ތަޢާރުފް
މި މަޒްމޫނުގައި "ފޮތް" މާނަ ކޮށްފައި އެވަނީ ކޮންމެ ވައްތަރެއްގެ، ނުވަތަ ކޮންމެ ދިގު މިނެއްގެ ނަމަވެސް ލިޔުމަށެވެ.
ފޮތް ފާސް ކުރުމާމެދު ޖުމްލަ ގޮތެއްގައި އަޅުގަނޑު ދެކެނީ އެއީ މިފަދަ ތަހުޒީބީ ޒަމާނަކާ އެކަށީގެން ނުވާ، މީހުން ކުރާ ޢިލްމީ މަސައްކަތަށް ދިމާއަށް ހުރަސްއަޅާ، ވަރަށް ވިޔާނުދާ، ބޯދާ އަދި ނާތަހުޒީބު ޢަމަލެއް ކަމުގައެވެ.
އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތައް ފިޔަވައި އެހެން އިންސާނުންނަށްވެސް އިތުބާރު ކުރަން ވާނެއެވެ. ރަނގަޅު ގޮތް އެނގޭނީ، ނުވަތަ ރަނގަޅު ގޮތަށް އުޅޭނީ އަޅުގަނޑުމެން އެކަނިކަމަށް ދުށުން ހުއްޓައިލަން ވެއްޖެއެވެ. އަޅުގަނޑުމެންނަށް ބުއްދި ދެއްވި ފަދައިން އެހެން އިންސާނުންނަށްވެސް ހަމަ ﷲ ތަޢާލާ ވަނީ ބުއްދިއާއި، ޟަމީރު (conscience) ދެއްވާފައެވެ.
އިތުރަށް ފާހަގަ ކޮށްލަންޖެހޭ ނުކުތާތައް
(1) ފޮތެއް، ނުވަތަ މަޒްމޫނެއް ފާސް ކުރުމުގެ މާނައަކީ، ވަކި މީހަކު ލިޔުނު އެއްޗަކާމެދު ހަމަ އޭނަ ފަދަ އެހެން އިންސާނަކު ޤަޠުޢީ (definitive) ޙުކުމެއް ނެރުމެވެ. ފަހަރުގައި އެ ޙުކުމް ކުރާ މީހާ އެ ފޮތް/މަޒްމޫން އެއްކޮށް ކިޔާފައިވެސް ނޯވެދާނެއެވެ. ނުވަތަ އޭގައި އޮތް އެއްޗެއް އޭނާއަށް ރަނގަޅަށް ފަހުމް ނުވެވެސް އޮވެދާނެއެވެ.
ނަމަވެސް އޭނަ މިއޮއްގެން އެފޮތާމެދު ޙުކުމް ކުރަނީއެވެ. ހެޔޮވާނީ ކިހިނެތްތޯއެވެ؟
އޭނާއެކޭ، ނަރަކަށް ވަންނަ 2 ގިންތީގެ ފަނޑިޔާރުންގެ ތެރެއިން: ކުރިމަތީގައި އޮތް ޤަޟިއްޔާގެ ޙަޤީޤަތްވެސް ނޭނގޭ، ނިޔާކަނޑައެޅުމުގެ ޢިލްމުވެސް ޢަމްދުން ނެތް، އަދި ޣާފިލުކަމުގައި ހުރެގެން ޙުކުމްކުރާ ފަނޑިޔާރެކޭ ހުރީ ކޮން ތަފާތެއްތޯއެވެ؟ އެފަދަ މީހަކަށް ޙައްޤު ތަނަކީ ހަމަ ނަރަކަ ކަމާމެދަކު ކުޑަވެސް ޝައްކެއް ނެތެވެ.
މިހެން ކަން އޮތް އިރުގައި އެ ފޮތާމެދު އޭނާ ޙުކުމެއް ކުރާނީ ކޮން ފަދަޔަކުންތޯއެވެ؟ އެ ޙުކުމް ކުރުމަށް އޭނާއަށް އޮތީ ކޮން ހައިސިއްޔަތެއްތޯއެވެ؟
(2) ފޮތުގައި އޮންނާނީ ލިޔުނު މީހާގެ ދިރާސާއާއި، އޭނާގެ ފަލްސަފާއާއި، އޭނާގެ ފިކުރާއި، ޚިޔާލާއި، އޭނާގެ ތަޞައްވުރެވެ. އޭނާގެ ޢިލްމާއި، ތަޖުރިބާއެވެ. އޭނާގެ މުޝާހަދާއެވެ.
ފޮތް ފާސް ކުރަން ޖެއްސުމަކީ، ނުވަތަ ފާސް ނުކުރުމަކީ އޭނަގެ އެ ބުރަ މަސައްކަތަކީ އެއްވެސް އަގެއްހުރި އެއްޗެއް ނޫނޭ ބުނުމެވެ. އެފަދައިން ބުނުމުގެ ޙައްޤެއް އެއްވެސް މީހަކަށް ނޯންނާނެއެވެ. އެއީ އިހާނެތި ކުރުމެކެވެ. އެކަން ކޮށްގެން ނުވާނެއެވެ.
ނަމަވެސް އެފޮތް ބަލައިގަތުމާއި ނުގަތުމުގެ، ނުވަތަ ޢިލްމީ، އަދި ތަހުޒީބު ހަމާގައި ފޮތަށް ރައްދު ދިނުމާއި، ރައްދު ކުރުމުގެ ޙައްޤު ކޮންމެ މީހަކަށްވެސް އޮންނާނެއެވެ.
"އައްޑޫ ރަދުން" ނަމުގައި އޮނަރަބްލް "ސީނާ" އަޙްމަދު ޒާހިރު ފޮތެއް ލިޔުއްވާފައި އޮވެއެވެ. އެއީ އަޅުގަނޑު ބަލައިގަންނަ ފޮތެއް ނޫނެވެ. ނަމަވެސް އޭނާގެ އެ މަސައްކަތަށް އަޅުގަނޑު އިޙްތިރާމް ކުރަމެވެ. އޭނާއަށްވެސް އިޙްތިރާމް ކުރަމެވެ. ނަމަވެސް ފޮތް ބަލައެއް ނުގަންނަމެވެ. ބަލައި ނުގަންނަ ސަބަބަކީ: އެއީ، މުޅި މައްސަލަ ދިރާސާ ކުރައްވާފައި ވަކި ފަރާތަކަށް ނުޖެހި ލިޔުއްވާފައިވާ ފޮތަކަށް ނުވާތީއެވެ. ހަމައެކަނި ޢަފީފްދީދީގެ އަމިއްލަ ބަޔާނިއްޔާ (ނެރެޓިވް) ލިޔުއްވާފައި އޮތް، މުޅީން އެއްފަރާތަކަށް އަރިއަޅާލާފައި އޮތް ފޮތަކަށްވާތީއެވެ.
(3) މީހުންގެ ފިކުރު ނުވަތަ ބުއްދި ކޮންޓްރޯލް ކުރުމަކީ އެއްވެސް ޙާލެއްގައި އިސްލާމްދީން ތަރުޙީބުދޭ ނިޒާމެއް ނޫނެވެ.
ދުނިޔޭގައި ހުރިހާ ނުބައެއް އުފެދެނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމުގެ ސަބަބުންނެވެ. އެއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. ބޮޑު ޖަރީމާއެކެވެ.
މި މަގުމަތީގައި ހުރި ސާބިތު އަދި ސީދާ ނައްޞުތައް (ޔަޢުނީ: ﷲ ތަޢާލާ އިންސާނާއަށް މިނިވަންކަން ދެއްވާފައިވާ މިންވަރު) ބަޔާން ކުރަން ވެއްޖެނަމަ ބައެއް ބޭފުޅުންގެ ސިކުނޑިފުޅުތައް ތުރާވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން މިހިނދަށް އެތަކެތި ދޫކޮށްލީއެވެ.
އިސްލާމްދީން ތަރުޙީބުދެނީ، އަދި ތަރްޖީޙްދެނީ ދަލީލުގެ އަލީގައި ކަންކަން ބަޔާން ކުރުމަށެވެ. ޙުއްޖަތް ޤާއިމް ކުރުމަށެވެ.
ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަބަވީ ޙަޔާތްޕުޅުގެ 23 އަހަރު އެކަލޭގެފާނު ކުރެއްވީ އެކަންތަކެވެ. ކީރިތި ޤުރުއާނުގައިވެސް އޮތީ އެކަންތަކެވެ.
ނަބީބޭކަލެއް ފިޔަވައި، ރަސޫލުބޭކަލެއްގެ ހައިސިއްޔަތުން ޙުއްޖަތް ފުރިހަމަ ކުރެއްވުމަށް ފަހުގައި، އެކަލޭގެފާނު ވަޑައިގެންނެވި ޤައުމުގެ މީހުންގެ މައްޗަށް ﷲ ގެ ކޯފާ އައުމަކީ މުސްތަޤިއްލު އިލާހީ ޤާނޫނެއްގެ ދަށްދަށުން ހިނގާ މުޅީން ވަކި ކަމެކެވެ. މިއީވެސް ނައްޞުތަކުން ނިކަން ސާފުކޮށް ފެންނަން އޮންނަ މައްސަލައެކެވެ.
ނަބީބޭކަލުންނާއި، ރަސޫލުބޭކަލުންގެ ފަރަގަކީވެސް ބައެއް ބޭފުޅުންނަށް އަދިވެސް ރަނގަޅަށް ސާފު ނުވެ އޮންނަ މައްސަލައެކެވެ.
(4) އެހެން މީހުންގެ މައްޗަށް ޙުކުމް ކުރުމުގެ މަރުޙަލާއިން އަޅުގަނޑުމެން އަރައިގަންނަން ވެއްޖެއެވެ. މިއަށްވުރެ އަޅުގަނޑުމެން މިހާރު ތަޞައްރަފު ފުދި، ތަހްޒީބު ވާން ވެއްޖެއެވެ.
އެއްވެސް ޙާލެއްގައި މިދެންނެވީކީ ކޯޓެއްގައި ފަނޑިޔާރަކު ކުރައްވާ ޙުކުމެއްގެ ވާހަކައެއް ނޫން އިނގޭތޯއެވެ.
"ވަކި މީހަކު ވަކި ގޮތަކަށް ދެކޭތީ ދެންތިބި އެންމެންވެސް ޖެހޭނީ އެގޮތް ދެކެން" ކަމަށް ބެލެވޭ ބޯދާ ވިސްނުން ހަމަ އެއްކޮށް ދޫކޮށްލަންވީއެވެ.
އެއްވެސް ވަކި ބޭފުޅަކާމެދު ނިޔަތް ގަނެގެން ދަންނަވާ ކުޑައިމީސް ބަހެއް ނޫން އިނގޭތޯއެވެ. "ބޮޑު މީހާ" ދެކެނީ މިހެން ކަމަށްވާތީ "ކުޑަ މީހާ" ވެސް ޖެހޭނީ މިގޮތަށް ދެކޭށޭ ބުނާ ވިސްނުން ހަމައެއްކޮށް އަތުކޮޅަށް ހޫރައިލަންވީއެވެ.
އޭގެ ބަދަލުގައި އަޅުގަނޑުމެން ކަން ކުރަންވާނެ ގޮތަކީ، ދަލީލުގެ އަލީގައި ޙުއްޖަތް ޤާއިމް ކުރުމެވެ.
"ބޮޑު މީހާ" ދެކޭ ގޮތަކީ ގޮތް ކަމަށްވާނަމަކާ، ކަންކަމުގައި މީސްތަކުންނާ މަޝްވަރާ ކުރެއްވުމަކަށް އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކަށް މާތް ﷲ ހަމަ ސީދާ ކީރިތި ޤުރުއާނުގައި ޞަރީޙަ ޢިބާރަތުން އަމުރެއް ނުކުރެއްވީހެއް ނޫންތޯއެވެ؟ އެއޮތީ ހަމަ ސީދާ އަމުރުފުޅެވެ (آل عمران: 159). އަދި އެކަލޭގެފާނު ވަނީ ޢަމަލުފުޅުން އެކަން ދައްކަވައިފައެވެ.
އެކަލޭގެފާނު މަޝްވަރާ ކުރައްވަނީކީ، ނުވަތަ ކުރެއްވީކީ ދީނުގެ ކަމެއްގައެއް ނޫނެވެ. އެކަމުގައި މަޝްވަރާއެއް ކުރާކަށް ނުޖެހޭނެއެއް ނޫންތޯއެވެ؟ އެއީ މަތިން ބާވައިލައްވާ އެއްޗެކެވެ. ދީނަކީ މީހުންގެ މަޝްވަރާއަށް ދޫވެފައި އޮންނަ އެއްޗެއް ނޫނެވެ.
(5) އަމިއްލަ ވާހަކައެއް ދަންނަވައިލާނަމެވެ. އަޅުގަނޑުގެ ބައެއް ކުދިންވެސް "އިސްލާމިކް ބޭންކް" ގައި އެކައުންޓް ގެންގުޅެއެވެ. އެކަމަކާ އަޅުގަނޑު ދެކޮޅެއް ނަހަދަމެވެ. އެއީ އެކުދިންގެ މިނިވަންކަން ކަމަށްވާތީއެވެ. ނަމަވެސް ޚުދު އަޅުގަނޑު އެކަން ކުރަން ހިތަށްވެސް ނާރައެވެ.
ސަބަބަކީ، ކުރިޔަށް "އިސްލާމިކް" ކިޔާފައި ފުނައެއް އިތުރުވުން ފިޔަވައި 2 ވައްތަރުގެ ބޭންކިންގ ގައި އޮތް ފަރަގެއް، އަދި މިޒަމާނުގެ ބޭންކިންގ "ރިބާ" އަށް ވާ ގޮތެއް އަޅުގަނޑަށް ނުވިސްނޭތީއެވެ. ދެ ބައިމީހުންވެސް ފައިސާ އުފައްދަނީ ހަމަ "ދަރަނި" ދޫކޮށްގެންނެވެ. 2 ކަމުގެވެސް ނަތީޖާ (effect) އަކީ ހަމަ އެކައްޗެކެވެ.
ރިބާ ޙަރާމް ކަމާމެދަކު ސުވާލެއް ނެތެވެ. އެއީ ބަހުސްކޮށްގެން ވާނެ ކަމެއްވެސް ނޫނެވެ.
ރިބާ ޙަރާމްވީ އޭގައި އަނިޔާ ހިމެނޭތީއެވެ. ޒަމާނީ ބޭންކިންގ ގައި އަނިޔާއެއް، އޮޅުވައިލުމެއް، މަކަރު ޙީލަތެއް ހިމެނިފައެއް ނުވެއެވެ. އެހެންވެއްޖިއްޔާ ޙަރާމް ވާންވީ ކީއްވެގެންތޯއެވެ؟ އެއީ 2 ފަރާތެއްގެ ރުހުމުގެ މައްޗަށް އެމީހުންގެ އަމިއްލަ އިޚްތިޔާރުގައި " الإيجاب والقبول" (offer and acceptance) ގެ އުޞޫލުން ހިންގާ މަދަނީ މުޢާމަލާތަކެވެ. ކަންމަތީ ފިހާރައަކުން ހަކުރު ކިލޯއެއް ގަތުމެކޭ ލޯނެއް ނެގުމެކޭ/ދިނުމެކޭ ތަފާތެއް ނެތެވެ. 2 ކަންވެސް ކުރަނީ އެކަން ބޭނުންވާ މީހުން އަމިއްލައަށެވެ. އެހެން ފަރާތެއްގެ ބާރު އެޅުމެއް، ނުވަތަ މަޖުބޫރު ކުރުމެއް އޮވެގެންނެއް ނޫނެވެ.
ރިބާގެ މުޢާމަލާ ގުޅިގެން ލަޢުނަތް އޮތް ކަމަށް ޙަދީޘަގައިވާ 4 ފަރާތުގެ މައްސަލައަކީވެސް ގިނަ ބަޔަކަށް އޮޅިފައި އޮންނަ މައްސަލައެކެވެ.
ޒިނޭ ޙަރާމްވީވެސް ސަބަބު އޮވެގެންނެވެ. އެއީވެސް ބައެއް ބޭފުޅުންނަށް އަދި ފަހުމްނުވެ އޮންނަ ކަމެކެވެ.
ބޭންކިންގ އަކީ ވަރަށް ދިގުކޮށް ލިޔަންޖެހޭ ވަކި މައުޟޫޢެކެވެ. ﷲ މިންވަރު ކުރެއްވިއްޔާ އެކަމާވެސް އުޅޭނަމެވެ.
އެއްވެސް ޙާލެއްގައި މިވާހަކަތައް އަޅުގަނޑު މިދަންނަވައިލީކީ "އިސްލާމިކް ބޭންކިންގ" ހިންގަވާ ބޭފުޅުންގެ ވިޔަފާށްޓަށް ދެރައެއް ދިނުމުގެ މަޤްޞަދަކު ނޫނެވެ. މިދައްކަނީ ޢިލްމީ ވާހަކަތަކެކެވެ. ވަކި ބޭފުޅުކާ، ނޫނީ ވަކި މުއައްސަސާއަކާ ބެހޭ ވާހަކައެއް ނޫނެވެ.
(6) ޢިލްމުތައް ކުރިއަރައިގެންދަނީ އިޚްތިލާފް (difference of opinion) ގެ ސަބަބުންނެވެ. ދީނީ ޢިލްމަށް ބެއްޔަސް، އަދި ދުންޔަވީ އެކި ޢިލްމުތަކަށް ބެއްޔަސް، އެހެން މީހުންނަށް ހެދިފައިވާ ކުށްތައް ސާފުވަނީ އިޚްތިލާފުގެ ސަބަބުންނެވެ.
އިޚްތިލާފް ނެތަމަ، ޢިލްމުތައް ކުރިއަރައިގެންނެއް ނުދާނެއެވެ.
ގެލިލެއޯ ގެލިލޭ މެންނާ ހަމައަށް އޮތް "ޖިއޯސެންޓްރިކް" (Geocentric) މޮޑެލަކީ ކުށެއްކަން ސާބިތު ކޮށްދެވުނީ ލައްކަ މަސައްކަތުންނެވެ. ނަމަވެސް އެ ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މީސްތަކުން މިހާރު މިވަނީ "ހީލިއޯސެންޓްރިކް" (Heliocentric) މޮޑެލަށް އަނބުރައިލެވިފައެވެ. އިރުގެ ނިޒާމުގެ މެދަކީ ދުނިޔެއެއް ނޫނެވެ. ނަމަވެސް އިރެވެ. އެކަން މިވަނީ ސާބިތު ކުރެވިފައެވެ.
(7) ދުނިޔެއަކީ ފަތާ އެއްޗެއްކަމަށް ބައެއް ބޭފުޅުން ޤުރުއާނުން ދަލީލު ދައްކަވައެވެ.
ނަމަވެސް ޤުރުއާނުގައި އޮތީކީ "ފަތާ" ވާހަކައެއް ނޫނެވެ. ޤުރުއާނުގައި އޮތީ ބިން "ފަތުރުއްވާފައި" ވާ ވާހަކައެވެ. އެއީ ތަފާތު 2 ވާހަކައެކެވެ.
ސަޢުދީގެ އަވާހަރަވެފައިވާ ކުރީގެ މުފްތީ އިބްނު ބާޒަކީ، ބިމަކީ ފަތާ އެއްޗެއްކަމަށް ޤަބޫލު ކުރައްވާ ބޭފުޅެކެވެ. ކަންދިމާކުރި ގޮތުން އޭނާއަކީ ލޯފަން ބޭފުޅެއްވެސްމެވެ.
(8) ފާޑުކިޔުން (criticize ކުރުން)، ޢިލްމީ ގޮތުން ނަޒަރު ހިންގުން (critique ކުރުން)، އަދި އިދިކޮޅު ހެދުމަކީ މުޅީން ތަފާތު 3 ކަމެކެވެ.
އެކިއެކި މަންސަތަކާއި، އޮޅިތަކުގައި އެކި ބޭފުޅުން ލިޔުއްވާ އެއްޗެހީގައި އަޅައިގަންނަ ތަންކޮޅެއް އޮވެއްޖެނަމަ އަޅުގަނޑު ކޮމެންޓް ކުރަމުއެވެ.
އެއީ ކުރަންޖެހޭނެ، އަދި ކުރުން ވަރަށް އެދެވޭ ރަނގަޅު ކަމެކެވެ. އެއާޚިލާފަށް ތިއީ ދެން ކޮން ލިޔުމެއްހޭ، ތީގައި ލިޔެފައި ތިއޮތީ ކޯންޗެއްހޭ ކިޔައިގެން ދިމާކޮށްގެން ނުވާނެއެވެ. އިދިކޮޅު ހަދައިގެން ނުވާނެއެވެ. ކުޑައިމީސް ކޮށްގެން ނުވާނެއެވެ. ނަމަވެސް "ކްރިޓީކް" ކުރަންވީއެވެ.
ދިމާ ކުރަންޏާވެސް ދިމާ ކުރަންވާނީ ލިޔުމާއެވެ. ލިޔުނު މީހާއަކާ ނޫނެވެ.
އެހެން މިސާލެއް ދަންނަވާނަމަ: ރާއްޖޭގައި "ލާދީނީ" މައްސަލައަކީ ވަރަށް ބޮޑުވެފައި އޮންނަ މައްސަލައެކެވެ.
މިކަމުގައިވެސް އަޅުގަނޑު ދެކޭ ހަމައަކީ، އެފަދަ ވާހަކަ ދައްކާ މީހާއާ ދިމާ ނުކުރުމެވެ. އޭގެ ބަދަލުގައި އޭނަ އެ ދެއްކި ވާހަކައަށް ޢިލްމީ ގޮތުން ގޮންޖެހުމެވެ. އޭނަ އެ ދެއްކި ވާހަކާގައި ހުރި ދެކޮޅު ނުޖެހޭ ކަންތައް ދަލީލުގެ އަލީގައި ބަޔާން ކުރުމެވެ.
(9) އިއްޔެ (12 ސެޕްޓެމްބަރ 2026) ކްލަބްހައުސްގެ ފޯރަމެއްގައި އުފެދުނު ސުވާލެކެވެ: ކަލަކު ވޮޑިގެންވުމާ ބެހިގެންނެވެ.
އަޅުގަނޑު އެ ވާހަކައަށް ދިނީ ވަރަށް ކުރު ޒުވާބެކެވެ: އަދި މިވީތަނަކަށް، ތިމާ އުފެދުނީ ޚުދު ތިމާ އަމިއްލައަށްކަމަށް އެއްވެސް އިންސާނަކު ދަޢުވާއެއް ކޮށްފައި ނުވާކަމަށެވެ. އެފަދަ ދަޢުވާއެއް ކޮށްގެން އޭނާއަށް އެކަން ސާބިތު ކޮށްދެވޭނެ ގޮތެއްވެސް ނޯންނާނެއެވެ. އެހެން ކަމަށްވެއްޖިއްޔާ، ސަލާމަތް ބުއްދީގައި ހުރި އިންސާނަކު އެފަދަ ދަޢުވާއެއް ނުކުރާނެތާއެވެ.
ކޮންމެއަކަސް، އަޅުގަނޑު ބުނީމެވެ. މަޚްލޫޤެއް (creature އެއް) ވުޖޫދުގައި ހުންނާނީ ޚާލިޤަކު (Creator އެއް) ވޮޑިގެންވާތީއެވެ.
ތަންކޮޅެއް އާދައިގެ ފެންވަރެއްގައި ވިސްނާނަމަ: އިންޖީނެއް ވުޖޫދުގައި ހުންނާނީ އޭތި އުފެއްދި މީހަކު ހުރެގެންނެވެ.
ވާހަކަ އެ ހިސާބަށް ނިމުނީއެވެ. ވަރަށް ސާދާ މައްސަލައެކެވެ. މާ ކަންތައް ބޮޑުކުރަންޖެހޭ ވާހަކައެއް ނޫނެވެ.
(10) ދީނީ ނަޒަރުން ބަލާއިރު، ނުވަތަ މުޖްތަމަޢުގެ ހަމަޖެހުމާއި (stability އާއި)، ފަރުދުންގެ މަޞްލަޙަތާއި، ޤައުމުގެ އަމްނުޢާއްމުގެ ކަންމިނުން ބަލާއިރު ރައްޔިތުންގެ މެދުގައި ފިތުނައަކަށް ވެދާނެ ފަދަ ފޮތެއް މަނާ ކުރުމަކީ އެއްވެސް މައްސަލައެއް ނޫނެވެ.
ޢަމްދުން އެއީ ކުރަންޖެހޭނޭ ކަމެކެވެ.
އިންޑިއާއަކީ ސެކިއުލަރ (ޢަލްމާނީ/ޢިލްމާނީ) ދައުލަތެކެވެ. އޭގެ މާނައަކީ ދައުލަތުގެ ފެންވަރުގައި ވަކި ދީނަކަށް ތަރްޖީޙް (preference) ނުދިނުމެވެ. އެތަނުގައި އެގޮތަށް އޮތުމުން އެތަނުގެ މުސްލިމުންނަށް އެކަން ވަނީ ރަނގަޅު ގޮތަކަށެވެ. އެއާޚިލާފަށް އޮވެއްޖެނަމަ އެތަނުގެ މުސްލިމުންނަށް ދެރަ ވާނެއެވެ.
ނަމަވެސް ރާއްޖެފަދަ އިސްލާމީ ދައުލަތެއް ޢަލްމާނީ ވެއްޖެނަމަ އެކަމުން ޤައުމަށްވާނީ ގެއްލުމެވެ. ތުރުކީގެ ތަޖުރިބާއިން އެކަން ވަނީ ފެނިފައެވެ.
އިންޑިއާގައި ސަލްމާން ރުޝްދީގެ "ސެޓޭނިކް ވަރސަސް" ކުރިން އޮތީ މަނާ ކޮށްފައެވެ. ސަބަބަކީ، މުޖްތަމަޢުގެ މަޞްލަޙަތަށް ބުރޫއަރައިފާނެ ފަދަ އެއްޗަކަށް އެފޮތް ވާތީއެވެ. ނަމަވެސް 2024 ގައި ދިއްލީ ހައިކޯޓުން ކުރި ޙުކުމަކުން އެފޮތް މިހާރު ވަނީ އިންޑިއާގައި ހުއްދަ ކޮށްފައެވެ.
ދީނީ ނަޒަރުން ބަލާއިރު އަޞްލުގައި "ސެޓޭނިކް ވަރސަސް" އިޝާރަތް ކުރެވެނީ ކޮން ކަމަކަށްތޯ، ނުވަތަ އެގޮތަށް ކިޔެނީ ކޮން ވާޤިޢާއަކާ މެދުގައިތޯ، މިހުރީ ވަކި މަޒްމޫނެއްގައި އިންޞާފު ކުރަންޖެހޭ މުހިންމު ސުވާލުތަކެވެ.
(11) ފޮތް ފާސް ކުރަން ޖެހޭނެކަމަށް ދެކޭ ދުށުމަކީ، ވަރަށް ގިނަ މުސްލިމުންގެ މެދުގައި މިޒަމާނަކަށް އައިސް އޮންނަ "އިންފީރިއޯރިޓީ ކޮމްޕްލެކްސް" ގެ ޢަލާމަތެކެވެ.
ވަކި މީހަކު ވަކި ވާހަކައެއް ދައްކައިގެން، ނުވަތަ ވަކި އެއްޗެއް ލިޔެގެން އަޅުގަނޑުމެންގެ ޢަޤީދާއަށް ބުރުލެއް އަރައިދާނެކަމަށް ޤަބޫލު ކުރެވޭނަމަ، އޭގެ މާނައަކީ އަޅުގަނޑުމެންގެ ކިބާގައި ޙަޤީޤި ޢިލްމު ނެތްކަމާއި، އަޅުގަނޑުމެންގެ ޢަޤީދާގެ ބަލިކަށިކަމެވެ. މައްސަލަ އޮތީ އަނެކާގެ ކިބަޔަކު ނޫނެވެ. މައްސަލަ އޮތީ އަޅުގަނޑުމެންގެ އަމިއްލަ ކިބައިގައެވެ.
އެއީ ނަފްސިއްޔަތުގެ (psychological) މައްސަލައެކެވެ. ނަފްސާނީ (psychiatric) މައްސަލައެއް ނޫނެވެ.
އެހެން ކަމަށްވެއްޖިއްޔާ، އަޅުގަނޑުމެންގެ އީމާންކަން މިވަނީ އަލުން ހޯދަންޖެހިފައިތާއެވެ. އަޅުގަނޑުމެންގެ ކިބާގައިވާ އީމާންކާމެދު އަޅުގަނޑުމެންނަކަށް ޔަޤީންކަމެއް ނެތެވެ. މީހަކު ހަމަ ބުނެލާ ބަހަކުން އަޅުގަނޑުމެންގެ ހިތު ތެރޭގައިވާ އީމާންކަން ލުހިގެން ހިތުން ބޭރަށް ފުންމައިގެން ހިނގައިދާނެކަމަށް އެބަ ހީވެއެވެ. އަޅުގަނޑުމެންގެ ކިބާގައި ޚަފްޤާނު ބަލީގެ ކަންފުޅެއް އެބައުޅޭތާއެވެ.
އީމާންކަން އަލުން ހޯދަން ފައްޓަންވީ ކީރިތި ޤުރުއާނުންނެވެ. އާޙާދު ރިވާޔަތްތަކަކުންނެއް ނޫނެވެ. ތަރުތީބު މިވަނީ އޮޅިފައެވެ. ޙަދީޘް ނުވަތަ ރިވާޔަތްތައް އަންނަންވާނީ ކީރިތި ޤުރުއާނުގެ ފަހަތަށެވެ.
(12) ވަރަށް ދިލްޗަސްޕު ވާޤިޢާއެއް ދަންނަވައިލާނަމެވެ.
ރައީސް މައުމޫންގެ 09 ޖޫން 2004 ގެ އިޞްލާޙީ އެޖެންޑާއާ ވިދިގެން ތައްމިނަށް ހުޅުވުނު ސިޔާސީ ފުރުޞަތުގައި ޢަދާލަތު ޕާޓީ އުފައްދަން އިސްވެގަތް މީހުންގެ ތެރޭގައި ނިކަމެތި އަޅުގަނޑު ހިމެނުނެވެ. އެކަމާ އޭރު އުޅުނު މީހުންގެ ތެރޭގައި އޭރު އެންމެ އިސް ބޭފުޅެއްގެ ގޮތުގައި އެންމެން ދެކެގެން އުޅުނީ މަރްޙޫމް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީއެވެ. ފަހުން ކަންކަން ތަޠައްވުރުވެގެން ދިޔަ ގޮތަކީ މައުޟޫޢާ ގުޅުންހުރި ވާހަކަތަކެއް ނޫނެވެ.
ހަނދާންވާ ގޮތުން 2006 ވަނަ އަހަރުގެ ތެރޭގައި އ.ދ. ގެ އޭރުގެ "ދީނީ، އަދި ޢަޤީދާގެ މިނިވަންކަމާބެހޭ ޚާއްޞަ ރެޕޯޓަރ" ޢާޞިމާ/ޢާޞްމާ ޖަހާންގީރް (Asma Jahangir) ރާއްޖެއަށް ޒިޔާރަތް ކުރެއްވިއެވެ. (ނޯޓް: ތާނައިން ލިޔެފައި އެވަނީ އުރުދޫބަހުން އޭނާގެ ނަން ލިޔެފައި އޮންނަ ގޮތެވެ. ބްރެކެޓުގައި އެވަނީ އިނގިރޭސިން ލިޔެފައި އޮންނަ ގޮތެވެ.)
އޭނާގެ އެދުމަށް އޭނާއާ ބައްދަލުކުރުމަށް އަޅުގަނޑުމެން ޔޫ.އެން. ބިލްޑިންގ އަށް ދިޔައިމެވެ. އިސް މީހަކަށް ހުރީ އަޅުގަނޑެވެ. އަޅުގަނޑާއެކު ދެން ވަޑައިގަތީ އަލްފާޟިލް ކުރޮޅި އާދަމް ޒާހިރާއި، މިހާރު އައި.ޔޫ.އެމް. ގައި މަސައްކަތް ކުރައްވާ ޑރ. އިކްރާމް ޢަބްދުއްސައްތާރެވެ.
ޢާޞްމާ އަޅުގަނޑުމެންނާ ސުވާލު ކުރެއްވިއެވެ. ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ރާއްޖެ އޮންނަންޖެހެނީ ކީއްވެގެން ހެއްޔެވެ؟
ޝައްކެއްވެސް ނެތެވެ. ކިތަންމެ ސާދާ ކަމަށްވިޔަސް، މުސްލިމެއްގެ، އަދި ދިވެއްސެއްގެ ހައިސިއްޔަތުން ޒުވާބުދޭން ވަރަށް އުނދަގޫވި އަދި ނުރައްކާތެރި ސުވާލެއް ވެސްމެއެވެ. އަޅުގަނޑަށް ހީވީ އަޅުގަނޑުގެ މޫނުމައްޗަށް ތޫނު ކަނޑިއެއް ހޫރައިލެވުނު ހެންނެވެ. ގައިން ހީބިހި ނަގައިގެންދިޔައެވެ.
ނަމަވެސް ވަރަށް ސާބިތު ކަމާއެކު އަޅުގަނޑު ދިން ޒުވާބަކީ، އެނޫން ގޮތަކަށް އެކަން އޮވެއްޖެނަމަ ރާއްޖޭގެ ސިޔާދަތު ދެމި ނޯންނާނެ ކަމަށެވެ. އޭނާ އެކަމަށް އިޢުތިރާޟް ކުރެއްވި ހަނދާނެއް ނުވެއެވެ. އަޅުގަނޑާއެކު އެ ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުންގެ ކިބާގައި އެކަމާގުޅޭ ހަނދުމަފުޅެއް އޮތިއްޔާ ޙިއްޞާ ކުރެއްވުން ރަނގަޅުވާނެއެވެ.
(13) މިފަދަ ނުރައްކާތެރި އެހެން ހަނދާނެއްގެ ވާހަކަވެސް ދަންނަވައިލާނަމެވެ.
ހަނދާންވާ ގޮތުން 2008 ގެ ކުރީކޮޅު، "އިންތިޤާލީ އިންތިޒާމްތަ" ކާ ގުޅިގެން ޑރ. މުޙައްމަދު މުނައްވަރު އެކުލަވައިލެއްވި ކަރުދާހެއްގެ މައްޗަށް އެމް.ޑީ.ޕީ. އިސްވެ އޮވެގެން ބަހުސް ކުރެވެމުންގޮސް، އެކަމާމެދު ގޮތެއް ނިންމުމަށްޓަކައި ދަރުބާރުގޭގެ ބިއްލޫރި މާލަމުގައި އޮތް ބައްދަލުވުމެއްގައި ޢަދާލަތުގެ ފަރާތުން އަޅުގަނޑު ބައިވެރިވީމުއެވެ. އަޅުގަނޑުގެ އިތުރުން ޢަދާލަތުގެ ފަރާތުން ދެންތިއްބެވީ، އަނެއްކާވެސް ހަމަ އަލްފާޟިލް ކުރޮޅި އާދަމް ޒާހިރާއި، ޑރ. (އޭރު ޝައިޚް) މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
އެތަނުގައި ތިބީ 3 ބައެކެވެ. އެމް.ޑީ.ޕީ. ތަމްސީލު ކުރައްވަން އޭރު އަދި ރައީސަކަށް ވެވަޑައި ނުގަންނަވާ ރައީސް މުޙައްމަދު ނަޝީދާއި، އޮނަރަބްލް ޑރ. މުޙައްމަދު މުނައްވަރާއި، އޮނަރަބްލް އަލްފާޟިލް އިބްރާހީމް ޙުސައިން ޒަކީއެވެ. ދެން "ނިޔު މޯލްޑިވްސް" ގެ ފަރާތުން އޮނަރަބްލް ޑރ. ޙަސަން ސަޢީދާއި، އޮނަރަބްލް ޑރ. އަޙްމަދު ޝަހީދެވެ.
އިރުން ހުޅަނގަށް ހުރި މޭޒެއްގައި އަޅުގަނޑުމެން އެތުރިގެން ތިބި ތަރުތީބަކީ: އެންމެ އިރަށް އެމް.ޑީ.ޕީ. ގެ ބޭފުޅުންނެވެ. ދެން އަޅުގަނޑުމެން 3 މީހުން، އަދި އަޅުގަނޑުމެންގެ ވާތުން ޑރ. ޙަސަނާއި، ޑރ. ޝަހީދެވެ.
ދެން "އޯޑިއެންސް" ގެ ތެރޭގައި އެހެން މީހުންނާއި، އަދި އެތެރެއާއި، ބޭރުގެ ނޫސްވެރިންނެވެ.
ބޭރުގެ ނޫސްވެރިޔަކު ކުރެއްވި ސުވާލަކީ: ރާއްޖޭގެ ދާޚިލިއްޔަތާ ބޭރުގެ ފަރާތްތައް ބެހުމާމެދު ޢަދާލަތުން ބުނަނީ ކީކޭތޯއެވެ؟
އަނެއްކާވެސް ޒުވާބުދިނީ އަޅުގަނޑެވެ. އެއީ އަޅުގަނޑުމެން ތާއީދުކުރާ ކަމެއް ނޫންކަމަށް ވަރަށް ސާބިތު ކަމާއެކު އަޅުގަނޑު ބުނީމެވެ. އަޅުގަނޑު އެހެން ބުނުން ވީ، އެތަނުގައި ތިއްބެވި ބައެއް ބޭފުޅުންނަށް ވަރަށް ޙައިރާންކަން ލިބިވަޑައިގެންނެވި ކަމަކަށެވެ. އޭގެ ބައެއް ބޭފުޅުންގެ މޫނުފުޅުމައްޗާއި، ޙަރަކާތްޕުޅުން ރުހިވަޑައި ނުގަތުމުގެ ޢަލާމަތްތައް ފެންނަން ހުށްޓެވެ.
ނަމަވެސް، އެ ސުވާލަށް ޒުވާބު ދޭކަށް އަޅުގަނޑަކަށް އެއްވެސް އުނދަގޫކަމެއް ނެތެވެ. ސަބަބަކީ، ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖްލީހުން އެގޮތަށް ޤަރާރެއް ފާސްކޮށްފައި އޮތުމެވެ.
ދަންނަވަން މިއުޅޭ ވާހަކައަކީ: މީހާގެ ކުރިމައްޗަށް ތަންވަޅު އަންނަ ހިނދުގައި ބުނަންޖެހޭ ސާބިތު ބަސް ނުބުނެފިނަމަ، ނުވަތަ ޢަމަލު ކުރަންޖެހޭ އަޞްލު ގޮތަށް ޢަމަލު ނުކޮށްފިނަމަ އެކަމުން އުފެދިދާނެ ނުބަޔާއި، އަދި/ނުވަތަ އެކަމުން ލިބިދާނެ ބޮޑު ގެއްލުމެވެ. މީހާގެ ޙަޤީޤީ ފަންވަރު ފާޅުވަނީ އެފަދަ ނާޒުކު ހިނދުކޮޅު ތަކުގައެވެ.
އެފަދަ ދަނޑިވަޅުގައި ސާބިތުކަމާއެކު ޒިންމާ އަދާ ނުކޮށްފިނަ ﷲ ތަޢާލާ އޭނާއާ ކުރިމަތިކުރެއްވި ވަރުގަދަ އިމްތިޙާނުން އޭނާ ބޮޑުތަނުން ފޭލްވީއެވެ.
މިފަދަ އިމްތިޙާންތަކުން އެތައް ބަޔަކު ފޭލްވަމުންދާތަން އަޅުގަނޑުމެން މިދަނީ ހަމަ ކޮންމެ ދުވަހަކުމެ ދެކި، އެކަމަށް ހެކިވަމުންނެވެ. މާދަމާ، ޤިޔާމަތްދުވަހުން ﷲ ގެ ޙަޟްރަތުގައިވެސް އެކަންކަމަށް ހެކިބަސް އަދާކުރަން ޖެހޭނެއެވެ.
(14) ދީނީ ނަޒަރުން ބަލާއިރު، މިސާލަކަށް: މަނާ ކުރެއްވުނު ގަހުން "ފަރީކުޅުއްވުން"، ނޫނީ ޙޫރަލްޢީނުންނަކީ ވަކި މަޚްލޫޤާތެއްތޯ، ނޫނީ ޢީސާގެފާނު "ދެވަނަ ފަހަރަށް" ދުނިޔެއަށް ވަޑައިގަންނަވާނެތޯ، ނުވަތަ ސުވަރުގެއާއި ނަރަކަ ހަމަ މިހާރުވެސް ވުޖޫދުގައިވޭތޯ، ނުވަތަ "އުޑުގެ" ޙަޤީޤަތަކީ ކޮބައިތޯ، ނުވަތަ ޔައުޖޫޖް މައުޖޫޖް ބާގައި މީހުން މިހާރު ނިކުމެއްޖެތޯ، ނުވަތަ ކައިވެނި ކުރެއްވިއިރު ޢާއިޝަތުގެފާނުގެ ޢުމުރުފުޅަކީ ކޮބައިތޯ ފަދަ އެތައް ޚުޠޫރަތްތެރި ސުވާލަކީ އޭގެ ޙަޤީޤަތް ގިނަ ބައެއްގެ ކުރިމައްޗަށް ކަޝްފުވެފައި ނުވި ކަމަށްވިއަސް ޢިލްމުގެ ޙަޤީޤީ އަހުލުވެރިން ފިސާރި ރަނގަޅަށް ދަންނަ ކަންތައްތަކެކެވެ. އާދެ! އެމީހުންނާ ވަރަށް ގައިގޯޅި މައުޟޫޢުތަކެކެވެ.
ރަށްމެދަށް އެކަންކަން ތިލަވެފައި ނުވުމަކީ، އަދި ވަކި ބަޔަކަށް އެކަންކަމުގެ ޙަޤީޤަތް އެނގިފައި ނުވުމަކީ، ނުވަތަ ޤަބޫލު ނުކުރެވުމަކީ އަދި ވަކި މައްސަލައެއްތާއެވެ.
ޝައްކެއްވެސް ނެތް ގޮތުގައި ޢިލްމުވެރިންގެ މެދުގައި ތަފާތު ރައުޔުތައް ހުރި މައްސަލަތަކެކެވެ. ތަފާތު ރައުޔު ހުންނާނެވެސްތާއެވެ.
ނަމަވެސް މިއިން އެއްވެސް ކަމެއްގައި ތަފާތު ރައުޔެއް އޮތުމަކީ އެއްވެސް ޙާލެއްގައި މީހާގެ ދީނުގެ ޢަޤީދާއަށް ގުޑުންއަރާނެ ކަމެއް ނޫނެވެ.
މަރްޙޫމް ޑރ. އަފްރާސީމް (އަފްރާޘީމް؟) ވަރަށް ސާފުކޮށް ވިދާޅުވެފައި އޮންނާނެއެވެ. ކަމަކާމެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފް އުފެދިއްޖެނަމަ، 4 ކަމެއް ކޮށްގެން ނުވާނެއެވެ.
(ހ) އެކަމަކީ ބިދްޢައެކޭ ބުނުން.
(ށ) އެކަމަކީ ޙަރާމް ކަމެކޭ ބުނުން.
(ނ) އެކަމަކީ ވާޖިބު ކަމެކޭ ބުނުން.
(ރ) އެކަމާ ގުޅިގެން މީހަކު ކާފަރު ކުރުން.
(15) ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ރާއްޖެ އޮންނަ އޮތުމަކީ ދީނުގައި ކަނޑައަޅާފައި އޮންނަ ކަމެއް ނޫނެވެ. ދީނުގައި އެފަދަ އެއްޗެއް ކަނޑައަޅައިފައެއް ނޯވެއެވެ.
އަދިކިއެއްތަ! އެއީ ދިވެހި ރައްޔިތުންގެ އަމިއްލަ ނިންމުމެކެވެ.
ރާއްޖެ އިސްލާމްވިތާ ހިޖްރީ ތަޤްވީމުން މިހާރު 900 އަހަރު ފުރިފައިވާއިރުވެސް މިކަމަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އައިސްގެން ނުވެސްވާނެއެވެ.
އެކަން އޮންނަންވާނީ ހަމަ އެގޮތަށެވެ. ހަމަހިލާ އެކަމަށް ބަދަލެއް ގެނެސްގެން ނުވާނެއެވެ.
އިތުރު ނުކުތާއެއް
(16) ފޮތެއް ނުވަތަ މަޒްމޫނެއް ލިޔަން އެއްވެސް މީހަކު ހުރަހޮޅެންވާނީ ޚިޔާރުކުރި މައުޟޫޢާމެދު ޚުދު އޭނާގެ ކިބާގައި ޢިލްމަކާއި، ވިސްނުންތަކެއް ހުރެގެންނެވެ.
(ހ) ތިމާ ލިޔުނު ފޮތެއް ބަލަން އެހެން މީހަކަށް ޖެއްސުމުގެ މާނައަކީ، އެއް ގޮތަކުން ބުނާނަމަ، ތިމާ ލިޔުނު އެއްޗަކާމެދު ޚުދު ތިމާއަށް ޔަޤީންކަން ނެތުމެވެ. އަނެއް ގޮތަކުންނަމަ، މައުޟޫޢުގެ ތެރެއަށް ތިމާއަށް ފުދޭވަރަށް ފީނިފައި ނެތުމެވެ. ދިރާސާ ކުރެވިފައި ނެތުމެވެ. ތަޙްލީލް ކުރެވިފައި ނެތުމެވެ. އެހެން ކަމަށްވާނަމަ އޭނަ ރަނގަޅުވާނީ އެ ފޮތް ނުލިޔުނިއްޔާއެވެ. އެހެނީ: އޭނާ އަދި އެކަމަށް ތައްޔާރުވެފައެއް ނެތެވެ.
(ށ) ރާއްޖޭގައިވެސް، އަދި އެހެން ޤައުމުތަކުގައިވެސް އޮންނަ ވަރަށް ރީތި އަދަބީ ސަގާފަތެކެވެ. ވަކި ބޭފުޅަކު ލިޔުއްވި ފޮތަކަށް އެހެން ބޭފުޅެއްގެ "تَقْرِيظْ" އެއް ދެއްވުމަށް އެދިވަޑައިގެންފާނެއެވެ. މިއީ ހަމަ ކުރުން ވަރަށް ރަނގަޅު، އެދެވޭ ކަމެކެވެ.
تَقْرِيظْ ގައި އޮންނާނީކީ ހަމައެކަނި ތާރީފެއް ނޫނެވެ. ނަމަވެސް މައުޟޫޢާ ގުޅިގެން އެ ބޭފުޅަކު ފާހަގަ ކޮށްލަން ބޭނުންފުޅުވާ އިތުރު ކަންކަމާއި، ފޮތަށް އިތުރު ކޮށްލަން ޖެހޭކަމަށް ފެނިވަޑައިގަންނަވާ ކަންތައްތައް ފަދަ ވާހަކަވެސް އޭގައި ހުންނާނެތާއެވެ.
ފޮތްފޮތާއި، އެނޫންވެސް އަދަބީ އަދި ފަށުވި ފަންނުގެ އުފެއްދުންތަކަށް "ރިވިޔު" ލިޔުމަކީވެސް ހުޅަނގާއި، އަދި އެނޫން ސަގާފަތްތަކުގައިވެސް ވަރަށް ގަދައަށް އޮންނަ ކަމެއްތާއެވެ.
