ހިތަދޫގައި ފަންސާސް ހާސް އަކަފޫޓުގެ ސަހަރާއެއް ހަދަނީ

އައްޑޫ ސިޓީ ހިތަދޫގައި ފަންސާސް ހާސް އަކަފޫޓުގެ ބޮޑު ސަހަރާއެއް ހެދުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. އެ މަސައްކަތް ފަށްޓަވައި ދެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ އަލްއުސްތާޒު އަލީ ވަހީދެވެ.

އެ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިއަދު ފެށީ އެތަނުގެ ބިން ސާފުކުރުމުގެ މަސައްކަތް ކަމަށެވެ. އެމަސައްކަތް ހައުސިން މިނިސްޓްރީއާ ހަވާލުކޮށްފައިވަނީ 14 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެއަށްވުރެ ކުރިން ބިން ސާފުކޮށް، ލެވެލް ކުރުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އެމަސައްކަތްކުރާ ފަރާތުން ވިދާޅުވެފައވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިތަދޫ އައު ސަހަރާ ހަދަނީ އެރަށު މަސްޖިދުލް ބާޤިއާ ހުންނަ މަގުގެ ފުއްޓަރާވީ ކޮޅުގައެވެ. އެތަން ސާފުކޮށް ބިލް އެއްވަރު ކުރުމަށްފަހު ވަށައި ފާރު ރޭނުމާއި، ހިނަވާ ގެއެއް ހެދުމާއި މޯޗަރީއެއް ބެހެއްޓުމުގެ މަސައްކަތްވެސް ފެށިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ސަހަރާ ހަދާނީ ގިނަދުހަށް ބޭނުން ކުރެވޭ ގޮތަށް ކަމަށާއި އެއީ މާލެއާއި  ހުޅުމާލޭގައިވެސް ހަދާ ފެންވަރުގެ ފަހުގެ ސަހަރާއެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަލީ ވަހީދު ވިދާޅުވީ އެ މަސައްކަތަށް ޚަރަދުކުރަން ޚާއްސަ ބަޖެޓެއް ކަނޑައަޅާފައި ނުވާކަމަށެވެ. އެހެންނަމަވެސް "ސަހަރާގެ މަސައްކަތް ނިމެންދެން ކުރަންޖެހުނު ކޮންމެ ކަމަކަށް ޚަރަދު ކުރެވޭނެ،" ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީހުން ވަޅުލުމާއި ސަހަރާތައް ބެލެހެއްޓުމުގެ މަސައްކަތް ސިޓީކައުންސިލުން އިސްލާމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރިއިރު ކުރިން އެކަންކުރަމުން އައިސްފައިވަނީ އެއްވެސް އިންތިޒާމެއްނެތި ކަމަށެވެ. އެހެންނަމަވެސް އެކަންކަން އިންތިޒާމްކޮށް ރައްޔިތުންނަށް ކަންކަން ފަސޭހަވާނެ އުސޫލެއް ވަރަށް އަވަހަށް ހަމަޖައްސަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރ އަބްދުﷲ ޒުހައިރު ވިދާޅުވީ ހިތަދޫގައި އިތުރު ސަހަރާއެއް ހަދަން ޖެހުނީ މިހާރު ބޭނުންކުރަމުންދާ ސަހަރާ ފުރި މީހުން ވަޅުލަން ދަތިވުމުން ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.