ރައްޔިތުންގެ ކުރިމަގާއި ސަލާމަތާއި ގުޅިފައިވާ ބިލުތައް ފަރުމާކުރެވިފައިވަނީ ރައްޔިތުންގެ ހައްގުތަކާއި ދިވެހި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތީ ބާރު ހިމާޔަތްކުރެވޭ ގޮތަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ.
މިމޭރުމުން އެމަނިކުފާނު ވާހަކަފުޅުދެއްކެވީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް މިހާރު ހުށަހަޅުއްވާފައިވާ ބިލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމުގެ ބިލު މަޖިލިހަށް ހުށައަޅުއްވާފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މިބިލާއި، އަދިވެސް ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވާ ބިލުތަކަކީ ރާއްޖޭގެ ރައްޔިތުންގެ ހައްގުތަކާއި ދިވެހި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތީ ބާރު ހިމާޔަތްކުރެވޭ ގޮތަށް އެކުލަވާލެވޭ ބިލުތަކެއް ކަމަށާއި، އަޅުގަނޑުމެންގެ ޤާނޫނުތަކާއި އުޞޫލުތައްވެސް ބައްޓަންވެގެންވަނީ އެކަންކަމަށް ރިޢާޔަތްކުރެވިގެންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މަރުގެ އަދަބު ތަންފީޒުކުރުމުގެ ބިލަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތަކީ ގާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިން މަރުގެ އަދަބު ތަންފީޒުކުރުންކަމަށެވެ. އަދި، މަރުގެ އަދަބު ތަންފީޒުކުރަންޖެހޭ ޙާލަތަށް ގޮސްފައިވާ ފަރާތްތަކުގެ ހުކުމް ތަންފީޒު ނުކުރުމަކީ ޙާކިމާއަށް ނުވަތަ އިސްލާމީ ދައުލަތެއްގެ ރައީސުއްދައުލާއަކަށް ހުންނަ މީހަކަށް އޮތް ހައްޤެއް ނޫންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިފަދަ ބިލުތަކަށް ބައެއް ފަރާތްތަކުން އިއުތިރާޒުކުރާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއަކީ ގިނަ ބައިނަލްއަޤްވާމީ މުޢާޙަދާތަކުގައި ބައިވެރިވާ ޤައުމެއްކަމަށެވެ. ނަމަވެސް، ރާއްޖެއިން އެފަދަ މުޢާޙަދާތަކުގައި ބައިވެރިވަނީ ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކާއި ޤަބޫލުކުރާ ޤަބޫލުކުރުންތަކާއި ތަޢާރުޒުނުވާނޭހެން، ޕްރޮވިޝަންތަކެއް އިތުރުކުރުމަށްފަހުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، އެފަދަ މުޢާޙަދާތަކަކީ ތަރުޖަމާކުރެވި، އޭގެ ލިޔެކިޔުންތައްވެސް އާންމުކުރެވޭ ލިޔުންތަކެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި، އެފަދަ މައްސަލަތަކުގެ ޙުކުމް ތަންފީޒުނުކުރުމަށް ދައްކާ އެންމެ ބޮޑު އުޒުރަކީ ރާއްޖޭގެ ޝަރުޢީ ދާއިރާ މިނިވަންނުވާކަމަށާއި ބާރުވެރިނޫންކަމަށް ބުނެ ދައްކާ އުޒުރުކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ނަމަވެސް، އެމަނިކުފާނު ވެރިކަމާއި ޙަވާލުވެވަޑައިގެންނެވުމަށްފަހު، ދަޢުލަތުގެ ތިން ބާރު މިނިވަންކޮށް، ބާރުވެރިކުރުވުމަށާއި، މާލީ އަދި އިދާރީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.
އެހެންކަމުން، ބިލު ފަރުމާކުރެވިފައިވަނީ މަރުގެ ޙުކުމް ތަންފީޒުކުރުމުގައި ޢަމަލުކުރަންޖެހޭ ޢިޖުރާޢަތްތައް ފުރިހަމަވުމަށްފަހު، އެއްވެސް ފަރާތެއްގެ ޙައްޤަކަށް އުނިކަމެއް ނާންނާނޭގޮތަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
