ރައީސުލްޖުމްހޫރިއްޔާ، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް)ގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމް.އާރް.ސީ.ސީ)ގެ އައު އިމާރާތް ހުޅުއްވައިދެއްވައިފިއެވެ.

މިރަސްމިއްޔާތު އޮތީ މިއަދު ހެނދުނު، ވިލިމާލޭގައެވެ.

މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް ޙަސަން ރަޝީދާއި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. އަދި ރަސްމިއްޔާތުގެ މައިދާނުން، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާއަށް ރިޔާސީ ކުރުނީހެއް ވަނީ އަރުވާފައެވެ.

އެމް.އާރް.ސީ.ސީގެ އައު އިމާރާތަކީ ސަރުކާރުން ތަރައްޤީކޮށްފައިވާ ޢިމާރާތެކެވެ. މި މަޝްރޫޢު ވިލަރެސްކުރެއްވުމުގައި ޔޫ.އެން.އޯ.ޑީ.ސީއިން އިސްދައުރެއް އަދާކުރައްވާފައިވެއެވެ. މި އިމާރާތުން ދޭ ޚިދުމަތްތަކަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ޤާއިމްކުރުމަށް އޮސްޓްރޭލިޔާ ސަރުކާރުންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.

މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަކީ ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުން ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތައް ވިލަރެސްކުރުމަށް އުފައްދާފައިވާ މައި މަރުކަޒެވެ.

މި އިމާރާތުގެ ބިންގާ 2022 ވަނަ އަހަރު އެޅި ކަމުގައި ވީ ނަމަވެސް، އެކި ސަބަބުތަކާ ހެދި އިމާރާތުގެ މަސައްކަތްތައް ނިންމާނުލެވި އޮތް އޮތުމަށް ނިމުމެއް ގެނެސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއްދެއްވިއެވެ. މިއީ އެމަނިކުފާނު ކޯސްޓްގާޑުގެ ޤާބިލްކަން އިތުރުކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ކުރެއްވި މުހިންމު މަސައްކަތެކެވެ.

އެމް.އާރް.ސީ.ސީގެ އައު އިމާރާތް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ އިމާރާތް ބައްލަވާލައްވާފައެވެ. އަލަށް ހުޅުވި އެމް.އާރު.ސީ.ސީގެ އިމާރާތުގައި ކަނޑާއި ވައިގެމަގުން ހިނގާ ހާދިސާތައް ވިލަރެސްކުރުމަށް ޒަމާނީ އޮޕަރޭޝަންސް ރޫމެއް ވަނީ ގާއިމުކޮށްފައެވެ. އަދި، އިންސާނީ ވަސީލަތް ތަރައްޤީކޮށް ތަމްރީނުތައް ހިންގުމަށް ކްލާސްރޫމްތަކާއި އޮޑިޓޯރިއަމެއްވެސް ވަނީ ޤާއިމްކޮށްފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޚާއްޞަ ދުޢާއެއް ކުރެއްވުންވެސް އޮތެވެ. އެމް.އާރް.ސީ.ސީގެ އައު އިމާރާތް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެމް.އާރް.ސީ.ސީގެ އައު އިމާރާތް ހުންނަ ސަރަޙައްދުގައި ގަހެއް އިންދަވައިދެއްވާފައެވެ.

އެމް.އާރް.ސީ.ސީގެ އައު އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ޖަޕާން ސަފީރު ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯއާއި، ޔުނައިޓެޑް ނޭޝަންސް ރެޒިޑެންޓް ކޯޑިނޭޓަރ މިސްޓަރ ހައޮ ޒެންގގެ އިތުރުން ބޭރު ޤައުމުތަކުގެ އިސް ޑިޕްލޮމެޓުންނާއި، ދިވެހި ސަރުކާރުގެ ވަޒީރުންނާއި އިސްވެރިން އަދި ޤައުމީ ދިފާޢީ ބާރުގެ އިސްވެރިންނާއި އޮފިސަރުން ބައިވެރިވެވަޑައިގަތެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.