
ގުޅިފައިވާ އިއްތިހާދުން ރޭ ބޭއްވި ބޮޑު މުޒާހަރާއިން 141 މީހުން ބަންދުކުރި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޖުމްހޫރީޕާޓީގެ ޑެޕިޔުޓީ ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ރޭ ބަންދުކުރި މީހުންގެ ތެރޭގައި ހިމެނެނީ 26 އަންހެނުންނާއި 115 ފިރިހެނުން ކަމަށެވެ. އޭގެތެރެއިން މިވަގުތުވެސް ފުލުހުންގެ ބެލުމުގެ ދަށުގައި 139 މީހުން އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ 26 އަންހެނުންނާއި، 113 ފިރިހެނުންނެވެ. މި އަދަދަކީ ފަހަކަށް އައިސް ކޮށްފައިވާ މުޒާހަރާ ތަކުގެ ތެރެއިން އެއްރެއަކުން އެންމެގިނަ މީހުން ހައްޔަރުކުރި ފަހަރު ކަމަށްވެސް ޑރ. ހުސައިން ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން މިހެން ވިދާޅުވިޔަސް ރޭގެ މުޒާހަރާގައި ބަންދުކުރީ ކިތައް މީހުންކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ. މި މައުލޫމާތު ފުލުހުންގެ ފަރާތުން ކަށަވަރުވާ ގޮތެއް ނުވިއެވެ.
ރޭގެ މުޒާހަރާ ފަށައިފައިވަނީ 8:30 ގައެވެ. ގިނައަދަދެއްގެ މީހުން ބައިވެރިވި މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުންވަނީ ބާރުގެ ބޭނުންވެސް ކޮށްފައެވެ.