( 17 ޖޫން 2026 ވަނަދުވަހު ޝާއިޢުކުރި ބަޔާގުޅޭ )
ހަ ޤަރުނުގެ ބާރުވެރިކަމާއި ދުނިޔެއަށް ދޫކުރި ތަރިކަ
ދުނިޔޭގެ ތާރީޚުދުށް އެންމެ ބާރުގަދަ އަދި އެންމެ ދިގު މުއްދަތަކަށް ދެމިއޮތް އެއް ވެރިކަމަކީ ޢުޘްމާނީ ޚިލާފަތެވެ. ޔޫރަޕާއި އޭޝިއާ އަދި އެފްރިކާ ބައްރު ގުޅޭ ކަނުގައި ބިނާކުރި މި ބިޔަ ޚިލާފަތަކީ ހަމައެކަނި އަސްކަރީ ބާރެއް ނޫނެވެ. އެއީ ތަފާތު ސަގާފަތްތަކާއި ، ދީންތަކާއި ، ނަސްލުތަކުގެ މީހުން އެއް ފުރާޅެއްގެ ދަށުގައި ދިރިއުޅުނު ތަފާތު މުޖުތަމައެކެވެ. މިއަދުގެ ދުނިޔޭގެ ޗާޓު ކުރެހިފައިވާ ގޮތާއި ، މެދުއިރުމަތީގެ ސިޔާސީ މަސްރަހު ބައްޓަންވެފައިވާ ގޮތުގެ އަސްލާ ގުޅިފައިވަނީ މި ޚިލާފަތުގެ ނުފޫޒާއެވެ. އިރުމައްޗާއި ހުޅަނގު ގުޅުވައިދިން ފާލަމެއްގެ ގޮތުގައި އޮތް މި ދައުލަތާމެދު ދުނިޔެ ދެކޭ ގޮތް ޒަމާންތަކާއެކު ބަދަލުވަމުން އައިސްފައިވެއެވެ.
1299 ވަނަ އަހަރު ޢުޘްމާން ފުރަތަމަ އުފެއްދެވި ކުޑަ ދައުލަތް ، 1922 ވަނަ އަހަރާ ހަމައަށް ދެމިއޮތެވެ. ހަ ގަރުނަށްވުރެ ދިގު މުއްދަތަކަށް ދެމިއޮތް މި ޚިލާފަތުގެ އެންމެ އުސް ކުންނުގައި ، ގާތްގަނޑަކަށް 5.2 މިލިއަން އަކަކިލޯމީޓަރުގެ ސަރަހައްދެއް އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައިވެއެވެ. ތާރީޚީ ދިރާސާތަކުން ދައްކާ ގޮތުގައި ، ޢުޘްމާނީންގެ ކާމިޔާބީގެ އެންމެ ބޮޑު އެއް ސިއްރަކީ އެމީހުން ގެންގުޅުނު “މިއްލަތު” ނިޒާމެވެ. މި ނިޒާމުގެ ދަށުން ، ޔަހޫދީންނާއި ނަސާރާއިންނަށް އެމީހުންގެ އަމިއްލަ ދީނީ ޤާނޫނުތަކާ އެއްގޮތަށް އުޅުމުގެ މިނިވަންކަން ދީފައި އޮތެވެ. މިއީ އޭރުގެ ޔޫރަޕާ އަޅައި ބަލާއިރު ވަރަށް ކުރިއަރާފައިވާ ، ތަފާތު ފިކުރެކެވެ. އެކި ނަސްލުތަކުގެ މީހުންނަށް ދައުލަތުގެ މަތީ މަގާމުތަކަށް އާދެވޭނެ މަގު ފަހިވެފައި އޮތުމަކީވެސް ޚިލާފަތުގެ ބިންގާ ވަރުގަދަވި ސަބަބެކެވެ.
ޢުޘްމާނީ ޚިލާފަތުގެ އަސްކަރީ ކާމިޔާބީތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ 1453 ވަނަ އަހަރު ސުލްޠާން މުޙައްމަދު އަލްފާތިޙްގެ ލަޝްކަރުން ކޮންސްޓަންޓިނޯޕަލް ނުވަތަ މިހާރުގެ އިސްތަންބޯލުގެ ސަރަޙައްދު ފަތަހަކުރުމެވެ. މި ކާމިޔާބީއާއެކު ބައިޒަންޓައިން އެމްޕަޔަރ ނިމުމަކަށް އައިސް ، އެ ރަށުގެ ނަން އިސްތަންބޫލްގެ ނަމަށް ބަދަލުކުރެވުނެވެ. އެއަށްފަހު ، ސުލައިމާން އަލްޤާނޫނީގެ ވެރިކަމުގައި 1520 އިން 1566 އަށް ، ޚިލާފަތުގެރަން ޒަމާން ފެށުނެވެ. އޭނާގެ ވެރިކަމުގައި އަސްކަރީ ގޮތުން ޔޫރަޕްގެ އެތެރެއަށް ވެރިކަން ފުޅާވުމުގެ އިތުރުން ، ޤާނޫނީ ނިޒާމު ހަރުދަނާކޮށް ، އިމާރާތްކުރުމުގެ ފަންނު އޭގެ އެންމެ މަތީ ހަރުފަތަށް ގެންދިޔައެވެ. މަޝްހޫރު އާކިޓެކްޓް މީމާރް ސިނާން ފަރުމާކުރެއްވި މިސްކިތްތަކާއި އިމާރާތްތަކަކީ މިއަދުވެސް ތުރުކީގެ ފަޚުރެކެވެ. ޢުޘްމާނީ ލަޝްކަރުގެ އެންމެ ވަރުގަދަ ބާރަކީ “ޖަނިސަރީން” ނެވެ. މިއީ ކުޑައިރު ޚާއްސަ ތަމްރީނުތަކެއް ދީގެން ބޮޑުކުރާ ، ސީދާ ސުލްޠާނަށް ވަފާތެރި ޚާއްސަ ލަޝްކަރެކެވެ.
ނަމަވެސް ، 18 ވަނަ ގަރުނާއި 19 ވަނަ ގަރުނާ ހަމައަށް އައިއިރު ، ޢުޘްމާނީ ޚިލާފަތުގެބާރު ފަނޑުވާން ފެށިއެވެ. ޔޫރަޕްގައި އިންޑަސްޓްރިއަލް ރިވޮލިއުޝަން ފެށި ، ޓެކްނޮލޮޖީއާއި އިގުތިސާދީ ގޮތުން ޔޫރަޕް ކުރިއަރައިގެން ދިޔައިރު ، ޢުޘްމާނީންނަށް އެ ބަދަލުތަކާ އެއްވަރަށް ފައިތިލަ ސާބިތުކުރެވިފައެއް ނުވެއެވެ. ރަޝިޔާގެ ޒާރް ނިކޮލަސް ފުރަތަމަ ، ޢުޘްމާނީ ދައުލަތަށް ނިސްބަތްކޮށް “ވިލާތުގެ ބަލިމީހާ” ގެ ނަމުން މުޚާތަބުކުރީ މި ދުވަސްވަރުއެވެ. އެތެރޭގެ ކޮރަޕްޝަނާއި ، ބޯދާވެފައިވާ އަސްކަރީ ނިޒާމާ އަދި އިޤުތިސާދީ ހީނަރުކަމުގެ ސަބަބުން ދައުލަތް ބަލިކަށިވަމުން ގޮސް ، ފުރަތަމަ ބޮޑު ހަނގުރާމައިގައި ޖަރުމަނާ ގުޅިގެން ހަނގުރާމައަށް ވަނުމަކީ ޚިލާފަތުގެނިމުމުގެ ސިއްކަ ޖެހުނު ސަބަބެވެ. ޒަމާނީ ތާރީޚު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ، ޚިލާފަތު ވެއްޓުމުގެ އަސްލަކީ ހަމައެކަނި ބޭރުގެ ހަމަލާތަކެއް ނޫނެވެ. އެއީ އެތެރޭގެ އިސްލާހީ ބަދަލުތައް ގެނައުމުގައި ލަސްވުމުގެ ނަތީޖާއެވެ.
ޢުޘްމާނީ ޚިލާފަތު ވެއްޓުމަށްފަހު ، އިނގިރޭސިންނާއި ފަރަންސޭސިން ވެފައިވާ ސައިކްސް-ޕީކޯ އެއްބަސްވުމުގެ ދަށުން މެދުއިރުމަތީގެ ބިންތައް ބަހާލިއެވެ. މިއަދު ، މެދުއިރުމަތީގައި ފެންނަން އޮތް ގައުމުތަކުގެ ބޯޑަރުތަކާއި ، އެ ސަރަހައްދުގައި ހިނގަމުންދާ ގިނަ ހަމަނުޖެހުންތަކުގެ އަސްލު ގުޅެނީ ޢުޘްމާނީ ދައުލަތް ރޫޅިގެން ދިޔަ ގޮތާއެވެ. ހަމައެހެންމެ ، ބޯލްކަން ސަރަހައްދުގައި އުފެދިފައިވާ ނަސްލީ އަދި ދީނީ މައްސަލަތަކަކީވެސް އެތައް ގަރުނެއް ވަންދެން ޢުޘްމާނީންގެ ދަށުގައި އޮތުމަށްފަހު އައި ކުއްލި ބަދަލުތަކުގެ ނަތީޖާއެވެ. ޢުޘްމާނީންގެ ސަގާފީ ނުފޫޒު ހަމައެކަނި އިމާރާތްތަކަކުން ނުނިމެއެވެ. ޔޫރަޕަށް ކޮފީ ތައާރަފުކުރުމާއި ، ބަކްލާވާ ފަދަ ކާބޯތަކެއްޗާއި، ފެންވެރުމުގެ ސަގާފަތް (ހައްމާމް) އަކީ ޢުޘްމާނީންގެ ފަރާތުން ދުނިޔެއަށް ވާރުތަވި ކަންކަމެވެ.
އަޅެއްގެ ގޮތުގައި ގަނޑުވަރަށްވަދެ ، ޢުޘްމާނީ ވެރިކަމުގެ މިސްރާބު ބަދަލުކޮށްލި ޚުއްރަމް ސުލްޠާން
ތާރީޚީ ލިޔުންތަކުން އެނގޭގޮތުގައި ، 1520 ވަނަ އަހަރުގެ ތެރޭގައި އަޅެއްގެ ގޮތުގައި އިސްތަންބޫލަށް ގެނެވުނު މި އަންހެން ބޭފުޅަކީ ، ޢޫޘްމާނީ ވެރިކަމުގެ ސިޔާސީ އަދި އިޖްތިމާޢީ އޮނިގަނޑު މުޅިން އެއްކޮށް ބަދަލުކޮށްލި މޭސްތިރިއެވެ.
އިސްތަންބޫލުގެ ތޮޕްކާޕީ ގަނޑުވަރުގެ ތެރެއިން ފެންނަމުންދިޔައީ ޢުޘްމާނީވެރިކަމުގެ އެންމެ ވިދުންގަދަ ދުވަސްވަރުގެ މުއްސަނދިކަމާއި ބާރުވެރިކަމެވެ. ބޮސްފަރަސް ކަނޑުއޮޅީގެ ހިތްގައިމު މަންޒަރު ފެންނަން އޮންނަ މި ބިޔަ ގަނޑުވަރުގެ އެތެރޭގައި ، އެތައް ސަތޭކަ އަހަރެއް ވަންދެން ހިފަހައްޓަމުން އައި ހަރުކަށި އުސޫލުތަކާއި އާދަކާދަތައް މުގުރާލި އާދަޔާޚިލާފު އަންހެން ބޭފުޅެއްގެ ނަން ތާރީޚުގެ ތެރޭގައި ވަނީ ލިޔެވިފައެވެ. އެއީ ޚުއްރަމް ސުލްޠާން އެވެ. ހުޅަނގުގެ ދުނިޔޭގައި " ރޮކްސެލާނާ " ގެ ނަމުން މަޝްހޫރުވެފައިވާ މި ކަނބަލަކީ ، އާދައިގެ އަޅެއްގެ ގޮތުގައި ގަނޑުވަރަށް ވެދެވަޑައިގެން ، ދުނިޔޭގެ އެންމެ ބާރުގަދަ އެއް ރަސްކަމުގެ ސިޔާސަތުތައް ކަނޑައެޅުއްވުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ތާރީޚު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ، ޢުޘްމާނީވެރިކަމުގެ ތާރީޚުގައި އަންހެނުންގެ ނުފޫޒު އެންމެ ބޮޑަށް ފެތުރިގެންދިޔަ " އަންހެނުންގެ ރަސްކަން " ފެށިގެން އައީ ޚުއްރަމް ސުލްޠާންގެ ޒަމާނުގައެވެ.
ޚުއްރަމްސުލްޠާންގެ އަސްލު ނަމަކީ އަލެކްސެންޑްރާ ލިސޯވްސްކާ ކަމަށް ތާރީޚީ ލިޔުންތަކުގައި ބަޔާންކޮށްފައިވެއެވެ. އޭނާ އުފަންވެވަޑައިގަތީ މިއަދުގެ ޔޫކްރެއިންގެ ސަރަހައްދެއް ކަމަށްވާ ރޫތީނިއާގައެވެ. އެއީ އޭރު ޕޮލެންޑުގެ ރަސްކަމުގެ ދަށުގައި އޮތް ސަރަހައްދެކެވެ. ތާރީޚީ ރިކޯޑުތަކުން ދައްކާ ގޮތުގައި ، 1510 ގެ އަހަރުތަކުގެ ތެރޭގައި ކްރައިމިއަން ތަތާރުން ދިން ހަމަލާއެއްގައި އޭނާ އަސީރުކޮށް ، އަޅެއްގެ ގޮތުގައި ވިއްކާލިއެވެ. ކަފާގެ އަޅުން ވިއްކާ ބާޒާރުން ގަނެގެން ، އިސްތަންބޫލަށް އޭނާ ގެނެވުނީ 1520 ވަނަ އަހަރުގެ ތެރޭގައެވެ. މިއީ ޢުޘްމާނީ ވެރިކަމުގެ އެންމެ ކާމިޔާބު އެއް ރަސްގެފާނު ކަމަށްވާ ސުލައިމާން އަލްޤާނޫނީ (ސުލައިމާން ދަ މެގްނިފިސެންޓް) ރަސްކަމުގެ ތަހުތަށް އިސްވެވަޑައިގަތް އަހަރެވެ. ސުލައިމާންގެ ރަސްކަން 1520 އިން 1566 އަށް ދެމިއޮތްއިރު ، މި ދިގު މުއްދަތުގެ ތެރޭގައި އެންމެ ބޮޑު ނުފޫޒެއް ފޯރުވި އެއް އަންހެންބޭފުޅަކީ . ޚުއްރަމް ސުލްޠާން ކަމަށް ތާރީޚު ދިރާސާކުރާ ފަރާތްތަކުން އިއްތިފާގުވެއެވެ.
ޢުޘްމާނީ ގަނޑުވަރުގެ ހަރަމަށް ވެދެވަޑައިގަތުމަށްފަހު ، އޭނާގެ އުފާވެރި މިޒާޖާއި ހިނިތުންވުމުގެ ސަބަބުން ސުލައިމާން ރަސްގެފާނު އޭނާއަށް " ޚުއްރަމް " (އުފާވެރިކަން ގެނެސްދޭ މީހާ) ގެ ނަމުން ނަންދެއްވިއެވެ. ގަނޑުވަރުގެ ތެރޭގައި އޭރު އޮންނަ ހަރުކަށި އުސޫލަކީ ، ކޮންމެ ޖާރިޔާއަކަށްވެސް ރަސްގެފާނުގެ ފަރާތްޕުޅުން ލިބޭނީ އެންމެ ފިރިހެން ދަރިއެއް ކަމެވެ. އަދި އެ ދަރިކަލުން ބޮޑުފުޅުވުމުން ، އެ ދަރިކަލަކާއެކު ޕްރޮވިންސެއް ހިންގުމަށް މަންމާފުޅު ފޮނުވާލުމަކީ އޭރުގެ އާދައެވެ. ނަމަވެސް ، ޚުއްރަމް ސުލްޠާން ވަނީ މި އުސޫލު މުޅިން މުގުރާލައްވާފައެވެ. ސުލައިމާން ރަސްގެފާނާއި ޚުއްރަމް ސުލްޠާނަށް ހަ ބޭފުޅުން ލިބިވަޑައިގަތެވެ. އޭގެ ތެރޭގައި ފަސް ފިރިހެން ބޭފުޅުންނާއި އެއް އަންހެން ބޭފުޅަކު ހިމެނެއެވެ. މިއީ ޢުޘްމާނީ ތާރީޚުގައި މީގެ ކުރިން ދުވަހަކުވެސް ހިނގާފައިވާ ކަމެއް ނޫނެވެ. މިކަމުން ދައްކުވައިދެނީ ރަސްގެފާނުގެ މައްޗަށް ޚުއްރަމް ސުލްޠާންގެ އޮތް ބާރާއި ނުފޫޒެވެ.
ޚުއްރަމް ސުލްޠާންގެ ހަޔާތްޕުޅުގައި އައި އެންމެ ބޮޑު އިންޤިލާބީ ބަދަލަކީ ، 1533 ނުވަތަ 1534 ވަނަ އަހަރު ސުލައިމާން ރަސްގެފާނު އޭނާ މިނިވަންކުރައްވައި ، ޤާނޫނީ ގޮތުން ކައިވެނި ބައްލަވައިގަތުމެވެ. މިއީ މުޅި ޔޫރަޕާއި ޢުޘްމާނީ ވެރިކަން ސިއްސުވާލި ކަމެކެވެ. އިޓަލީވިލާތުގެ ވެނިސްގެ ސަފީރުން އޭރު ލިޔެފައިވާ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން ، ޢުޘްމާނީ ރަސްކަލަކު އަޅެއްގެ ގޮތުގައި ހުރި މީހަކު މިނިވަންކޮށް ކައިވެނި ބައްލަވައިގަތުމަކީ މުޅިން އާ ކަމެކެވެ. މި ކައިވެންޏާއެކު ، ޚުއްރަމް ސުލްޠާނަށް " ހަސެކީ ސުލްޠާން " (ރަސްގެފާނުގެ އެންމެ އިސް އަނބިކަނބަލުން) ގެ ލަގަބު އެރުވުނެވެ. މި ލަގަބާއެކު ، ގަނޑުވަރުގެ ތެރޭގައި އޭނާގެ ބާރުވެރިކަން އިންތިހާއަށް ބޮޑުވެގެންދިޔައެވެ. އަދި އޭގެ ކުރިން އޮތް އާދަކާދަތަކާ ޚިލާފަށް ، ހަރަމްގެ ބާ ގަނޑުވަރުން ތޮޕްކާޕީ ގަނޑުވަރަށް ބަދަލުކުރެއްވުމުގައިވެސް ، ޚުއްރަމް އިސް ދައުރެއް އަދާކުރެއްވިއެވެ. މީގެ ސަބަބުން ، ސިޔާސީ ނިންމުންތައް ނިންމާ މަރުކަޒާ އޭނާ ވަރަށް ބޮޑަށް ކައިރިވެވަޑައިގަތެވެ.
ސިޔާސީ މައިދާނުގައި ޚުއްރަމް ސުލްޠާންގެ ނުފޫޒު ހަމައެކަނި މަހުދޫދުވެފައިވަނީ ގަނޑުވަރުގެ އެތެރެއަށް އެކަންޏެއް ނޫނެވެ. ބޭރު ގައުމުތަކުގެ ވެރިންނާ ސީދާ މުއާމަލާތްކުރެއްވި މަދު އަންހެން ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވައެވެ. ޚާއްސަކޮށް ، ޕޮލެންޑުގެ ރަސްގެފާނު ސިގިސްމަންޑް ދެވަނަ އޮގަސްޓަސްއަށް ޚުއްރަމް ސުލްޠާން ފޮނުއްވި ސިޓީފުޅުތަކަކީ ތާރީޚީގޮތުން ވަރަށް މުހިންމު ލިޔުންތަކެކެވެ. މި ސިޓީފުޅުތަކުގެ ސަބަބުން ޢުޘްމާނީ ވެރިކަމާއި ޕޮލެންޑާ ދެމެދު އޮތް ގުޅުން ބަދަހިވެ ، އުތުރުގެ ބޯޑަރުތަކުގައި ސުލްހަ މަސަލަސްކަން ގާއިމުވެގެންދިޔަ ކަމަށް ތާރީޚު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ. މީގެ އިތުރުން ، ފާރިސްކަރައިގެ ޝާހު ތަހުމާސްޕް އަށް ފުރަތަމައަށް ޑިޕްލޮމެޓިކް ހަދިޔާތައް ފޮނުއްވައި ، ޚާރިޖީ ސިޔާސަތުގައި ޚުއްރަމް ސުލްޠާން ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ. ރަސްގެފާނު ހަނގުރާމަތަކުގައި އުޅުއްވާ ދުވަސްވަރު ، ވެރިރަށުގެ ހާލަތު ބަޔާންކޮށްދެއްވައި ސުލައިމާން ރަސްގެފާނަށް ސިޓީފުޅުތައް ފޮނުއްވުމަކީވެސް ޚުއްރަމްގެ ސިޔާސީ ވިސްނުންތެރިކަން ދައްކުވައިދޭ ކަމެކެވެ.
ގަނޑުވަރުގެ އެތެރޭގެ ސިޔާސީ ކޯޅުންތަކުގައިވެސް ޚުއްރަމް ސުލްޠާންގެ ދައުރު ބޮޑުކަމަށް ތާރީޚީބައެއް ލިޔުންތަކުގައި ތުހުމަތުކޮށްފައިވެއެވެ. ޢުޘްމާނީ ވެރިކަމުގެ ބޮޑުވަޒީރު އިބްރާހީމް ޕާޝާ މަގާމުން ދުރުކޮށް އަވަހާރަކޮށްލުމުގައާއި ، ސުލައިމާން ރަސްގެފާނުގެ ދޮށީ ދަރިކަލުން ޝެހެޒާދާ މުސްޠަފާ އަވަހާރަކޮށްލުމުގައި ޚުއްރަމް ސުލްޠާންގެ ނުފޫޒު އޮތްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް ، މިކަންކަމަކީ ސީދާ އޭނާގެ އަމުރުފުޅަށް ހިނގާފައިވާ ކަންކަން ކަމަށް ސާބިތުކޮށްދޭ ފުރިހަމަ ހެކިތަކެއް ނެތް ނަމަވެސް ، އޭނާގެ އަމިއްލަ ދަރިކަލުންނަށް ތަޚުތު ހޯއްދަވައިދެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ ތެރެއިން ހިނގާފައިވާ ކަންކަން ކަމަށް ބެލެވެއެވެ. އޭނާގެ ދަރިކަލުން ސަލީމް ( ދެވަނަ ) ވަނީ ފަހުން ޢުޘްމާނީ ތަޚުތަށް އިސްވެވަޑައިގެންފައެވެ.
ސިޔާސީ މައިދާނުގެ އިތުރުން ، އިޖުތިމާއީ އަދި ޢުމްރާނީ ތަރައްގީއަށް ޚުއްރަމް ސުލްޠާން ކުރެއްވި މަސައްކަތްޕުޅުތަކަކީ މިއަދާ ހަމައަށްވެސް ފެންނަން ހުރި މުހިންމު އާސާރުތަކެކެވެ. އޭނާގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ، މަޝްހޫރު އާކިޓެކްޓް މިމާރު ސިނާން ލައްވައި ފަރުމާކުރައްވައި ބިނާކުރެއްވި " ހަސެކީ ޚުއްރަމް ސުލްޠާން ކޮމްޕްލެކްސް " އެވެ. އިސްތަންބޫލުގައި ބިނާކުރެވުނު މި ބިޔަ ކޮމްޕްލެކްސްގައި މިސްކިތަކާއި ، މަދަރުސާއަކާއި ، ހޮސްޕިޓަލެއްގެ އިތުރުން ފަގީރުންނަށް ކާބޯތަކެތި ފޯރުކޮށްދޭ ތަނެއް ( ޢިމާރާތެއް ) ހިމެނެއެވެ. މީގެ އިތުރުން ، ގުދުސްގައި ބިނާކުރެއްވި " ހަސެކީ ސުލްޠާން ޢިމާރާތު" އަކީ އެތައް ސަތޭކަ ފަގީރުންނަށް ކޮންމެ ދުވަހަކު ކާބޯތަކެތި ފޯރުކޮށްދިން މުހިންމު މަރުކަޒެކެވެ. އަދި ހާގިއާ ސޯފިއާ ކައިރީގައި ބިނާކުރެއްވި " ހަސެކީ ޚުއްރަމް ސުލްޠާން ހަމާމް " އަކީ އޭނާގެ ޢުމްރާނީ ތަރިކައިގެ ތެރެއިން ފާހަގަކޮށްލެވޭ ރީތި ބިނާއެކެވެ. މިފަދަ އެތައް ވަގުފުތަކެއް އުފައްދަވައި ، އާންމުންގެ ލާބަޔާއި މަންފާއަށް ގިނަގުނަ މަސައްކަތްތަކެއް އޭނާ ވަނީ ކުރައްވާފައެވެ.
ޚުއްރަމް ސުލްޠާންގެ ހަޔާތްޕުޅާއި އޭނާ ދޫކުރެއްވި ތަރިކައަކީ މިއަދުވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ މައުޟޫއެކެވެ. ޒަމާނީ މީޑިއާގައި ، ޚާއްސަކޮށް ތުރުކީގެ މަޝްހޫރު ޓީވީ ސިލްސިލާ " މުހުތަޝަމް ޔޫޒްޔިލް " ( މެގްނިފިސެންޓް ސެންޗަރީ ) މެދުވެރިކޮށް ، އޭނާގެ ވާހަކަ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރާފައެވެ. މި ސިލްސިލާގައި އޭނާ ދައްކުވައިދީފައިވަނީ ވަރަށް ވިސްނުންތެރި ، ބާރުގަދަ އަދި އަމިއްލަ ޢާއިލާގެ ދިފާއުގައި ކޮންމެފަދަ ކަމެއްވެސް ކުރައްވަން ތައްޔާރަށް ހުންނެވި ކަނބަލެއްގެ ގޮތުގައެވެ. ތާރީޚީ ނަޒަރަކުން އަޅައި ބަލާއިރު ، ޚުއްރަމް ސުލްޠާނަކީ ހަމައެކަނި ރަސްގެފާނުގެ އަނބިކަނބަލެއް އެކަންޏެއް ނޫނެވެ. އޭނާއަކީ ޢުޘްމާނީ ވެރިކަމުގެ ސިޔާސީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި ، އަންހެނުންނަށް ދައުލަތް ހިންގުމުގައި ބައިވެރިވެވޭނެ މަގު ކޮށައިދެއްވި ބޭފުޅެކެވެ. އޭނާ އަވަހާރަވުމަށްފަހުވެސް ، އޭނާ ފެއްޓެވި " އަންހެނުންގެ ރަސްކަން " ގެ އުސޫލުތައް އެތައް ޖީލަކަށް ދެމިގެންދިޔައެވެ. ތާރީޚު ދިރާސާކުރާ ފަރާތްތަކުން މިއަދުވެސް އެއްބަސްވާ ގޮތުގައި ، ޚުއްރަމް ސުލްޠާންގެ ނިންމެވުންތަކާއި އޭނާގެ ސިޔާސީ ވިސްނުންފުޅަކީ 16 ވަނަ ގަރުނުގެ ޢުޘްމާނީ ވެރިކަމުގެ މިސްރާބު ކަނޑައެޅުމުގައި އެންމެ މުހިންމު އެއް ދައުރު އަދާކުރި ކަންތައްތަކެވެ.
ތާރީޚު ދިރާސާކުރާ ފަރާތްތަކުން ޢުޘްމާނީ ވެރިކަމާމެދު މިއަދު ދެކޭ ގޮތް ވަނީ ބަދަލުވާން ފަށާފައެވެ. ހަމައެކަނި އަނިޔާވެރި އަދި ފަހަތަށް ސޮއްސާލައިގެން ދިޔަ ދައުލަތެއްގެ ގޮތުގައި އޮތް އޮތުން ބަދަލުވެ ، އެއީ އިދާރީ ގޮތުން ހަރުދަނާ ، ސަގާފީ ގޮތުން މުއްސަނދި ، އަދި ދުނިޔޭގެ ޖިއޮޕޮލިޓިކްސްގައި މުހިންމު ދައުރެއް އަދާކުރި ބާރެއްގެ ގޮތުގައި ވަނީ ބަލައިގަނެފައެވެ. ޢުޘްމާނީ ވެރިކަމުގެ ނިމުމަށް ގަރުނަކަށްވުރެ ގިނަ ދުވަސް ވެފައިވީ ނަމަވެސް ، އެ ދައުލަތުން ދުނިޔެއަށް ދޫކުރި ސަގާފީ ، ސިޔާސީ އަދި އިޖުތިމާއީ ތަރިކަ މިއަދުވެސް ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަމުންނެވެ. ޚާއްސަކޮށް މެދުއިރުމަތީގެ ސިޔާސީ މަސްރަހުގައި މިއަދު ހިނގަމުންދާ ކަންކަމަކީ ، އެ ޚިލާފަތު ރޫޅިގެން ދިޔުމަށްފަހު އުފެދުނު ހުސްކަމުގެ ތެރެއިން އުފަންވި ނަތީޖާތަކެކެވެ. ( ނިމުނީ )
