މާލޭގެ ފެން ރައްކާކުރުމަށް20،000 ލީޓަރުގެ ތާނގިއެއް ބަހައްޓަން ނިންމައިފި

މާލޭގެ ފެން ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން އަންނަ އަހަރުގެ ޕީކް ސީޒަނަށް މާލޭގައި 20،000 ލީޓަރުގެ ފެން ތާނގިއެއް ބަހައްޓަން ނިންމާފައިވާ ކަމަށް މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އެމްޑަބްލިޔުއެސްސީން ކުރިއަށްގެންދާ މަސައްކަތްތަކާއި، ކުރިއަށް އޮތް މަޝްރޫއުތަކުގެ ތަފްސީލު ހިއްސާކުރައްވާ ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ، މާލޭގައި ބަހައްޓާ 20،000 ލީޓަރުގެ ތާނގީ ވެގެންދާނީ ރާއްޖޭގައި ބަހައްޓާ އެންމެ އުސް އެއް ތާންގީ އަށް ކަމަށެވެ.

ފަހުމީ ވިދާޅުވީ، އެ ތާންގީ ބަހައްޓަން ނިންމާފައިވަނީ ކުރީގެ 30 އަހަރުވީ ބޯފެން ރައްކާކުރާ ތާނގީ ހުރި ބިމުގައި ކަމަށާއި، އެ ތާނގިއަކީ ގާތްގަނޑަކަށް 7 ބުރި ނުވަތަ 10 ބުރީގެ އިމާރާތެއްގެ އުސްމިނުގައި ބެހެއްޓޭ ވަރުގެ ބިޔަ ތާނގިއެއް ކަމަށެވެ. އަދި ދެ ތާނގީގެ ފައުންޑޭޝަން މަސައްކަތް ނިމިފައިވާއިރު، އެއް ތާނގީ އަންނަ ޖެނުއަރީ ނުވަތަ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖެ ގެނެވޭނެ ކަމަށްވެސް ފަހުމީ ވިދާޅުވި އެވެ.

މީގެ އިތުރުން، އަންނަ އަހަރުގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު މަހާ ހަމައަށް އެއް ތާނގީގެ މަސައްކަތް ނިންމާލުމަކީ މަޝްރޫއުގެ އަމާޒުކަން ފާހަގަކުރައްވާ ފަހުމީ ވިދާޅުވީ، އެއާއެކު މާލޭގެ ފެނުގެ ހިދުމަތަށް ކުރިމަތިވެފައިވާ ގިނަ ދަތިތަކަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ފަހުމީ ވަނީ، މިހާރު މާލޭގައި ހުރި ފެން ރައްކާކުރާ ސްޓޯރޭޖުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 10،000 އަކަފޫޓު ކަމަށާއި، ދެވަނަ ތާނގީގެ މަސައްކަތް 2028 ވަނަ އަހަރުގެ ޖޫން މަހުގެ ކުރިން ނިންމުމަށް ރާވާފައިވަ ކަމަށް ވިދާޅުވެފަ އެވެ.

އަލަށް ބަހައްޓާ ތާނގިތަކާއެކު ފެން އުފައްދާ މެޝިންތައް ހިންގަންޖެހޭ ވަގުތު ކުޑަކޮށް، ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށާއި، މާލެ ސަރަހައްދުގެ ފެނުގެ ހިދުމަތް ހަރުދަނާކުރުމަށް ހުޅުމާލޭގައި 10،000 ޓަނުގެ ތާނގިއެއް ބަހައްޓައި 2025 ވަނަ އަހަރުގެ އޮގަސްޓް 17 ގައި ވަނީ ބޭނުންކުރަން ފަށައިފައެވެ.

މީގެއިތުރުން މާލޭގައި 13،000 ޓަނުގެ ފެން ރައްކާކުރެވޭ ދެ ތާނގީ ބެހެއްޓުމަށް ބޭނުންވާ ސާމާނުވެސް އެމްޑަބްލިޔުއެސްސީން ވަނީ ރާއްޖެ ގެނެސްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.