( 03 ޖޫން 2026 ވަނަދުވަހު ޝާއިޢުކުރި ބަޔާގުޅޭ )
މުރާދު ހޫދަވެންދިގާރާއި ތްރޭސް ހިފުން
ބައިޒެންޓީނުގެ މަދަނީ ހަނގުރާމަ ނިމުމަކަށް އައިނަމަވެސް ، އެ ސަރަޙައްދަށް ، ޞުލްޙަވެރިކަމެއް ނައެވެ. ސަބަބަކީ ، ސްޓެފަން ޑުޝާންގެ ނާޒުކު ސެލްވިކް ރަސްކަން އުވިސިއުމާއެކީ ، ރަސްކަމުގެ ވާރުތަވެރިންނާ ދެމެދު ވާދަވެިކަން އުފެދި ހަމަނުޖެހުން އުފެދިގެން ދިއުމެވެ. ތްރޭސްގައި އުފެދިފައި އޮތް ހަމަނުޖެހުމުގެ ފައިދާ ތުރުކީން ވަރަށް ރަނގަޅަށް ހިފިއެވެ. ތްރޭސް އޭރު އޮތީ ޤާނޫނެއް ޤަވާޢިދަކަށް ބޯ ނުލެނބޭވަރަށް ހަމަނުޖެހުމެއްގެ ތެރެޔަށް ވެއްޓިފައެވެ. އެހެނަސް ، ތަރުކީން ، ތްރޭސް ހިފުމާއެކީ ، ތަނަށް ހަމަޖެހުންލިބި އަމަން އަމާންކަން ލިބިގެން ދިޔައެވެ. ތުރުކީންގެ ބާރު ތްރޭސްގެ ރައްޔިތުންގެ މައްޗަށް ފަސޭހަކަމާއެކީ ހިނގަން މެދުވެރިވި އެއްސަބަބަކީވެސް އެއީއެވެ. ތްރޭސްއަށް ހަމަޖެހުމާއި އަމަންއަމާންކަން ހޯދައިދިނީ ތުރުކީން ކަމަށްވާތީއެވެ.
ތުރުކީންނަށް ތަރޭސް ހޯދައިދިނީ ސުލައިމާން ރަސްގެފާނެއް ނޫނެވެ. އެކަން ކޮށްދިނީ ، އޮރްހާންގެ ހުރި އެއް ފިރިހެން ބޭފުޅެއްކަމުގައިވާ ޕްރިންސް މުރާދެވެ. ސުލޭމާން އަވަހާރަވީކަމަށް ބެލެވެނީ ، ކުރިމަތިވެ ވަޑައިގަތް އެކްސިޑެންޓެއްގައެވެ.
އޮރްހާން އަވަހާރަ ވުމާއެކީ ، ތުރުކީންގެ ނުވަތަ ޢުޘްމާނީ ރަސްކަން މުރާދަށް ލިބިވަޑައިގަތެވެ. އެހެނަސް އެއީ ފަސޭހަ ކަމަކަށް ނުވިއެވެ. އޮރްހާނަށް ކޮންޓަކޫޒީނަސްގެ އަންހެންދަރިކަނބަލުނަށް ލިބިވަޑައިގެންފައިހުރި ، ފިރިހެން ދަރިކަލުން ޚަލީލާއި މުރާދާ ދެބޭފުޅުން ވެރިކަމާ ތޮޅެންޖެހި ، މުރާދަށް ރަސްކަން ލިބިވަޑައިގަތީއެވެ. އެއީ ދެ ބަނޑަކަށް އޮރްހާނަށް ލިބިވަޑައިގެންނެވި ދެ ފިރިހެން ބޭފުޅުންނެވެ.
ގްރީކުގެ ކަނޑުފޭރޭމީހުން ، ޚަލީލް ކިޑްނޭޕްކޮށްގެން އިސްތަންބޯލަށް ގެންގޮސް އެތަނުގައި ހައްޔަރު ކުރިއެވެ. ހައްޔަރު ކުރެވިފައހުރި ދުވަސްތަކުގެ ތެރޭގައި ، ޚަލީލާއި އެމްޕެރަރ ޖޯން 5 ގެ ދަރިކަނބަލުންނާއި މުރާދާ ކައިވެނު ކުރުވިގެން ދިޔައެވެ. މި ކައިވެންޏަކީ ، ޢުޘްމާނީ ވެރިކަމާ އެމްޕެރަރ ޖޯން އާ ދެމެދު އޮތް ގާތްކަން ދެމެހެއްޓުމަށްޓަކައި ރޭވިގެން ކުރެވުނު ކައިވެންޏެކެވެ. އެކަމަކު ، ޚަލީލު ބަލިކުރައްވައި މުރާދު ޢުޘްމާނީ ރަސްކަމަށް އިސްވެވަޑައިގަތުމާ ގުޅިގެން ، އެމްޕެރަރ ޖޯންގެ އެ ރޭވުން ނާކާމިޔާބު ވެގެން ދިޔައެވެ. އެ ހިސާބުން ޢުޘްމާނީ ވެރިކަމާ ގުޅިފައި އޮތުމަށް އެމްޕެރަރ ޖޯން ރޭއްވެވި ރޭވުން ފެއިލް ވިއެވެ. މުރާދާއި ޚަލީލާ ދެމެދު އުފެދުނު ހަމަނުޖެހުން ބޮޑު ހަނގުރާމަޔަކަށް ބަދަލުވެ ، އޭޝިއާގެ ކަނޑުގެ އައްސޭރިފަށުގައި ރަސްކަންކުރަމުން ގެންދިޔަ ތުރުކީންގެ އެކިއެކި އަމީރުން ޢުޘްމާނީ ވެރިކަމުގެ ދަށަށް އައެވެ. ހަނގުރާމައިގައި މުރާދު ހޯއްދަވަމުން ގެންދެވި ކާމިޔާބީ މުޅި ސަރަޙައްދު ދޫކޮށް އަވަށްޓެރި ޤައުމުތަކާ ހަމަޔަށް ދަތުރު ކުރިއެވެ. އެންމެ ބޮޑު ކާމިޔާބީއަކަށްވީ ، 1371 ވަނައަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި މަރިޓްސާ ފަތަޙަ ކުރެއްވުމެވެ. އެހިސާބުން ، ބަލްކަން ފަރުބަދަތަކުގެ ވަށައިގެންވާ ތްރޭސް އާއި މެސެޑޯނިއާ ފަހަނަ އަޅައި ، އަވަށްޓެރި އެހެން ޤައުމުތަކުގެ މައްޗަށް ޢުޘްމާނީ ވެރިކަން ފެތުރިގެން ދިޔައެވެ. ހުޅަނގު ބިތުންލާފައި ގޮސް އެޑްރިއޭޓިކާ ހަމަޔަށް ތުރުކީން ދަތުރު ކުރިއެވެ. އެ ތަންތަން ހިފުމަށް ހަނގުރާމަ ކުރައްވަމުން ގެންދެވީ ހަމައެކަނި މުރާދު ގިނިކަންޏާއެއް ނޫނެވެ. ތުރުކީންގެ ވަރުގަދަ ލަޝްކަރުގައި ނަގާކިޔާ ޖެނެރަލުން އަމިއްލަޔަށް އިސްނަގައިގެން ކުރި ހަނގުރާމަތަކުންވެސް ބައެއް ތަންތަން ޢުޘްމާނީ ވެރިކަމުގެ ދަށަށް އައެވެ. މުރާދަކީ ޢުޘްމާނީ ވެރިކަމުގެ އެހެން ރަސްރަސްކަލުންނާ ތަފާތުކޮށް ޢަމަލުތައް ބެހެއްޓެވި ރަސްކަލެކެވެ. ޢުޘްމާނީ ވެރިކަމުގެ ތެރެޔަށް ވަތް ބައެއްތަންތަން ފަތަޙަ ކުރެއްވުމުގައި ، ހަމގުރާމަ ނުކޮށް ޚާރިޖީ ނުފޫޒުގެ ތެރެއިންލާފައިގޮސްވެސް ބައެއް ކުދިކުދި ޤައުމުތަކަށް ޢުޘްމާނީ ވެރިކަން ފެތުރިގެން ދިޔައެވެ. އޭގެ ތެރޭގައި ބައެއް ޤައުމުތަކުގެ ވެރިންގެ އަންހެން ދަރިދަރިކަނބަލުންނާ ކައިވެނި ބައްލަވައިގަތުންވެސް އެއީ މުރާދު ގެންގުޅުއްވި އުކުޅެކެވެ. އަބަދުވެސް ، ހަތަރު އަނބިކަނބަލުން ގެންގުޅުއްވިއެވެ. އޭގެ އިތުރަށް ސަތޭކަ އެތައް ޖާރިޔާއެއް ރަސްގެފާނުގެ ޚިދުމަތަށް ޚާއްޞަކުރެވިފައި ތިބެއެވެ. އެ ޖާރިޔާއިންނަކީ ހަނގުރާމައިގައި އަތުލައިގަނެވޭ އަސީރުންގެ ތެރެއިން ރީތިކަމަށާއި ބުރުސޫރަޔަށް ބަލައި ހޮވައިލެވިގެން ރަސްގެފާނުގެ ގަނޑުވަރަށް ޚާއްޞަ ކުރެވޭ ބަޔެކެވެ. މުރާދުގެ ކާފާފުޅު ، ޢުޘްމާން ރަސްގެފާނަށްވުރެ އެކަމުގައި މުރާދު އަރާ ހުންނެވިއެވެ.
ހަނގުރާމައިގައި އަތުލައިގަނެވޭ އަސީރުންގެ ތެރޭގައި ހިމެނޭ ފިރިހެނުންގެ ފައުޖެއް ، މުރާދު އުފެއްދެވިއެވެ. އެ ފައުޖުގައި ހިމެނޭ ހަމަކޮންމެ މީހަކީވެސް ހުނަރުވެރި ތަމްރީން ލިބިގެންވާ މީހެކެވެ. ޚައްޞަކޮށް އެ ފައުޖުގައި މުޅިންވެސް ތިބޭނީ ، ރަސްގެފާނު މުރާދަށް ވަފާތެރި ހަނގުރާމަވެރިންނެވެ. ދާއިމީގޮތެއްގައި އެ ފައުޖުގައި ހިމެނޭ ހަނގުރާމަވެރިންނަށް މުސާރަ ދެވެނީ ރަސްގެފާނު މުރާދުގެ އަމިއްލަފުޅު ފައިސާއިންނެވެ. މުރާދާއި ވަލީޢަހުދު ބައިޒީދަށް ނިސްބަތްކުރެވެނީ އަމީރުންގެ ލަގަބަލުން ނޫނެވެ. އެ ދެބޭފުޅުންނަށް މުޚާތަބު ކުރެވެނީ ، ރަސްގެފާނުގެ ލަގަބުންނެވެ. ނުވަތަ ހޫދަވެންދިގާރު ( މާތްވެރިޔާ ) ގެ ލަގަބުންނެވެ.
ހުޅަނގުބިތުގެ ތްރޭސްއާ ހިސާބަށް ޢުޘްމާނީ ވެރިކަން ފެތުރިގެން ދިއުމާއެކު ، ދެވަނަ ބުރަކަށް އަމާޒު ހިފިގެން ދިޔައީ ތްރޭސްގެ ހުޅަނގުން އޮތް ޤައުމުތަކާ ދިމާލަށެވެ. ދެވަނަބުރު ފެށުނީ 1380 ގެ އަހަރުތަކުގައެވެ. ހައެއްކަ އަހަރުގެ ތެރޭގައި މެސެޑޯނިއާގެ ބޮޑުބަޔަކާއި ސެލޮނިކާ ، ޢުޘްމާނީ ވެރިކަމުގެ ތެރެޔަށް ދިޔައެވެ. ސެލޮނިކާގެ ވަށައިގެން އެތަނުގެ ރައްޔިތުންނަށް ބޭރަށް ނުނުކެމެވޭގޮތަށް ހަތަރުއަހަރު ބަންދުކޮށްފައި ބޭއްވުމާއެކީ ، މާބޮޑު ހަނގުރާމައެއް ނުކޮށް ސެލޮނިކާ ، ޢުޘްމާނީ ވެރިކަމުގެ އަތްދަށަށް ދިޔައީ 1387 ގައެވެ. އެބިތުގެ ހަނގުރާމައިގައި ކުރި ހޯދަމުންގޮސް ، ކޮސޮވޯއާ ހިސާބަށް މުރާދުގެ ލަޝްކަރު ދަތުރު ކުރިއެވެ. ކޮސޮވޯ ފަތަޙަކުރީ ، 1389 ވަނައަހަރުގެ އޯގަސްޓް މަހުގެ އެއްވަނަ ދުވަހުއެވެ.
ކޮސޮވޯ
ޢުޘްމާނީ ވެރިކަމުގެ ނުފޫޒުގެ ދަށަށް ކޮސޮވޯ ދިއުމަކީ ކުޑަކަމެއްނޫނެވެ. ލަޒާރާއި ރަސްގެފާނު މުރާދަށްވެސް އެއީ ވަރަށްބޮޑު ކަމަކަށް ވިއެވެ. ދެބޭފުޅުންވެސް އެ ދެބޭފުޅުންގެ ހުރިއްޔާ ހުރި ބާރެއް ބޭނުންކޮށްގެން ކުރި ހަނގުރާމަ ތުރުކީންނަށް ކާމިޔާބުވީއެވެ. މުރާދާއި ލަޒާރު އަވަހާރަ ވުމަށްފަހުވެސް އެ ހަނގުރާމައިގެ ހަނދާންތައް މީސްތަކުންގެ ހިތުގައި ހަރުލާފައި އޮންނާނެއެވެ. ސަރބިއާ ޤައުމެއްގެ ގޮތުގައި އުފެދިގެން އައިސްފައިވަނީ އެ ދުވަސްވަރު ސިޔާސީ ވިސްނުން ހުރިގޮތުން އައި ބަދަލު ތަކުގައެވެ. ކޮސޮވޯ ހަނގުރާމަޔަށްފަހު މާގިނަ ދުވަސްތަކެއް ނުވެ ، ރަސްގެނު މުރާދު އަވަހާރަ ކޮށްލެވުނެވެ. ރަސްގެފާނު އަވަހާރަވީ ، ނާޞާރާއަކު ، ރަސްގެފާނު މުރާދަށް ދިން ޙަމަލާއެއްގައި ، މުރާދުގެ ގައިކޮޅަށް ، އެތަންމިތަނަށް ޚަންޖަރު ހަރައި އަވަހާރަ ވަންދެން އަނިޔާ ކުރުމާ ގުޅިގެންނެވެ. މުރާދު އަވަހާރަކޮށްލެވުނު ޙާދިސާ ، ތާރީޚުގައި އެގޮތްމިގޮތަށް ލިޔެވިފައި އެބަ ހުއްޓެވެ. ބައެއް މުއައްރިޚުން ބަޔާންކުރާ ގޮތުގައި މުރާދު އަހަހާރަކޮށްލުމުގައި ކޮސޮވޯގެ ވެރިޔާ ލަޒާރުގެ އަތެއް ވެއެވެ. އަނެއްބައި މުއައްރިޚުން ބަޔާންކުރާ ގޮތުގައި މުރާދު އަވަހާރަ ކޮށްލުމުގައި ، މުރާދުގެ ދަރިކަލުން ވަލީޢަހުދު ބައިޒީދުގެ އަތެއް ވެއެވެ. ބައިޒީދު ރަސްކަމަށް ވަޑައިގެންނެވީ ކޮންގޮތަކުންތޯ ބަޔާންކުރާ ލިޔުމެއްގައި ، އެވާހަކަތައް ، ބައިޒީދުގެ ބަހުން ނުވަތަ ބައިޒީދުގެ ބައެއް ސިޓީބިޓީގައި ލިޔެވިފައި ހުރިކަމަށް ތާރީޚުން އެނގެއެވެ.
ރަސްގެފާނު މުރާދު އަވަހާރަ ކޮށްލެވުމާއެކީ ، ކޮސޮވޯއިން ބަރސާއަށް ރަސްގެފާނުގެ ހަށިކޮޅު ގެންދެވުނެވެ. ފަސްދާނު ލެވުނީ ބަރސާގައި ، ޝަހީދުންގެ މައިދާނެއްގައި ބިނާކުރެވުނު އައު މިސްކިތެއްގެ ޤަބުރުސްތާނުގައެވެ.
މުރާދު ރަސްގެފާނު އަވަހާރަ ވުމާއެކީ ، ބައިޒީދު ރަސްކަމަށް އިސްވެ ވަޑައިގަތެވެ. ރަސްކަމަށް ވަޑައިގަތުމުގައި ބައިޒީދަށް ގޮންޖެހުންތަކެއް ކުރިމައްޗެއް ނުވެއެވެ. އެމަގު ކޮށައި ސާފުކުރުމަށްޓަކައި ބައިޒީދު ގެންދެވީ މާ ކުރީއްސުރެ މަސައްކަތް ކުރައްވަމުންނެވެ. އެންމެ ފަހުގެ ކަމަކަށް ކުރެއްވި ކަމަކީ ، ރަސްކަމަށް އޭނާއާ ވާދަކުރައްވަން ހުންނެވި ، މުރާދަށް އެހެން ބަނޑަކަށް ލިބިވަޑައިގެންފައިހުރި އެއްބަފާ ބޭބެ ، ކޮސޮވޯ ހަނގުރާމައިގެ ތެރޭގައި ޝަހީދު ކޮށްލުމެވެ. އެއީ ، ބައިޒީދުގެ މަކަރުވެރި ރޭވުމެއްގެ ދަށުން ކުރެވުނު ކަމެކެވެ. ހަނގުރާމައިގެ ތެރޭގައި ބޭބެ ޝަހީދުކޮށްލަން އަމުރުކުރެއްވީ ބައިޒީދެވެ. ބައިޒީދަކީ ، ހަނގުރާމައިގެ މައިދާނުގައި މުރާދު ނަގާފައި ދެން ބަސްކިޔަން ހުންނަ އެންމެ އިސް ފަރާތެވެ. އެހެންކަމުން ، ބައިޒީދު ބޭނުންވާ ގޮތަކަށް ކުޅިބައި ރޭވުމަކީ ދާދި ފަސޭހަ ކަމެކެވެ. އެހިސާބަށް ދިޔައިރު ، މުރާދުގެ އަމިއްލަ ފައިސާއިން މުސާރަ ދެއްވައިގެން އުފައްދަވާފައިވާ އަޅުންގެ ލަސްކަރުވެސް އޮތީ ބައިޒީދުގެ ބާރުގެ ދަށުގައެވެ. އެހުރިހާ އަޅުންގެ ވެރިޔަކީ ، މުރާދު ދުނިޔޭގައި ނެތިއްޖެ ޙާލަތެއްގައި ބައިޒީދެވެ.
އެ ޤަރުނަކީ ، ހަނގުރާމައިގެ އިތުރަށް ، ބަލިމަޑުކަމާއި ތޫފާނާއި ބިންހެލުން އަދި އެއްތަނުން އަނެއްތަނަށް ހިޖުރަ ކުރުމުގެ ގޮށްރާޅުތަކެއް މުޅި އެ ސަރަޙައްދުގައި ތަޖުރިބާކުރަން ޖެހުނު ދުވަސްވަރެކެވެ. ގުރީކުމީހުންނާއި ތުރުކީން އަދި ސެލްވިކް މީހުންނާއި ލެޓިންމީހުންގެ އެކި ޖަމާޢަތްތަކަކީ އެކީގައި ދިރިއުޅުނު ނަމަވެސް ، އެއްގަލަށް އަރަން އުނދަގޫ ބަޔެކެވެ. ވަރަށްގިނަ ކަންކަމުގައި އެއްބަޔަކު އަނެއްބަޔަކަށް ޚިޔާލު ތަފާތުވެ ، ދާދި ފަސޭހައިން ހަމަނުޖެހުން އުފެދެއެވެ. އެ ޤަރުނުގެ ތެރޭގައި އެތައް ދަރިފަސްކޮޅަކަށް އެކަން ދެމިގެން ދިޔައެވެ. ހަމަ ނުޖެހުން ތަކަކަށް ނިމުމެއް އައިސްފައެއް ނުވެއެވެ.
މުސްލިމުންނާއި ނަޞާރާއިން އެކުގައި އުޅުނަސް ، އެއްބަޔެއްގެ ނުރައްކާ އަނެއްބަޔަކަށް ނެތްކަމުގެ ހިތްހަމަ ޖެހުމެއް ނުލިބެއެވެ. ހަމަ އެއާއެކީ ، މުސްލިމުންނާއި ނަޞާރާއިން ކައިވެނީގެ ގުޅުމުންވެސް ގުޅިގެން ދިޔައެވެ. ދަރިފަސްކޮޅު މަސްހުނިވެ ، ކައިރި ގުޅުންތަކެއް އުފެދުނުއިރު ، ދެބައިމީހުން ދެބައިވެ ދުރުވުމަށް މަގުފަހިވާ ކަންތައްތަކެއްވެސް އުފެދިގެން ދިޔައެވެ.
އެދުވަސްވަރުގެ ތާރީޚީ ލިޔުންތަކަށް ޙަވާލާދެވޭ ސައްޔާޙުންގެ ތެރޭގައި ހިމެނޭ މުހިންމު ދެ ޝަޚްޞިއްޔަތެއްކަމުގައި އިބްނު ބަތޫތާ އާއި ޕަލަމަސް އަށްވެސް އެދެބޭފުޅުން ދިރިއުޅުއްވި ސަރަޙައްދުތަކުގައި ބޭރުމީހުންގެ ގޮތުގައި އިޙްސާސް ކުރެވުނުކަން ބަޔާން ކުރައްވާފައި ވެއެވެ. އެ ދެބޭފުޅުންނަކީ ދެދީނެއްގެ ދެ ބޭފުޅުންނެވެ. އިބްނު ބަތޫތާއަކީ މުސްލިމެކެވެ. ޕަލަމަސް އަކީ ނަޞާރާއެކެވެ. އިބްނު ބަތޫތާއަކީ ، ޙަޔާތުގެ ބޮޑުބައިގައި މުޅި ދުނިޔޭގައި ދަތުރުކުރެއްވި ސައްޔާޙެކެވެ. ޚާއްޞަކޮށް ، އިސްލާމީ ޤައުމުތަކަށް ޒިޔާރަތް ކުރައްވައި ، އެތަންތަނުގެ މީހުންގެ ދިރިއުޅުމުގެ ވަށްޓަފާޅިއަށް ފަރިތަ ބޭފުޅެކެވެ. އެ ތަންތަނުގެ ދީނީ ޢިލްމުވެރިންނާ ބައްދަލު ކުރައްވައި ތާރީޚީ އަދި ޢިލްމީ ތަޖުރިބާތަކެއް ހޯއްދަވާފައި ވެއެވެ. ތުރުކީ ސަރަޙައްދުގައި އިބްނު ބަތުތާ އުޅުއްވި ދުވަސްވަރު ، ދިމާވި އެންމެ ބޮޑު ދައްޗަކަށްވީ ، ތުރުކީބަސް އެނގިވަޑައި ނުގަތުމެވެ. ( ނުނިމޭ )
