"ރަޝިޔާގެ ދައުލަތުން ޔުނައިޓެޑް ކިންގްޑަމްގެ ބިމުގައި ހަނގާމައިގެ ޢަމަލެއް ހިންގައިފި" ކަމަށް ވިދާޅުވެ، ރަޝިޔާގެ 23 ޑިޕްލޮމޭޓެއް އިނގިރޭސިވިލާުތް ދޫކޮށް ދާން އެންގެވިކަން، މި މާރިޗު މަހުގެ 14 ވަނަ ދުވަހު އިނިގިރޭސި ބޮޑުވަޒީރު ޓެރީސާ މޭ އިއުލާންކުރެއްވިއެވެ. އަދި އެމީޙުން އިނގިރޭސިވިލާތް ދޫކޮށްދާން އެއް ހަފުތާގެ މުހުލަތެއް ދެއްވިއެވެ. އަދި އިއްޔެ، 15 މާރިޗުގަައި، ރަޝިޔާގެ ޚާރިޖީ ވަޒީރު ވިދާޅުވިފައި ވަނީ އިނގިރޭސުވިލާތުން އެޅި ފިޔަވަގެ ޖަވާބުގައި ރިޝިޔާއިން "ޔަޤީނުންވެެސް ވަރަށް އަވަހަށް" އިނގިރޭސި ޑިޕްލޮމޭޓުންތަކެއް ބޭރުކުރާނެ ކަމުުގައެވެ.
ދެގައުމުގެ ގުޅުން އިތުރަށް ގޯސްވެ، ހުޅަނގުގެ އެހެން ގައުމުތައް މިކަމުގެ ތެރެއަށް ވަދެ، މިއަހަރު ރަޝިޔާގައި އޮންނަ ފީފާ ވާލްޑްކަޕަށް މިމައްސަަލައިގެ ހިޔަނި އެޅިދާނެކަމަށްވެސް ބައެއް ފަރާތްތަކުން ދެކެއެވެ. މިކަން މިހިސާބަށް އައިގޮތާ ގުޅޭގޮތުން ކުރެެވޭ ސުވާލުތަކެއްގެ ޖަވާބު ހޯދާލުމުން ކަމުގެ ހަގީގަތް އެނިގެން ދާނެއެވެ.
ސަބަބަކީ ކޮބާ؟
ރަޝިޔާގެ ކުރީގެ ޑަބަލް އެޖެންޓް ސަރްގޭ ސްކްރިޕަލް އާއި އޭނާގެ އަންހެން ދަރުފުޅު ޔޫލިޔާގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ދަށްވެ، އެ ދެމީހުނަށް ދަނީ އިނގިރޭސި ވިލާތުގެ ދެކުނުގެ ރަށެއް ކަމުުގައިވާ ސޯލްސްބަރީގައި ފަރުވާދެމުންވެ.
ވީ ކިހިނެއް؟
މި މާރިޗު މަހުގެ 4 ވަަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، އާދަޔާ ޚިލާފު ގޮތަކަށް އަަމަލުތައް ހުރި ދެމީހެއްގެ ވާހަކަ ވިލްްޓްޝަޔަރގެ ފުލުހުންނަށް އާންމުންގެ މީހަކު ރިޕޯޓްކުރިއެެވެ.
އެ ރިޕޯޓަށް ފަހު ފުލުހުން އައިސް ބެލިއިރު ސޯލްސްބަރީގެ ދަ މޯލްޓިންގްސް ޝޮޕިންގ ސެންޓަރުގެ ބޭރުގައި ހުރި ގޮނޑިއެއްގައި ސްކްރިޕަލް (66 އަހަރު) އާއި ޔޫލިޔާ (33 އަަަހަރު) ހޭނެތިފައި ތިއްބެވެ. ބަލާބެލުމަށް ދެމީހުންގެ ހަށިގަނޑުގެ ބޭރުފުށުން އެެއްވެސް ޒަޚަމެއް ފެންނާކަށް ނެތެވެ. އެތަނުން ދެމީހުން ގެންދެވުނީ ސޯލްސްބަރީ ޑިސްޓްރިކްޓް ހޮސްޕިޓަލަށެވެ. އެތަނުގައި ފަރުވާދެމުން ދާއިރު ދެމީހުންގެ ވެސް ހާލު ވަރަށް ދެރަކަމަށް ވެއެވެ.
ޓެރަރިޒަމްގެ އަމަލެއް ކަަމަށް ޝައްކުކުރެވޭތީ ކައުޓަރ ޓެރަރިޒަމް ފުލުހުން 6 މާރިޗުން ފެށިގެން މައްސަލަ ތަހުގީގުކުރަން ފެށިއެވެ.
ރަޝިޔާއާ މިކަމާ ގުޅުވަނީ ކީއްވެ؟
ތަހުގީގުތައް ކުރިއަށް ގެންދިއުމަށް ފަހު، އެ ދެމީހުންނަށް ވަނީ އަސްކަރީ ދަރަޖައިގެ ނާވް ގޭހުގެ ހަމަލާއެއް ދީފައިކަމާއި "އެންމެ ބޮޑަށް ވައްތަރީ" ރަޝިޔާގެ ޢަމަލަކާ ކަމުގައި، 12 މާރިޗުވީ ހޯމަ ދުވަހު އިނގިރޭސި ބޮޑުވަަޒީރު ޓެރީސާ މޭ އިއުލާންކުރެއްވިއެވެ. އަދި އެކަންވީ ގޮތް ބަޔާންކޮށް ދިނުމަށް 13 މާރިޗު އަންގާރަ ދުވަހުގެރޭ މެންދަމު 12 އާއި ހަަމައަށް ރަޝިޔާއަށް މުހުލަތު ދެއްވައި، ރަޝިޔާ އިޖާބަ ނުދީފިނަމަ "ފުޅާ ދާއިރާއެއްގައި" ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ދެއްވިއެވެ.
ސްކްރިޕަލްެގެ ދެބަފައިންނަށް ވިހަގޭހުގެ ހަމަލާ ދިނުމުގައި ބޭނުންކުރެވިފައިވަނީ 70 އިގެ އަދި 80 އިގެ އަހަރުތަކުގެ ތެރޭގައި އޭރުގެ ސޮވިއެޓް ޔުނިއަންގެ އަސްކަރިއްޔާއިން އުފައްދައި ތަރައްޤީކުރި "ނޮވިޗޮކް ގްރޫޕް" ގެ ނަމުން މަޝްހޫރު ވެފައިވާ ނާވް ގޭހުގެ ވައްތަރުތަކުގެ ތެެެރެއިން ވައްތަރެކެވެ. މަޝްހޫރު ނާވް ގޭސްތައް ކަމުގައިވާ ވީއެސް އާއި ސަރިންއަށްވުރެ ނޮވިޗޮކް ގްރޫޕްގެ ގޭސް 10 ގުނަ ބާރުގަދަ ކަމަަށްވެއެވެ. މިއީ ރަޝިޔާގެ އަސްކަރިއްޔާއިން ގެންގުޅޭ ގޭހަަަކަށް ވުމުން އެންމެ ފުރަތަމަވެސް މިކަމުގައި އިނގިލި ދިއްކުރެވުނީ ރަޝީޔާ ދިމާއަށެވެ.
ސްކްރިޕަލް އަކީ ކާކު؟
ސޯލްސްބަރީފަދަ އިނގިރޭސިވިލާތުގެ ކުޑަ ރަށެއްގައި އުޅެމުން ދިޔަ ރަޝިޔާ މީހަަކަށް މިވަރުގެ ހަމަލާއެއް ދިނުމުން އޭނާާ އެއީ ކާކުކަމާމެދު ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދޭނެއެވެ.
ސަރްގޭ ވިކްޓްރޯވިޗް ސްކްރިޕަލް އުފަންވީ 23 ޖޫން 1951 ގައި ކުރީގެ ސޮވިއެޓް ޔުނިއަންގައެވެ.
އޭނާގެ ހަޔާތުގެ ކުރީކޮޅުގެ މާ ބޮޑު ތަފްސީލެއް ނޭނގެއެެވެ. އޭނާއާ ބެހޭ ގޮތުން އެނގެން ފެށީ އޭނާ ރަޝިޔާގެ އަސްކަރީ ޖާސޫސީ އިދާރާ ޖީއާރޔޫ (މަައި ޖާސޫސީ އިދާރާާގެ ނަން ރަޝިޔާ ބަހުން ކުރުކޮށްލުމުން ކިޔޭ ގޮތް) އާއި ގުޅުނު ހިސާބުންނެވެ. 1999 ވަނަ އަހަރު އޭނާ އެ އިދާރާގެ ކާނަލެއްގެ ދަރަޖައާއި ހަމައަށް މައްޗަށް ދިޔައެވެ. އެހެންނަމަވެސް އެއަހަރު ޖާސޫސީ އިދާރާއިން ވަކިވެ ރަޝިޔާގެ ފޮރިން މިނިސްޓްރީއާ ގުޅުނެވެ. މޮސްކޯގައި ހުންނަ ރަޝިޔާގެ ޑިފެންސް މިނިސްޓްރީގެ ޑިފެންސް އެކެޑަމީގައި ކިޔަވައިދިނުުމުގެ މަސައްކަތްވެސް އޭނާ ކޮށްފައި ވެއެވެ.
ސްކްރިޕަލްގެ ހަގީގަތް ރަޝިޔާއަށް އެނގި އޭނާއަކީ ޑަބަލް އެޖެންޓެއްކަން ހާމަވުމުން ރަޝިޔާ ސަރުކާރުން އޭނާ ހައްޔަރުކުރިއެވެ. ޑަބަލް އެޖެންޓުންނޭ ކިޔައި އުޅެނީ އަމިއްލަ ގައުމުގެ ޖާސޫސީ ދާއިރާގައި މަސައްކަތްކުރަމުން އަމިއްލަ ގައުމުގެ ޖާސޫސީ މައުލޫމާތު ދުޝްމަނުންނަށް ފޯރުކޮށްދޭ މީހުންނަށެވެ. އެެފަދަ މީހުން ވަނީ ދެކޮޅަށް ޖާސޫސުކޮށްދޭ މީހުންނަށެވެ.
2004 ވަނަ އަަހަރު ރަޝިޔާގެ ފެޑެރަލް ސެކިއުރިޓީ ސާވިސް (އެފްއެސްބީ) ގެ އެޖެންޓުން ސްކްރިޕަލް ހައްޔަރުކުރީ އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާ އެމް16 އަށް ޖާސޫސްކޮށްދިނުމުގެ ކުށުގައެވެ. އެފްއެސްބީން ތުހުމަތުކުރާ ގޮތުގައި ސްކްރިޕަލް ދިޔައީ 1995 އިން ފެށިގެން އެމް16 އަށް މަސައްކަތްކޮށްދެމުންނެވެ. އޭނާ މޮޮސްކޯގައި ހުންނަ އިނގިރޭސި އެމްބަސީގެ އެޖެންޓުންނާއި ބައްދަލުކޮށް ހަދާފައިވެސް ވެއެވެ.
ސްކްރިޕަލްގެ ސަބަބުން ރަޝިޔާގެ ސިއްރުތައް ކިހާވަރަކަށް ބޭޒާރުވި؟
ރަޝިޔާގެ އެތައް ސިއްރު އެޖެންޓެއްގެ ނަމާއި، އެޑްރެހާއި، ސިއްރުކޯޑުތައް އެމް16 އަށް ދީފައިވާކަމަށް ބުނެ، މޮސްކޯގައި އޭނާގެ މައްޗަށް ހިންގުނު ޝަރީޢަތެއް ގައި، ޚިޔާނާތުގެ ކުށަށް އޭނާ އިއުތިރާފުވި ކަމުގައި 2006 ވަނަ އަހަރު ހާމަވި މަައުލޫމާތުތަކުން އެނގުނެވެ. އޭަނާ އެބައެެއްގެ މައުލޫމާތު އެމް16 އަށް ދިން އެޖެންޓުންނަކީ އޭރު އިނގިރޭސިވިލާތުގައި ތިބި ޖާސޫސުންނެވެ. ރަޝިޔާގެ ޚަބަރުފަތުރާ ވަސީލަތްތަކުން އޭރު ބުނި ގޮތުގައި އޭނާ އެކަން ކުރީ ފައިސާގެ ދަހިވެތިކަމުގައެވެ. އޭނާގެ ނަމުގައި ސްޕޭންެގެ ބޭންކެއްގައި އޮތް އެކައުންޓަކަށް 1 ލައްކަ ޑޮލަރު ޖަމާވިކަންވެސް ހާމަވެގެން ގޮސްފައި ވެއެވެ.
އޭނާގެ ސަބަބުން ރަޝިޔާގެ ގިނަ ސިއްރުތަކެއް އިނގިރޭސިންގެ އަތުގައި ޖެހިފައިވާ ކަމަަށް ވެއެވެ. ރަޝިޔާ ގައުމީ ޓީވީން އެދުވަސްވަރު ބުުނި ގޮތުގައި، އިނގިރޭސިންނާ ސްކްރިޕަލް ގުޅުނީ އެނާ ސްޕޭންގައި ރަޝިޔާގެ މިލިޓަރީ އެޓާޗޭއެއްގެ ގޮތުގައި މަސައްކަތްކުރި ދުވަސްވަރުގައެވެ. އޭރު އޭނާ 20 ހާހަށް ވުރެ ގިނަ ސަފުހާގެ ސިއްރު ލިއުންތައް އިނގިރޭސިންނަށް ދިންކަމަށް ވެއެވެ.
2006 ވަނަ އަހަރު މޮސްކޯގައި ހިންގި ޝަރީއަތުގައި އޭނާގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވުނެވެ.
ސްކްރިޕަލްއަށް އިނގިރޭސިވާލަތަށް ދެވުނީ ކިހިނެއް، އަދި ސޯލްސްބަރީގައި ހުރީ ކީއްވެ؟
އެމެރިކާގައި ރަޝީޔާ ޖާސޫސުންގެ ބަޔަކު އަތުލައިގަނެވުނުކަން ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުން 2010 ވަނަ އަހަރު ގެ ޖޫންމަހު އިއުލާންކުރިއެވެ. އޭގެތެރޭން ބައެއް މީހުން އެމެރިކާގައި ސިއްރު މައުލޫމާތު އެެއްކުރަމުންދާތާ އަހަރުތަކެއް ވެފައިވާކަންެވެސް ހާމަކުރިއެވެ.
އެ ދުވަސްވަރާ ދިމާކޮށް ރަޝިޔާގެ ރައީސު ޑިމިޓްރީ މެޑްވަޑޭވް ސްކްރިޕަލްއަށް މާފުދެއްވިއެވެ. އަދި ޖުލައި 2010 ގެ ތެރޭގައި ވިއެނާއަށް ދިޔަ މަތިންދާބޯޓެެއްގައި އެހެން ތިން މީހުންނާއެކު އޭނާ ފޮނުވުނެވެ. ވިއެނާ އެއާޕޯޓުގައި ހިންގެނު ޖާސޫސުން ބަދަލުކުރުމުގެ އޮޕަރޭޝަނެެއްގައި ސްކްރިޕަލްއާ އޭނާގެ ތިން އެކުވެރިން، އެމެެރިކާއިން ހައްޔަރުކުރެވުނު 10 ޖާސޫސުންނާ ބަދަލުކުރެވުނެވެ. ރަޝިޔާއިން 10 ޖާސޫސުންނާ ހަވާލުވެ، ސްކްރިޕްލްއާ އަނެއް ތިން މީހުން ހުޅަނގާ ހަވާލުކުރެވުނެވެ.
ރަޝިޔާގެ ޖަލުން ސަލާމަތްވެ ހުޅަނގުގެ ގައުމެއްގައި މިނިވަންކޮށް އުޅެން ފުރުސަތު ލިބުމުން އޭނާ އިޚްތިޔާރުކުރީ ހަމަހިމޭން އިިނގިރޭސި ރަށެއް ކަމުގައިވާ ސޯލްސްބަރީގައި ދުނިޔޭގެ ލޯތަކާއި ދުރުގައި ހިމޭން ދިރިއުޅުމެއް އުޅޭށެެވެ. 2010 ވަނަ އަހަރުން ފެށިގެން އޭނާ ދިޔައީ އޭނާ އެރަށުން ގަތް ގެއެެއްގައި އާދައިގެ ދިރިއުޅުމެއް އުޅެމުންނެވެ. އެރަށުގައި އުޅެން ފެށިފަހުން އޭނާގެ އަނބިމީހާއަައި ފިރިހެން ދަރިއަކު މަރުވެފައި ވެއެވެ. އޭނާއަށް ނާވް ގޭހުގެ ހަަމަލާ ދިނުމުގެ ކުރިން އޭނާއީ އުޅޭ މީހެއްކަންވެސް މީހުންނަށް އެނގިފައި ނެތެވެ.