ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދަވާ 5 މިލިއަން ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން، އިންޑިއާ ސަރުކާރުން ހަދިޔާކުރި 1،200 ގަސް ދިވެހިރާއްޖެއާ ރަސްމީކޮށް ޙަވާލުކޮށްފިއެވެ.
މި ގަސްތައް ދިވެހި ސަރުކާރާ ޙަވާލުކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު އޮތީ އިއްޔެ ހުޅުމާލޭގައެވެ. މި އެހީއަކީ ރާއްޖޭގެ ރަށްތައް ފެހިކުރުމަށާއި، ތިމާވެށި ޙިމާޔަތްކުރުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އިންޑިއާ ސަރުކާރުން ވެދިން އެހީތެރިކަމެކެވެ.
ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކޮށް، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙު ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ ރާއްޖޭގެ ތިމާވެށި ފެހިކަންމަތީ ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
އިންޑިއާއިން ހަދިޔާކުރި މި ގަސްތަކުގެ ސަބަބުން، ރާއްޖޭގެ ފެހި މާޙައުލު އިތުރަށް ފުޅާކޮށް، ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރަކާއި ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ދެއެވެ. ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ތެރެއިން މިފަދަ ތިމާވެށީގެ މުހިންމު މަޝްރޫޢުތަކަށް އެހީތެރިކަން ލިބެމުންދާކަން މި ރަސްމިއްޔާތުގައި ވަނީ ފާހަގަކޮށްފައެވެ.
