ޔޫކޭގެ ކޮލެޖް އޮފް ޕޮލިސިންގއިން ހިންގި އެގްޒެކެޓިވް ލީޑާސް ޕްރޮގްރާމް ދިވެހި ފުލުހަކު ފުރިހަމަކޮށްފި

އިނގިރޭސިވިލާތުގެ ކޮލެޖް އޮފް ޕޮލިސިންގއިން ހިންގި "އެގްޒެކެޓިވް ލީޑާސް ޕްރޮގްރާމް" ދިވެހި ފުލުހުންގެ ޚިދުމަތުގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާ ފުރިހަމަކުރައްވައިފިއެވެ.

މި ޕްރޮގްރާމަކީ ފުލުހުންގެ މުއައްސަސާތަކުގެ އިސް ބޭފުޅުންނާއި، މުއައްސަސާގެ އެންމެ މަތީ ފަންތީގެ ލީޑަޝިޕް ދައުރުތަކަށް އޮފިސަރުން ތައްޔާރުކުރުމަށްޓަކައި ހިންގޭ ޕްރޮގްރާމެކެވެ.

މި އަހަރުގެ ފެބްރުއަރީ 23ވަނަ ދުވަހުން ފެށިގެން ޖުމުލަ 19 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ލީޑަރޝިޕް ޕްރޮގްރާމްގެ ފަހު މޮޑިއުލް، މޮޑިއުލް 3 ކުރިއަށް ގެންގޮސްފައިވަނީ 2026 ޖޫން 29 އިން ޖުލައި 10އަށް އިނގިރޭސިވިލާތުގައެވެ.

މި ޕްރޮގްރާމަކީ ބައިވެރިންގެ މަސައްކަތުގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް، ފުލުހުންގެ މަތީ ފަންތީގެ ލީޑަޝިޕް މަގާމުތަކަށް ބޭނުންވާނެ ހުނަރާއި، ގާބިލުކަން އަދި އިލްމީ މައުލޫމާތު އިތުރަށް ތަރައްގީކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މި އަހަރުގެ ޕްރޮގްރާމުން ދުނިޔޭގެ އެކި ގައުމަތަކުން ޖުމުލަ 62 އޮފިސަރުން ދަސްވެނިވެފައިވެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން، މުއައްސަސާގެ މިހާރުގެ ހިންގުމުގެ ނިޒާމުތައް މުރާޖާކޮށް ކުރިއަށް ހުރި ފުރުސަތުތައް ދެނެގަތުމާ ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން، ސްޓޭކްހޯލްޑަރުންނާއި ބައިވެރިންނާ ގުޅިގެން މަސައްކަތްކުރުމުގައި ހުރި ގޮންޖެހުންތަކާއި، އެ ގުޅުންތައް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަން ދިރާސާކޮށް މުރާޖައާކުރުމުގެ ހުނަރުތައް ވެސް މި ޕްރޮގްރާމްގެ ތެރެއިން އޮފިސަރުންނަށް ވަނީ އުނގަންނައިދީފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.