
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ކުންފުނީގެ ޗެއާރމަން، ގާސިމް އިބްރާހިމްގެ ދޮށީ ދަރިކަލުން އިބްރާހިމް ޝިޔާދު ގާސިމް ހައްޔަރު ކޮށްފައި ވަނީ ސިޔާސީ ގޮތުން ގާސިމް އިބްރާހިމްގެ ކިބައިން ރައީސް ޔާމީން ބަދަލު ހިއްޕެވުމުގެ ގޮތުން ކަމަށް ކުރީގެ ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމްގެ ދަރިކަލުން ޝިޔާދު ވެފައި ވަނީ ސިޔާސީ ގޮތުން ރައީސް ޔާމީންގެ ބަދަލު ހިފުމުގެ ޝިކާރައަކަށް ކަމަށާއި ވަގުތުން ވަގުތަށް ޝިޔާދު ދޫކޮށްލަންޖެހޭނެ ކަމަށެވެ. ނަޝީދު ވިދާޅުވީ ޝިޔާދު ޖަލުގައި ބަހައްޓާފައި އެވަނީ ޣައިރުގާނޫނީ ގޮތުން ކަމަށާއި ޝިޔާދުގެ މައްޗަށް ކޮށްފައި ވަނީ ޣައިރުގާނޫނީ ދައުވާތަކެއް ކަމަށެވެ.
ބައްޕާފުޅު ގާސިމް އިބްރާހިމްއަށްވެސް ދިގު މުއްދަތެއްގެ ޖަލު ޙުކުމެއް އިއްވާފައިވާއިރު ޝިޔާދު ހައްޔަރުކޮށް އޭނާގެ މައްޗަށް ކުރާ ދައުވާއަކީ ރިޝްވަތު ދެއްވުމުގެ ދައުވާއެވެ. ޖަލު ޙުކުމަށް ފަހު ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެން، އޭގެފަހުން ޖަރުމަނަށް ގާސިމް ވަޑައިގަތުމުން ވިލާގެ ވިޔަފާރި ކުންފުނީގެ އެންމެ އިސްވެރިޔަކަށް ހުންނެވީ ޝިޔާދުއެވެ.