( 22 އެޕްރީލް 2026 ގައި ޝާއިޢުކުރި ބަޔާގުޅޭ )
އެރޭ ޒުބާ ނިދަން ދިޔައީ ވަރަށް ލަސްވިފަހުންނެވެ. ސިތާރާއަށް ޒުބާ ބޭރުގައި ހުއްޓާ ފެނިގެން ކައިރިޔަށް އައިސް ޒބާއާ ވާހަމަ ދައްކައިލިއެވެ. މަންމަމެން އެންމެން އޭނާގެ މަތިން ހަނދާން ނައްތާލައި ، އެމީހުންގެ ހިތުން އޭނާ ނެރެލާފައިވާތީ ، ޒުބާހުރީ ވަރަށްބޮޑަށް ހިތުގައި ޖެހިފައެވެ. ދެން ދުވަހަކުވެސް ، އަނބުރާ އިސްލާމްއާބާދަށްގޮސް އެގެޔަށް ވަންނާކަށް ޒުބާ ބޭނުމެއްނޫނެވެ. ޒުބާ ބޭނުންވަނީ ، މާދުރަށްގޮސް އެންމެންނާ ވަކިން ގެއްލޭށެވެ. އޭނާގެ ސަބަބުން އެއްވެސް މީހަކަށް ތަކްލީފެއް ލިބޭކަށް ޒުބާ ބޭނުމެއްނޫނެވެ.
ޒުބާގެ ވާހަކަތަކުން ، ސިތާރާއަށް ވަރަށް އަސަރު ކުރިއެވެ. އެތައް ވާހަކައެއް ދައްކައިގެން ޒުބާ ހަމަޖައްސައިލުމަށްފަހު ، ކޮޓަރިޔަށް ގެންގޮސް ، ނިދަން ބޭއްވުނީ ވަރަށް އުނދަގުލުންނެވެ.
ހެނދުނު ތެދުވިއިރު އެއޮތީ ، ހުރިހާކަމެއް ގޯހުންގޯހަށް ގޮއްސައެވެ. އެރޭވެސް ޒުބާ ބުނިގޮތަށް ، އޭނާ ގެއްލިގެން ގޮއްސައެވެ. ދިޔަނުދިޔަ ތަނެއްވެސް ނޭނގެއެވެ. ސައިމްއަށް އެގޭގެ އެޑްރެސް ފޮނުވައިގެން ސައިމްއާއެކީ ، ފިލައިގެން ދިޔައީކަމަށްވެސް ވެދާނެއެވެ. އެކަމަކު އެއީ ، ވުމަށްވުރެ ނުވުން ގާތް ކަމެކެވެ.
އެއްވެސް މީހަކުގާތު ބުނެނުލާ ޒުބާ ދިޔައީ ، ސީމާބް ކާފަޔޭކިޔާ ހާރޫންގެ ގެޔަށެވެ. އެއީ އެހާ ދުރުގައި ހުންނަ ގެޔެއް ނޫންވީމަ ، މާ ބޮޑު ތަކްލީފެއް ނުއުފުއްލައި އެގެޔަށް އޭނާއަށް ދެވުނެވެ. ގެޔަށް ވަތްތަނުން ގޯތިތެރެއިން ހާރޫނާ ދިމާވިއެވެ. ހާރޫނާއެކީ އެތައް ވާހަކައެއް ޒުބާ ދެއްކިއެވެ. އިތުރަށް ކިޔަވަން ބޭނުންނުވާ ވާހަކައެވެ. އަދި ، އެއްވެސްކަމެއްކުރަން ހިތްނޭދޭ ވާހަކައެވެ. ހުރިހާކަމެއް ފެށީ އޭނާއެވެ. ހުރިހާ ގޯހެއް ހެދީވެސް އޭނާއެވެ. އޭނާ ދައްކާނީ ކޮން ބަހަނާއެއް ހެއްޔެވެ ؟ އެކަންކަމުގެ ޝަޒާއަކީ އޭނާއަށް ޙައްޤު އެއްޗެކެވެ. އެހެން އެއްވެސް މީހެއްގެ ކުށެއް ނެތެވެ. ކުށްވެރިޔަކީ އޭނާއެވެ. އެކަމަކު ، ޒުބާ އެވަނީ މިހާރު ބަދަލުވެފައެވެ. އެކަން އެއްވެސް މީހަކަށް އިޙްސާސެއް ނުކުރެވެއެވެ. އެކަކަށްވެސް އެކަމެއް ނޭނގެއެވެ. ބަދަލެއް އައިތަނެއް ނުވެސް ފެނެއެވެ.
އެ އަންހެން ކުއްޖާ ބަދަލުވެއްޖެކަން ، މީހުންނަށް އެނގޭނީ ކިހިނެއްކަމެއް ، ހާރޫނަކަށްވެސް ނޭނގެއެވެ. އެ ކުއްޖާއާ މެދު އޭނާގެ ގޭގެމީހުން ހިތްހަމަ ނުޖެހިފައި ތިބީ ކީއްވެގެންކަމެއްވެސް ހާރޫނަކަށް ނޭނގެއެވެ. ބަދަލެއް އައިނަމަ ، އެއައި ބަދަލަކީ ، އެކުއްޖާގެ ނަފްސަށް އައި ބަދަލެކެވެ. އިންސާނުންނަށް އަންނަ ބަދަލަކީ ، ހިތުގެ އެންމެ އަޑިން އަންނަންޖެހޭ ބަދަލެކެވެ. އެއަންނަ ބަދަލެއް އެހެންމީހުންނަށް ނުފެންނަކަމަށް ވަންޏާ ، އެމީހަކަށް ބަދަލެއް އައިކަމެއް އެހެންމީހުންނަކަށް ނޭނގޭނެއެވެ. ޒުބާއަށް ބަދަލެއް އައިކަމަށް ވަންޏާ ، އެބަދަލެއް ޒުބާގެ ޢަމަލުން ނުދައްކާހާ ހިނދެއްގައި ، އެއައި ބަދަލެއް އެއްވެސް މީހަކަށް ޤަބޫލެއް ނުކުރެވޭނެއެވެ. ހާރޫނުގެ އެވާހަކަތައް ޒުބާއަށްވެސް ޤަބޫލު ކުރެވުނެވެ.
ޒުބާ ކުރަންވީ ކީއްތޯ ސުއާލު ކުރިއެވެ. ޒުބާ ކުރަންވީކަމެއް އެނގޭނީ ޒުބާއަށެވެ. އެކަން އެންމެ ބޮޑަށް އެނގޭނީ ޒުބާއަށެވެ. ހުރިހާ ގޯހެއް ހަދައިގެންހުރީވެސް ޒުބާއެވެ. އެހެންވީމާ އެއީ ޒުބާގެ އަތްމަތީގައި އޮތްކަމެއްކަމަށް ހާރޫނު ޖަވާބު ދިނެވެ. މުސްކުޅިން ދޭނީ ނަޞޭޙަތްކަމަށް ، ޒުވާން ޖީލުގެ ކުދިން އަބަދުވެސް ބުނާނެއެވެ. އެކަމަކު ، އަތުގައި ހިފައިގެން އެކަމެއް ކުރުވަން އުޅޭހިނދު ، ހުރިހާކަމެއްވެސް އެނގެޔޭ ބުނެ ، ދުވަސްވީ މީހުން އެއްފަރާތްކުރާނެއެވެ. އަދި ، އެކަމެއް އަމިއްލަޔަށް ކުރަން އުޅޭނެއެވެ.
ޒުބާގެ ބައްޕަ ، އޭނާ ކުރިކަމެއްގެ ސަބަބުން ބަލިވެގެން ހަސްފަތާލުގައި އެނދުމަތިކުރަން ޖެހުނެވެ. ޒުބާއާ ގުޅުވައިގެން އެތައް ހުވަފެނެއް ސަމީރުވަނީ ދެކެފައެވެ.
" އަދިވެސް ވަޤުތު އެބައޮތެވެ. ލަހެއް ނުވެއެވެ. ޒުބާގެ މަންމައާއި ބައްޕަ ދެކެން ބޭނުންވި ހުވަފެން ޒުބާއަށް ދެއްކި ދާނެއެވެ. ދާށެވެ ! ގޮސް ، އެކަން ކޮށްފައި ދުނިޔެއަށް ދައްކާށެވެ ! " ހާރޫނު ނަޞޭޙަތް ދިނެވެ.
ގެޔަށް ދިޔައިރު ، ސިތާރާހުރީ ރުޅިއައިސް ރަތްވެފައެވެ. ނުބުނަން ޖެހޭ ކިތަންމެ އެއްޗެއް ޒުބާއާދިމާލަށް ސިތާރާއަށް ބުނެވުނެވެ. ސިތާރާގެ ކިބައިން ޒުބާ މަޢާފަށް އެދުނެވެ. އަދި ، އިންސާނުން އިރުއިރުކޮޅުން ގެއިން ނުކުމެގެން ނުދާނެކަމަށް ބުންޏެވެ. އޭނާއަށް އެތައް ގޯހެއް ހެދިފައިއޮތްކަމަށް ޒުބާ އެއްބަސް ވިއެވެ. އަދި ، އޭނާއަށް ހެދުނު ގޯހުގެ ބަދަލުގައި ކުރީގެ ޒުބާއަށް ވުމަށް މަސައްކަތް ކުރުމަށް އޭނާ ޢަޒުމް ކަނޑައެޅި ވާހަކަ ބޮޑުދައިތަ ގާތު ބުންޏެވެ. ސިތާރާ ، އުފަލުންގޮސް ފޮޅުނެވެ. އެއީ އޭނާ ބޭނުންވާ ގޮތެވެ. ސިތާރާ ބޭނުންވީ ، ކުރީގެ ޒުބާގެ ފުރާނަ އެ ހަށިގަނޑުގައި އެޅިގެން ދިރުން ލިބި ، ޒުބާގެ މުސްތަޤްބަލް އުޖާލާވެގެން ދިއުމެވެ.
" އަހަރެން ބޭނުމީ ، ބައްޕަގެ ހުވަފެންތަކުގައި ކުލަ ޖައްސާށެވެ. ބައްޕަ އަހަރެންނާ ދޭތެރޭ ކުރި އުއްމީދުތަކަށް ދިރުން ގެނެސް އެ އުއްމީދުތައް ފުރިހަމަ ކޮށްދޭށެވެ. އެކަން އަހަރެންނަށް ފުރިހަމަ ކުރެވޭނީ ބޮޑުދައިތަގެ އެހީތެރިކަމާ އެކީގައެވެ. އަހަރެންނަކީ ޑރ. ޒުބާ ސަމީރުގެ ނަމުން މުޚާތަބުކުރެވޭ މަޤްބޫލު ޑޮކްޓަރަކަށް ވާން ބޭނުމެވެ. " ޒުބާ ބުންޏެވެ.
ސިތާރާގެވެސް އުއްމީދަކީ އެއީއެވެ. ލަހެއްނުވެ އޭގެ އަނެއްދުވަހު ، ކަރާޗީގެ ޝިފާ މެޑިކަލް ކޮލެޖަށް ވަދެ ، ޒުބާ އޭނާގެ ކިޔެވުން ފެއްޓިއެވެ. ކަން ދިމާކުރިގޮތުން ، ސައިމްވެސް ކަރާޗީގެ ކޮލެޖަކަށްވަދެ ، އޭނާގެ ކިޔެވުން ފެއްޓިއެވެ. ސައިމްއަށް ދިމާވި ކަންތައްގަނޑާގުޅިގެން ، ސައިމް އުޅެމުންގެންދަނީ ، އެހެންކުދިންނާ ދުރުދުރުންނެވެ. އެއްވެސް ކުއްޖަކާ ގާތްކަމެއް ބާއްވާކަށް ސައިމް ބޭނުމެއްނޫނެވެ.
ޒުބާއަކީ ، ކުޑައިރުއްސުރެ ނޭވަޔަށް އުނދަގޫކޮށް ނޭވާހިއްލާ ކުއްޖެކެވެ. ކަންބޮޑުވާ ޙާލަތްތަކުގައި އެކަން ތަންކޮޅެއް ބޮޑުވެއެވެ. ބައެއް ފަހަރަށް ކްލާހުގައި ކިޔަވަން އިންނައިރުވެސް އެކަން ލައިގަނެއެވެ. އެހެންކަމުން ޒުބާ އުޅެނީ އެކަމަށް ދީފައިހުންނަ ނޭވާދަމާ ފުޅިވެސް އަބަދު ދަބަހަށް ލައިގެންނެވެ. ޒުބާވެސް އެއްވެސް ކުއްޖަކާ ރައްޓެއްސެއްނޫނެވެ. ކުއްޖަކާ ވާހަކަ ދައްކާކަށްވެސް ޒުބާވެސް ބޭނުމެއްނޫނެވެ. ޒުބާއަކީ ފުރަތަމަ އަހަރުގެ ކުއްޖެކެވެ. ދެވަނަ އަހަރުގެ ކުއްޖަކު ޒުބާއަށް އެހީތެރިވެދީ ، ވާހަކަ ދައްކަން އުޅުނަސް ޒުބާދަނީ އެކުއްޖަކާ ދުރަށެވެ. އެހެންކަމުން ޒުބާއަކީ ވަރަށް ޒާތްކޮޅުގަދަ ކުއްޖެއްގެ ގޮތުގައި ދަނީ ފާހަގަ ކުރެވެމުންނެވެ.
ވަރަށް އުނދަގުލުގައި އުޅެމުން އެންމެފަހުން ޒުބާ އެމްބީބީއެސް ނިންމައިފިއެވެ. އެއީ މޮޅު ޑޮކްޓަރަކަށްވުމަށް ޒުބާއަށް ކާމިޔާބު ކުރެވުނު ފުރަތަމަ ހަރުފަތެވެ. ޒުބާ އެމްބީބީއެސް ނިންމުމުގެ އުފާ ، ސިތާރާގެ ގޭގައި ފާޅު ކުރެވުނެވެ. މާގިނަ ބަޔަކު ނެތެވެ. ސިތާރާއާއި ސީމާބާ ދެމައިން އަދި ސީމާބްގެ ކާފައާއި ޒުބާއެވެ.
ސީމާބް ލޯބިކުރަނީ މޮޑެލިންގ އަށެވެ. ސައިމްގެ ރައްޓެހި މުރާދާއެކީ ، ސައިމްވެސް ހިމެނޭގޮތަށް ، މޮޑެލިންގ ޕްރޮޖެކްޓަކަށް ސީމާބް ހޮވުނެވެ. މުރާދުވެސް އައިސް މިހާރު އުޅެމުންދަނީ ކަރާޗީގައެވެ. ސީމާބާމެދު ސައިމް ދެކޭގޮތް ބެލުމަށް ، އޭނާގެ ރަޙްމަތްތެރިޔާ މުރާދު އެދުނެވެ. ސީމާބަކީ ސައިމްއަށްވެސް ކަމުދާ ރީތި ކުއްޖެކެވެ. ސައިމްގެ ހިތުން ޒުބާގެ ނަން މިހާރުވަނީ ފުހެލާފައެވެ. އެވާހަކަ އޭނާގެ ކާފަގާތުގައިވެސް އޮތީ ބުނެފައެވެ. ސީމާބާ ބެހޭގޮތުން ސައިމްއާއި އޭނާގެ ރަޙްމަތްތެރިޔާ ވާހަކަ ދައްކަނިކޮށް ، އެއަޑު ސީމާބަށް އިވުނެވެ. އެކަމާ ހިތްހަމަ ނުޖެހިގެން ސައިމްއާ ދިމާލަށް ސީމާބް އެއްޗެތި ކިޔައިގެންފައި ، ސޮއިކުރި ކޮންޓްރެކްޓްވެސް ކެންސަލް ކޮށްފައި އެތަނުން ނުކުމެގެން ދިޔައެވެ.
ސިމާބްގެ ރުޅިގަނޑު މައިތިރިކުރަންވެގެން އެތަނުން ނުކުމެގެން ދިޔަގޮތަށް ދިޔައީ ކާފަމެން ގެޔަށެވެ. އެގެޔަށްގޮސް ކާފަގާތު ހުރިހާ ވާހަކައެއް ކިޔައިދީ އެ ފިރިހެނާޔާއެކީ މަސައްކަތް ނުކުރަން ނިންމިއެވެ. އެގޭގައި ސީމާބް އިންދާ ، ސައިމްއަށް އެތަނަށް އާދެވުނެވެ. އަދި ، އޭނާގެ ކާފަގެ ގޭގައި ސީމާބް އެކުރަނީ ކީއްތޯ ސުއާލު ކުރިއެވެ. ސީމާބް އެއައީ ، ސައިމްއާ ޒުވާބުކޮށްފައިކަން ، ސީމާބާއި ސައިމްގެ މޫނުމަތިން ފެނުނު ޢަލާމާތުން ހާރޫނު ދެނެގަތެވެ. ސައިމް އެގެޔަށް އެއައީ ވަރަށްގިނަ ދުވަސްކޮށްފައި ކަމަށާއި ، ސައިމްއާބެހޭ މަޢުލޫމާތު އެހެންމީހުންނަށް ނޭނގުން އެއީ ސައިމް ބޭނުންވާގޮތް ކަމުގައި ހާރޫނު ބުންޏެވެ. ސީމާބް އިނީ ޙައިރާންވެފައެވެ. ހާރޫނުފަދަ ހެޔޮލަފާ އިންސާނެއްގެ ކާފަ ދަރިޔަކަށް ސައިމްފަދަ ގޮތެއްފޮތެއް ނެތް މީހަކު ވީތީއެވެ. ގޮތެއްފޮތެއްނެތް މީހަކަށް ސައިމްވީ ކިހިނެއްތޯ ސައިމް ސުއާލު ކުރިއެވެ. ސައިމްއާއި ސީމާބާ ދެކުދިން ޒުވާބު ކުރަމުން ގޮސް މާމައްޗަށް ހިނގައިދާނެތީ ، އެތިވަރު ގޮވަމުން ސީމާބް އެގެއިން ނުކުތެވެ.
ކާފަ ޑޮކްޓަރަށް ދައްކަން ހަސްފަތާލަށް ސައިމް ދިޔަދުވަހު ، އޭނާއަށް ޒުބާ ފެނުނެވެ. އެކަމަކު ، ޒުބާއެރި ލިފްޓާ ދިމާލަށް ދުވެފައި ދިޔަނަމަވެސް ، އެ ލިފްޓަށް ސައިމްއަށް އެރޭގޮތެއް ނުވިއެވެ. ސިޑިން ލާފައި ލިފްޓް ހުއްޓާ ފަންގިފިލަޔަށް ދުވަމުން ސައިމް އެރިއެވެ. އެކަމަކުވެސް ، އެ ލިފްޓުން ޒުބާ ނުކުތްއިރު އޭނާއަކަށް އެ ހިސާބަކަށް ނޭރުނެވެ. އެހެންކަމުން ، ޒުބާއާ ދިމާވާނެ ފުރުޞަތެއް އެދުވަހަކު ސައިމްއަކަށް ނުލިބުނެވެ.
ހޮސްޕިޓަލްގެ ގަޑި ނިންމާފައި ގެޔަށްގޮސް ، ތައްޔާރުވެލައިގެން ޒުބާ ދިޔައީ ހާރޫނުމެން ގެޔަށެވެ. އެގެޔަށް ޒުބާ ނުދާތާ އެތައް ދުވަހެއް މިހާރު ވެއްޖެއެވެ. އެގެޔަށް ދިޔަތަނުން ޒުބާއަށް އެފެނުނީ ، ޙައިރާންވާފަދަ މަންޒަރެކެވެ. ވާރޭ ވެހޭ ރެޔެކެވެ. ކުޑަ ނަގައިގެން ޒުބާއަށްގޮސް އެގެޔަށް ވަދެވުނުއިރު ކުރިމަތީ އެހުރީ ސައިމްއެވެ. ސައިމް ފެނުމާއެކީ ޒުބާގެ ދެލޯބޮޑުވެ ، އަތުގައި އޮތް ކުޑަ ދޫކޮށްލެވުނެވެ. ސައިމްއަށްވެސް ޙައިރާންކަން ލިބުނެވެ. މަޑުމަޑުން ޒުބާއާ ދިމާލަށް ސައިމްއަށް ހިނގައިގަނެވުނެވެ. ވެހެމުންދިޔަވާރޭގައި ޒުބާ ތެމެމުން ދިޔައިރު ، ބޭރަށް ނުކުތީމަ ސައިމްވެސް ތެމެމުން ދިޔައެވެ. ފަހަތަށް އެނބުރި ހިނގައިގަތްތަނާ ޒުބާގެ އަތުގައި ސައިމް ހިފައި އޭނާ ހުއްޓުވިއެވެ. އިރުކޮޅަކު ، ޒުބާގެ އަތުގައި ހިފަހައްޓައިގެން ހުރުމަށްފަހު ، ދޫކޮށްލުމުން ، ޒުބާ އެނބުރި ހިނގައިގަތެވެ. ގެޔަށް އާދެވުނުއިރު ޒުބާހުރީ ތެމި ފޯވެފައެވެ.
ޒުބާ ދިއުމުން ، ފެންޑާމަތީ ސައިމް އިށީނދެލައިގެން އިނެވެ. އޭނާއިނީ ޒުބާއަތުން ވެއްޓިފައިއޮތް ކުޑަޔަށް ބަލަހައްޓައިގެންނެވެ. ހާރޫނުއެތަނަށް ނުކުތްއިރު ، އެތާއޮތް ކުޑަ ފެނިފައި އެއީ ޒުބާގެ ކުޑަކަން އެނގުނެވެ. އޭނާއާ ބައްދަލުކޮށްނުލައި ޒުބާއެދިޔައީ ކީއްވެބާވައެވެ. ޒުބާ އެގެޔަށް އަންނަތާ ދޮޅުއަހަރެއްވަރު ވެދާނެ ކަމަށާއި ، އެގެޔަށް ވަދެފައި އޭނާއާ ބައްދަލުނުކޮށް ޒުބާނުދާކަމުގައި ހާރޫނު ބުންޏެވެ. ހާރޫނު އެހެން ބުނުމާއެކީ ، ޒުބާއާބެހޭ އިތުރު މަޢުލޫމާތު ސައިމްއަށް ބޭނުންވިއެވެ.
ޒުބާ އެގެޔަށް އައީ ، ސީމާބާއެކީގައެވެ. އޭރު ޒުބާހުރީ ވަރަށް ބޮޑު މާޔޫސްކަމެއްގެ ތެރޭގައެވެ. ޒުބާ ހަމަޔަކަށް އެޅުވުނީ ވަރަށްބުރަ މަސައްކަތުންނެވެ. އެކަމުގައި ޒުބާއަށް އެހީތެރިވެދިނީ ހާރޫނާއި ސީމާބްގެ މަންމަ ސިތާރާއެވެ. ސިތާރާއަކީ ، ހާރޫނާއެކީ މަސައްކަތްކުރި ކުއްޖެކެވެ. ވަރަށް ގާތް މީހެކެވެ. ސީމާބު ކުޑައިރު އެގެޔަށް ގޮސްގޮސް ސީމާބް އޭނާއަށް ކާފަ ކިޔަން ފެށީއެވެ. ސިތާރާ ދިރިއުޅެނީ އެގެޔާ ވަރަށް ކައިރީގައެވެ. އެވާހަކަ ކުރިން އޭނާގާތު ނުބުނީތީ ކާފަދެކެ ސައިމް ހިތްހަމަ ނުޖެހުނެވެ.
ޒުބާ މަސައްކަތްކުރާ ހަސްފަތާލަށް ސައިމްގޮސް ޒުބާއާ ބައްދަލުކުރަން މަސައްކަތް ކުރިއެވެ. ޑިއުޓީ ނިންމާފައި ގެޔަށްދާން ޒުބާ ނުކުންނަންދެން ، ސައިމް މަޑުކުރިއެވެ. އަދި ޒުބާއާ ބައްދަލުކުރިއެވެ.
އޭނާއާ އަޅައިގަނެގެން ނުއުޅުމަށާއި ، ސައިމްއަށް ކުރިން ފެނުނު ޒުބާ މަރުވެފައިވާކަމުގައި ޒުބާ ބުންޏެވެ. އެހެންނަމަވެސް ، ސައިމް އަދިވެސް މަރުނުވެ ، ދުނިޔޭގައި ހުރިކަމަށް ސައިމް ބުންޏެވެ. ހަމައެއާވިދިގެން ، އެކަމާ އޭނާ ކަހެރުވަކެކޭވެސް ހިތަށް ނާރާކަމަށް ބުނެ ، ޒުބާ ބަލައި އައި ކާރަށް އަރައިގެން ނައްޓައިލިއެވެ. އިތުރަށް އެއްޗެކޭ ބުނަން ނޭނގިފައި ސައިމް ހުއްޓެވެ.
ޒުބާއާ ގާތްވުމަށްޓަކައި ސައިމް އެކިގޮތްގޮތް ހޯދަމުންގޮސް ، އޭންމެ ރަނގަޅުގޮތަކަށް ފެނުނީ ، ސީމާބެވެ. ޒުބާގެ ކޮއްކޮ ސީމާބާ ، އިހުނަށްވުރެ ގުޅުން ރަނގަޅުކޮށް ބަދަހިކުރަމުން ގެންދިޔައެވެ. އެންމެފަހުން ، ސީމާބް މެންގެޔަށްވެސް ދާންފަށައިފިއެވެ. ސީމާބް ބޭރުގައި އުޅެފައި ގެޔަށްދާން ވުމުން ، ގެޔަށް ގެންގޮސްދޭންވެސް ސައިމް ދާންފަށައިފިއެވެ.
ސައިމް ދޫކޮށްލާފައި ދިޔައީ ޒުބާކަން ހަނދާން ކޮށްދޭން ސައިމް މަސައްކަތް ކުރަމުން ގެންދިޔައެވެ. އެހެނަސް ، އެކަމާބެހޭގޮތުން އިތުރަށް ވާހަކަ ދައްކާކަށް ޒުބާ ބޭނުމެއްނޫނެވެ. ޒުބާ ބޭނުންވަނީ ، އޭނާއާ އަޅައިގަނެގެން އުޅުން ދޫކޮށްލައި އޭނާއާ ސައިމް ދުރަށް ދިއުމެވެ. ޒުބާ އޭނާއަށް ބޭވަފާތެރިވި ސަބަބު ބުނެނުދެނިސް ، ޒުބާފަހަތުން ދުވުން ހުއްޓައި ނުލާނެކަން ، ސައިމް ސާފުކޮށް ދިނެވެ. އޭނާ އެއްވެސް މީހަކަށް ބޭވަފާތެރިވެފައި ނުއޮންނާނެކަމަށް ޒުބާ ބުންޏެވެ.
" އަހަރެންނާއެކީ ، ކުރަންފެށި ދަތުރުގައި ދިމާވި ކަންކަމަށް ކެތްތެރިވެ ، އެކުގައި ދާން ބޭނުންނުވިއިރު ، އަހަރެންނާއެކީ އެދަތުރު ފެށީ ކީއްވެގެން ހެއްޔެވެ. " ސައިމް ސުއާލު ކުރިއެވެ.
އެސުއާލަށް ޖަވާބުދޭކަށް ޒުބާ ބޭނުމެއް ނޫނެވެ. އޭނާދާން ތަންދައްކާށޭ ބުނުމުން ، ސައިމް އެއްފަރާތަކަށް ޖެހިލުމުން ޒުބާ އެތަނުން ނުކުމެގެން ދިޔައެވެ. ސައިމް އެގެޔަށް ވަނީ ސީމާބްލައްވާ ކޮފީއެއް ހައްދައިގެން ކޮފީއެއް ބޯލާށެވެ. އެކަމަކު ، ކޮފީ ހަދައިގެން ސީމާބް އައިއިރު ސައިމްވެސް އެގެއިން ނުކުމެގެން ހިނގައްޖެއެވެ.
ގޭތެރޭގައި ހިނގަމުންދާ ކަންކަމާމެދު ، ގޭގައި ގެންގުޅޭ ނޯކަރުގެ ކަންބޮޑުވުން ސިތާރާއާ ޙިއްޞާ ކުރި ދުވަހެކެވެ. ބޮޑެތިވެ ފިރިފުރާވަރަށް އަޅާފައިތިބި ދެ އަންހެންކުދިން އެގޭގައި އެބަ ތިއްބެވެ. އެއްކުއްޖަކަށް މީހަކު ފޮނުވާހާ މާބޮނޑިތައް އަޅަމުން ގެންދަނީ ކުނިވަށްޓަށެވެ. އެއީ ޒުބާއެވެ. ދެންހުރި ކުއްޖާ ރެޔާއި ދުވާލު ވަޤުތު ހޭދަކުރަނީ ސައިމްއާއެކީގައެވެ. އެއީ ސިތާރާއަށް އެހާބޮޑުކަމެއްނޫނެވެ. ގޯހެއް ނުހަދާވަރަށް އެދެކުދިންވެސް އެތިބީ ބޮޑެތި ވެފައެވެ. އެހެންނަމަވެސް ، ސީމާބްގެ ހިތުގައި ސައިމްގެ މައްޗަށް ޚާއްޞަކަމެއް ދެވެން ފަށައިފިއެވެ. އެކަން ޒުބާއަށްވެސް ސީމާބް ސާފުކޮށްދިނެވެ. އެކަން އެނގުމާއެކީ ، ޒުބާގެ ހިތުގައި ޖެހުނެވެ. އެހެނަސް ، އެއީ އޭނާ އެހާ ކަންބޮޑުވާންވީކަމެއް ނޫންކަމުގައި ނިންމިއެވެ. ( ނުނިމޭ )

ވަރަށް ރީތި ޝުކުރަން