ދިވެހިރާއްޖޭގައި އިސްލާމީ އަދި އަޚްލާޤީ ބަހާތައް ކުރިއެރުވުމަށާއި، މުޖުތަމަޢުގެ ބަދަހިކަން އިތުރުކުރުމަށް މަސައްކަތްކުރާ މަހަލްދީބް ފައުންޑޭޝަނުން މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމްއާ ބައްދަލުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، ސިޓީ ކައުންސިލާއި މަހަލްދީބް ފައުންޑޭޝަން ގުޅިގެން މުޖުތަމަޢަށް ފައިދާހުރި ދީނީ އަދި އިޖުތިމާޢީ އެކި ހަރަކާތްތައް ހިންގުމާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އެގޮތުން މާލެ ސާފުތާހިރުކޮށް ބޭއްވުމަށާއި މަގުމައްޗަށް ކުނިއެޅުން ހުއްޓުވުމަށް މީހުން ހޭލުންތެރިކުރުވުމާއި، ޒިންމާދާރު މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ދީނީ ދަރުސްތައް ދިނުމާ ގުޅޭގޮތުން ވާހަކަދެކެވުނެވެ. އަދި މިސްކިތްތަކުގައި މިފަދަ ދަރުސްތައް އިންތިޒާމުކޮށް ކުރިއަށް ގެންދިއުމަށް ފުރުޞަތު ފަހިކޮށްދިނުމާ ބެހޭގޮތުންވެސް ދެފަރާތުން މަޝްވަރާކުރެއްވިއެވެ.
މީގެއިތުރުން، މިސްކިތްތަކުގެ ޙުރުމަތް ރައްކާތެރިކުރުމުގެ މުހިންމުކަމާއި، މިސްކިތްތަކަށް ގެއްލުން ދިނުމަކީ އިސްލާމްދީނުގައި ކިހާވަރެއްގެ ނޭދެވޭ ކަމެއްކަން ބަޔާންކޮށްދިނުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ދީނީ ނަޞޭޙަތާއި ހޭލުންތެރިކަމުގެ މަޢުލޫމާތު މުޖުތަމަޢަށް ފޯރުކޮށްދިނުމަށް ވެސް މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެވުނެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ އެންމެ ފުރަތަމަ އަދި އެންމެ އިސް ޒިންމާއަކީ މިސްކިތްތައް އެންމެ ފުރިހަމަ ގޮތުގައި ބެލެހެއްޓުން ކަމަށެވެ. އެގޮތުން މިހާރުވެސް މާލެ ސަރަޙައްދުގެ 41 މިސްކިތެއް ކައުންސިލްގެ ބެލުމުގެ ދަށުން ބަލަހައްޓަމުން ގެންދާކަން މޭޔަރު ފާހަގަކުރެއްވިއެވެ. އަދި އިސްލާމީ ރިވެތި އުޞޫލުތައް މުޖުތަމަޢުގައި އަށަގެންނެވުމަށް މަހަލްދީބް ފައުންޑޭޝަނުން ހިލޭސާބަހަށް ކުރަމުންދާ އަގުހުރި މަސައްކަތްތަކަށް މޭޔަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މޭޔަރު ޢާޒިމްގެ އިތުރުން މި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލްގެ އިސްލާމިކް ކޮމިޓީގެ މެންބަރު، ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު ފާޠިމަތު ސަހުލާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
