މިއަހަރުގެ އާތުއަވަރގެ ހަރަކާތްތައް މިއަދު ފަށައިފި

އަރތުއަވަރއަކީ ވޯލްޑްވައިޑް ފަންޑު ފޯ ނޭޗަރ (ޑަބްލިޔުޑަބްލިޔުއެފް) އިން އިންތިޒާމް ކޮށްގެން މުޅިދުނިޔޭގައި ފާހަގަކުރާ ތިމާވެށީގެ ހަރަކާތެކެވެ.

އެއީ ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާމެދު މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެގޮތުން ދުނިޔޭގައި ހިންގާ ޚާއްސަ ކޭންޕެކެވެ. މި ކެންޕޭނަކީ 2007 ވަނަ އަހަރުން ފެށިގެން ދުނިޔޭގައި ހިންގަމުންދާ ކެމްޕެއިނެކެވެ. މިހަރަކާތުގައި ދިވެހިރާއްޖެ ބައިވެރިވާން ފެށީ 2009 ވަނަ އަހަރުއެވެ. އެފަހުން ކޮންމެ އަހަރަކުވެސް ރާއްޖޭގައި އެހަރަކާތް ކުރިއަށް ގެންދެއެވެ.

މިއަހަރުގެ އަރތުއަވަރގެ ރަސްމީ ބައި ކަމަށްވާ "ސްވިޗް-އޮފް" ހަރަކާތްވެސް އޮންނާނީ އައްޑޫގައެވެ. ރާއްޖޭގައި އަރތުއަވަރފާހަގަކުރަން ފެށިފަހުން މިނޫނީ މާލެއިން ބޭރުގައި މިހަރަކާތް ބާއްވައިފައެއް ނުވެއެވެ. މި އަހަރުގެ އަރތު އަވަރގެ ތީމަކީ "ކަނެކްޓް އާތުއަވަރ" އެވެ. އާރތުއަވަރ މޯލްޑިވްސްގެ ކަންޓްރީ މެނޭޖަރު އަހުމަދު ނަޝީދު ވިދާޅުވީ މިއަހަރު ކުރާ ކޮންމެކަމެއް އެ ތީމުގެ ދަށުން ކުރެވިދާނެ ކަމަށެވެ. އެގޮތުން ޕިކްނިކް ދަތުރަކުދާ ކަމަށްވާނަމަ ބޭރަށް ދިއުމުގެ ބަދަލުގައި ރާއްޖޭގެ ރަށަކަށް ދެވިދާނެ ކަމަށެވެ. ބޭނުމަކީ މަތިންދާ ބޯޓުތަކުން ބޭރުވާ ގޭސް މަދު ކުރުމަށް މަގު ފަހި ކުރުމެވެ. އޭގެ އިތުރަށް ދިރިއުޅުމުގައި ކުރާ ކޮންމެ ކަމެއް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުރިއަށް ގެންދިޔުމަށްވެސް އޭނާ އިރުޝާދު ދެއްވިއެވެ.

އައްޑޫ ސިޓީއަކީ ކަނޑޫފާތަކާއި ކުޅިތައް ހިމެނޭ ސިޓީއެކެވެ. ތިމާވެށީގެ މުއްސަނދިކަން ހިމެނޭ އެފަދަ ތަންތަން ދިރުވައި އާލާކުރުމުގެ ހިތްވަރު ރައްޔިތުންނަށް ދިނުމަކީވެސް އަރތުއަވަރ އައްޑޫގައި ފާހަގަކުރުމުގެ އެއްބޭނުމެވެ.

އަރތުއަވަރގެ މައިގަނޑު ހަރަކާތް އޮންނާނީ މާދަމާރޭގައެވެ. އެއީ ކޮންމެހެން ބޭނުންނުވާ ކަރަންޓުގެ އާލާތްތައް އެއްގަޑިއިރަށް ނިއްވާލުމެވެ. ދުނިޔެއަށްޓަކައި އެގަޑި އެންމެވެސް ޚާއްސަކޮށްދިނުމަކީ ތިމާވެއްޓަށް ކޮށްދެވޭނެ ވަރަށް ރަނގަޅު ޚިދުމަތަކަށްވާނެއެވެ. ރާއްޖޭގެ ތިމާވެށި އޭގެ އެންމެ ރައްކާތެރި ގޮތުގައި އަންނަން އޮތް ޖީލާ ހަމައަށް ގެންގޮސްދިނުމަކީ އެންމެންގެ ޒިންމާއެކެވެ. އެހެންވީމާ އެކަމަށް އަޒުމް ކަނޑައަޅަން ވަކި ވަގުތެއް ބޭނުން ކަމަށްވާނަމަ އެވަގުތަކީ އަރތުއަވަރ ފަހަގަ ކުރާ ވަގުތަށް ހެދިދާނެއެވެ.

އަރތުއަވަރ ގެ ވަގުތުގައި ކޮންމެހެން ބޭނުން ކުރަންޖެހޭ ތަކެތި ފިޔަވައި އެހެން ހުރިހާ ކަރަންޓު ބޭނުންކުރާ ތަކެތި ނިއްވާލެއްވުމާއި، އެވަގުތުގައި ހިނގާފައި އުޅުއްވުމަކީވެސް ތިމާވެއްޓަށް ކޮށްދެވިދާނެ ވަރަށް މުހިންމު ކަމެކެވެ. މިއީ ވަކި ޖަމާއަތަކަށް ވަކި ފަރުދަކަށް ޚާއްސަ ކަމެއްނޫނެވެ. މިއީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ.

އަރތުއަވަރގެ އެންމެ މުހިންމު ހަކާކަތް ކަމަށްވާ ބޮކި ނިއްވުން އޮނާނީ މާރިޗު މަހު 24 ވަނަ ދުވަހުގެރޭ 8:30 އިން 9:30 އަށެވެ. އާތުއަވަރ ފުރަތަމަ ފާހަގަކޮށްފައިވަނީ 2007 ވަނަ އަހަރުގެ އޮސްޓްރޭލިއާގެ ސިޑްނީގައެވެ. އެފަހުން އެ ހަރަކާތް ފުޅާވެ ދުނިޔޭގެ 187 ގައުމެއްގެ 7000 ސިޓީގައި ގެންދަނީ މިހަރަކާތް ފާހަގަ ކުރަމުންނެވެ.

ހަރަކާތްތައް ފެށުމުގެ ގޮތުން މިއަދު ހެނދުނު ވަނީ ހިތަދޫގެ ބައެއް ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ކޮށްފައެވެ. އޭގެ އިތުރަށް އައްޑޫގައި ވަނީ ބައިސްކަލް ބުރެއް ބާއްވައިފައެވެ. ބޭނުމަކީ ދަތުރުފަތުރު ކުރުމުގައި ތިމާވެއްޓާ ރައްޓެހި އުޅަނދު ބޭނުން ކުރަން ހިތްވަރު ދިނުމެވެ. އޭގެ އިތުރަށް ސްޓޭޖުޝޯއެއް ބޭއްވުމާއި، މާދަމާ ހެނދުނު ސީކެޕްގެ ފަރާތުން ބާއްވާ ގަސް އިންދުމުގެ ހަރަކާތެއްވެސް އޮންނާނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.