ގޯއާ މެރިޓައިމް ކޮންކްލޭވްގައި ޖެނެރަލް ޝަމާލް، ތަޤުރީރު ކުރައްވާނެ

 އިންޑިއާގެ ގޯއާގައި ކުރިއަށްދާ ދެވަނަ ގޯއާ މެރިޓައިމް ކޮންކްލޭވްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދު ﷲ ޝަމާލް، މާދަމާ ތަޤުރީރުކުރައްވާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ގޯއާ މެރިޓައިމް ކޮންކްލޭވްގެ މިފަހަރުގެ ތީމަކީ "ކޮމަން މެރިޓައިމް ޕްރިއޯރިޓީސް އިން އިންޑިއަން އޯޝަން ރީޖަން އެންޑް ނީޑް ފޯރ ރީޖަނަލް މެރިޓައިމް ސެކިޔުރިޓީ" އެވެ.

މިމަހުގެ 3 އިން 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި ކޮންކްލޭވްގައި އިންޑިއަން އޯޝަން ރީޖަންއަށް ނިސްބަތްވާ ވަރަށް ގިނަ ޤައުމުތަކުގެ ނޭވީ ޗީފުންގެ އިތުރުން މެރިޓައިމް ސެކިއުރިޓީ އަދި މެރިޓައިމް ސްޓްރެޓެޖީގެ އެކްސްޕާރޓުންނާއި ސްކޮލާރސްއިން ބައިވެރިވެވަޑައިގަންނަވައެވެ. އޭގެތެރޭގައި  އިންޑޮނޭޝިއާ، މެލޭޝިއާ، ސިންގަޕޯރ، ތައިލޭންޑުގެ އިތުރުން ބަންގުލަދޭޝް، މިޔަންމާ، ސްރީލަންކާ އަދި ދިވެހިރާއްޖެ، ސީޝެލްސް، މޮރިސަސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވީ މި ބައްދަލުވުމުގައި ޖެނެރަލް ޝަމާލް ބައިވެރިވެ ވަޑައިގަންނަވަނީ ޚާއްސަ ދަޢުވަތަކަށެވެ. މާދަމާ އެމަނިކުފާނު ތަޤުރީރު ކުރައްވާނެ ގަޑިއާއި މަޢުޟޫ އަދި ސާފެއްނުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.