
އިންޑިއާގެ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން މަހެންދްރަ ސިންގހް ދޯނި އަށް ޕަދްމާ ބޫޝަން އެވޯޑް ލިބިއްޖެއެވެ. މި އެވޯޑަކީ އިންޑިއާގައި ސިވިލިއަނުންނަށް ދެވޭ ޝަރަފްވެރި އިނާމުތަކުގެ ތެރެއިން ތިންވަނައަށް އެންމެ ޝަރަފުވެރި އިނާމެވެ.
ޕަދްމާ އެވޯޑަކީ އިންޑިއާގެ ސިވިލިއަނުން ކުރާ މަސައްކަތުގެ އަގު ވަޒަން ކޮށް ސަރުކާރު ދޭ ޝަރަފުވެރި އެވޯޑެކެވެ. ރޭގެ ހަފްލާގައި ތިން ގިންތި އަކުން ޕަދްމާ އެވޯޑް ދީފައިވެއެވެ. އެއީ ޕަދްމާ ވިބޫޝާން އެވޯޑައި، ޕަދްމާ ބޫޝަން އެވޯޑާއި ޕަދްމާ ޝްރީ އެވޯޑެވެ. މިއަހަރުގެ ޕަދްމާ އެވޯޑް ހަފްލާ ބާއްވައިފައިވަނީ އަންގާރަ ދުވަހުއެވެ. އެކި ދާއިރާ ތަކުން ގައުމަށް ޚިދުމަތް ކޮށްފައިވާ މީހުންގެ އަގު ވަޒަން ކޮށް ރޭގެ ހަފްލާގައި 85 ފަރާތަކަށް ޕަދްމާ އެވޯޑް ދީފައިވެއެވެ.
އެމް.އެސް. ދޯނީގެ އިތުރުން މިއުޒިކް ޑިރެކްޓަރ އިލަޔާރާޖަ އާއި އިސްރައްވެހީން ހިމެނެއެވެ. އިންޑިއާގެ ހޯމް މިނިސްޓްރީ ގެ އޮފިޝަލަކާ ހަވާލާދީ އެންޑީޓީވީ އިން ރިޕޯޓްކޮށްފައިވާ އެހެން އަހަރުތަކާ ޚިލާފަށް މުޖްތަމައަށް ޚިދުމަތް ކޮށްފައިވާ ގިނަ ފަރާތްތަކެއްގެ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެފަރާތްތަކަށް ވެސް އެވޯޑް ދީފައިވެއެވެ. އެގޮތުން އިނާމު ލިބުނު މީހުންގެ ތެރޭގައި އުމުރުން 75 އަހަރުގެ ޓްރައިބަލް އަންހެނެއް ކަމުގައިވާ ލަކްޝްމީ ކުއްޓީ ހިމެނެއެވެ. އޭނާ އަކީ ފަތްޕިލާވެލި ބޭނުންކޮށްގެން ސޫތްޕާއި ހަރުފައިގެ ވިހައަށް ފަރުވާ ދޭ މީހެކެވެ.
