ޔުނިސެފްގެ އެގްޒެކެޓިވް ބޯޑުން މިނިސްޓަރު ޢަލީ ޝަރީފާ ބައްދަލުކުރައްވައިފި

ޔުނިސެފްގެ އެގްޒެކެޓިވް ބޯޑުގެ މަތީ ފަންތީގެ ވަފުދަކުން، މިނިސްޓަރު އޮފް ކުލައިމެޓް ޗޭންޖް އެންވަޔަރަމަންޓް އެންޑް އެނާރޖީ ޢަލީ ޝަރީފްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު އެ މިނިސްޓްރީގައެވެ. މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ޔުނިސެފާއި ދިވެހި ސަރުކާރާ ދެމެދު މިހާރު ކުރިއަށްދާ އެކި މަޝްރޫޢުތަކާއި، ކުރިއަށް އޮތް ތަނުގައި ދެފަރާތް ގުޅިގެން މަސައްކަތް ކުރާނެ މުހިންމު ދާއިރާތަކާ ގުޅޭގޮތުންނެވެ.

ޚާއްޞަކޮށް، ރާއްޖޭގެ ލާބަޔާއި މަންފާއަށް ކުރެވޭ މަސައްކަތްތަކުގައި ޔުނިސެފުން ދެމުންގެންދާ އެހީތެރިކަން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދެފަރާތުން ޚިޔާލު ބަދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި މިނިސްޓަރު ޢަލީ ޝަރީފް ވަނީ ޔުނިސެފާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ފާހަގަކުރައްވައި، އެ ޖަމްޢިއްޔާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އައު ދާއިރާތަކުން އެހީތެރިކަމާއި އެއްބާރުލުން ހޯދޭނެ ގޮތްތަކާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ޔުނިސެފްގެ ފަރާތުން ވަނީ ރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް ކުރާ މަސައްކަތްތަކުގައި އެ ޖަމްޢިއްޔާގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.