މުވައްޒަފުންގެ ބައިވެރިވުން އިތުރުކުރުމަށް 'ޕިޗް ފޯ ޕަރޕަސް' ތައާރަފުކޮށްފި

ދިރާގުން އެ ކުންފުނީގެ  މުވައްޒަފުންނަށް ހާއްސަކޮށްގެން، މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މުވައްޒަފުންގެ ފުރިހަމަ ބައިވެރިވުމާއި އިސްނެގުން އިތުރުކުރުމުގެ މަގުސަދުގައި، 'ޕިޗް ފޯ ޕަރޕަސް' ޕްލެޓްފޯމް ތައާރަފުކޮށްފިއެވެ.

'ޕިޗް  ފޯ ޕަރޕަސް'  އަކީ  އިޖުތިމާއީ ޒިންމާ އަދާކުރުމުގައި މުވައްޒަފުން ގެ ބައިވެރިވުން އިސްކޮށް، އެ މުވައްޒަފުންގެ ހިތްތަކާ އެންމެ ބޮޑަށް ގުޅިފައިވާ އިޖުތިމާއީ ކަންކަން ދެނެގަނެ، އެ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ދިރާގުގައި ފަރުމާ ކުރެވިފައިވާ މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.

'ޕިޗް ފޯ ޕަރޕަސް' މެދުވެރިކޮށް، މުވައްޒަފުންނަށް ޓީމުތަކެއްގެ ގޮތުގައި ހަރަކާތްތެރިވެ، މުޖުތަމައުގެ ލާބައަށްޓަކައި އެ މުވައްޒަފުންގެ ހިޔާލުތަކާއި، އެންމެ ބޭނުންވާ ކަންކަން ހުށަހަޅައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ގޮތުން ހުށަހަޅާ ކަންކަމުގެ ތެރެއިން ހޮވޭ ކަންކަން ތަންފީޒުކުރުމަށް ދިރާގުގެ އިޖުތިމާއީ ޒިންމާ ޕްރޮގްރާމްގެ ތެރެއިން އެހީތެރިކަން ލިބިގެންދާނެއެވެ.

'ޕިޗް ފޯ ޕަރޕަސް' އިފްތިތާހް ކޮށްފައިވަނީ ދިރާގު މުވައްޒަފުންނަށް ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މި ހަފްލާގައި މި ޕްރޮގްރާމާ ބެހޭ މުހިންމު  މައުލޫމާތު ހިއްސާކޮށް، މުޖުތަމައަށް ހެޔޮ ބަދަލުތައް ގެނައުމަށްޓަކައި މުވައްޒަފުންނަށް ބައިވެރިވެވޭނެ ގޮތްތައް ވަނީ ހިއްސާކޮށްފައެވެ.

ތިމާވެށި ރައްކާތެރިކުރުމާއި، މެންޓަރިންގ ޕްރޮގްރާމާއި، ހުނަރު ތަރައްގީކުރުމުގެ ވޯކްޝޮޕްތަކުގެ އިރުތުން  މުޖުތަމައުގެ ކުރިއެރުމަށް ހިންގާ އެކި ހަރަކާތްތަކުގައި ވޮލަންޓިއަރުން ގޮތުގައި ދިރާގުގެ މުވައްޒަފުން ދަނީ އަބަދުވެސް ހީވާގިކަމާއެކު ބައިވެރިވެ ނަމޫނާ ދައްކަމުންދެއެވެ. 'ޕިޗް ފޯ ޕާޕަސް' ޕްލެޓްފޯމް ތައާރަފްކުރުމާއެކު ދިރާގުގެ މުވައްޒަފުންނަށް މުޖުތަމައަށް ބޭނުންވެފައިވާ ކަންކަން ދެނެގަތުމުން ފެށިގެން، އެކަންކަމަށް ހައްލު ހޯދައިދިނުމަށް ހިޔާލު ހުށަހަޅައި، ޕްރޮގްރާމް ރާވައި، އަމަލީގޮތުން އިޖުތިމާއީ   ކަންކަމުގައި އެންމެ ފުރިހަމައަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިގޮތުން މުޖުތަމައަށް ފައިދާހުރި ކަންކަން ކުރުމުގައި މުވައްޒަފުންގެ ބައިވެރިވުން އިތުރުވެ، އިޖުތިމާއީ ކަންކަމާ އޮންނަ ގުޅުން މިހާރަށްވުރެ ބޮޑަށް ބަދަހިވެގެންދާނެއެވެ.

'ގްރޭޓް ޕްލޭސް ޓު ވޯކް' ސެޓްފިކެޓް ހާސިލުކޮށްފައިވާ ކުންފުންޏެއްގެ ހައިސިއްޔަތުން، ދިރާގުން އަބަދުވެސް މަސައްކަތްކުރަނީ މުވައްޒަފުންގެ ކުރިއެރުމަށާއި، މުވައްޒަފުންގެ ހިޔާލާއި، ބައިވެރިވުން އިތުރުކުރުމަށެވެ. މި ޕްރޮގްރާމުގެ ސަބަބުން މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، ވަޒީފާގެ މަސްއޫލިއްޔަތުތަކުގެ ބޭރުން މުވައްޒަފުން ބޭނުންވާ، މުޖުތަމައަށް ފައިދާހުރި  އިޖުތިމާއީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެ، އަގުހުރި ތަޖުރިބާތަކެއް ލިބިގެންދާނެއެވެ.

'ޕިޗް ފޯ ޕަރޕަސް'ގެ ޕްރޮގްރާމްގެ ތެރެއިން  ހުށަހަޅާ ޕްރޮގްރާމްތަކުން ހޮވޭ އެންމެ ފާހަގަކޮށްލެވޭ ތިން ޕްރޮގްރާމެއް ދިރާގުން ކުރިއަށް ގެންގޮސްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، މުވައްޒަފުންގެ ހިޔާލުތައް މުޖުތަމައުއަށް ހެޔޮ ބަދަލުތަކެއް ގެނުވައިދޭނެ މުހިންމު މަސައްކަތްތަކަކަށް ބަދަލުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ދިރާގުގެ މުވައްޒަފުންނަކީ އިޖުތިމާއީ ހެޔޮ ބަދަލުތައް ގެނައުމުގައި އިސްދައުރެއް އަދާކުރާ ބަޔަކަށް ހެދުމަށް އިތުރަށް ހިތްވަރުދީ، މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުމާއި މަސައްކަތުގެ ރޫހު ވަރުގަދަކުރުމަކީ އެ ކުންފުނިން ނުހަނު ބޮޑު އިސްކަމެއް ދޭ ކަމެކެވެ. މިއީ މުޖުތަމައުތައް ބާރުވެރިކޮށްދީ، ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައުއަށް އިތުރު ފައިދާހޯދައިދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު ވަރަށް މުހިންމު އިސްނެގުމެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.