އެމްޑަބްލިޔުއެސްސީ ކަސްޓަމާ ކެއަރ ސެންޓަރުގެ އާ ހޮޓްލައިން ނަންބަރު ތައާރަފްކޮށްފި

މާލޭ ވޯޓާ އެންޑް ސިވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ވީހާވެސް ގާތުން ލުއިފަސޭހަކަމާއެކު ޚިދުމަތް ދިނުމުގެ ގޮތުން ކަސްޓަމަރ ކެއަރގެ އައު ހޮޓްލައިން ނަންބަރު 1575 ތަޢާރަފްކޮށްފިއެވެ.

އެމްޑަބްލިޔުއެސްސީއިން ބުނިގޮތުގައި، މި ބަދަލާއެކު، ކުންފުނީގެ 105 ނަންބަރު ހާއްސަވެގެންދާނީ ކުއްލި ހާލަތްތަކުގައި ގުޅާ އެމަޖެންސީ ހޮޓްލައިންގެ ގޮތުގައެވެ.

105 އެމަޖެންސީ ހޮޓްލައިންގެ ޚިދުމަތް 24 ގަޑިއިރު މެދުކެނޑުމެއްނެތި ލިބެމުންދާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ. އަދި އަލަށް ތަޢާރަފްކުރެވުނު 1575 ހޮޓްލައިންގެ ޚިދުމަތް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށް ލިބިގެންދާނެ ކަމަށާއި، އަދި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ނަންބަރު ދެނެގަތުމުގެ ގޮތުން، އެމްޑަބްލިޔުއެސްސީން ކަސްޓަމަރުންނަށް ގުޅާ ވަގުތުތަކުގައި ފޯނުގެ ސްކްރީނުން 1575 ނަންބަރު ފެންނަން ހުންނާން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޑަބްލިޔުއެސްސީއިން ބުނީ ކަސްޓަމަރުންނަށް ދެމުންގެންދާ ޚިދުމަތްތައް ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ލުއިފަސޭހަކަމާއެކު ޚިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަކީ ކުންފުނީގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ.

އަދި ޚިދުމަތްތަކާ ގުޅުންހުރި އިތުރު މަޢުލޫމާތާއި އެހީތެރިކަން 1575 މެދުވެރިކޮށް ލިބެމުންދާނެ ކަމަށް އެމްޑަބްލިޔުއެސްސީއިން ބުނެފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.