އެތަން ހުންނަނީ ހުޅުމާލޭ ބީޗް ސަރަހައްދުގައެވެ. ނަމަކީ "ފެމިލީ ރޫމް" އެވެ. އެކަމަކު އެއީ ރޫމް ކުއްޔަށްވެސް އަދި ހިލޭވެސް ދޭ ތަނެއްނޫނެވެ. އެއީ ހަމަ ރަހަމީރު ކޮފީ ދޭތަނެކެވެ.
ބަލާބެލުމަށް އެސަރަހައްދުގެ އެހެން ތަންތަނާ މާބޮޑު ތަފާތެއް ނެތަސް އެތެރެއަށްވަދެ ކޮފީއެއްގެ ރަހަބަލާލައި އެތަނުގެ މީހުންނާ ވާހަކަ ދައްކައި ހަދާލުމުން އެތަނުގެ ޚާއްސަކަން އެނގިގެންދިޔައެވެ.
"ފެމިލީ ރޫމް" އަކީ ކޮފީ ލެބް މޯލްޑިވްސް ގެ ދަށުންހިނގާ ކެފޭ އެކެވެ. މިތާގައި ހުންނަނީ އެހެން ގައުމެއްގެ ބްރޭންޑެއްގެ ކޮފީއެއްނޫނެވެ.
ދުނިޔޭގެ އެކިއެކި ގައުމުތަކުން ގްރީން ކޮފީ ގެނެސް ކޮފީ ލެބް މޯލްޑިވްސް އިން ރާއްޖޭގައި އެ ރޯސްޓްކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދެނީ ފަޚުރުވެރި ކަމާއެކުގައެވެ. އެއީ އަމިއްލަ އަދި ދިވެހިވަންތަ އުފެއްދުމެވެ. މިގޮތުން ރޯސްޓްކޮށް ވިއްކަނީ 'ސްޕެޝަލްޓީ ގްރޭޑް' ކޮފީ އެވެ.
"މިއީ ކޮލިޓީއަށް ވަރަށްބޮޑު ސަމާލުކަމެއް ދީގެން އުސް، ކާނާމުއްސަނދި ބިންތަކުގައި ހެއްދުމަށްފަހު ގްރޭޑް ކުރެވި، ވަކި މިންގަޑެއްގެ ދަށުން ވަކި އަދަދަކަށް ޕޮއިންޓް ލިބިގެން، ހުނަރުވެރިކަމާ ފަރުވާތެރިކަމާއެކު ރަހަޔަށް އިސްކަންދީގެން ރޯސްޓްކޮށް ތައްޔާރުކުރާ ކޮފީއެއް. މީގެ އިތުރުން ކޮފީހައްދާ ދަނޑުވެރިނާއި އެކޮފީއާބެހޭ މައުލޫމާތާއި އޭގެ ރަހަ ކަސްޓަމަރުންނާ ހިއްސާކުރުމަކީ ވެސް ވަރަށް އިސްކަންދޭ ކަންކަން" އެތަނުގެ ފަރާތުން ވާހަކަ ދެއްކެވި އަފްރާހު ވިދާޅުވިއެވެ.
މިވަގުތުވެސް އެތަނުން ހަތް ގައުމެއްގެ ކޮފީ ލިބެން އެބަހުއްޓެވެ. އޭގެ ތެރޭގައި ބްރެޒިލް، އިތިއޯޕިއާ، ގުއާޓެމާލާ، ސުމާޓްރާ، ކޮލަމްބިއާ، ކެންޔާ ފަދަ ގައުމުތައް ހިމެނެއެވެ. "ގްރީން ކޮފޭ ގެނެސްގެން އަމިއްލައަށް ރޯސްޓްކުރުމުން ބޭނުން ގޮތަކަށް ޓޭސްޓް ޕްރޮފައިލް އެޖެސްޓް ކުރެވިފައި، ކޮފީގެ ތާޒާކަން ހިފެހެއްޓޭނެ،" އޭނާ ބުންޏެވެ.
ކޮންމެ ގައުމަކުން ގެންނަ ކޮފީގެ ރަހަ ތަފާތުވެދާނެއެވެ. ރަހަ ބަލުމުން ގޮސް އެމީހަކަށް އެންމެ ކަމުދާ ރަހައެއް އެނގެންދެން ފެމިލީ ރޫމުން ކޮފީ ލިބޭނެއެވެ. އެތަނުގެ އޯނަރާއި މުވައްޒަފުން އެތިބީ ކަސްޓަމަރުންނަށް ކޮފީ ދޭ ހިތުންނެވެ.
އެތަނަށް ދާންވީ ހަމައެކަނި ކޮފީއެއް ބޯންނޫނެވެ. ވެއިޓަރުންނާއި އޯނަރުގެ މެހުމާންދާރީގެ އަޖުމަބަލާލަންދާންވެސް އެއީ އެއްވަނައިގެ ތަނެކެވެ. އެތަނުގެ އޯނަރަކީ އާދައިގެ މީހެއް ނޫނެވެ. އޭނާއަކީ ކޯފީ ރޯސްޓް ކުރުމާއި ތައްޔާރުކުރުމާއި މިދާއިރާގެ އެހެނިހެން ކަންތައްތައް ނިކަން ރަނގަޅަށް އެނގިގެން ވިޔަފާރީގެ ތެރޭގައި އަމަލީގޮތުން ބައިވެރިވެ މަސައްކަތް ކުރަމުންދާ ޒުވާނެއެވެ. އަޅުގަނޑަށް އޭނާ އެނގިފައިވަނީ ކޮފީލެބް އަފްރާހު ގޮތުގައެވެ.
އެއީ ހަމަ ކޮފީލެބެކެވެ. ކޯފީގެ ސިފަތަކާއި އޭގެ ރަހަތަކާއި އޭގެ ތާސީރު އޭނާކިޔައިދިންއިރު ނިކަން އަޑުއަހާލާ ހިތްވިއެވެ. ވާހަކަތައް ކިޔައިދެމުން ދިޔަ ވަރަކަށް ކޮފީގެ ރަހަބަލާހިތްވެސް ދިޔައީ ބޮޑުވަމުންނެވެ.
ކޮފީގެ ރަހަބަލާފައި ހިތަށްއެރީ އެތަނަށްކިޔަންވީ ފެމިލީރޫމެއް ނޫނެނެވެ. "އެތަނަށް ކިޔަންވީ ކޮފީ ރޫމެވެ." އެހާވެސް އެތަނުގެ ކޮފީ ތަފާތެވެ. އެތަނުން ލިބޭ ކޮފީއަކީ ދޫކޮށްލަން ހެޔޮވާވަރުގެ ކޮފީއެއްނޫނެވެ. ކޮފީ ބޯން އެތަނަށްދާންޖެހޭ ސަބަބަކީ ރަހަ މީރުވުން އެކަނި ހެއްޔެވެ؟ އޭގެ ޖަވާބު ދެއްވި އެތަނުވެ އޯނަރު އަފްރާހެވެ.
އަފްރާހު ބުނީ އެތަނަށް ދާންޖެހޭ ސަބަބަކީ ހަމައެކަނި ކޮފީނޫން ކަމަށެވެ. ތަފާތު އަދި މީރު ކޮފީއެއް ބުއިމަށްވުރެ ތަނުގެ ޓީމާއި ކަސްޓަމަރުންނާއި އޮންނަ ގާތް ގުޅުން އެއީ ހަމަ ސަތޭކައެވެ.
ދުނިޔޭގެ އެންމެ މަތީފެންވަރުގެ ކޮފީއެއް ބޯލަން ލިބުމުގެ އިތުރުން އެތަނުގެ މާހައުލާއި އެހެނިހެންވެސް ކަންތައްތަކުން ހިތްހަމަޖެހޭ ތަޖުރިބާއެއް ކުރެވިގެން ދިޔުމަކީ އަފްރާހް މިތަނުގެ ވިޔަފާރި ބައްޓަން ކުރަމުންދާގޮތެވެ. "މިތަނަށް އަންނަ ކޮންމެ މީހަކަށްވެސް އަޅުގަނޑުމެންނަށް އެވަގުތެއްގައި ދެވެންއޮތް އެންމެފުރިހަމައަށް ސަރވް ކުރާނަން. އެއްޗަކަށް އޯޑަރު ކޮށްގެން ލަސްވާނެ ކަމަށްވާނަމަ އެވާހަކަވެސް ކުރިން ބުނާނެ ކަސްޓަމަރު ގާތު." އަފްރާހު ބުންޏެވެ.
"ހަމައެކަނި މީރު ކޮފީތައްޓެއް ލިބޭތީއޭ ކިޔާފައި މީހުންނުއެއް އަންނާނެ. މާހައުލާއި، އަންނަ މީހުންނާ މެދު ތަނުގެ މީހުން ބާއްވާ ގުޅުމާއި، ޚިދުމަތްދޭ އިރު އޮންނަ ރަހުމަތްތެރިކަން. އެހުރިހާ ކަމަކަށް ބަލާފައި ގިނަމީހުން އަންނަނީ،" އަފްރާހު ބުންޏެވެ.
"މިތަނުގައި ދޭ ކޮފީގެ އަދި އެހެނިހެން އެއްޗިހީގެ މިންގަޑު އަބަދުވެސް އެ ފެންވަރެއްގައި ހިފަހައްޓަން ވަރަށް މަސައްކަތް ކުރަން" އޭނާ ބުންޏެވެ. ކޮފީ ލެބް މޯލްޑިވްސް ގެ ދަށުން ހިންގާ ފެމިލީ ރޫމްގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ދުނިޔޭގެ ފެންވަރުގެ ތަމްރިނުތައް ހަދައިގެން ތިބި ހުނަރުވެރި މީހުންނެވެ.
ފެމިލީރޫމަށް އަންނަ ކޮންމެ ބަޔަކީ ހަމަ ފެމިލީ މީހުންކަމަށް އަފްރާހު ބަލައިގަނެއެވެ. އެތަނަށް އަންނަ ކޮންމެ ކަސްޓަމަރަކީ އެތަނުގެ ސްޓާފުންގެ "ފެމިލީ" މީހެކެވެ.