އޮސްޓްރިއާ ސަފީރުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ރިޕަބްލިކް އޮފް އޮސްޓްރިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ ޑޮކްޓަރ ރޮބަރޓް ޓްސީގް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ސަފީރުކަމުގެ ފަތްކޮޅު ޤަބޫލުފުޅުކުރައްވައި، އޮސްޓްރިއާގެ ސަފީރަށް މަރުޙަބާ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި ސަފީރު ވަނީ ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ މުހިންމު ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން، ފަތުރުވެރިކަމާއި، ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމާއި، މޫސުމީ ނޭދެވޭ ބަދަލުތަކާ ގުޅިގެން ފިޔަވަޅު އެޅުމުގެ އިތުރުން، މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ޑިޕްލޮމެޓިކް ތަމްރީނުތަކަށް ސްކޮލަރޝިޕްގެ ފުރުޞަތުތައް ފަހިކޮށްދިނުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ދިވެހިރާއްޖެއާއި އޮސްޓްރިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1 މާރިޗު 1978 ގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.