ކޮންމެ ކުއްޖެއްގެ މުސްތަޤުބަލް ރައްކާތެރިކޮށްދިނުމުގައި މި ސަރުކާރު ދެމިއޮންނާނެ

އަދުގެ ސަރުކާރު ދެމިއޮންނާނީ ބެލެނިވެރިންނަށް އެއްބާރުލުންދިނުމާއެކު ކޮންމެ ކުއްޖެއްގެ މުސްތަޤުބަލް ރައްކާތެރިކޮށްދިނުމުގައި ސާބިތުކަމާއެކުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ގްލޯބަލް ޑޭ އޮފް ޕޭރަންޓްސް ނުވަތަ، ބެލެނިވެރިންގެ ދުވަހާ ގުޅިގެން އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، އަޅުގަނޑުމެންގެ އާއިލާތަކުގެ ބިންގާ ބިނާކޮށްދިނުމުގައި، ބެލެނިވެރިން، އެމީހުންގެ މުޅި އުމުރުގައި ވަމުންދާ މަތިވެރި ގުރުބާނީތަކާއި، އެފަރާތްތަކުގެ އިޚްލާޞްތެރި މަސައްކަތްތަކުގެ އަގުވަޒަންކުރައްވާކަމުގައި ވިދާޅުވެފައެވެ. ހަމަމިއާއެކު، އާއިލާއަކީ މުޖުތަމަޢުގެ ބިންގާ ކަމުގައި ދިވެހިންގެ ތެރޭގައި ދެކޭ ސަގާފަތް ދެމެހެއްޓުމަށްޓަކައި، ތަޢުލީމާއި، ޞިއްޙީ ދާއިރާގެ އިތުރުން އިޖުތިމާޢީ ޕްރޮގްރާމްތަކަށް ސަރުކާރުން ކުރާ ވުނަކުރުންތަކަކީ މުހިންމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދުވެސް ވަނީ އެކަމަނާގެ ރަސްމީ 'އެކްސް' އެކައުންޓުގައި ދުވަހާ ގުޅޭ ޕޯސްޓެއް ހިއްސާކުރައްވާފައެވެ. އެކަމަނާގެ ޕޯސްޓުގައި، ކުދިންގެ ދިރިއުޅުން ބިނާކުރުމުގައި ލޯތްބާއި، ކެތްތެރިކަމާއެކު ގުރުބާނީތައް ވަމުންދާ ހުރިހާ ބެލެނިވެރިންނާއެކު ސާބިތުކަމާއެކު ހުންނެވިކަން ހާމަކުރައްވާފައިވެއެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުތަކުގެ ހިތަކީ ޢާއިލީ ބަދަހި ގުޅުންކަމުގައި ސިފަކުރައްވަމުން އެކަމަނާ ވަނީ، ކޮންމެ ކުއްޖަކީވެސް އަޅާލުމާއި، ރައްކާތެރިކަމާއި، ފުރުސަތުތަކުން ފުރިގެންވާ މާހައުލެއްގައި ބޮޑުވާ ކުއްޖެއްކަން ކަށަވަރުކޮށްދިނުމުގައި ބެލެނިވެރިން އަދާކުރާ މުހިންމު ދައުރުގެ އަގުވަޒަންކުރުމަށާއި، އެފަރާތްތަކަށް ބޭނުންވާ ފުރުސަތުތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ހުރިހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ކުދިން ބަލާބޮޑުކުރުމާއި ތަރުބިއްޔަތުކުރުމުގައި ބެލެނިވެރިން އަދާކުރާ ދައުރުގެ އަގުވަޒަންކުރުމުގެ ގޮތުން، ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 1 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤުވާމީ ބެލެނިވެރިންގެ ދުވަހުގެ ގޮތުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.