ފޭސްބުކް ބޭނުންކުރާ މީހުންގެ ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގައި "ގޯސްތަކެއް ހެދިފައި"ވާ ކަމަށް ފޭސްބުކްގެ ބާނީ އަދި ޗީފް އެގްޒެކަޓިވް މާކް ޒަކަބާގް އެއްބަސްވެއްޖެއެވެ. އޭނާ މިކަން ހާމަކުރީ ސިޔާސީ ކެމްޕޭންތަކަށް ލަފާދޭ ކުންފުންޏެއް ކަމަށްވާ ކެމްބްރިޖް އެނަލެޓިކާ އިން ފޭސްބުކް ބޭނުންކުރާ އެތައް މިލިއަން ބައެއްގެ މައުލޫމާތު އެއްކޮަށް ސިޔާސީ ކެމްޕޭންގެ މަގްސަދުގައި ބޭނުންކުރިކަން ހާމަވީފަހުން ފުރަތަމަ އާއްމުކުރި ބަޔާނުގައެވެ.
"ތިޔަބޭފުޅުންގެ މައުލޫމާތު ރައްކާތެރިކުރުމަކީ އަހަރުމެންގެ މަސްއޫލިއްޔަތެއް. އެކަން ނުކުރެވެންޏާ ތިޔަބޭފުޅުންނަށް ޚިދުމަތްކުރުމުގެ ހައްގެއް އަަހަރުމެންނަށް ނެތް. ހަގީގަތުގައި ވީ ކިހިނެއްކަން ދެނެގަތުމަށާ، ދެން އެފަދަ ކަމެއް ނުވާނެ ގޮތް ހަދާނީ ކިހިނެއްކަން ހޯދަން އަހަރެން ދިޔައީ މަސައްކަތް ކުރަމުން." ފޭސްބުކްގައި އާއްމުކުރި ބަޔާނެއްގައި ޒަކަބާގް ބުނެފައި ވެއެވެ.
ގޯސްތަކެއް ހެދުނުކަމަށް ޒުކަބާގް އެއްބަސްވި ނަމަވެސް ފޭސްބުކް ބޭނުންކުރާ މީހުންނާއި، އިންވެސްޓަރުުންގެ ކިބައިން އޭނާ މާފަށް އެދިފައި ނުވާތީ އޭނާއަށް ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. 2014 ވަނަ އަހަރުން ފެށިގެން ހިނގާފައިވާ ކަމެއް މިހާރު ހާމަވެގެން އުޅޭ އިރު، މި ވޭތުވެ ދިޔަހާ ދުވަހު އެކަން ހިނގި ގޮތުގެ ތަފްސީލެއްވެސް ދީފައި ނުވާއިރު، އެކަން ހިނގާކަން އެނގުނީމާ އެކަން ކުރި ބަޔަކު ބޭރު ނުކުރީ ކީއްވެގެން ކަމާމެދު ފާޑުކިޔާމީހުން ދަނީ ސުވާލުކުރަމުންނެވެ.
ކެމްބްރިޖް ޔުނިވަރސިޓީގެ ޕްރޮފެސަރ އެލިކްސާންޑަރް ކޯގާން އުފެއްދި 'ދިސް އިޒް ޔުއަރ ޑިޖިޓަލް ލައިފް' ކިޔާ ކުއިޒެއްގައި ބައިވެރިވެ، އެމީހެއްގެ ޝަޚްސިއްޔަތާ ބެހޭ ގޮތުން ދެނެގަތުމަށް 2014 ވަނަ އަހަރު ފޭސްބުކް ބޭނުންކުރާ މީހުންނަށް ދައުވަތު ދިނެވެ. މި އެޕް މެދުވެރިކޮށް 2 ލައްކަ ހަތްދިހަހާސް މީހުންގެ މައުލޫމާތު އެއްކުރި އިރު، އެމީހުންގެ ރަހްމަތްތެރިންގެ މައުލޫމާތުވެސް އެއްކުރިއެވެ.
މި މައުލޫމާތު ކެބްރިޖް އެނެލިޓިކާ ކިޔާ ކުންފުންޏަކަށް (ކެމްބްރިޖް ޔުނިވަރސިޓީއާ އެެއްވެސް ގުޅުމެއް ނެތް ކުންފުންޏެއް) ވިއްކާލެވުނެވެ. އެ ކުންފުނިން ވަނީ ފޭސްބުކް ބޭނުންކުރާ 50 މިލިއަން މީހުންގެ މައުލޫމާތު ނަގައި އެމީހުންގެ ނަފްސިއްޔާތު ދިރާސާކޮށް، ޑޮނާލްޑް ޓްރަމްޕްގެ ސިޔާސަތުތަކަށް ތާއީދުކޮށްފާނެކަމަށް ލަފާކުރެވޭ މީހުންނަށް 2016 ވަނަ އަަހަރުގެ ރިޔާސީ އިންތިޚާބުގެ ކެޕްމޭނާ ގުޅޭ ތަކެތި ފޮނުވާފައެވެ.
މިހާރު މިމައްސަލަ ތަހުގީގުކުރެވެން ފެށީ، ކެބްރިޖް އެނެލިޓިކާގައި ކުރިން މަސައްކަތް ކުރި ކްރިސްޓޮފަރ ވައިލީ ކިޔާ މީހަކު މިކަން ބޭޒާރުކޮށްލުމުންނެވެ. މިމައްސަލައިގެ ތަހުގީގަށް މާކް ޒަކަބާގް އިނގިރޭސި ހައުސް އޮފްް ކޮމަންސްއަށް ހާޒިރުުވުމަށް މިހާރު ވަނީ އަންގާފައެވެ.