އީރާނުން ކުރިއަށް ގެންދާ ނިއުކްލިޔަރ ޕްރޮގްރާމުގެ ތެރެއިން ނިއުކްލިއަރ ބޮމެއް ހަދާ ހިސާބަށް ގޮސްފިއްޔާ ސަޢޫދީ ޢަރަބިއްޔާ އިންވެސް ބަަލަން ނޯންނާނެ ކަމުގައްޔާއި، އެފަދަ ބޮމެއް ހަދާނެ ކަމުގެ އިންޒާރު ސަޢޫދީ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާން ދެއްވިއިފިއެވެ.
އެމެރިކާގެ ސީބީއެސް ޗެނެލަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވީ "ނިއުކްލިޔަރ ބޮމަކީ ސަޢޫދީ ޢަރަބިއްޔާއިން ހޯދަން ބޭނުންވާ އެެއްޗެއް ނޫން. އެެެހެންނަމަވެސް އީރާނުން އެފަދަ ފިޔަވަޅެއް އަޅައިފިއްޔާ، ޝައްކެއްނެތް ގޮތުގައި ވީ އެންމެ އަވަހަކަށް ސަޢޫދީންވެސް އެފަދަ ބޮމެއް އުފައްދާނެ".
މުޙައްމަދު ބިން ސަލްމާންގެ މިވާހަކަފުޅު މިއައީ އޭނާ އެމެރިކާއަށް ދަތުރުފުޅެއް ކުރަންވަން ހަމަޖެހިފައި ވަނިކޮށެވެ. ހަމަ ޖެހިފައިވާ ގޮތުން މިހިނގާ މާރިޗު މަހުގެ 20 ވަނަ ދުވަހު ވައިޓް ހައުސްގައި އޭނާ އެމެރިކާގެ ރައީސު ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވާނެއެވެ.
ސީބީއެެސްއަށް ދެއްވި ބަސްދީގަތުމުގައި ސަޢޫދީ ވަލީޢަހުދު ވަނީ އީރާނުގެ ދީނީ ޒަޢީމު އާޔަތުﷲ ޢަލީ ޚާމަނައީއަށްވެސް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. "ހިޓްލަރު އޭނާގެ ދުވަސްވަރުގައި ވެރިކަން ފުޅާކުރަން އުޅުނުފައިދައިން ޚާމަނައިވެސް އުޅުއްވަނީ އޭނާ ބޭނުންވާފަަދަ މެދުއިރުމައްެޗެއް އުފައްދަވަން. ވީކަމެއްވެ ނިމުނު ފަހުން ނޫނީ ދުނިޔެއާއި ޔޫރަޕްެގެ ގައުމުތަކަށްވެސް ހިޓްލަރަކީ ކިހާ ނުރައްކާތެރި މީހެއްކަން ނޭނގުނީ. މެދުއިރުމަތީގައި އެގޮތަށް ކަންތައް ވާން އަހަރެން ނޭދެން." ޚަމަނައީއަކީ އެޑޮލްފް ހިޓްލަރު ކަމުގައި ސިފަކުރައްވަމުން އޭނާ ވިދާޅުވިއެވެ.
ރައީސު ޓްރަމްޕް ވެރިިކަމަށް ވަޑައިގަތް ފަހުން އީރާނާމެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތުވެސް ވަނީ ހަރުކަށި ވެފައެވެ. ސޫރިޔާއާއި، ޢިރާޤާއި، ޔަމަނުގެ މައްސަލައަަށް އީރާނުން ވަންނާތީ އެކަން ކުށްވެރިކުރެއްވުމުގެ އިތުުރަށް، ޓްރަމްޕް ވަނީ ކުރީގެ ރައީސު ބަރަކް އޮބާމާގެ ސަރުކާރުން، އިތުރު ފަސް ޤައުމަކާ ގުޅިގެން، އީރާނާއެކު ސޮއިކުރި އެެއްބަސްވުމަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އެހެންކަމުން، އެމެރިކާއަށް ވަޑައިގަތުމުގެ ކުރިން އެމެެރިކާގެ ޓީވީ ޗެނަލެއްގައި ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނު އީރާނާމެދު މިމޭރުުމުން ވާހަކަފުޅު ދެއްކެވުމަކީ ޙައިރާންވާންޖެހޭ ކަމެއް ނޫނެވެ.
ޚަބަރު: އަލްޙަޔާތު