ޢުޘްމާނީ ވެރިކަން (11)

( 10 ޖޫން 2026 ވަނަދުވަހު ޝާއިޢުކުރި ބަޔާގުޅޭ )

ޢުޘްމާނީ ވެރިކަމުން ދުނިޔޭގެ ޤައުމުތައް ހިފަމުން ދިޔައިރު ، އެ ވެރިކަމުގެ ޙިމާޔަތުގެ ތެރެޔަށް އަންނަ އާބާދީ ބެލެހެއްޓޭވަރަށްވުރެ އިތުރު ވެއްޖެއެވެ. ކޮން ޖަމާޢަތެއްގައި ކޮންދީނެއްގައި ކިހާބަޔެއްކަން ސާފުކޮށްގެން ޖަމާޢަތްތައް ވަކިކުރުމަކީ ވާވަރުގެ ކަމަކަށް ނުވެއެވެ. އެއްތަނުން އަނެއްތަނަށް ހިޖުރަކުރާ މީހުންގެ ޢަދަދާއި ވަގުތީގޮތުންނާއި ދާއިމީގޮތުން އެތަންތަނުގައި ދިރިއުޅޭ މީޙުންގެ ޢަދަދު ސާފުވާވަރަށްވުރެ ، ކާރޫބާރޫ ބޮޑެވެ. ހަނގުރާމަ ހިނގާ ތަންތަނުން ޤައިދީންގެ ގޮތުގައި ހައްޔަރު ކުރެވޭ މީހުންގެ ޢަދަދާއި ، އަޅުންގެ ގޮތުގައި ވިއްކޭމީހުން ، އަދި ހަނގުރާމަ ނިމުމުން މަރުވި މީހުންނާއި އެނބުރި އަންނަ މީހުންގެ އެއްވެސް ހިސާބެއް ނުބެލެހެއްޓެއެވެ. ވިހާމަރުވާގެ ހިސާބުވެސް ނުބެލެހެއްޓެއެވެ.

ގިނަތަންތަން އެންމެ ފުރަތަމަ ހިނގަމުން އައީ ، ޢުޘްމާނީވެރިކަމުގެ އަމީރެއްގެ ބެލުމުގެ ދަށުން ، ނަޞާރާދީނުގެ ހަމަތަކެއްގެ ދަށުންނެވެ. މުސްލިމް ވެރިކަމެއްގައި ނަޞާރާއިންގެ ބޮޑު އާބާދީއަކާއި ނަޞާރާދީނުގެ އުޞޫލުތައް އެތަނެއްގައި އޮތުމަކީ ވަރަށް ހެއްވާ ކަމެކެވެ. އިބްނު ބަތޫތާވެސް ، އޭނާގެ ތާރީޚީ ލިޔުންތަކުގައި އެވާހަކަ ލިޔުއްވާފައި އެބަ އޮޔެވެ. މި މައްސަލަ ބޮޑުކަމަށް އޭރު ފާހަގަކުރެވިފައި އޮތީ ޚަރުމޫޒު ކަނޑުއޮޅި ވަށައިގެން ޤާއިމްވެފައި ހުރި އެކިއެކި ވެރިކަންތަކުގައެވެ. މީގެ އިތުރަށް އެހިސާބު ގަނޑުބަޑުވެގެންދިޔަ އަނެއްކަމަކީ ، އިސްލާމްދީނަށް ވަންނަމުންދިޔާ ނަޞާރާއީންގެ ޢަދަދު ގިނަވަމުން ދިއުމެވެ. ހަނގުރާމަޔާއި އެނޫންވެސް އެކި ކަންކަމާ ގުޅިގެން މިނިވަންކަމެއްނެތި ތިބޭ ފަރާތްތަކާއި ، ނުވަތަ ކުށްވެރިންގެ ތެރެއިން މަޢާފު ލިބެންޖެހޭ ފަރާތްތައް ހިމެނޭގޮތަށް ، މަޢާފު ލިބެންޖެހޭ މީހުންނަށް މަޢާފު ދިނުން ޝަރުތުކޮށް އިސްލާމްދީނަށް ވަންނަމުންދިޔަމީހުން ދިޔައީ ގިނަވަމުންނެވެ. ދީނީ ޢަޤީދާތައް ދޫކޮށް ލޯބީގެ މަގުކޮށަމުން ، ދެދީނެއްގެ ދެމީހުން ކައިވެނި ކުރަމުން ގެންދިއުން އެއީ ، ޙައިރާންވާންވީ ކަމެއްނޫނެވެ. އެހާވެސް ބޮޑަށް ވަންހަ އާއި ޤަބީލާއާއި ދީނީ އެއްބައެއްވަންތަކަން ދޫވެ ، މުޅި އާބާދީ އޮތީ ހަމައިން ނައްޓާފައެވެ.

އޮރްހާންގެ ހުރިހާ އަނބިއަނބިކަނބަލުންނަކީވެސް ގްރީކް މީހުންނެވެ. އޮރްހާންގެ އެނޫން އަނބިކަނބަލަކަށް އިންނެވީ ކެންޓަކާޒީނަސްގެ ދަރިކަނބަލުން ތެއޮޑޯރާ އެކަންޏެވެ. ބައިޒެންޓީންގެ ގަވަރުނަރު ޔަރހިޝާރުގެ ދަރިކަނބަލުން ނީލޯފަރަކީ ، އޮރްހާނާ ކައިވެނި ބައްލަވައިގަތްއިރު ، ޣައިރު މުސްލިމެކެވެ. އެހެނަސް ، ނީލޯފަރުވެސްވަނީ ފަހުން އިސްލާމް ވެވަޑައިގެންފައެވެ.

މުރާދާއި ބައިޒީދުގެ އަނބިއަނބިކަނބަލުންނަށް ބަލާއިރު ، އެ ދެބޭފުޅުންވެސް ވަނީ ނަޞާރާ އަދި މުސްލިމް މީހުންނާ ކައިވެނި ބައްލަވައިގެންފައެވެ. ޓަރްނޯވޯގެ ނަޞާރާ ވެރިޔާގެ އަންހެން ދަރިކަނބަލުންނާއި ކަސްޓަނޯމޫއާއި ސިނޮޕްގެ މުސްލިމް ވެރިންގެ ދަރިދަރިކަނބަލުންނާ މުރާދު ކައިވެނި ބައްލަވައިގަތެވެ.

މުރާދުގެ ފިރިހެން ދަރިކަލުން ބައިޒީދުވެސްވަނީ ބައްޕާފުޅެކޭ އެއްގޮތަށް ކައިވެނިތަކެއް ކުރައްވާފައެވެ. ސެލޯނާގެ ވެރިޔާގެ ކެތަލިކް އަންހެން ދަރިކަނބަލުން ، ސަރބިއާގެ ވެރިޔާ ، ސްޓެފާން ލަޒަރެވިކްގެ އޮރތޮޑޮކްސް ކޮއްކޮ އަދި ގަރމިޔާގެ ވެރިޔާގެ މުސްލިމް ދަރިކަނބަލުންނާ ބައިޒީދު ކައިވެނި ބައްލަވައި ގަތެވެ.

މިހުރިހާ ކަންކަމަކާ ގުޅިގެން ، އެއްބަޔަކު އަނެއްބަޔަކަށް ބަރޯސާވުމުގެ ސަގާފަތެއް ، މުޅި އެ ސަރަޙައްދަށް ވެރިވެގެން ދިޔައެވެ. މިހުރިހާ ކަމަކީ ، އިބްނު ބަތޫތާ އޭނާގެ ލޯފުޅުން ދެކެވަޑައިގެން ތަޖްރިބާ ކުރައްވާފައިވާ ޙަޤީޤަތް ތަކެކެވެ. ޙައްޖުގެ އަޅުކަން އަދާކޮށްފައިތިބޭ މުސްލިމުންނާ އޭނާއާ ދިމާވެއެވެ. މިޞްރުގެ އެފަދަ މީހުންނާ އިބްނު ބަތޫތާއާ ދިމާވިއެވެ. އަދި ސްޕޭންގެ ޔަހޫދީންނާ އޭނާއާ ދިމާވިއެވެ. ނުވަތަ އެހެން ޤައުމެއްގެ ނަޞާރާއިންނާ ދިމާވިއެވެ. އެ އެންމެންނަކީވެސް މިއަދު ، އެއްބަޔެކެވެ. އެއް ޤައުމަކަށް ނިސްބަތްވާ ، އެއްބައެއްވަންތަ ބަޔެކެވެ. އިބްނު ބަތޫތާ ލިޔުއްވާފައިވާ ގޮތުގައި ، ތުރުކީންގެ އަމީރުންނަކީ ، މުސްލިމް ދީނީ ޢިލްމުވެރިންނާއި ކީރިތި ޤުރްއާން  ހިތުދަސް ކުރައްވައިގެން ތިއްބަވާ ޙާފިޛުންނަށް ކަމޭ ހިއްތަވާ ހެޔޮ ބަޔެކެވެ. މީގެ އިތުރަށް އެކި ރޮނގުގެ ފަންނުވެރިންނާއި ފަތުރުވެރިންގެ ގޮތުގައި ޒިޔާރަތްކުރާ އެންމެންނަށްވެސް އަމީރުން އިޙުތިރާމްކޮށް ޤަދަރު ކުރެއެވެ. މިކަމާގުޅިގެން މިސްކިތްތަކާއި މަދަރުސާތައް ބިނާކުރެވޭއިރު ، އެޖަމާޢަތެއްގެ ސަޤާފީ ކުލަތައް އެތަނެއްގައި ހިމެނެއެވެ. އެންމެ ގިނައިން އަންނަ މީހުންނަކީ ސޫރިޔާއާއި މިޞްރުގެ އަހުލުވެރިންނެވެ.

އިހުޒަމާނުގެ ޤަދީމީ ބިނާތައް ޢިމާރާތް ކުރުމުގެ މަސައްކަތުގައި ބޮޑަށް ޙަރަކާތްތެރިވެފައިވަނީ ، ފަންނުވެރިކަމާއި ކުރެހުމުގެ މަސައްކަތުގައި މިޞްރާއި ސޫރިޔާގެ ރައްޔިތުންނެވެ. މަސައްކަތު މީހުންނަކީ ނަޞާރާއިންނެވެ.

ޢުޘްމާނީ ވެރިކަމުން މޮންގޯލް ނުވަތަ އީރާނުގެ ސަރަހައްދު ހިފުމާގުޅިގެން ، ކަނޑާއި އެއްގަމު މަގުން މިޞްރުންލާފައި ދަތުރުކުރަން އޮންނަ މަގުގެ ވިޔަފާރީގެ ޙަރަކާތްތައް ހަލުވި ވެގެން ދިޔައެވެ. އެއީ މުރާދުގެ ދުވަސް ވަރެވެ. އިޓަލީގެ ވިޔަފާރިވެރިންނާއެކީ ، މުރާދު މުޢާހަދާ ހެއްދެވިއެވެ. ދަތުރުފަތުރު ކުރުމުގެ ހަމަތަކާއި އުޞޫލުތަކަށް ގެނެވުނު ބަދަލުތަކާއެކީ ، އިޓަލީގެ މުދާ ފަސޭހައިން ކަނޑުމަގުންނާއި އެއްގަމު މަގުން އެހެން ތަންތަނަށް ގެންދިއުމަށް ފަސޭހަތަކެއް ލިބިގެން ދިޔައެވެ. ޚާއްޞަކޮށް ތުރުކީގެ ބާޒާރަށް ، އިޓަލީގެ އުފެއްދުންތައް ތަޢާރުފް ކުރެވިގެން ދިޔައެވެ.

ހަނގުރާމަތަކާ ގުޅިގެން އަޅުންގެ ބާޒާރުވެސް ވަރަށްބޮޑަށް ފުޅާވެ ، މުޅި ސަރަޙައްދުގައި އަޅުން ގަނެވިއްކުމުގެ މަސައްކަތް ކުރިޔަށް ދިޔައެވެ. ބައެއް ހިސާބުގައި އަވަށް އަވަށް ހުރިގޮތަށް ނުވަތަ އެ އަވަށެއްގައި އުޅޭ އެންމެން އެއްކޮށް އަޅުންގެ ގޮތުގައި ވިއްކެމުން ދިޔައެވެ. ޤަބީލާޤަބީލާވެސް ހުރިހުރިގޮތަށް އަޅުންގެ ގޮތުގައި ވިއްކެމުން ދިޔައެވެ.

އިބްނު ބަތޫތާވެސް އަންހެން އަޅުން ބައްލަވައިގަތްކަމަށް ލިޔުއްވާފައި ވެއެވެ. އަމީރު އައިދިންވެސް ، އިބްނު ބަތޫތާއަށް ، ގްރީކުގެ އަންހެން އަޅަކު ހަދިޔާ ކުރެއްވިއެވެ. އަދި އިބްނު ބަތޫތާގެ ދެ އަންހެންއަޅުން ، މެގްނޭސިއާގައި ފިލައިގެންވެސް ދިޔަކަމަށް ވެއެވެ.

ޢުޘްމާނީ ވެރިކަމުގައި ކުރެވުނު ހަނގުރާމަތަކުގައި އެންމެ ބޮޑު ވިޔަފާރިއެއް އުފެދިގެން އައިސްފައިވަނީ ، ހަނގުރާމައިގައި ހިފޭ އަސީރުން އަޅުންގެ ގޮތުގައި ވިއްކައިގެންނެވެ. އަޅުންވިއްކުމަށް އަސީރުކުރެވޭ ދޮން އަންހެންކުދިންވެސް މަދެއްނޫނެވެ. އެހެންކަމުން ، ޖާރިޔާއިންގެ ނަޒަރިއްޔާއާއި ކަސްބީ އަންހެނުންގެ ނަޒަރިއްޔާއިން ބަލާއިރު ، އެ ދެބައި އޮތީ ، ވަކިނުވާވަރަށް ގުޅިފައެވެ. އަސީރުގް ގޮތުގައި ހައްޔަރު ކުރެވޭ ދޮން އަންހެންކުދިންގެ ގިނަބަޔަކު ، އަމީރުން ބައްލަވައިގަނެ އެބޭފުޅުންގެ  ގަނޑުވަރުތަކަށް ގެންދަވައެވެ. ދޮން އަޅު ޖާރިޔާއިންގެ ސަކަރާތް ޢުޘްމާނީ ވެރިކަމުގައި އެންމެ ބޮޑަށް ޖެއްސެވި އެއް ރަސްކަލަކީ ، ސުލޭމާނެވެ. ސުލޭމާނު ރަސްގެފާނުގެ ގަނޑުވަރުގައި ސަތޭކައެއްހާ ޖާރިޔާއިން ނުވަތަ އަޅު އަންހެނުން ނުތިބޭ އިރެއް ދާކަމަކަށް ނުވެއެވެ. އޭގެ ތެރެއިން ބައެއް ޖާރިޔާއިންނަށް ބޭފުޅުން ލިބިވަޑައިގަތުމާ ގުޅިގެން ، އެ ޖާރިޔާއިންނާ ކައިވެނި ބައްލަވައިގަތުމަށްވެސް ސުލޭމާނު ރަސްގެފާނަށް މަޖްބޫރުވެ ވަޑައިގަތެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.