
ޔޫރަޕިޔަން ޔުނިއަނުން ނިންމާފައި ވަނީ އަންނަ މޭ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ފޭސްބުކް ފަދަ ސައިޓުތައް ބޭނުންކުރާ މީހުންގެ މައުލޫމާތުތަކާ ބެހޭ ހަރުކަށި ގާނޫނެއް ތަންފީޒުކުރަން ފަށަން ނިންމާފައެވެ. އެފަދަ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރާ ފަރާތްތަކަށް އެ ގާނޫނުގެ ދަށުން ހަރުކަށި އަދަބު ދެވޭނެއެވެ.
މީގެ އިތުރަށް، އެމެރިކާގެ ސެނެޓާއި، އިނގިރޭސިވިލާތުގެ ހައުސް އޮފް ކޮމަންސް އާއި ޔޫރިޕިއަން ޕާލަމެންޓަށް ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް ހާޒިރުކޮށް ސުވާލުކުރުމަށް އެތަންތަނުން ވަނީ ނިންމާފައެވެ.
ފޭސްބުކަށް ކުރިމަތިވާ މާލީ ގޮންޖެހުންތަކެއްވެެސް އެބަހުއްޓެވެ. ޔޫރިޕިއަން ކޮމިޝަނުން ވަނީ ފޭސްބުކް ފަދަ ސައިޓްތަކުގައި ޖެހޭ އިޝްތިހާރުތަކުން ޓެކްސް ނެގުމަށް ނިންމާފައެވެ. އަނެއްކޮޅުން މިހާރު ފަޅާއަރައިގެން އުޅޭ މައްސަލައިގެ ސަބަބުން ނިއުޔޯކުގެ ހިއްސާގެ ބާޒާރުގައި ފޭސްބުކްގެ ހިއްސާގެ އަގު ވަނީ %7 ދަށަށް ގޮސްފައެވެ.
މިހާރު ފޭސްބުކް ދޫކޮށްލުމުން ވާނެ ފައިދާއެއް އެބައޮތްތަ؟
މިހާރު މި ފަޅާއަރަގެން އުޅޭ މައްސަލައާ ގުޅިގެން ގިނަ ބަޔަކު ދަނީ ފޭސްބުކް ދޫކޮށްމަށް ގޮވާލަމުންނެވެ. #ޑިލީޓްފޭސްބުކް ހޭޝްޓެގް ވަނީ ޓްވިޓާގައި ވައިރަލްވެފައެެވެ. އެހެނަސް، މިހާރު ފޭސްބުކް އެކައުންޓް ޑިލީޓްކޮށްލުމުން ވާނެ ފައިދާއެއް އެބައޮތް ހެއްޔެވެ؟ ހަގީގަތުގައި ފައިދާއެއް ނެތެވެ. އެކައުންޓް ޑިލީޓްކޮށްލިއަސް، ފޭސްބުކަށް ދިން ޒާތީ މައުލޫމާތުތައް ފޭސްބުކުގައި ހުންނާނެއެވެ. އެމީހުންނަށް ބޭނުން އިރަކު އޭގެ ބޭނުން ހިފިދާނެއެވެ.